ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ސީދާ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް އެމަނިކުފާނު މިއަދު މެންދުރު ކުޅުދުއްފުށްޓަށް ވަޑައިގެންފިއެވެ. މަގުހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީ ރައްޔިތުންނާ މިބައްދަލުކުރައްވަނީ، ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންކަން ނިންމެވުމަށް ބޭނުންފުޅުވާތީއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް، ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އެގޮތުން، ފުރަތަމަ ފެށްޓެވީ ކުޅުދުއްފުށީ އަމީނީ މަގުގައި ގާ އެތުރުމުގެ މަސައްކަތެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި، ރައްޔިތުންނަށް މިކަމުން ވަރަށްބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.