ސަރުކާރުގެ ރަސްމީ ގަޑީގެ ތެރެއިން މެންދުރު ކެއުމަށާއި މެންދުރު ނަމާދު ކުރުމަށް މުވައްޒަފުންނަށް މިހާރު ދެއްވާ 45 މިނިޓްގެ ހުސްވަގުތުކޮޅު، އެއްގަޑިއިރަށް މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި، މިކަން މިގޮތަށް ހަމަޖެއްސެވީ، ސަރުކާރުގެ ރަސްމީގަޑި، 2012 މާޗް 21 ވަނަ ދުވަހު ހަމަޖެއްސެވިއިރު، މުވައްޒަފުން މެންދުރު ކެއުމަށް ދިނުމަށް ހަމަޖެއްސެވި 30 މިނިޓްގެ ހުސްވަގުތުކޮޅަކީ، އެކަމަށް އެކަށީގެންވާ ވަރަށްވުރެ ކުރު ވަގުތުކޮޅެއް ކަމަށް މުވައްޒަފުން ފާހަގަކުރަމުންދާތީ، އެކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މެންދުރު ކެއުމަށާއި މެންދުރު ނަމާދު ކުރުމަށް ދެވޭ ހުސްވަގުތުކޮޅު، އެއް ގަޑިއިރަށް ބަދަލުކުރެއްވުމަށް، އެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާތީ ކަމަށް ވިދާޅުވެފައިވެއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތް މެދުނުކެނޑޭނެގޮތަކަށް، މެންދުރު 12:00 އިން 1:00 އަށް ނުވަތަ 1:00 އިން 2:00 އަށް، މި ހުސްވަގުތުކޮޅު މުވައްޒަފުންނަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުން ސަރުކާރުގެ އޮފީސްތަކަށްވަނީ އަންގަވާފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ސިވިލް ސަރވިސް މުވައްޒަފުންނާ، ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރަސްމީގަޑީގެ ތެރެއިން މުވައްޒަފުންނަށް ދެވޭ ހުސްވަގުތުކޮޅު، އެއްގަޑިއިރަށް ބަދަލުކުރެއްވުމަށް ނިންމެވިކަން ވަނީ އިޢުލާނު ކުރައްވާފައެވެ.