ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގެ ދެކުނު އޭޝިއާ ރީޖަންގެ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ސާމްލީ ޕްލިއަންބަންގްޗަން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރީޖަނަލް ޑިރެކްޓަރ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޑަބްލިޔޫ.އެޗް.އޯ.އަށް ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޑޮކްޓަރ ސާމްލީ ޕްލިއަންބަންގްޗަން ދެއްކެވި ވާހަކަފުޅުގައި، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޞިއްޙީ ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އެ ޖަމްޢިއްޔާއިން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.