ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސިފައިންގެ ކޮމާންޑަރ އިން ޗީފްގެ ފޯސް އެންޑް ފްލީޓް ރިވިއު ކޮށްދެއްވައިފިއެވެ. މިއަދު ފާހަގަކުރަމުންދާ ސިފައިންގެ 121 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަޙައްދުގައި އޮތް ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވަޑައިގަތުމުން، އެމަނިކުފާނުގެ ޝަރަފްގައި ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި 7 ބަޑީގެ ސަލާމެއްވެސް އަރުވައި، ޤައުމީ ސަލާން ކުޅުނެވެ.

މި ރަސްމިއްޔާތުގައި ފުރަތަމަ އޮތީ، ފްލީޓް ރިވިއު ކޮށްދެއްވުމެވެ. ސިފައިންގެ ފްލީޓް ދަތުރުކުރަމުންދިޔައީ، މާލޭގެ އިރު އުތުރުން ދެކުނަށެވެ. ފްލީޓް ރިވިއުގައި 6 އުޅަނދު ހިމެނުނެވެ. ފްލީޓް ރިވިއު ކޮށްދެއްވުމަށްފަހު، ދެން އޮތީ ފޯސް ރިވިއު ކޮށްދެއްވުމެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި، އެމް.އެން.ޑީ.އެފް.ގެ މެރިން ކޯރ ކޯސްޓްގާޑް އަދި ސްޕެޝަލް ފޯސަސްގެ ދައްކާލުންވެސް އޮތެވެ. ޢަސްކަރީ ތަފާތު އުކުޅުތަކާއި ހުނަރުތައް އެކުލެވޭ ޢަސްކަރީ ދައްކާލުމުގެ ޙަރަކާތްތައް ބިނާވެފައިވަނީ، އެއްގަމާއި ކަނޑާއި އަދި ވައިގެ ތަފާތު ޙަރަކާތްތަކުގެ މައްޗަށެވެ.