ރައްޔިތުންނަށް ޚިދްމަތްދޭން ހަދާފައި ހުންނަ ތަންތަނަށް ޙަމަލާ ދިނުމަކީ، ރައްޔިތުންނަށް ދެވޭ ޙަމަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މާލެއަތޮޅު ދެރަށަކަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، ހިންމަފުށްޓަށް ވަޑައިގެން، ހިންމަފުށީ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހިންމަފުށީ ކައުންސިލް އިދާރާ، މިމަހުގެ 10 ވަނަ ދުވަހުގެރޭ އެނދުމާ ގުޅިގެން، އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެއީ ވަރަށް ސީރިއަސް ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މި ހިތާމަވެރި ޙާދިޘާއާ ގުޅިގެން، ރަށުގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވިއެވެ. އަދި މިދަނޑިވަޅަކީ ރައްޔިތުންނަށްވެސް ވަރަށް ހިތާމަވެރި، ވަރަށް ނާޒުކު ދަނޑިވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގެ ކައުންސިލްގެ އިދާރާއާއި، ޞިއްޙީ މަރްކަޒާ އަދި މިނޫންވެސް ސަރުކާރުގެ ޢިމާރާތްތައް އަނދާ ހަލާކުވެގެން ދިޔުމަކީ، އެރަށްރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ނިކަމެތި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއޮފީސް އަލުން ޢިމާރާތް ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ކޮށްދެއްވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ނަރުދަމާގެ މައްސަލަ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް މިހާރު ބޭނުންވެފައިވަނީ، ނަރުދަމާގެ ނިޒާމު ކަމުގައި ވިދާޅުވިއެވެ. ގިނަ ޢަދަދެއްގެ ރަށްރަށުގައި ނަރުދަމާ ނެތްކަމާއި، ނަރުދަމާ ޤާއިމް ކުރެވިފައިވަނީ، ވަރަށްމަދު ރަށެއްގައިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވީހާވެސް ގިނަ ރަށްރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހިންމަފުށީގައި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު ފެށޭނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.