ޖަރުމަނުވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަރގަން މޯހަރޑް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަޙާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގެ ސަފީރަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތައް ކަމަށް ވިދާޅުވެ، ޢިޢާދަ ކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެއިތުރުން، ޖަރުމަނުވިލާތުގެ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ކުރިއަށް އޮތް ތާނގައިވެސް ދެއްވަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.