އެމެރިކާގެ ބޮސްޓަންގައި ދިން ނުރައްކާތެރި ބޮމުގެ ޙަމަލާއެއްގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމެރިކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ގިނަ ޢަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، މި ފިނޑި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ. އަދި ޞުލްޙަމަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނޭ ކަމުގައި ރައީސުލްޖުމްހޫިރއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޓެރަރިޒަމްގެ ޢަމަލާ ދެކޮޅަށް ދުނިޔެކުރާ ހަނގުރާމައިގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން އެމެރިކާގެ ރައީސަށް ދެއްވާފައިވެއެވެ. އަދި ޓެރަރިޒަމްގެ ސަބަބުން ލިބެމުންދާ ހިތާމައާއި ހިތްދަތިކަން މުޅި ދުނިޔެއަށް މިދަނީ ފެންނަމުން ކަމުގައި ވިދާޅުވެ، ޓެރަރިޒަމަކީ ދުނިޔޭގެ ހަމަޖެހުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ފަހަތަށް ޖައްސާލާ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޓެރަރިޒަމް ނައްތާލުމަށްޓަކައި، މުޅި ދުނިޔެ އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޓެރަރިޒަމްގެ ސަބަބުން، އަޅުގަނޑުމެންގެ ކުށެއް ނެތް ރައްޔިތުންނަށް ލިބެމުންދާ ހިތާމަތަކަށް އަޅާނުލާ ތިބެވޭކަށް ނެތްކަމާއި، މިވަގުތަކީ މިކަމާ ދެކޮޅަށް ތެދުވެ ފިޔަވަޅު އަޅަންވީ ވަގުތުކަން، އެމެރިކާއަށް މި ދިން ނުރައްކާތެރި ޙަމަލާއިން އެނގޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހިން ތިބީ އެމެރިކާގެ ރައްޔިތުންނާއެކުގައިކަން ފާހަގަކުރައްވަމުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް އޮބާމާއަށާއި، އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.