2013 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރެއްވި "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ހިންގާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު އެކަށައަޅައި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މިޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާޙައުލެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެވިޔަފާރިތަކަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ލިބިފައިވާ ވިޔަފާރިތަކަކަށް ހެދުމަށް މަގުފަހިކުރުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގުމުއްދަތުގެ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަގުފަހިކުރުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތައް އިތުރުކުރުން ހިމެނެއެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސަރުކާރުގެ ސިޔާސަތުތަކާއި އެވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ހިނގާ ނުހިނގާގޮތް ބަލައި، ވަޒަން ކުރެވޭނެ ގޮތްތައް ޤާއިމު ކުރުމާއި، ވިޔަފާރި ހިންގުމާއި، މާލީ ޤާބިލުކަމާއި، ހުނަރާއި ތަޖުރިބާއާއި އެފަދަ އެހެން ކަންކަމުގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަޤު ކުޑަކުރުންވެސް ހިމެނެއެވެ. ހަމައެއާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާނެ މަޢްލޫމާތު އެއްކޮށް ބެލެހެއްޓުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމުކުރުންވެސް މިޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.