ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ ބާރަވަނަ ސެޝަން ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި، ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021 – 2023" ގެ ބާރަވަނަ ސެޝަން ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި، ބޭއްވި މި ސެޝަންގެ މައުޟޫއަކީ "ގެޓް ޓު ދަ ނެކްސްޓް ލެވަލް"އެވެ. މި ސެޝަން ނަންގަވައިދެއްވީ ތަފާތު ދާއިރާތަކުން މީހުން ތަމްރީނު ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އަލްފާޟިލް މަސްޢޫދު ޢަލީއެވެ.
އަމިއްލަ ދިރިއުޅުމުގަޔާއި، ވަޒީފާގެ މާހައުލުގައި ކާމިޔާބު މީހަކަށްވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި، ތިމާ ހާސިލުކުރަން ބޭނުންވާ ނަތީޖާއެއް ހާސިލުކުރުމަށްޓަކައި ވިސްނުން ބައްޓަންކުރަންވީ ގޮތާއި، ދިރިއުޅުމުގައި ތިމާ ކަނޑައަޅާ ލަނޑުދަނޑިއެއް ހާސިލުކުރުމަށް މަސައްކަތްކުރުމުގައި ފަހި ވިސްނުމެއް ގެންގުޅުމުގެ މުޙިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި މި ސެޝަންގައި މަޢްލޫމާތު ދެއްވައިފައިވެއެވެ.
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާހު ކުރައްވައިފައިވާ ޕުރޮގުރާމެކެވެ. މިއީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.
- ލެކްޗަރ 9 – "ގެޓް ޓު ދަ ނެކްސްޓް ލެވަލް" - ފޮޓޯ އަލްބަމް
- ލެކްޗަރ 9 – "ގެޓް ޓު ދަ ނެކްސްޓް ލެވަލް" - ވީޑިއޯ