"އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމުގެ 2021–2023" ގެ ސިލްސިލާ ވެބިނަރ ޕްރޮގްރާމުގެ ތިންވަނަ ސެޝަން ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންޓިޓިއުޓްއާ ގުޅިގެން ހިންގާ "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގުރާމު 2021–2023" ގެ ދަށުން ކުރިއަށްގެންދާ ސިލްސިލާ ލެކްޗަރތަކާއި، ތަމްރީނު ޕުރޮގުރާމުތަކުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެހީތެރިކަމާ އެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕުރޮގުރާމު (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން "ވިޝަނިންގ ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސް،" މި ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ވެބިނަރ ޕްރޮގުރާމުގެ ތިންވަނަ ސެޝަން 2022 ސެޕްޓެންބަރު 28 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ޒޫމް މެދުވެރިކޮށް ބޭއްވި މި ސެޝަންގެ މައުޟޫޢަކީ "ފޯސްޓަރިންގ އިނޮވޭޝަން އިން ޕަބްލިކް ސަރވިސް ޑެލިވަރީ" އެވެ.
ސަރުކާރުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކާއި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރީޖަނަލް ހޮސްޕިޓަލުތައް ހިމެނޭގޮތަށް 250 އަށްވުރެ ގިނަ ބައިވެރިންނާ އެކު ކުރިއަށް ގެންދެވި ވެބިނަރ ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމެވެ. ރާއްޖޭގައި ހުންނަވާ ޔޫ.އެން.ޑީ.ޕީ.ގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ މޮޑަރޭޓްކުރެއްވި މި ވެބިނަރ ފެސިލިޓޭޓް ކޮށްދެއްވީ ޔޫ.އެން.ޑީ.ޕީ ގެ ސްޓްރެޓީޖިކް އިނޮވޭޝަން ޔުނިޓުގެ ގްލޯބަލް އެޑްވައިޒަރ މިލިކާ ބެގޮވިޗް އާއި ޗެތަމް ހައުސް ގެ ވިޒިޓިންގ ފެލޯ އަދި "ދަ ކޯހޯޓް 2040 ގެ ޕްރޮޖެކްޓް ލީޑް ކުރައްވާ ލައުރީ ލޭބޯން ލެންގްޓަން އަދި ޔޫ.އެން.ޑީ.ޕީ ފިލިޕީންސް އެކްސަލަރޭޓަރ ލެބް ގެ ސޮލިއުޝަން މެޕިންގ ހެޑް ރެކްސް އާރު. ލޯރ އެވެ.
އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމުގެ ދަށުން ޔޫ.އެން.ޑީ.ޕީ.އާ ގުޅިގެން ކަމާބެހޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކު ހިންގުމުގެ ދާއިރާގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން މި ފަދަ އިތުރު ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ރޭވިފައެވެ. އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާޚުކޮށްދެއްވާފައިވާ ޕްރޮގްރާމެކެވެ.
- ސެޝަން 3: ފޯސްޓަރިންގ އިނޮވޭޝަން އިން ޕަބްލިކް ސަރވިސް ޑެލިވަރީ ވެބިނަރ - ވީޑިއޯ