ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ އަށްވަނަ ސެޝަން ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ އަށްވަނަ ސެޝަން ބާއްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި، ބޭއްވި މިސެޝަންގެ މައުޟޫޢަކީ "އެމްޕްލޯއީ އެންގޭޖްމަންޓް އެންޑް އެންޕަވަރމަންޓް – ކީސް ޓު ކުރިއޭޓިންގ ސައިނަރޖީ"އެވެ. މި ސެޝަން ނަންގަވައިދެއްވީ އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އާދަމް ނަސީރެވެ.
މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންގެ ބާރުވެރިކުރެވިދާނެ ގޮތްތަކާއި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، މި ފަދަ ސަގާފަތެއް އަށަގެންނެވުމަށް އިދާރާތަކުގެ އިސްވެރިން މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް މި ސެޝަންގައި އަލިއަޅުވައިލައްވައި މަޢްލޫމާތު ދެއްވައިފައިވެއެވެ.
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާހު ކުރައްވައިފައިވާ ޕުރޮގުރާމެކެވެ. މިއީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.
- ލެކްޗަރ 6 – "އެމްޕްލޯއީ އެންގޭޖްމަންޓް އެންޑް އެންޕަވަރމަންޓް – ކީސް ޓު ކުރިއޭޓިންގ ސައިނަރޖީ" – ފޮޓޯ އަލްބަމް
- ލެކްޗަރ 6 – "އެމްޕްލޯއީ އެންގޭޖްމަންޓް އެންޑް އެންޕަވަރމަންޓް – ކީސް ޓު ކުރިއޭޓިންގ ސައިނަރޖީ" – ވީޑިއޯ