"ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ ހަވަނަ ސެޝަން ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ ހަވަނަ ސެޝަން ބާއްވައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި، ބޭއްވި މިސެޝަންގެ މައުޟޫޢަކީ "ކްރިއޭޓިންގ އެންޑް ލީޑިންގ އަ ގްރޯތް މައިންޑްސެޓް – ސީކްރެޓްސް ޓު އެކްސަލެންސް"އެވެ.
މި ސެޝަން ނަންގަވައިދެއްވީ އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް ގެ ރައީސް ޙުސައިން އަފީފެވެ.
ތަރައްޤީއާއި ކުރިއެރުމުގެ ފަހި ވިސްނުން އޮތް މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކުރެވިދާނެ ކަންކަމާއި، ޒިންމާދާރު ކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގެ ސަގާފަތެއް ބިނާކުރާނެ ގޮތާއި، އެ ފަދަ ސަގާފަތެއް އަށަގެންނެވުމަށް އިދާރާތަކުގެ އިސްވެރިން މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް މި ސެޝަންގައި އަލިއަޅުވައިލައްވައި މަޢުލޫމާތު ދެއްވައިފައިވެއެވެ.
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާހު ކުރައްވައިފައިވާ ޕުރޮގުރާމެކެވެ. މިއީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.
- ލެކްޗަރ 4 – "ކްރިއޭޓިންގ އެންޑް ލީޑިންގ އަ ގްރޯތު އެންވަޔަރަންމަންޓް - ސީކްރެޓްސް ޓު އެކްސަލެންސް" - ފޮޓޯ އަލްބަމް
- ލެކްޗަރ 4 – "ކްރިއޭޓިންގ އެންޑް ލީޑިންގ އަ ގްރޯތު އެންވަޔަރަންމަންޓް - ސީކްރެޓްސް ޓު އެކްސަލެންސް" - ވީޑިއޯ