1.           އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މިފަދަ ޚިދުމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.

2.           ރާއްޖޭގައި އިޖުތިމާޢީ ޚިދުމަތްދޭ މީހުން ރަޖިސްޓަރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުމާއި، މަސައްކަތުގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މިކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

3.           ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތުތައް  ތަންފީޒުކުރުމާއި، ވަސީލަތްތައް ހޯދައި، އެކަމާބެހޭ ކަންތައްތައް ރާވައި ހިންގުން.

4.           ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހައި ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައަޅާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މަޝްރޫޢުތަކުގައި ޖެންޑަރގެ ނަޒަރަކުން ބެލިފައިވާ މިންވަރު މޮނިޓަރކޮށް، ހުރިހައި ދާއިރާތަކަކުން މި ސިޔާސަތު ދެމެހެއްޓުމަށް ބާރުއެޅުން.

5.           ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި އާއިލާތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ ނިޒާމްގެ ތެރޭގައި (ކަމާބެހޭ އެހެން ވުޒާރާތަކާއެކު) މަސައްކަތްތައް ވިލަރެސްކޮށް އެ މަސައްކަތްތައް ތަންފީޒުކުރުން.

6.           ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ގޮތުން އަންހެނުން  ކުރިއެރުވުމަށްޓަކައި އެމީހުންނަށް ހުރިހާ ރޮނގަކުން ފިރިހެނުންނާއި އެއްހަމައެއްގައި  ބައިވެރިވެ، ނަތީޖާ ހާސިލު ކުރެވޭނެ ގޮތަކަށް ދައުލަތުގެ ނިޒާމު ބައްޓަންކުރުން.

7.           އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަންހެނުންގެ  ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށާއި، ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމު ހަރުދަނާކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ވިލަރެސްކުރުން.

8.           ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީމީހުންނަށާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށާއި އާއިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން.

9.           އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ވިލަރެސްކުރުމާއި، އަތޮޅާއި ރަށު ފެންވަރުގައި އުފައްދާފައިވާ ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.

10.      އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެޙައްޤުތަކަށް ހުރަސްއެޅޭ އާ މައްސަލަތައް (އިމަރޖިން އިޝޫތައް) ދެނެގަނެ އަދި އެފަދަ މައްސަލަތަކާ ގުޅޭގޮތުން ދިރާސާކޮށް، އެ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.

11.      ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި އާއިލާތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެޙައްޤުތަކަށް ހުރަސްއެޅޭ އާ މައްސަލަތައް (އިމަރޖިން އިޝޫތައް) ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.

12.      އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ  ހައްޤުތައް ރައްކާތެރިކުރުމަށާއި، ދެޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އުފައްދައި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުން.

13.      ވަކި ޖިންސެއްގެ މީހަކަށްވީތީ އެމީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވަތަ އަނިޔާއެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި، އެ ހައްޤަކަށް އުނިކަން ލިބުނު ފަރާތަކަށް އިޖްތިމާޢީ އަދި ޤާނޫނީ ޚިދުމަތް އަދި ޙިމާޔަތް ލިބޭނެމަގު ފަހިކޮށްދިނުން.

14.      އެކިބާވަތުގެ ހާނިއްކަ (އެބިއުސް) ލިބިފައިވާ އަންހެނުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސް ކުރުން.

15.      ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ، ބަލަހައްޓަންޖެހޭ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާނެ މަރުކަޒުތައް ޤާއިމްކޮށް، އެ މަރުކަޒުތަކުގައި ބައިތިއްބައިގެން ނުވަތަ އަމިއްލަ ޖަމާޢަތްތައް މެދުވެރިކޮށް އެމީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައި ރައްކާތެރިކަން ކަށަވަރު ކުރުން.

16.      ކުޑަކުދިންނާއި ޢާއިލާގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.

17.      އެކިއެކި ގޮތްގޮތުން އަނިޔާލިބޭ ކުދިންގެ މައްސަލަތައް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، ތަފާތު ކުރުމެއްނެތި ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުން.

18.      ދައުލަތުގެ ބެލެނިވެރިކަމުގެ ދަށަށް ގެނެވޭ ކުޑަކުދިން "ފޮސްޓަރިންގ މެކޭނިޒަމް" އެއްގެ ދަށުން ޢާއިލާތަކާއި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެގޮތުން ހަވާލުކުރެވޭ ކުދިންގެ ޙާލަތު މޮނިޓަރކޮށް ބެލެހެއްޓުން.

19.      މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން އަޚްލާޤީ މައްސަލަތައް ހުންނަ ކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަނާއި، ތަޢުލީމާއި، ތަމްރީނާއި ތަރުބިއްޔަތު ދިނުމާއި، އެކުދިންގެ ޙާލަތު ބެލުމާއި، އަޚުލާޤަށް އަންނަ ބަދަލު މޮނިޓަރ ކުރުން.

20.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮނުވާ އުމުރުން ދުވަސްވީ މީހުންނާއި، އަޅާލާނެ ފަރާތެއް ނެތް މީހުންގެ އެސެސްމަންޓް ހެދުމާއި، އެފަރާތްތައް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮނުވުމާއި، އެ މަރުކަޒުގައި ތިބޭ މީހުންގެ ޙާލަތު ބެލުމާއި މޮނިޓަރކުރުން.

21.      ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި އިޖުތިމާއީ ޚިދުމަތްތަކާއި ރައްކާތެރިކަން ކަށަވަރު ކުރުން.

22.      ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން. މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކުޑަކުދިންނަށާއި ޚާއްޞައެހީތެރިކަމަށް ބޭނުންވާ މީހުންނަށް އިސްކަންދެވޭނެ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުން.

23.      އަނިޔާގެ ޝިކާރައަކަށްވެގެން ދައުލަތުގެ އެހީތެރިކަމަށް ބޭނުންވާ އަންހެނުންނާއި އަންހެންކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންތައްތައް ފޯރުކޮށްދިނުން.

24.      މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.

25.      މިނިސްޓްރީގެ މަސައްކަތާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. މިފަދަ ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، މިރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން.

26.      މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.

27.      މިނިސްޓްރީގެ މަޤްޞަދުތައް ހާސިލުކުރުމަށް ބޭނުންވާ ޕްލޭންތައް އެކަށައެޅުމުގައި ޖެންޑަރ ރެސްޕޮންސިވް ޕްލޭނިންގ އާއި ބަޖެޓް ތައްޔާރުކޮށް، އެ ޕްލޭންތައް ތަންފީޒުވަމުންދާ މިންވަރުބަލައި، ނަތީޖާ ހާސިލުވާ މިންވަރު ދެނެގަތުން.

28.      މިނިސްޓްރީގެ މަސައްކަތު ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަސީލަތްތައް ތަރައްޤީކޮށް، ޑޭޓާބޭސްތައް ޤާއިމުކޮށް، އެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކޮށް މަޢުލޫމާތު ހާމަކުރުން.

29.      ހުރިހާ ދާއިރާއަކުން ތަފާސް ހިސާބު އެއްކުރުމުގައި އުމުރާއި، ޖެންޑަރ ޑިސްއެގްރިގޭޓަޑް އަދި އެނޫންވެސް އެހެނިހެން ޑިސްއެގްރިގޭޓަޑް ޑޭޓާ ނެގުމަށް ބާރުއެޅުން.

30.      ސަރުކާރު ހިންގުމުގެ އެންމެހައި ޕްލޭންތައް ވިލަރެސްކުރުމުގައި ޖެންޑަރ މެއިންސްޓްރީމްކޮށް އަންހެނުންނާއި ފިރިހެނުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުން.

31.      އިޖުތިމާޢީ މަސައްކަތް ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުމަށްޓަކައި ވަކާލާތުކޮށް ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކާއެކު މަސައްކަތް ކުރުން.

32.      މިނިސްޓްރީގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ މިންގަނޑުތައް ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އިދާރީގޮތުންނާއި ފަންނީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.

33.      މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުންނެވެ.

 

1.      ފިޔަވަތި

2.      ކުޑަކުދިންގެ ހިޔާ

3.      އަމާން ހިޔާ

4.      ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް

5.      ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ

6.      ނޭޝަނަލް ޑްރަގް އެޖެންސީ

7.      ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު

8.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

"ފިޔަވަތި" ގެ މަސައްކަތްތައް

1.      އުމުރުން 13 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ތިރީގައި މިވާ ޙާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.

(ހ)  މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.

(ށ)  މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެމީހުންނާ އެކުދިން ހަވާލުކުރެވެންދެން).

(ނ)  މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިސްލާހުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.

(ރ)  މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ލިބެމުންނުދާ ކުދިންނާއި، އެކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޤަބޫލުކުރެވޭ ކުދިން.

(ބ)  ކުދިންނަށް އަނިޔާކޮށްގެން ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކުނެތް ކުދިން.

(ޅ)  މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.

(ކ)  ބެލެނިވެރިޔާ ބުއްދި ގޯސްވެގެން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.

2.      މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.

3.      މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.

"ކުޑަކުދިންގެ ހިޔާ" ގެ މަސައްކަތްތައް

1.      އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދު ކުދިންގެ ތެރެއިން ތިރީގައިމިވާ ޙާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.

(ހ)  މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.

(ށ)  މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެމީހުންނާ އެކުދިން ހަވާލުކުރެވެންދެން).

(ނ)  މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިސްލާހުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.

(ރ)  މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ލިބެމުންނުދާ ކުދިންނާއި، އެކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޤަބޫލުކުރެވޭ ކުދިން.

(ބ)  ކުދިންނަށް އަނިޔާކޮށްގެން ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކު ނެތް ކުދިން.

(ޅ)  މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.

(ކ)  ބެލެނިވެރިޔާ ބުއްދި ގޯސްވެގެން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.

2.      މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާ ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.

3.      މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.

4.      18 އަހަރު ފުރިގެން ކުޑަކުދިންގެ ހިޔާއިން މުޖުތަމަޢަށް ނުކުންނަ ކުދިން މުޖުތަމަޢު ޤަބޫލުކުރާ ބަޔަކަށްހަދައި، އެކުދިންނަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވުން ފަދަ ދިރިއުޅުމަށް މަގު ފަހިވާ ކަންކަން ކުރުން.

"އަމާން ހިޔާ" ގެ މަސައްކަތްތައް

1.     އަނިޔާ ލިބިގެން ގެނެވޭ އަންހެނުންނާއި ކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން.

2.     އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުދިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ، އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނޭ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ ޢާންމު ޙާލަތައް ރުޖޫޢަވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުފަހި ކޮށްދިނުން.

3.     އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން.

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މަސައްކަތްތައް

1.        އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުގައި ޤާއިމުކުރާ ނިޒާމުގެދަށުން ރަށުފެންވަރުގައި ދެވޭ ޚިދުމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.

2.        ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސް ހިސާބުތަކުގެ ޑޭޓާބޭސްއެއް އަތޮޅު ފެންވަރުގައި ޤާއިމުކޮށް ބަލަހައްޓައި، އެކަން ހިނގާ ނުހިނގާގޮތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ގަވާއިދުން ރިޕޯޓްކުރުން.

3.        އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް އުނިކަން ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާޢީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.

4.        އެކިބާވަތުގެ ހާނިއްކަ ލިބިފައިވާ  އަންހެނުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާފައިވާ   މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެމަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.

5.        އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ އަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.

6.        ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެފަދަ ކަންކަން ނައްތާލުމަށް ހެދިފައިވާ އުސޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް މަސައްކަތްކުރުން.

7.        މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ލާމަރުކަޒީ ޢުސޫލުން ދޭން ކަނޑައަޅާ ޚިދްމަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1.           އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމް ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އެ ސްކީމްގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ޔަޤީންކުރުން.

2.           އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާ ގުޅޭގޮތުން، މިނިސްޓަރުގެ ޒިންމާތައްކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.

3.           އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން.

4.           މިނޫންވެސް، އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން އެޖެންސީގެ ޒިންމާތައް ކަމަށް ކަނޑައެޅިފައިވާ ކަންކަން ކުރުން.

5.           މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުންވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންކަން ކުރުން.

ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ބ)ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

6.           ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު (ސޯޝަލް ސެކިއުރިޓީ ސިސްޓަމް) ރާވައި ހިންގުން.

7.           ޞިއްޙީ ޚިދުމަތުގެ ޚަރަދު ހަމަޖައްސައިދޭ ޤައުމީ ނިޒާމެއް (ހެލްތްކެއަރ ފައިނޭންސިންގ ސްކީމް) ޤާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.

8.           ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަންނެތް، އަޅާލާނެ މީހަކުނެތް މީހުންނާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީލިބިދޭނެ ނިޒާމުތައް ރާވައި ހިންގުން.

9.           ޤާނޫނު ނަންބަރު 2014/02 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ދޭންޖެހޭ އެހީތައް އެ އެހީތައް ޙައްޤުވާ ފަރާތްތަކަށް ފޯރުކޮށްދެވޭކަން ކަށަވަރު ކުރުން.

10.      އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ 14ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

ނޭޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތިރީގައި އެވަނީއެވެ. 

1.           މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.           މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ  ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޒުކުރުން.

3.           މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން.

4.           މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

5.           މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުން.

6.           މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

7.           މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.

8.           މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.

ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ މަސައްކަތްތައް

1.      މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ ކުދިންނަށް ބޭނުންވާ ތަޢުލީމާއި، ކުޅިވަރުގެ ޙަރަކާތްތަކާއި، ސައިކޯސޯޝަލް ސަޕޯޓާއި، ދިރިއުޅުމުގެ ހުނަރުތަކާއި، މަރުކަޒުގައި ތިބޭ ކުދިންގެ ހާލަތައް ބަލައި ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާވައި ހިންގުން.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތްތައް

1.      ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި، އުމުރުން ދުވަސްވެގެން ނުވަތަ ބައްޔެއްގެ ސަބަބުން އަމިއްލައަށް ނޫޅެވޭވަރުގެ މީހުންގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތައް މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.

2.      މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ބޭނުންވާ ފަރުވާދިނުމާއި، އެ މީހުން ރިހެބިލިޓޭޓްކުރުން.

3. މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާ މީހުންނަށް ތަމްރީނުދީގެންނާއި، މަސައްކަތްކުރެވޭނެ ގޮތް ރާވައި ތަނަވަސްކޮށްދީގެން، މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.