1.        ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތުތައް ތަންފީޒުކުރުން.

2.        ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު) ތަންފީޒުކުރުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

3.        ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ހޯދައި، އިންވެސްޓްކުރާ ފަރާތްތަކުން ޝައުގުވެރިވާ ގޮތެއްގެ މަތިން ފަތުރުވެރިކަމުގެ ދާއިރާ ބައްޓަންކުރުން.

4.        ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި "ޕޮޒިޝަން"ކުރުމާއި "ބްރޭންޑް"ކުރުމަށް ކުރަންޖެހޭ ކަންކަމުގެ އުސޫލުތައް ކަނޑައެޅުން.

5.        ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

6.        ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި، މިންގަނޑުތައް ކަނޑައެޅުން.

7.        ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހުއްދަ ދޫކުރަންޖެހޭ ތަންތަން ރަޖިސްޓަރީކޮށް، ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.

8.        ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކުރާ ތަންތަން ހިންގަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއި، އެ ތަންތަނުގެ ދަފުތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފުތަރު ބަލަހައްޓަމުން ގެންދިޔުން.

9.        ފަތުރުވެރިކަން ތަރައްޤީކުރުމަށް ބިންބިމާއި، ރަށްރަށާއި، ތަންތަން ކުއްޔަށް ދޫކުރާނޭ އުސޫލުތައް ކަނޑައަޅައި، އެ ތަންތަނުގެ ދަފުތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފުތަރު ބަލަހައްޓަމުން ގެންދިޔުން.

10.   ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފުތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފުތަރު ބަލަހައްޓަމުން ގެންދިޔުން.

11.   ފަތުރުވެރިކަމުގެ ސިނާއަތަށް މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމާއި، އެ ފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހިނދެއްގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމާއި، އެ ފަދަ ހާދިސާއަކުން ލިބިދާނެ މާއްދީ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، ގައިޑްލައިންތައް ހަދައި ހިންގުން.

12.   ރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް ތަރައްޤީކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ޕްލޭންތައް ތަންފީޒުކުރުން.

13.   މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ.) އަދި މޯލްޑިވްސް އިންޓިގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ.)ގެ މަސައްކަތްތައް ކުރެވެމުންދަނީ، ޓޫރިޒަމްގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި މޮނިޓަރކުރަމުން ގެންދިޔުން.

14.   ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނެވިގޮތަށް ތަރައްޤީކޮށް ފުޅާކުރުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް ރިޕޯޓުތައް އެކުލަވައިލައި، އެ ދިރާސާތަކުގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

15.   ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަސައްވުރު އެކުލަވައިލައި، އެ ކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުން. 

16.   ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ ސިޔާސަތު ކަނޑައެޅުން. 

17.   ރާއްޖޭގެ ސަރަހައްދީ ވައިގެބަނދަރުތައް ތަރައްޤީކުރުމާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމާއި، ސަރަހައްދީ ވައިގެބަނދަރުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމުގެ ސިޔާސަތުތައް ކަނޑައެޅުން. 

18.   ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މޮނިޓަރކުރުން. 

19.   ރާއްޖޭގައި އެއަރޕޯޓްތައް ހިންގުމުގެ މިންގަނޑުތައް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކަނޑައަޅައި، އެއަރޕޯޓްތައް ހިންގަމުންގެންދަނީ އެ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން. 

20.   ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތައް އެއްބަސްވުމާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުން. 

21.   ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން. 

22.   ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދިވެހީންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން. 

23.   ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން. 

24.   ރާއްޖޭގެ ސަރަހައްދުގައި ވައިގެމަގުން ހިންގާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިވުމާއި، އެ ކަންކަން ވިލަރެސްކުރުން. 

25.   އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.)ގެ މަސައްކަތްތައް ކުރެވެމުންދަނީ، ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި މޮނިޓަރކުރަމުން ގެންދިޔުން.

26.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭނުންވާ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، އާންމުކުރުން. 

27.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެ ފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެ ފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން. 

28.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެ ފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން. 

29.   މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތް ބައިވެރިކުރުވުމާއި، އެ ފަރާތްތަކުގެ ދައުރު ފުޅާކުރުން. 

30.   މިނިސްޓްރީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

31.   މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން. 

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ހިނގަމުންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުންނެވެ.

(ހ) މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ މަސައްކަތްތައް

1.        ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމާއި، އެ ފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުން.

2.        ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

3.        ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

4.        ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތަކާއި ޓްރެންޑްތައް ދެނެގަތުމަށް ދިރާސާތަކާއި ތަޙުލީލުތައްކުރުން.

5.        ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ގުޅިގެން ބާއްވަންޖެހޭ އާންމު އަޑުއެހުންތައް އިންތިޒާމުކުރުން.

6.        ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުމާއި، ރިޕޯޓުތައް ޝާއިއުކުރުން.