1.        މަސްވެރިކަމާއި، މެރިކަލްޗަރއާއި، ފަރާއި، ފަރުގެ ދިރުންތަކާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި، މި ދާއިރާތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން.

2.        ދިވެހީން އާންމުގޮތެއްގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ، ރައްޔިތުންނަށް ލިބިދިނުމުގެ ސިޔާސަތުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، އެ ސިޔާސަތުތައް ތަންފީޒުކުރުން.

3.        ދިވެހީން ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ސަބްސިޑީގެ ސިޔާސަތުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، އެ ސިޔާސަތުތައް ތަންފީޒުކުރުން.

4.        މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތައް ތަރައްޤީކުރުމުގައި، ޤައުމީ ފެންވަރުގައި ހާސިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް، ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5.        މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި،  ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތައް ތަރައްޤީކުރުމަށް، ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެމަތިން، މާސްޓަރ ޕްލޭންތަކާއި، ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން.

6.        މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތައް ތަރައްޤީކުރުމަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި، ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

7.        ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުވުން.

8.        މަސްވެރިކަމާއި މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން މޮނިޓަރކުރާނެ ނިޒާމެއް ގާއިމުކޮށް، އެ ކަންކަން މޮނިޓަރކުރުން.

9.        ޤާނޫނު ނަންބަރު 2019/21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން ހިމެނޭ ގޮތުން، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން.

10.   ދަނޑުވެރިކަމުގައި ޕެސްޓިސައިޑް ބޭނުންކުރަމުންދާ ގޮތް މޮނިޓަރކުރާނެ ނިޒާމެއް ޤާއިމުކޮށް، އެ ކަންކަން މޮނިޓަރކުރުން.

11.   ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން.

12.   ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ ދަށުން، ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން.

13.   ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑްރީގެ މިންގަނޑުތަކާއި، އުސޫލުތައް ކަނޑައަޅައި، އެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމާއި، ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑަރީގެ މަސައްކަތްތަކަށް ހުއްދަދިނުން.

14.   ދަނޑުހެއްދުމުގެ މަސައްކަތަށް ފަސްގަނޑާއި، ފެނުގެ ބޭނުންކުރާނެ ގޮތުގެ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން.

15.   ރާއްޖޭގެ މަސްވެރިކަމާއި، މެރިކަލްޗަރއާއި، ދަނޑުވެރިކަމުގެ ދާއިރާތައް ތަރައްޤީކުރުމަށް، އެ ދާއިރާތަކުގައި ހުރި ފުރުޞަތުތަކަށް، ރާއްޖެއާއި ރާއްޖެއިން ބޭރުން އިންވެސްޓްމަންޓް ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.

16.   މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ދާއިރާތަކުން އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް މަޝްރޫޢުތައް ރާވައި ހިންގުން.

17.   ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި، މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަން ތަޢާރުފުކޮށް،
އެ ކަންކަމުގެ ފައިދާ، މަސްވެރިންނަށް ލިބޭނެ މަގުފަހިކޮށްދިނުން.

18.   މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތައް ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

19.   މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތަކަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެ ސިނާއަތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެ ސިނާއަތްތަކުން ލިބޭ އިގުތިސާދީ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

20.   މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށް ޓަކައި،
އެ ދާއިރާތަކާގުޅޭ ދިރާސާތަކާއި ތަޙުލީލުތައްކޮށް، އެ ކަންކަމުން ހޯދޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

21.   މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ، މާލީ އެހީއާއި ފަންނީ އެހީއާއި އެހެނިހެން ވަސީލަތްތަކާއި ޚިދުމަތްތައް، ފަސޭހަކަމާއެކު ލިބޭނެ މަގުތަނަވަސްކޮށްދިނުން.

22.   މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތައްކުރުން. އަދި، އެ ސިނާއަތްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އެ ދާއިރާތަކުން އުފައްދާ ބާވަތްތައް އިތުރުކުރުމާއި، އުފައްދާ ތަކެތި ރަނގަޅު ފެންވަރެއްގައި އުފެއްދުމަށް ބޭނުންވާ ދިރާސާތައްކޮށް، އެ ކަންކަން ރާއްޖެއަށް ތަޢާރުފުކުރުން.

23.   ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑްރީއާއި، ފޮރެސްޓްރީގެ ސިނާއަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތަކަށް ހިތްވަރުދިނުމާއި، އެ ފަދަ ދިރާސާތަކަށް ހުއްދަދިނުމުގެ އުސޫލުތައް ކަނޑައަޅައި، އެ ކަން ތަންފީޒުކުރުން.

24.   މަސްވެރިކަމާއި މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ އުފެއްދުންތަކަށް، ރާއްޖެއާއި ބޭރުގެ ޤައުމުތަކުން، މާކެޓް ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރުން.

25.   މަސްވެރިކަމާއި މެރިކަލްޗަރއާއި، ކަނޑުން އިގުތިސާދީ ނަފާ ހޯދުމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ތަރައްޤީކުރުމުގެ ބޭނުމަށް، ރާއްޖޭގެ ކަނޑާއި ކަނޑު އަޑީގެ ބިންގަނޑާއި، ބިމުގެ އަޑީގެ ތަޙުލީލުތައްކޮށް ދިރާސާކުރުމަށް، ހުއްދަ ދެވޭނެ އުސޫލުތަކާއި ގަވާއިދުތައް އެކުލަވައިލައި، އެ ގަވާއިދުތައް ހިންގުން.

26.   ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ތަންތަނާ ދިރޭ ތަކެތި ފިޔަވައި، ރާއްޖޭގެ ކަނޑުގެ މާޙައުލުގައި ހިމެނޭ ދިރޭ ތަކެތީގެ ތަޙުލީލުތަކާއި ދިރާސާތައްކުރުމަށް ހުއްދަދިނުމުގެ އުސޫލުތަކާއި ގަވާއިދުތައް ހަދައި، އެ ފަދަ ތަޙުލީލުތަކާއި ދިރާސާތައްކުރުމުގެ ހުއްދަ ދިނުން.

27.   ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ފަޅުރަށްރަށާއި، ފަރު، ފަޅު، ހާ، ތިލަ އަދި ގިރި ފަދަ ތަންތަނުގެ ތެރެއިން، މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ފައިދާ ލިބޭ މަސައްކަތްތަކަށް ކުއްޔަށްދޫކުރުމަށް ކަނޑައެޅޭ ތަންތަން ކުއްޔަށްދޫކުރުމާއި، އެ ފަދައިން ކުއްޔަށްދޫކުރާ ތަންތަން މޮނިޓަރކޮށް ބެލެހެއްޓުން.

28.   ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)ގެ ދަށުން، މިނިސްޓްރީން ވަރުވާއަށް ލިޔެދޭންޖެހޭ ފަޅު ރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މިނިސްޓްރީން ކުއްޔަށް ދޭންޖެހޭ ފަޅު ރަށްރަށް ކުއްޔަށް ދިނުން.

29.   މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ކުރެވެމުންދަނީ، ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި، މޮނިޓަރކުރަމުން ގެންދިޔުން.

30.   މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި ދަނޑުވެރިކަމާއި ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑްރީއާއި ފޮރެސްޓްރީގެ ވަސީލަތްތައް، އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް،
އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުން.

31.   މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި ދަނޑުވެރިކަމާއި ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑްރީއާއި ފޮރެސްޓްރީ ތަރައްޤީކުރުމަށް ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، އެ ދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.

32.   ރާއްޖޭގެ މަސްވެރިންގެ ދަފުތަރު އެކުލަވައިލުމުގެ އުސޫލުތައް އެކަށައަޅައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، މަސްވެރިންގެ ދަފުތަރު އެކުލަވައިލައި، އެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.

33.   މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި ދަނޑުވެރިކަމާއި، ޕޯލްޓްރީއާއި އެނިމަލް ހަސްބެންޑްރީއާއި ފޮރެސްޓްރީގެ ސިނާއަތްތަކުން، އިގުތިސާދީ ނަފާ ހޯދެން ހުރި ތަފާތު ފުރުޞަތުތަކަށާއި، އެ ދާއިރާތަކުގައި ހުރި މަސައްކަތްތެރިކަމާއި ވަޒީފާގެ ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.

34.   ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް އުފެއްދުމަށް ޓަކައި، އެ ބާވަތްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުން.

35.   ރާއްޖޭގައި ހައްދާ ދަނޑުވެރިކަމު ބާވަތްތައް ޕްރޮމޯޓުކޮށް، އެ ބާވަތްތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާކެޓް ހޯދައި، މާކެޓް ލިންކްތައް ގާއިމުކުރުމަށް އެހީތެރިވުން.

36.   ދިވެހީން އާންމުގޮތެއްގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ، ރައްޔިތުންނަށް ލިބެންހުރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

37.   ކާރިސާތަކާއި ހާދިސާތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއި، އެ ނޫން ވެސް، އެ ފަދަ ހާލަތްތަކާ ގުޅިގެން، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށް، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

38.   ރަމަޟާންމަހު ދިވެހީން ބޭނުންކުރާ ކާބޯތަކެތި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ލިބެންހުރިކަން ކަށަވަރުކުރުމާއި، އެ ދުވަސްވަރު ކާބޯތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

39.   ދިވެހީން އާންމުގޮތެއްގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުރި މާކެޓްތައް ދިރާސާކޮށް، އެ ތަކެތި ރާއްޖެއަށް އެތެރެކުރާ މާކެޓް ބޭސް ފުޅާކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

40.   ދިރޭ ޖަނަވާރު ރާއްޖެއަށް އިމްޕޯޓްކުރުމާއި ރާއްޖެއިން އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުން.

41.   ރާއްޖޭގައި ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި އެހެނިހެން ޖަނަވާރާ ބެހޭ ކަރަންޓީނުގެ ނިޒާމެއް ގާއިމުކޮށް ހިންގުން.

42.   ރާއްޖޭގައި ވެޓެރިނަރީގެ ޚިދުމަތް ރެގިއުލޭޓުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ވެޓްރެނަރީ ޚިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަދިނުން.

43.   ވެޓެރިނަރީ ކްލިނިކާއި ލެބޯރެޓަރީ ޤާއިމުކޮށް ހިންގުން.

44.   ރާއްޖޭގައި ވެޓްރެނަރީގެ ބޭހާއި ވެކްސިން ފަދަ ޚިދުމަތްތައް ލިބޭކަން ކަށަވަރުކުރުން.

45.   ޖަނަވާރުންގެ ފަރާތުން ފެތުރޭ ބަލިތަކުން އިންސާނުންނާއި ޖަނަވާރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

46.   ޖަނަވާރު ގެންގުޅުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، އެނިމަލް ވެލްފެއަރއާގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.

47.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ތަފާސް ހިސާބާއި އިގުތިސާދީ އަދި އިޖުތިމާއީ މައުލޫމާތު އެއްކޮށް، ރިޕޯޓުތައް އެކުލަވައިލައި ޝާއިއުކުރުން.

48.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެ ފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެ ފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.

49.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.

50.   މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި، ކާބޯތަކެތީގެ އަސާސީ ރައްކާތެރިކަމާއި، ޕޯލްޓްރީއާއި، އެނިމަލް ހަސްބެންޑަރީގެ ދާއިރާތަކުގެ މައުލޫމާތު ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނުމަށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

51.   މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ދަށުންނެވެ.

(ހ) މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް

1.        މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުން އިޤުތިޞާދީ ނަފާ ހޯދުމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ތަރައްޤީކުރުމުގެ ބޭނުމަށް، ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި،
އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކުރުމަށް ޓަކައި ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުން.

2.        ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކުގައި ހިމެނޭ ޤުދުރަތީ ވަސީލަތްތަކުގެ ނަމޫނާ ނަގައި، އެއްކޮށް، ކެޓަލޮގްކޮށް، ރިފަރެންސް ކަލެކްޝަނެއްގެ ގޮތުގައި ބަލަހައްޓައި، އެ ކަންކަމާގުޅޭ މައުލޫމާތު އާންމުކުރުން.

3.        މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތާގުޅޭ ކަނޑުގެ ދިރުންތަކާއި، ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ކަނޑުގެ ދިރުންތައް، ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާކަމަށް، ނުވަތަ ނެތިހިނގައިދާނެކަމަށް ލަފާކުރެވިއްޖެ ނަމަ، އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

4.        ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާކަމަށް، ނުވަތަ ނެތިހިނގައިދާނެކަމަށް ލަފާކުރެވޭ ދިރުންތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.

5.        ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި އެ ތަކެތީގެ މާޙައުލަށް ގެއްލުންނުވާ ގޮތަކަށްކަމާއި، އެ ބާވަތްތައް ހިފެނީ، އެ ބާވަތްތަކަށް ގެއްލުންނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ދާއިރާއިން އެއްކުރެވޭ ތަފާސްހިސާބަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ މައުލޫމާތަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން.

6.        ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރުކުރުމަށް ޓަކައި، މާހައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު ފޯރުކޮށްދިނުން.

7.        ރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗަރގެ ދާއިރާ ތަރައްޤީކުރާނެ ގޮތުގެ ފަންނީ ލަފާދިނުން.

8.        ރާއްޖޭގެ ފަރުތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ފަރުތައް ބެލެހެއްޓުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

9.        މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި، މިނިސްޓްރީއަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

10.   މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުން އިގުތިސާދީ ނަފާ ހޯދުމާ ގުޅުންހުރި ސިނާއަތްތަކާގުޅޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މި ދާއިރާއިން ސައިންސް ކުރިއަރުވައި، މިފަދަ ޖަމުޢިއްޔާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.

11.   ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި، އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ގޮތުން، އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ސައިންޓިފިކް ދިރާސާތަކާއި، އެ ދިރާސާތަކަށް ކަނޑައަޅާ ޕްރޮޓޮކޯލްތަކަށް އާންމުން އަހުލުވެރިކުރުމަށް ޓަކައި، ތަމްރީނު ޕުރޮގުރާމުތައް ހިންގުން.

12.   ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި، އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ގޮތުން، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކަތްކުރުން.

13.   މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާތަކުން ފަންނުވެރިން ތަމްރީނުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.

14.   ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާގުޅޭ ދިރާސާތަކުން އެއްކުރާ މައުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުން.

15.   ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި، އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ގޮތުން ކުރާ ދިރާސާތަކުގެ މައުލޫމާތު އާންމުކުރުން.