1.       ދައުލަތުގެ ބަޖެޓާއި، އާމްދަނީއާއި، ޚަރަދާއި ދަރަންޏާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން.

2.       ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ޕޮލިސީ ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

3.       ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.

4.       ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.

5.       ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ އަދި ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީ ހިމެނޭ ގޮތަށް ބަޖެޓް އެކުލަވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.

6.       ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް މެދުރާސްތާއަށް ބިނާކޮށް ދެމެހެއްޓެނިވިގޮތެއްގެ މަތިން ރާވައި ބެލެހެއްޓުން.

7.       ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމަށް ދައުލަތުގެ އޮފީސްތަކަށް ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުމާއި، އެ އޮފީސްތަކާ ގުޅިގެން ދައުލަތުގެ ބަޖެޓު އެކުލަވައިލުން.

8.       ދައުލަތުގެ އާމްދަނީގެ ސިޔާސަތު އެކުލަވައިލުމާއި ދިރާސާކުރުމާއި، ޓެކްސް އާމްދަނީގެ ބިންގާ ފުޅާކުރުމަށް ބޭނުންވާ ލަފައާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.

9.       ދައުލަތުގެ އާމްދަނީގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

10.  ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ބަލައި ދިރާސާކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުން.

11.  ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ދެފުށް ފެންނަ ހާމަކަންބޮޑު ގޮތެއްގައި ކުރުން.

12.  ދައުލަތުން ސޮއިކުރާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން، ދައުލަތުގެ އާމްދަނީއަށް އަސަރުކުރާނެކަމަށް ބެލެވޭ މުޢާހަދާތަކާއި އެއްބަސްވުންތަކާއި، ދިވެހިރާއްޖޭގެ އިޤުތިޞާދާއި މާލީ ކަންތައްތަކާ ގުޅުންހުރި މުޢާހަދާތަކާއި އެއްބަސްވުންތަކާގުޅޭގޮތުން ކަމާބެހޭ އިދާރާތަކަށް ފަންނީ ލަފާދިނުން.

13.  ބޭރުގެ ޤައުމުތަކުން ދޭ ލޯނާއި، ކްރެޑިޓާއި، ހިލޭ އެހީގެ ފައިސާއާގުޅޭ އެއްބަސްވުންތަކާބެހޭ މަޝްވަރާތައްކުރުމާއި، އެފަދަ އެއްބަސްވުންތައް އެކުލަވައިލުން.

14.  ސަރުކާރުގެ ފަރާތުން އެކުލަވައިލަންޖެހޭ ޓެކްސްގެ ނިޒާމާގުޅުންހުރި މުޢާހަދާތަކާއި އެއްބަސްވުންތަކާއި، މާލީ ކަންތައްތަކާ ގުޅުންހުރި މުޢާހަދާތަކާއި އެއްބަސްވުންތައް އެކުލަވައިލުން.

15.  ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް ހޯދާ އެންމެހައި ދަރަނީގެ މިންގަނޑުތައް ކަނޑައަޅައި، ދަރަނި ހޯދާނެ އުސޫލާތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަންތައްތައް ތަންފީޒުކުރުން.

16.  ބޭރު ޤައުމުތަކުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުންދޭ ލޯނާއި، ހިލޭ އެހީގެ ފައިސާ ޚަރަދު ކުރަނީ މި ފައިސާ ޚަރަދުކުރުމާ ބެހޭގޮތުން އެ އެހީތައް ދޭ ފަރާތްތަކުން އެކުލަވާލާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.

17.  ދައުލަތުގެ މުއައްސަސާތަކުން ދައުލަތުގެ ނަމުގައި ބޭރު ޤައުމުތަކުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާ ލޯނުތަކާއި ހިލޭ އެހީގެ ހިސާބު ބެލެހެއްޓުން.

18.  ސަރުކާރުން އެކި ފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާ ލޯނުތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ދޫކުރުމާއި، އެ ލޯނުތަކާބެހޭ ހިސާބުތައް ބެލެހެއްޓުން.

19.  ދައުލަތުން ހޯދާ އެންމެހައި ދަރަނިތައް ދިރާސާކޮށް، ލޯނު އަދާކުރުމުގެ ބުރަ އިތުރުވާ މިންވަރާއި އެކަމުން ރާއްޖޭގެ އިޤުތިޞާދަށް ކުރާނެ އަސަރު ދިރާސާކުރުން.

20.  ޕަބްލިކް ސެކްޓަރއާއި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސޮވެރިން ގެރެންޓީއަށް އެދި ހުށަހަޅާ މަޝްރޫޢުތަކުގެ ޑިއު ޑިލިޖެންސް ހެދުމާއި ސޮވެރިން ގެރެންޓީ ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި އެކަމާބެހޭ ހިސާބުތައް ބެލެހެއްޓުން.

21.  ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އެކްސްޓަރނަލް ރިސޯސަސް މޮބިލައިޒޭޝަނާބެހޭ ސްޓްރެޓަޖީތައް ކަނޑައަޅައި ތަންފީޒުކުރުން.

22.  ދޭދޭ ޤައުމުތަކުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެހީ ދިނުމުގައި ގެންގުޅޭ ސިޔާސަތުތަކާއި ހިންގާ ހަރަކާތްތައް ބަލައި ދިރާސާކޮށް، އެފަދަ ފަރާތްތަކުން ރާއްޖޭގެ ތަރައްޤީއަށް ލިބިދާނެ އެހީތެރިކަމަކީ ކޮބައިތޯ ބަލައި، އެފަދަ އެހީތައް ހޯދުން. އަދި، އެފަދަ އެހީގެ ފުރުޞަތުތައް ފުރިހަމައަށް ބޭނުންކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުން.

23.  ބޭރުގެ އެކިއެކި މާލީ އިދާރާތަކުން ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް ލޯނު ލިބޭނެ ފުރުޞަތުތައް ހުރިތޯ ދިރާސާކުރުމާއި، އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް މަގުފަހިކޮށްދިނުން.

24.  ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅުން ބަދަހިކުރުމާއި، އެފަދަ ގުޅުންތައް ބަދަހިކުރުމާގުޅޭގޮތުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.

25.  ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ސަރުކާރުގެ އިދާރާތަކުން އެ އަހަރަކަށް ހުށަހަޅާ ތަރައްޤީގެ މަޝްރޫޢުތައް (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން. 

26.  ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ މަޝްރޫޢުތަކަށް ދެމެހެއްޓެނިވި އަދި ހަމަހަމަ ގޮތެއްގައި ދައުލަތުގެ ވަސީލަތްތައް ބެހިގެންދޭތޯ ބެލުން.

27.  ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކާއި މަސައްކަތްތަކާއި، ޚާއްޞަ ގޮތެއްގައި ސަރުކާރުން ހިންގާ "މެގަ" ޕްރޮޖެކްޓްތަކުގެ މާލީ ކަންކަން ހިނގާ ނުހިނގާގޮތް މޮނިޓަރކޮށް، ރިވިއުކޮށް ބެލެހެއްޓުން.

28.  ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ، ދައުލަތުގެ މިލްކުގައިވާ އެންމެހައި ބިންތަކާއި ހަރުމުދަލުގެ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުން.

29.  ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ، ދައުލަތުގެ މިލްކުގައިވާ އެންމެހައި ބިންތަކާއި ހަރުމުދަލުގެ އަގު ކަނޑައެޅުން.

30.  ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ، ދައުލަތުގެ މިލްކުގައިވާ އެންމެހައި ބިންތަކާއި ހަރުމުދަލުގެ ތެރެއިން ވަކި ފަރާތަކާ ހަވާލުނުކޮށް ހުންނަ ތަކެތި ބަލަހައްޓާނެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމް ހިންގުން.

31.  ދައުލަތުގެ މުދާ ގަނެވެނީ، އަދި ބެލެހެއްޓެނީ، އަދި ބޭނުންކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ޔަގީންކުރުން.

32.  ދައުލަތުގެ މުދަލެއް އެހެން ފަރާތަކަށް ދިނުމާއި، ވިއްކުމާއި، ކުއްޔަށްދިނުމާއި، ދޫކުރުމާއި، ރަހުނު ކުރުމާއި، ނައްތާލުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޢަމަލުކުރުމާއި، އެ ޤާނޫނާއި ގަވާއިދަށް ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަމުންދޭތޯ ޔަގީންކުރުން.

33.  ކަނޑުން ހޮވާ ތަކެއްޗާއި ލަނގުވާ ތަކެއްޗާއި، ބިން ކޮންނަނިކޮށް ނެގޭ ތަކެއްޗާ މެދު ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމުން ހޯދާ ތެލާއި ގޭހާއި މައުދަނާއި، ޖަވާހިރު ފަދަ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ކަނޑައެޅުން.

34.  މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަށްޓަކައި ދައުލަތަށް ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލެއް ދިނުމަށްފަހު މިފަދަ ބިންތަކާއި މުދާ ދައުލަތަށް ނެގުން.

35.  ދައުލަތުގެ ޕެންޝަން ޙައްޤުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން، ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ޕެންޝަން ޙައްޤުވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ޤާނޫނުން ހަވާލުކޮށްފައިވާ މުއައްސަސާތަކަށް ފޯރުކޮށްދިނުމާއި، ޕެންޝަން ފަންޑު ދިރުވައި ދެމެހެއްޓެނެވި ގޮތެއްގައި އެ ފަންޑު ހިންގުމަށް ބޭނުންވާ ލަފައާއި މަޝްވަރާ ޕެންޝަން ފަންޑު ބަލަހައްޓާ އިދާރާއަށް ދިނުން.

36.  ދައުލަތުގެ ފައިސާއާއި، ދައުލަތުގެ ފައިސާއާބެހޭ ހިސާބާއި، އެ ހިސާބުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމު ހިންގައި ބެލެހެއްޓުން.

37.  ދައުލަތުގެ ފައިސާ ބަލައިގަތުމުގައާއި، ބެލެހެއްޓުމުގައާއި، ފައިސާ ޚަރަދު ކުރުމުގައާއި، އަދި އިންވެސްޓްކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ޢަމަލުކުރަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން.

38.  ދައުލަތުގެ ފައިސާއާއި ދައުލަތުގެ ފައިސާއާބެހޭ ހިސާބާއި، އެ ހިސާބުގެ ލިޔެކިއުންތައް ބެލެހެއްޓުމުގައި ދައުލަތުގެ އިދާރާތަކަށް  ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން.

39.  ދައުލަތުގެ ހިސާބުތައް ތައްޔާރުކޮށް، ކޮންމެ އަހަރެއް ނިމުމުގެ ކުރިން، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށާއި ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

40.  ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ ސިޔާސަތުތައް އެކުލަވާލުމާއި، ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާނެ ގަވާއިދުތަކާއި، އުސޫލުތަކާއި، ގައިޑްލައިންތަކާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ ކަންތައްތައް ހިނގާތޯ ބެލުން.

41.  ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ޚިދުމަތްތައް ހޯދުމާއި، މަރާމާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއް ގާއިމުކުރުން.

42.  ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ އަންދާސީ ހިސާބުތައް ދިރާސާކޮށް، އެ ހުށަހެޅުންތައް ވަޒަންކުރެވޭނެ ދެފުށް ފެންނަ، ހާމަކަންބޮޑު ނިޒާމެއް ގާއިމުކޮށް ހިންގުން.

43.  ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ޚިދުމަތާއި، އޮފީސްތަކުން ކުރާ އިމާރާތާއި، މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން، ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން އެ ބޯޑުން ނިންމާ ނިންމުންތަކާބެހޭ މަޢުލޫމާތު، ކަމާބެހޭ އޮފީސްތަކަށް އެންގުމާއި މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.

44.  ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އިލެކްޓްރޯނިކް ޕްރޮކިއުމެންޓް (އީ-ޕްރޮކިއުމެންޓް)ގެ ނިޒާމެއް ގާއިމުކޮށް ހިންގުން.

45.  ދައުލަތުގެ އޮފީސްތަކަށް ހޯދާ މުދަލާއި، ޚިދުމަތާއި، އަދި އޮފީސްތަކުން ކުރާ އިމާރާތާއި، މަރާމާތުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ބެލެހެއްޓުމާއި، އެ މަޢުލޫމާތު ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ފޯރުކޮށްދިނުން.

46.  ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް ހަރުދަނާކުރުމާބެހޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ލަފައާއި މަޝްވަރާ ދިނުން.

47.  ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައިދީ އެ ފައިސާ ކުންފުނިތަކަށް ދޫކުރުމާއި، އެކަންކަމާގުޅޭ އިދާރީ މަސައްކަތްތައް އިންތިޒާމުކުރުން.

48.  ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޑްގެ ސިޔާސަތުތަކާ ގުޅޭގޮތުން ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން އެ ކުންފުނިތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދުދިނުން.

49.  ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާދާރުންގެ އާންމު ޖަލްސާތަކަށް ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން ހާޒިރުވާނެ ފަރާތްތައް ހަމަޖެއްސުމާއި، އެފަދަ ޖަލްސާތަކުގައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން ނިންމުންތައް ނިންމުމާއި، އެ ނިންމުންތައް ޖަލްސާއަށް ހުށަހެޅުން.

50.  ސަރުކާރުގެ އެކިއެކި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި އުފެދޭ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި ހިއްސާދާރުގެ ހައިސިއްޔަތުން މެދުވެރިއެއްގެ ދައުރު އަދާކުރުން.

51.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުންނެވެ.

(ހ) ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް

(ށ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް

(ހ) ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓުގެ މަސައްކަތްތައް

1.      ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ ނޭޝަނަލް ޕޭ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ކޮމިޝަނަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

 (ށ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓުގެ މަސައްކަތްތައް

1. ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ބޯޑަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.