1. ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
2. ރާއްޖޭގެ އިމިގްރޭޝަނާ ބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.
3. ކުށްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.
4. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުން.
5. ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު، ޒުވާނުންނާއި ކުޑަކުދިން ދެނެގަނެ، އެ ފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި، ޤާނޫނަށް ބޯލަނބާ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުން.
6. ދިވެހިރާއްޖޭގައި މަސައްކަތްކުރުމާއި، މަސައްކަތްކުރުވުމުގެ ޤައުމީ ސިޔާސަތު އެކަށައަޅައި ހިންގުން.
7. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.
8. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން.
9. ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެ ކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
10. މަސައްކަތްތެރިކަމުގެ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމާއި، ކެރިއަރ ގައިޑެންސް ދިނުން.
11. ދިވެހީންނަށް ވަޒީފާއާއި، މަސައްކަތުގެ ފުރުޞަތު އިތުރުކުރުމަށް މަސައްކަތްކުރުން.
12. ވަޒީފާ އަދާކުރާ ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުވުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
13. ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހީން ފޮނުވުމާ ބެހޭ ސިޔާސަތު އެކަށައަޅައި، އެ ސިޔާސަތު ހިންގުން.
14. ދިވެހީންނަށް ޚާއްޞަ މަސައްކަތްތެރިކަމާއި ވަޒީފާގެ ދާއިރާތައް ކަނޑައަޅައި އެ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުމަށް މަސައްކަތްކުރުން.
15. ވަޒީފާގެ ބާޒާރާ ބެހޭ ތަފާސްހިސާބު ބެލެހެއްޓުމާއި، ދިރާސާތައް ކުރުމާއި، ވަޒީފާގެ ބާޒާރާ ބެހޭ މައުލޫމާތު ޝާއިޢުކޮށް، އާންމުކޮށް ލިބޭނެ ނިޒާމެއް ހަމަޖެއްސުން.
16. ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމާ ބެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތަކާގުޅޭ ރޭވުންތައް ރޭވުމާއި، އެ ސިޔާސަތުތަކަށާއި ރޭވުންތަކަށް ޢަމަލީސިފަ ގެނައުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
17. މުޖުތަމަޢު ބިނާކުރުމުގައި، އެކިއެކި ކަންތައްތައްކުރުމަށް ބޭނުންވާ ޤާބިލު މީހުން އުފެއްދުމަށް ޓަކައި ސަރުކާރުގެ އެކި ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުރާ އެކިއެކި މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން އެހީތެރިވެދިނުން.
18. ޤާނޫނު ނަންބަރު 2024/1 (އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.
19. ޤާނޫނު ނަންބަރު 2024/1 (އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނު)ގެ ދަށުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި މަސައްކަތްތެރިންގެ ފެޑަރޭޝަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ފެޑަރޭޝަންތަކާއި ނޭޝަނަލް ޓްރޭޑް ޔޫނިއަން ސެންޓަރުތަކާއި ނޭޝަނަލް އެމްޕްލޯޔަރޒް ޔޫނިއަން ސެންޓަރުތައް ރަޖިސްޓްރީކުރުމާއި، އެ ފަރާތްތަކުގެ ތެރެއިން ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
20. ޓްރޭޑް ޔޫނިއަންތަކާގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތަކާއި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަޅުތައް އެޅުމާއި، ޔޫނިއަންތަކަށް ކަލެކްޓިވް ބަރގެއިނިންގއަށް މަގުފަހިކޮށްދިނުމާއި، ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތައް އިންތިޒާމުކުރުން.
21. މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ މައްސަލަތައް މަޝްވަރާގެ އުސޫލުން ޙައްލުކުރުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
22. ޤާނޫނު ނަންބަރު 2024/1 (އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނު)ގެ ދަށުން އުފައްދާ ޓްރައިޕަރޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، އެ ބޯޑަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
23. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާއި، މަސައްކަތްތެރިންގެ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުން.
24. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.
25. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު) ދަށުން އުފައްދާ "ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލް"ގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، އެ ކައުންސިލަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
26. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންއާގުޅޭ ގޮތުން ރާއްޖެއިން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
27. އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ ރާއްޖޭގެ ފޯކަލް ޕޮއިންޓްގެ ދައުރު އަދާކުރުން.
28. ބޭރުގެ ވޮލަންޓިއަރުން ރާއްޖެއަށް ގެނައުމާ ބެހޭ އުސޫލުތަކާއި މިންގަނޑުތައް ހެދުން.
29. ރާއްޖޭގެ ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާ ބެހޭ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތު ތަންފީޒުކުރުން.
30. ކޮމިއުނިކޭޝަންގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
31. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮމިއުނިކޭޝަންގެ ދާއިރާގެ މާސްޓަރޕްލޭން އެކުލަވައިލައި ތަންފީޒުކުރުން.
32. ރާއްޖޭގެ ސައެންސް އެންޑް ޓެކްނޯލޮޖީއާއި އިންފޮމޭޝަން ޓެކްނޯލޮޖީއާ ބެހޭ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.
33. ދައުލަތުގެ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމާއި، ޑޭޓާ އިންޓަގްރޭޓް ކުރުމާއި، ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
34. ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
35. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ސައިންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭން އެކުލަވައިލައި ތަންފީޒުކުރުން.
36. ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ރާވައި ހިންގުން.
37. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމާއި، އެ ފަދަ ޓެކްނޯލޮޖީއާ ބެހޭ މިންގަނޑުތައް ކަނޑައެޅުން.
38. ރާއްޖޭގައި ކޮމްޕިއުޓަރ ޓެކްނޯލޮޖީ ކުރިއަރުވައި، އެކި ރޮނގު ރޮނގުން ރާއްޖޭގައި ދޭ ޚިދުމަތްތަކުގެ ފެންވަރު ކޮމްޕިއުޓަރ ޓެކްނޯލޮޖީ ބޭނުންކޮށްގެން މަތިކުރެވޭނެ ގޮތްތައް ހޯދުން.
39. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސައިންސާއި ޓެކްނޯލޮޖީގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.
40. ރާއްޖެއަށް އެންމެ ފައިދާކުރަނިވިގޮތަށް ސައިންސާއި ޓެކްނޯލޮޖީގެ ބޭނުންހިފުމަށް ޓަކައި، ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާތައްކުރުމާއި، އެ ފަދަ ދިރާސާތައްކުރުމަށް ހިތްވަރުދިނުން.
41. ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ގާއިމުކުރާ ޤައުމީ ސައިންސް ފައުންޑޭޝަން ގާއިމުކޮށް ހިންގުން.
42. ރާއްޖޭގައި ސައިންސާއި، ޓެކްނޯލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓަރތައް ގާއިމުކުރުމާ ބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މި ފަދަ ތަންތަން ގާއިމުކޮށް ހިންގުން.
43. ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ކުރުމަށް ގްރާންޓް ދިނުން.
44. ރާއްޖޭގައި ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ސައިންސާއި ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުކުރުން.
45. ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިވެ، މައުލޫމާތު ފޯރުކޮށްދިނުން.
46. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ސައިންސާއި ޓެކްނޯލޮޖީގެ މާސްޓަރ ޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
47. ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
48. ޤާނޫނު ނަންބަރު 78/48 (ކާނިވަލް، ފަންފެއަރ ފަދަ ތަންތަން ހެދުމުގެ ޤާނޫނު)ގެ ދަށުން، ރާއްޖޭގައި ކާނިވަލް، ފަންފެއަރ ފަދަ ތަންތަން ހިނގުމަށް ހުއްދަދިނުމާއި، އެ ތަންތަން ހިންގުމާ ބެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.
49. އާންމުކޮށް އިޝްތިހާރުކުރުމާ ބެހޭ އުސޫލުތައް ހަދައި ތަންފީޒުކުރުން.
50. އަޚުލާޤީ ގޮތުން މަނާ ލަވަޖެހުމާއި، އެ ފަދަ ލަވަކިއުން މަނާކުރުމާ ބެހޭ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރާކަން ކަށަވަރު ކުރުން.
51. ޤާނޫނު ނަންބަރު 2010/11 (ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.
52. ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.
53. ޤާނޫނު ނަންބަރު 2010/18 (ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.
54. ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.
55. މީހުން ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
56. ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.
57. ޤާނޫނު ނަންބަރު 2014/38 (ކުށްވެރިން ބަދަލުކުރުމުގެ ޤާނޫނު)ގެ 39ވަނަ މާއްދާގެ (ހ)ގައި "މިނިސްޓަރު"ކަމަށް ބުނެފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
58. ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ ދަށުން ވަޒީރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
59. ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)އިން މިނިސްޓްރީން ކުރަން ކަނޑައަޅައިފައިވާ ކަންކަން ތަންފީޒުކުރުން.
60. އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ.) އާއި، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިކޭޝަން (އޭ.ޕީ.ޓީ.) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނުގެ ޚިދުމަތާ ބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
61. ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ.) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތާ ބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
62. ކޮމިއުނިކޭޝަންގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ރާވައި ހިންގުން.
63. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ކޮމިއުނިކޭޝަންގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާއަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.
64. ކޮމިއުނިކޭޝަންގެ ދާއިރާ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިވެ، މައުލޫމާތު ފޯރުކޮށްދިނުން.
65. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ކޮމިއުނިކޭޝަންގެ މާސްޓަރ ޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
66. ކޮމިއުނިކޭޝަންގެ ދާއިރާއިން ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
67. ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެ ދާއިރާތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން.
68. ދިވެހިރާއްޖޭގެ ލިޔުންތެރިން ދަފުތަރުކޮށް، އެ ދަފުތަރު ބެލެހެއްޓުން.
69. ޤާނޫނު ނަންބަރު 2022/3 (ޖަމުޢިއްޔާތަކުގެ ޤާނޫނު)ގެ ދަށުން ޢައްޔަނުކުރާ ރަޖިސްޓްރާރގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމާއި، މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
70. ޖަމުޢިއްޔާތަކުގެ ދައުރު ފުޅާކޮށް، ކުރިއެރުވުމަށް މަސައްކަތްކުރުން.
71. ޖަމާޢަތްތަކުގެ ހަރަކާތްތަކަށް ރައްޔިތުން ޝައުގުވެރިކުރުވުމާއި، ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން.
72. ޖަމުޢިއްޔާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދިދާނެ ގޮތްތަކާއި ބެހޭ ގޮތުން ޖަމުޢިއްޔާތަކަށް މަޝްވަރާއާއި މައުލޫމާތުދީ، ޖަމުޢިއްޔާތަކުން އެހީ ހޯދުމާ ބެހޭ ކަންކަން ވިލަރެސްކޮށް، އެ ފަދަ އެހީ ބޭނުން ކުރެވެމުންދާ ގޮތް ބެލުން.
73. ސަރުކާރުގެ އިދާރާތާކާއި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ ގިނަ މަސައްކަތްތަކަކީ ޤައުމީ ތަރައްޤީއަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކެއްކަމުން، އެ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
74. ރާއްޖޭގެ ތަރައްޤީގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ސަރުކާރުގެ އިދާރާތަކުން ހިންގާ ހަރަކާތްތަކާއި، ޕްރައިވެޓް ސެކްޓަރުން ހިންގާ ހަރަކާތްތަކާއި، ޖަމުޢިޔާތަކުން ހިންގާ ހަރަކާތްތައް ގުޅިގެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުކޮށް، މި ފަދަ ހަރަކާތްތައް ވިލަރެސްކުރުން.
75. ސަރުކާރުގެ އިދާރާތަކުން، ޖަމުޢިއްޔާތަކުގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކުގައި، ސަރުކާރުގެ ކަމާ ބެހޭ އިދާރާއާއި ޖަމުޢިއްޔާތަކާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުން.
76. ސަރުކާރުގެ ވަކި ދާއިރާއަކާ ނުގުޅޭ ކަންތައްތަކުގައި، ސަރުކާރުން ޖަމުޢިއްޔާތައް މެދުވެރިކޮށް ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތައް އެ ފަދަ ޖަމުޢިއްޔާތަކާ ގުޅިގެން ހިންގުން.
77. ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމެއް ގާއިމުކުރުން.
78. މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެ ފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
79. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
80. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.
(ހ) މޯލްޑިވްސް އިމިގްރޭޝަން
(ށ) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން
(ނ) ނޭޝަނަލް ޑްރަގް އެޖެންސީ
(ރ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
(ބ) ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ
(ޅ) ލޭބަރ ރިލޭޝަންސް އޮތޯރިޓީ
(ކ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
(އ) މޯލްޑިވްސް ޑިޖިޓަލް ސަރވިސް
(ވ) ނޭޝަނަލް ކެރިއަރސް ސަރވިސް
(ހ) މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް
1. ދިވެހީންގެ ޕާސްޕޯޓާ ބެހޭ ގަވާއިދުތައް ހަދައި، ދިވެހީންގެ ޕާސްޕޯޓާ ބެހޭ އެންމެހައި ކަންތައްތައް ހިންގުން.
2. ދިވެހިރާއްޖެއަށް ބިދޭސީން އައިސްގޮސްވުމާ ބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުން.
3. ވައިގެ މަގުންނާއި ކަނޑުމަގުން ފަސިންޖަރުންނާއި ފަޅުވެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުމާއި ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އެންޓްރީ ކްލިއަރަންސްއާއި އެގްޒިޓް ކްލިއަރަންސް ދިނުން.
4. ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވާ މީހުންނާއި ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ މީހުންނާއި އެހެނިހެން ކަންކަމުގައި ރާއްޖެއަށް އެތެރެވާ މީހުންގެ މައުލޫމާތު ބެލެހެއްޓުން.
5. ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމާއި އެ މީހުން ރާއްޖޭގައި ހަރަކާތްތެރިވާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
6. ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ޤައުމަށް ފޮނުވައިލުމުގެ އެންމެހައި ކަންތައްތައް ކަމާ ބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
7. ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވައިލެވެންދެން ބޭތިއްބުމަށް ހަދަންޖެހޭ ސެންޓަރުތައް ހަދައި އެ ތަންތަން ހިންގައި ބެލެހެއްޓުން.
8. ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ހިންގައި ވިލަރެސްކުރުން.
(ށ) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ މަސައްކަތްތައް
1. ދިވެހި ރައްޔިތުންގެ ތެރެއިން 10 އަހަރުންމަތީގެ ކޮންމެ މީހަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، އުމުރުން 10 އަހަރު ނުފުރޭ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ވަގުތީ ކާޑު ހަދައިދިނުމާއި، މި ކަންކަމާގުޅޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.
2. އުފަންވާ ދިވެހި ކުދިންނަށް ހަދައިދެވޭ އުފަންދުވަހުގެ ސެޓްފިކެޓުގައި އެ ކުދިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށް ޓަކައި ނަންބަރު ދޫކުރުން.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ގެއްލުމުގެ ސަބަބުން ލިބެން އޮތް ޙައްޤެއް ގެއްލޭ ނަމަ، އަލުން ކާޑު ހަދައިދެވެންދެން، ކާކުކަން އަންގައިދޭ ވަގުތީ ރަސްމީ ލިޔުމެއް
އެ ފަރާތަކަށް ފޯރުކޮށްދިނުން.
4. ސަރުކާރުގެ އޮފީސް އޮފީހުން އާންމުންނާ ބެހޭ އެކިއެކި ކަންކަމުގައި ފޮނުވާ މުވައްޒަފުންނަށް "ކާކުކަން އަންގައިދޭ ކާޑު" ހަދައިދިނުމާއި، މިކަމާ ބެހޭ ރެކޯޑުތައް ބެލެހެއްޓުން.
5. ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މައުލޫމާތު ބެލެހެއްޓުމާ ބެހޭ ތިރީގައިވާ ކަންކަންކުރުން:
(ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ފޫޅުމާފޯމު ފުރިހަމަކުރުމަށް ޓަކައި ފޯމު ފުރިހަމަކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން.
(ށ) އުފަންވާ ކުދިންގެ ފޫޅުމާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މައުލޫމާތު ދޫކުރުން.
(ނ) ދިވެހިރާއްޖޭގައި މަރުވާ ކޮންމެ މީހަކަށް މަރު ސާބިތުކުރާ ފޯމު ފުރިހަމަކުރުމަށް ޓަކައި މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުން.
(ރ) މަރުވާ މީހުންގެ މަރު ސާބިތުކުރާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މައުލޫމާތު ދޫކުރުން.
(ބ) އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މައުލޫމާތު ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސަރަހައްދީ ފެންވަރުގައްޔާއި، މަރުކަޒީ ފެންވަރުގައި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުން.
(ޅ) ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މައުލޫމާތު ހުރިހައި ސަރަހައްދުތަކަކުން އެއްކޮށް، އެ މައުލޫމާތު ބަލަހައްޓައި، ކުރަންޖެހޭ ދިރާސާތައްކުރުން.
(ކ) އީ-ގަވަރމަންޓް ނިޒާމުގެ ދަށުން ގާއިމުކޮށްފައިވާ "އޮންލައިން ބާރތު އެންޑް ޑެތު ރެޖިސްޓްރޭޝަން ސިސްޓަމް" ބެލެހެއްޓުން.
6. މުޅި ރާއްޖޭގައި އެއް އުސޫލަކުން އާބާދީގެ ރަޖިސްޓަރީތައް ލިޔެ ބެލެހެއްޓުމާ ބެހޭ ތަމްރީނުދީ،
އެ ރަޖިސްޓަރީތައް ލިޔެ ބެލެހެއްޓުމުގައި ބޭނުންވާ އެހީތެރިކަން ކަމާ ބެހޭ މުއައްސަސާތަކަށް ފޯރުކޮށްދިނުން.
7. ދިވެހިރާއްޖޭގައި ސިވިލް ރެޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް އެންޑް އައިޑެންޓިޓީ މެނޭޖްމަންޓް (ސީ.އާރު.ވީ.އެސް.އައި.ޑީ.) ސިސްޓަމެއް ގާއިމުކޮށް، މި ކަމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
(ނ) ނޭޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ 27ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީން ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1. މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ހާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2. މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޒުކުރުން.
3. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން.
4. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕުރޮގުރާމުތައް ހިނގާގޮތް ބަލައި، ކަމާ ބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
5. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެ މީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުން.
6. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
7. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
8. މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕުރޮގުރާމުތައް ދިވެހިރާއްޖޭގައި ހިންގުމާއި، މައުލޫމާތު ހިއްސާކުރުމާއި، އެ މީހުންގެ މައުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.
(ރ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 18ވަނަ މާއްދާއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މި ވަނީއެވެ.
1. ޤާނޫނާ ޚިލާފުވާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިންގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން، އެ ކުދިންގެ މަޞްލަޙަތު ހިމާޔާތްކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވަރކްކުރުމަށާއި، އަދި އެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ރީހެބިލިޓޭޝަން ޕުރޮގުރާމު ހިންގުން.
2. ތަޙުޤީޤު މަރުޙަލާގައި ކޯޓަށް ހާޒިރުކުރެވޭ ކުދިންނާއި، ޖިނާއީ ދަޢުވާ އުފުލިފައިވާ ކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމަށް ޓަކައި ޝަރީޢަތަށް ހާޒިރުވުން.
3. ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
4. ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
5. މި ޤާނޫނުގެ ދަށުން ހިންގޭ ޑައިވަރޝަންގެ ޕުރޮގުރާމުތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވައި ހިންގުން.
6. ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހިންގަންޖެހޭ ރީހެބިލިޓޭޓިވް ޕުރޮގުރާމުތައް ކަމާ ބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން.
7. ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ހާލަތު މޮނިޓަރކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެކުލަވައިލައި ގަވާއިދުން މޮނިޓަރކުރުން.
8. ޑިޕާޓުމެންޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުޙަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރޭތޯ ބެލުން.
9. ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުޢާމަލާތުކޮށް، އެ ކުދިންނާމެދު ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ތަމްރީނު ޕުރޮގުރާމުތައް ރާވައި ހިންގުން.
10. މުޖުތަމަޢުގައި ކުޑަކުދިން ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރުމާއި، މި މައުލޫމާތު ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކުރުން.
11. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކުރުމާއި، ކަމާ ބެހޭ ޑޭޓާބޭސްއެއް ގާއިމުކުރުމާއި ބެލެހެއްޓުން.
12. ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް މުޖުތަމަޢު އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ހިންގުން.
13. ބައިނަލްއަގުވާމީ މިންގަނޑުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ކަމާ ބެހޭ ދާއިރާތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީނު ޕުރޮގުރާމުތައް ހިންގުން.
14. ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމަޢުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕުރޮގުރާމުތައް ހިންގުމާއި، މި ފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ގާއިމުކޮށް، އެ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.
(ބ) ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ މަސައްކަތްތައް
1. ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން.
2. ސައިބަރ ވެށީގައި ހިނގަމުންދާ ކަންކަން ދިރާސާކޮށް، ދައުލަތަށް ނުރައްކާވެދާނެ ސައިބަރ ހަމަލާތައް ދުރާލައި ދެނެގަނެ، މި ފަދަ ހަމަލާތަކާ ބެހޭ މައުލޫމާތު ދައުލަތުގެ ސަލާމަތީ މުއައްސަސާތަކާ ހިއްސާކުރުމާއި، މި ފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
3. ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ސެކިއުރިޓީ ހަމަލާތަކާއި ހާދިސާތަކުގައި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މި ފަދަ ހަމަލާތަކުގެ ސަބަބުން އިތުރު ގެއްލުންތައް ވިޔަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އިދާރާތަކުގެ މުހިންމު މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ އިދާރާތަކަށް ފޯރުކޮށްދިނުމާއި، އެ އިދާރާތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްސް އަދި އާލާތްތައް ވަގުތީ ގޮތުން ފޯރުކޮށްދިނުން.
4. ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ދީފައިވާގޮތްތައް ދެނެގަތުމަށް ތަޙުޤީޤުކުރުމާއި،
އެ ހަމަލާތަކުން ލިބޭ ގެއްލުންތައް ވަޒަންކުރުން.
5. ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ހިންގާފައިވާގޮތް ދެނެގަތުމަށާއި އެ ހަމަލާތައް ދިން ފަރާތްތައް ދެނެގަތުމަށް ތަޙުޤީޤީ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
6. ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ފަރުމާކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތައް ފަދަ އުފެއްދުންތަކުގައި ބޭނުންކުރާނެ ސެކިއުރިޓީ ސްޓޭންޑަރޑްތައް ކަނޑައަޅައި އަދާހަމަކޮށް ޝާއިޢުކުރަމުން ގެންދިޔުން.
7. ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ތައްޔާރުކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތަކާއި މި ނޫން ވެސް އޮންލައިންކޮށް ޕަބްލިޝްކޮށްފައިވާ ޚިދުމަތްތައް މޮނިޓަރކުރުމާއި، އެ ޓޫލްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް
އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމުގައި އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
8. ސަރުކާރުގެ އިދާރާތަކުގެ ނެޓްވޯކް އަދި ސާރވަރ އިންފްރާސްޓްރަކްޗަރގެ ސައިބަރ ސެކިއުރިޓީއާ ބެހޭ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް
އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
9. ސައިބަރ ނުރައްކާ (ތްރެޓްސް)ތަކާއި ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކުން ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ސައިބަރ ސެކިއުރިޓީއާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.
10. ޤައުމީ ނެޓްވޯކް ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު ގާއިމުކުރުމާއި، ޤައުމީ ސައިބަރ ސެކިއުރިޓީ އިންސިޑެންޓް ރެސްޕޯންސް ޓީމު ގާއިމުކޮށް، މި ޓީމުގެ އޮޕަރޭޝަނަލް ކޭޕެބިލިޓީ މަތީފެންވަރެއްގައި ދެމެހެއްޓުން.
11. ސައިބަރ ސެކިއުރިޓީއާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމާއި، ދިވެހިރާއްޖެ ބައިވެރިވާ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފަހުމުނާމާތަކާއި މުއާހަދާތަކުގައިވާ ކަންކަން ތަންފީޒުކުރުން.
12. ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.
13. ސައިބަރ ނުރައްކާ (ތްރެޓްސް)ތަކުން ރައްކާތެރިވެ ތިބުމާއި ސައިބަރ ހަމަލާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
14. ސައިބަރ ސެކިއުރިޓީއާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެންމެ ފަހުގެ ސައިބަރ ނުރައްކާ (ވަލްނަރަބިލިޓީސް)ތަކާއި އެކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުން.
15. ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
16. ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.
(ޅ) ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް
1. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު)އާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި ވަޒީފާއަދާކުރާ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބަލައި، އެ ކަންކަން ތަންފީޒުކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު)އާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ޢަމަލުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މައުލޫމާތާއި ލަފާދިނުން.
3. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު)އާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާގުޅޭ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، އެ ފަދަ ކަންކަމުން ނަހަމަގޮތުގައި ފައިދާ ނަގާ ނަމަ، އެ ކަންކަން މިނިސްޓަރަށް އެންގުން.
4. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު)ގެ ދަށުން، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާ ދެމެދު މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ ގަވާއިދުތައް ހެދުން.
5. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު)އާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރަމުންދާކަން ކަށަވަރުކުރުމުގެ ގޮތުން، މަސައްކަތްކުރާ ތަންތަން ދޭތެރެދޭތެރެއިން ބަލައި ޗެކްކުރުން.
6. ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާފަރާތާ ދެމެދުގައި ޖެހޭ މައްސަލަތަކަށް އަވަސް އަދި ސުލްޙަވެރި ހައްލެއް ހޯދައިދެވޭނެ ގޮތްތައް ރާވައި ހިންގުން.
7. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވަޒީފާއާއި މަސައްކަތާ ގުޅުން ހުރި ކަންކަން ބަލައި މޮނިޓަރ ކުރުން.
8. މަސައްކަތްތެރިންގެ ޖަމުޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޖަމުޢިއްޔާތަކާގުޅޭ މުޢާމަލާތުތައް ކުރުން.
9. ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ގުޅުން ހުރި ކަންކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ މުޢާމަލާތުކުރުން.
10. ޤާނޫނު ނަންބަރު 2024/1 (އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނު)އިން ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނަށް ލިބިދޭ ޙައްޤުތައް އެ ފަރާތްތަކަށް ކަށަވަރުކޮށްދީ، ކަލެކްޓިވް ބަރގެއިނިންގ އެއްބަސްވުންތަކަށް މަގުފަހިކޮށްދީ، ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގްތަކާ ގުޅުންހުރި އެންމެހައި ކަންކަން ތަންފީޒުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސްއަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
11. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގައި ބަޔާންކުރާ އެންމެހައި ކަންކަން ތަންފީޒުކުރުމުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތަށް އެހީތެރިކަން ފޯރުކޮށްދިނުން.
12. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާ ބެހޭ ގޮތުން ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުން.
13. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާ ބެހޭ ގޮތުން ތަޢުލީމާއި ތަމްރީނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން.
14. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)އާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން.
15. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ހުއްދަ ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ދަފުތަރުކޮށް، ކަމާ ބެހޭ މައުލޫމާތު އާންމުކުރުން.
16. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު) ތަންފީޒުކުރެވެމުންދާ މިންވަރާގުޅޭ ގޮތުން ދިރާސާކޮށް، ރިޕޯޓުތައް އެކުލަވައިލައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.
17. ޤާނޫނު ނަންބަރު 2024/2 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު) ތަންފީޒުކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް، މިނިސްޓަރުގެ ލަފާގެމަތިން އެކުލަވައިލުން.
(ކ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު)ގެ 16ވަނަ މާއްދާގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.
1. ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާގުޅޭ ގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯ ކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.
(ށ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ސިނާއަތު ކުރިއެރުވުން.
(ރ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތާ ބެހޭ ގޮތުން ނުވަތަ ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކާ ބެހޭ ގޮތުން ނުވަތަ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.
(ބ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.
(ޅ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން.
(ކ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެ ނޫން ވެސް ކަންކަން ހިންގައި ބެލެހެއްޓުން.
(އ) ޚިދުމަތުގެ އަގުތައް ފާސްކުރުމާއި އަގު ކޮންޓްރޯލްކުރުމާއި، ކަމާ ބެހޭ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީ ގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި، ހިންގުން.
(ވ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ގޮތުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ޚިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުން.
(މ) ޓެލެކޮމިއުނިކޭޝަން ނަންބަރިންގ ޕްލޭންއާއި އެނޫނަސް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމުގައި އިލެކްޓްރޯނިކް ޒަރީއާއިން އެޑްރެސްކުރުމާ ބެހޭ އެންމެހައި ފަންނީ އަދި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
(ފ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ނުވަތަ ނެޓްވަރކްތައް އިންޓަރކަނެކްޓް ކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުން.
(ދ) ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓް ބަލައި ފާސްކޮށް، ހުއްދަދިނުން.
(ތ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.
(ލ) ސެޓަލައިޓްގެ ގުޅުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓުކުރުމާއި، އެ ކަންކަން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަންއާއި ކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާތައް ނުވަތަ އިދާރާތަކާއެކު ވިލަރެސްކުރުން.
(ގ) ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ގާއިމުކުރުމުގައި ތިމާވެށި ހިމާޔަތްކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބާރުއަޅައި، ހިތްވަރުދިނުން.
(ޏ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ އިރުޝާދުދިނުން.
(ސ) ޓެލެކޮމިއުނިކޭޝަނާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ޓެލެކޮމިއުނިކޭޝަނާ ބެހޭ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
2. ސްޕެކްޓްރަމް ބެލެހެއްޓުމާގުޅޭ ގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ދިވެހިރާއްޖޭގެ ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުން.
(ށ) ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާ ބެހޭ ކަންކަން ބެލެހެއްޓުން.
(ނ) ރޭޑިއޯ ފްރީކުއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރެންސް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެ ފަދަ ކަންކަމާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމާއި، ފިޔަވަޅު އެޅުން.
3. ޕޯސްޓުގެ ދާއިރާއާގުޅޭ ގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން.
(ށ) ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ޚިދުމަތުގެ ފެންވަރު ބެލުން.
(ނ) ޕޯސްޓުގެ ދާއިރާ ރެގިއުލޭޓުކުރުމާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަޝްވަރާދިނުމާއި، ޕޯސްޓާ ބެހޭ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
4. އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާގުޅޭ ގޮތުން ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މި ޤާނޫނުގައި ކަނޑައަޅައިފައިވާ ދާއިރާގެ ތެރޭގައި އިންފޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.
(ށ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ސިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.
(ނ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ އިންފޯކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭ ސިޔާސަތުތައް ކަނޑައެޅުން.
5. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނަކުން އޮތޯރިޓީން ކުރަންޖެހޭނެކަމަށް ބަޔާންކުރާ މަސައްކަތްތައް ކުރުން.
6. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށް ޓަކައި ނުވަތަ ކުރުމަށް މަގުފަހިކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެނޫނަސް ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު) ހިންގުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން.
(އ) މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މަސައްކަތްތައް
1. ޑިޖިޓަލައިޒްކުރުމާއި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތައް އެކުލަވައިލައި އާންމުކުރުން.
2. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާއި ޑިޖިޓަލް ޓެކްނޯލޮޖީގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ކަމާ ބެހޭ ފަރާތްތަކަށް މަޝްވަރާއާއި ފަންނީ ލަފާދިނުން.
3. ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއާއި އިޖުތިމާއީ ދުޅަހެޔޮކަމަށް އެކަށޭނަ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޤައުމީ ޕްލޭނާއި، ސްޓްރެޓެޖީތަކާމެދު ކަމާ ބެހޭ ފަރާތްތަކަށް ލަފާ ދިނުމާއި، ސަރުކާރުން ކަނޑައަޅާ އިންފޮމޭޝަން ޓެކްނޯލޮޖީގެ ސިޔާސަތުގެ މުރާދު ހާސިލުކުރުމަށް ބޭނުންވާ މަޝްރޫޢުތަކާއި ޕްލޭންތައް ރާވައި، ވިލަރެސްކޮށް ހިންގުން.
4. ކޮމްޕިއުޓަރައިޒް ކުރުމާއި، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ބޭނުންކޮށްގެން ހިންގާ ކަންތައްތަކުގައި ރާއްޖޭގައި ބޭނުންކުރަން އެންމެ އެކަށީގެންވާ މިންގަނޑުތަކާއި، "ގައިޑްލައިން" ތަކާއި "ބެންޗްމާކް"ތައް ކަނޑައަޅައި އާންމުކުރުން.
5. ދައުލަތުގެ އިދާރާތަކުން ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އެންމެހައި ކަންކަން ހިންގައި ރެގިއުލޭޓްކޮށް، ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
6. ދައުލަތުގެ އިދާރާތަކުން އާންމުކޮށް މައުލޫމާތު ދިނުމުގެ މަގު ފުޅާކޮށް ސަރުކާރުގެ ޚިދުމަތްތައް ދިނުން ހަލުއިކުރުމަށް ޓަކައި، ސަރުކާރުގެ "އިންފޮމޭޝަން ސިސްޓަމްސް ޕްލޭން" އެކުލަވައިލައި، އެ ޕްލޭންގެ ދަށުން "އިލެކްޓްރޯނިކް ގަވަރންމަންޓް"ގެ ނިޒާމެއް ގާއިމުކޮށް ހިންގުން.
7. ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއާއި އިޖުތިމާއީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނޭ ގޮތެއްގެ މަތިން، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ޚިދުމަތްތައް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފޯރުކޮށްދިނުމާއި، ސަރުކާރުގެ ކޮމްޕިޔުޓަރ ވިޔުގައާއި އެހެނިހެން ނެޓްވޯކްތައް ބަލަހައްޓައި ހިންގުން.
8. ދައުލަތުގެ އިދާރާތަކުގައި ބޭނުންކުރާ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާ ގުޅުންހުރި އެންމެހައި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ސްޓެންޑަރޑައިޒްކުރުމަށް ޓަކައި އެ ކަންކަމާ ގުޅުންހުރި އެންމެހައި މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތައް ތަންފީޒުކުރުމަށް ބޭނުންވާ ގައިޑްލައިންތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކުރުން.
9. ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުން ހުށަހަޅާ "އިންފޮމޭޝަން ސިސްޓަމް ޕްލޭން"ތައް ބަލައި، އެ ޕްލޭންތައް ހިންގުމުގެ ހުއްދަ ދިނުން.
10. ދައުލަތުގެ އިންފޮމޭޝަން ސިސްޓަމްތައް ތަރައްޤީކޮށް ހިންގައި ބެލެހެއްޓުމަށް ޓަކައި އެ ސިސްޓަމްތައް ސާރވޭކުރުމާއި، އެ ސިސްޓަމްތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓަކައި ބިޒްނަސް ޕްރޮސެސްތައް ރީއިންޖިނިއަރކުރުމަށް ލަފާދިނުން.
11. ރައްކާތެރިކަމާއެކު ދައުލަތުގެ އެންމެހައި ޑޭޓާ ބަލަހައްޓައި ޕްރޮސެސްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށް ޓަކައި "ނޭޝަނަލް ސޮވެރިން ކްލައުޑް" ގާއިމުކުރުމާއި، ޑޭޓާ ރިކަވަރީގެ ނިޒާމުތައް ގާއިމުކުރުމާއި، ގައުމީ ޑޭޓާ ސެންޓަރުގެ މަސައްކަތްތައް ތަރައްޤީކޮށް ހަރުދަނާކުރުން.
12. ނޭޝަނަލް ކްލައުޑް ސްޕޭސް ޓެކްނޯލޮޖީ ބޭނުންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ނޭޝަނަލް ކްލައުޑް ސްޕޭސް ޓެކްނޯލޮޖީ ބޭނުންކުރެވެނީ އެ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
13. ދައުލަތުގެ ޑިޖިޓަލް ޚިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ދަފުތަރުތަކާއި (ޑޭޓާ ރެޖިސްޓްރީތަކާއި) އެ ދަފުތަރުތަކުގެ އަސާސީ އަސްލާއި (ސިންގަލް ސޯސް އޮފް ޓްރުތްއާއި) އެ ދަފުތަރުތަކުގެ ބެލެނިވެރި އިދާރާތައް ކަނޑައަޅައި އާންމުކުރުން.
14. ބައިނަލްއަގުވާމީ ޑިޖިޓަލް އައިޑެންޓިޓީ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގެ ޤައުމީ "ޑިޖިޓަލް އައިޑެންޓިޓީ" ގެ ނިޒާމު ގާއިމުކޮށް، ހިންގައި ބެލެހެއްޓުން.
15. ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހަކާމާއެކު ޑޭޓާ ހިއްސާކުރުމަށް "އިންޓަރ-އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމް"އެއް ގާއިމުކޮށް، ހިންގައި ބެލެހެއްޓުން.
16. ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހަލުއިކުރުމަށް ޓަކައި މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ބޭނުންކުރަން ކަނޑައަޅާ ސިސްޓަމްތައް ހިންގައި ބެލެހެއްޓުން.
17. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާ އެއާ ގުޅިފައިވާ ސިނާއީ މަސައްކަތްތައް ރާއްޖޭގައި ތަރައްޤީކޮށް ހަލުއިކުރުމަށް ޓަކައި، ދައުލަތުގެ ދާއިރާތަކާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ އިންޑަސްޓްރީ ބައިވެރިކޮށްގެން ކަމާ ބެހޭ ސިޔާސަތުތަކަށާއި ޓެކްނޯލޮޖީއަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި، އެ އާގުޅިފައިވާ ސިނާއީ މަސައްކަތްތައް ތަރައްޤީކުރުމުގެ ކަންކަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
18. ދައުލަތުގެ އިދާރާތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ޓެކްނޯލޮޖީ ބޭނުންކުރުން ފުޅާކޮށް ހަރުދަނާކުރުމަށް ޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ޓެކްނޯލޮޖީގެ ޚިދުމަތްދޭ ކުންފުނިތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރުން.
19. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާއި ޑިޖިޓަލް ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖޭގައި ތައުލީމާއި މައުލޫމާތާއި ވިޔަފާރި ކުރިއެރުވުމަށް މަގުފަހިކޮށްދިނުމާއި، އެ ކަންކަމާގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް މަޝްވަރާއާއި ފަންނީ ލަފާދިނުން.
20. ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާއި ޑިޖިޓަލް ޓެކްނޯލޮޖީގެ ދާއިރާއިން އީޖާދީ ކަންތައްތައް ރާއްޖެއަށް ތަޢާރުފުކޮށް ފުޅާކުރުމަށް މަސައްކަތްކުރުން.
21. ޓެކްނޯލޮޖީގެ ސިނާއަތުގައި އީޖާދީ ގޮތްތައް ހޯދައި ދިރާސާކުރުމަށް ގާއިމުކުރެވޭ އިނޮވޭޝަން ހަބްގެ މަސައްކަތްތައް، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ބައްޓަންކޮށް ބެލެހެއްޓުން.
22. ދިވެހިރާއްޖޭގައި ޓެކްނޯލޮޖީގެ ޚިދުމަތްތައް ކުރިއެރުވިދާނެ ގޮތްތަކާއި، ދިވެހިރާއްޖޭގެ ޓެކްނޯލޮޖީގެ ޚިދުމަތްތައް ބޭރު ދުނިޔެއަށް ފުޅާކުރެވެން ހުރި ފުރުޞަތުތައް ދިރާސާކުރުން.
23. ކުރިއަރަމުން އަންނަ ޓެކްނޯލޮޖީތަކާއި (އިމަރޖިންގ ޓެކްނޮލޮޖީސް) ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދައުލަތުގެ މުވައްޒަފުންނާއި ރައްޔިތުން ހޭލުންތެރިކުރުމުވުގެ ޕުރޮގުރާމުތައް ހިންގުން.
24. ދައުލަތުގެ އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ލަފައާއި މަޝްވަރާދިނުން.
(ވ) ނޭޝަނަލް ކެރިއަރސް ސަރވިސްގެ މަސައްކަތްތައް
1. ވަޒީފާދޭ ފަރާތްތަކާއި، ދިވެހީންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުން.
2. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުޞަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
3. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ-ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެކިއެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި، ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތުތައް ބޭނުންކުރުމުގައި އެހީތެރިވުން.
4. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި، އިރުޝާދުދެވޭނެ ގޮތްތައް ރާވައި ހިންގުން.
5. މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހީން، އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި، މަސައްކަތަށް އަހުލުވެރިކުރުމަށް ޓަކައި ޕުރޮގުރާމުތައް ރާވައި ހިންގުން.
6. ސްކޫލްތަކުގައި ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ދިނުމުގެ ނިޒާމެއް ސްކޫލްތަކާ ގުޅިގެން ގާއިމުކޮށް، ސްކޫލް ދަރިވަރުންނަށް ކެރިއަރ ގައިޑެންސްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުން.
7. ވަޒީފާގެ ފުރުޞަތުތަކާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތައް ރާވައި ހިންގުން.
8. ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާ ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
9. ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލަ ޖަމުޢިއްޔާތަކާ ގުޅިގެން އެމްޕްލޯއިމަންޓް ސަރވިސަސް ފުޅާކުރުމަށް މަސައްކަތްކުރުން.