بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވާދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ވާދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުން، ރ. އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި މެންބަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ވާދުއަށް މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ވަފްދު އައުމުން، ތިޔަ ހުރިހާ ބޭފުޅުން ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި އަޅުގަނޑު ތިޔަ ދެއްވި މަރްޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ވާދުއަކީ މީސްކޮޅު ކިތަންމެ މަދު ރަށެއް ކަމުގައިވިނަމަވެސް، މިވޭތުވެދިޔަ ކުޑަ ހިނދުކޮޅުގެ ތެރޭގައިވެސް އަޅުގަނޑަށް ޔަޤީންކުރެވިގެންދިޔައީ، ވާދޫގެ ރައްޔިތުންނަކީ އަދި ޚާއްޞަކޮށް، ވާދޫގެ ޒުވާން ކައުންސިލަރުންނަކީ ވަރަށް އުފެއްދުންތެރި އަދި ވަރަށް ޚިޔާލު ތަނަވަސް، ވަރަށް އުންމީދީ ބޭފުޅުންކޮޅެއްކަން. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް މިރަށުން މި ފެނިގެން މި ދިޔައީ، ވާދޫގެ ތަރައްޤީއަށްޓަކައި އެބޭފުޅުން ދެކެވަޑައިގަންނަވާ ހުވަފެން. އަދި ވާދޫގެ ކުރިމަގުގެ ތަޞައްވުރު. އަޅުގަނޑު އެކަމަށްޓަކައި ވަރަށް އުފާކުރަން. އެއީ، ތަނަކަށް ކުރިއެރުމާއި ތަރައްޤީ މި އަންނަނީ، ފުރަތަމަ އެކަމުގެ ޚިޔާލެއް އުފެދިގެން. އެ ޚިޔާލު އެބައެއްގެ ސިކުނޑިތަކުގައި އުފެދި، އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެން. ފުރަތަމަ ކަމަކީ ޚިޔާލު އުފެދުން. އެހެންވީމާ، އެކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ދެން ޖެހޭނީ މަސައްކަތް ކުރަން. އަޅުގަނޑު ދަންނަވަން، އެމަސައްކަތުގައި ﷲ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނާއެކު އޮތީ މަސައްކަތް ކުރަން.

އަޅުގަނޑުގެ ވަރަށްބޮޑު އުންމީދެއް، މި ރީތި މާޙައުލަށް އިތުރު ތަރައްޤީއާއި، މިރަށުގެ ރައްޔިތުންނަށް ފާގަތި، އުފާވެރި ދިރިއުޅުމެއް ހޯދުމަކީ. އަޅުގަނޑުގެ ޔަޤީންކަން ވަރަށްބޮޑު. ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވާ ގޮތަށް، މިރަށަށް، މިރަށުގެ ސަރަޙައްދަށް ކުރިއެރުމެއް ގެނެވިދާނެ ކަމަށް. އެއީ، އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އޭގެތެރެއިން އެއްކަމަކީ، މިކަން މި ތަޞައްވުރު ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުން. އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ، މިކަމަށް ތަރުޙީބުދޭ، މިގޮތަށް ވިސްނުންހުރި އިންވެސްޓަރުންތަކެއް ހޯދުމަށްޓަކައި އަޅުގަނޑުވެސް މިހުރީ ތިޔަބޭފުޅުންނާއެކީ މަސައްކަތް ކުރަން.

އާދެ! ކޮންމެއަކަސް މިރަށަކީ މިއީ ތަރައްޤީގެ ގޮތުން ވަރަށްގިނަ ކަންތައްތަކެއް އަދި ކުރަން ޖެހިފައި އޮތް ރަށެއް. ޚާއްޞަކޮށް، މިރަށުގެ ރައްޔިތުންގެ ޟަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި އަސާސީ ޚިދުމަތްތަކެއް ބޭނުންވެފައިވަނީ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ބެލިޔަސް، އެބަ ބޭނުންވޭ މިރަށަށް، ބޯފެނުގެ ފުދުންތެރިކަން ހޯދަން. މިރަށަކީ ހަމަ ކޮންމެ އަހަރަކުވެސް ބޯފެނަށް ދަތިވާ ރަށެއް. އެހެން މިވަނީ ބޯފެނުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރެވިފައި ނެތީމަ. ދެން އަޅުގަނޑަށް މިރަށުގެ ކައުންސިލަރުންގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުން، އަދި މިރަށުގައި ބޯފެން، ވާރޭފެން ނެގޭނެ އިތުރު ތާނގީތަކެއް ލިބިއްޖިއްޔާ، އަޅުގަނޑުމެންނަށް މިރަށަށް ކޮންމެ އަހަރަކު ބޯފެން، ބޭރުން ނުގެނެސް ފުއްދޭވަރުވެސް ކުރެވިދާނެ. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑު މިހުރީ ކައުންސިލާއެކީގައި މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ، މިރަށަށް ބޯފެނުގެ ފުދުންތެރިކަން ހޯދައިދިނުމަށް.

އާދެ! ދެން ހަމައެއާއެކީގައި އަޅުގަނޑަށްވެސް ރަނގަޅަށް އިޙްސާސް ކުރެވޭ، ބަލިމީހުން ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި، މަރުކަޒަށް ގެންދިޔުމަށްޓަކައި، ގެއިން ހޮސްޕިޓަލަށް ނޫނީ މަރުކަޒަށް ގެންދިޔުމުގައި އެމްބިއުލެންސެއް ނެތުމަކީ އެއީ، ވަރަށް އުނދަގޫ ކަމެއް. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިރަށަށް އެމްބިއުލެންސެއް ހޯދައިދިނުމަށް މަސައްކަތް ކުރާނަން.

އާދެ! ދެންވެސް އަދިވެސް ކުރެވޭނެ ކަންތައްތައް އެބަހުރިހެން އަޅުގަނޑަށް ހީވަނީ. އެހެންވީމާ، މިކަންކަން ވަރަށް ރަނގަޅަށް ނޯޓް ކުރައްވާތި، އަޅުގަނޑާއެކު ވަޑައިގެންނެވި ބޭފުޅުން. މިރަށުގައި އަޅުގަނޑު ވަރަށް އުފާވެއްޖެ، މިރަށުގެ ޒުވާނުންތަކެއް ލޯންޗް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ. އެއީ ވަރަށް އަގުހުރި މަސައްކަތެއް. ވަރަށް އުފެއްދުންތެރި މަސައްކަތެއް. ރަށަށް ވަރަށްބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑު ފެނަކާއާ ވާހަކަ ދައްކާނަން. ފެނަކާގެ ފަރާތުން އެ ލޯންޗް ބަނުމުގެ މަސައްކަތްކުރާ ތަނަށް ކަރަންޓް ލިބޭނެގޮތް ހަދައިދޭން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމާ އަޅުގަނޑު އުޅެދޭނަން.

އާދެ! މިދެންނެވީ މިހާރުން މިހާރަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަން. އެހެންވީމާ، އެކަންކަން ކުރެވޭތޯ ފުރަތަމަ ބަލަމާ ހިނގާ. ދެން އޭގެއިތުރުން، އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަހަރު ބޯޅަދަނޑު ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުގައިވާނީ އެކަމަށް ކަނޑައެޅިފައި ދެލައްކަ ފަންސާސްހާސް ރުފިޔާ. ބޯޅަދަނޑުގެ ވަށާފާރުލުމާއި ޖެހުމާ. އެހެންވީމާ، އެމަސައްކަތް ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން ހަމައެއާއެކީގައި، އަޅުގަނޑުމެން އެބަޖެހޭ ދެންވެސް ހުރި އެހެން ކަންކަމާ ދޭތެރޭގައި ވިސްނައި، އެކަންކަން ކުރެވޭނެ ގޮތްތައް ހޯދަން. އެގޮތުން ނަރުދަމާގެ މަސައްކަތްވެސް މިއޮތީ ކުރަން ޖެހިފައި. މިއަހަރު މިރަށު ނަރުދަމާ އެޅޭނެއެކޭ އަޅުގަނޑަކަށް ޔަޤީންކޮށް ދަންނަވާކަށް ނުކެރޭނެ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެކަންވެސް ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކޮށްދޭނެ.

އާދެ! އަޅުގަނޑު ވަރަށް އުފާކޮށްފިން، މިރަށުގެ އާބާދީއަކީ ވަރަށް ޞުލްޙަވެރި، ވަރަށް އެކުވެރި އާބާދީއަކަށްވާތީ. މިރަށަކީ ވަރަށް އަމާން ތަނަކަށްވާތީ. ރާއްޖޭގެ އެހެނިހެން ރަށްރަށާ ޚިލާފަށް، މިރަށުގައި ކުށްކުރުން ނެތޭ ދެންނެވިޔަސް އެންމެ ރަނގަޅު. އަދި ހަމައެހެން، މިރަށުގައި މަސްތުވާތަކެތި ބޭނުންކުރުމެއްވެސް ނެތް. އެބާވަތުގެ ނޭދެވޭ ކަންކަން މިރަށަށް ތަޢާރުފުނުވެ، މިހެން އޮތްކަން މިއީ، އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވާންޖެހޭނެ ކަމެއް. اللّـه سبحـانـه وتعـالى އަށް އެކަމާ ޙަމްދުކުރަންޖެހޭނެ ކަމެއް. އެގޮތަކަށް ނޫން މިހާރު މި ރާއްޖޭގެ ގިނަ ރަށްރަށް އޮތީ. ވަރަށް ނުރައްކާތެރި ޙާލަތުގައި ހުރި ބައެއް ތަންތަންވެސް އެބަހުރި. މާރާމާރީ ކަންތައް ގިނަވުމާއި، މަސްތުވާތަކެތީގެ ކަންތައް ގިނަވުމާއި، މިހެންގޮސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހިފައި ހުރި ތަންތަން އެބަހުރި. އެހެން ނަމަވެސް، އިރާދަކުރެއްވީތީ މިރަށް އޮތީ އަދި ސަލާމަތުން. އެހެންވީމާ، އެގޮތުގައި އަމާންކަންމަތީގައި، ޞުލްޙަވެރިކަމާއެކީގައި އަބަދަށްވެސް މިރަށް އޮތުމަށް އެދި އަޅުގަނޑުމެން ދުޢާކުރަން.

އާދެ! ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު އަންނަމުން މިދަނީ. މިފަދަ ކުދިކުދި އާބާދީ ދިރިއުޅޭ ރަށްރަށުގައި ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަން ދެމެހެއްޓިފައި އެބަހުރި. އެހެން ނަމަވެސް، ބޮޑެތި ރަށްރަށުގައި އެއާ ޚިލާފަށް ބައިބައިވުމާއި، ބޮޑެތި ތަފާތުތައް ފެނިގެން އެބަދޭ. އަޅުގަނޑުމެންގެ ޤައުމަކީ ދުނިޔޭގެ ނިސްބަތުން ހަމަ ވަރަށް ކުޑަކުޑަ ޤައުމެއް. ހަމަ މި ކުޑަކުޑަ ރަށް ފަދައިން، އަޅުގަނޑުމެންގެ މުޅި ރާއްޖެއަކީވެސް މިދެންނެވިހެން ދުނިޔޭގެ ނިސްބަތުން ހަމަ ކުޑަ ޤައުމެއް. ހަމަ މިރަށުގައި މި ޞުލްޙަވެރިކަމުގައި، މި އަމާންކަމުގައި މިއުޅެވޭ ފަދައިން، އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައިވެސް ހަމަ އެ ޞުލްޙަވެރިކަމާއި އަމާންކަމުގެ ތެރޭގައި އުޅެވިދާނެ. އަދި މާޒީވެދިޔަ ތާނގައި އަޅުގަނޑުމެންގެ ކާބަފައިން އުޅެފައިވެސް އޮތީ އެގޮތަށް. އެހެންވީމާ، އެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަމާންކަން ދެމެހެއްޓުމަށްޓަކައި މިހާރުވެސް އަޅުގަނޑުމެން އެބަޖެހޭ ކެނޑިނޭޅި މަސައްކަތްކުރަން.

އަންނަ ބަދަލުތައް ކިތަންމެ ބޮޑު ކަމުގައިވިނަމަވެސް، އެބަދަލުތައްވެސް އެބަޖެހޭ އަޅުގަނޑުމެންނަށް ހެޔޮވަރުކުރަން. އަދި އަޅުގަނޑުމެން އެބަޖެހޭ، އެ ބަދަލުތަކަށް ހެޔޮވަރުވާންވެސް. އެދެފަރާތުންވެސް މަސައްކަތް ކުރަން އެބަޖެހޭ. ތެދެއް، އަޅުގަނޑުމެންގެ ރާއްޖެއެއް އަބަދަކު އެއްގޮތަކަށް ނޯންނާނެ. އަދި އަޅުގަނޑުމެން ބޭނުމެއްވެސް ނޫން، އަބަދު އެއްގޮތަކަށް ބާއްވާކަށްވެސް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅު ކަންތައްތައް، ރަނގަޅު އާދަކާދަތައް، ރަނގަޅު އަޚްލާޤީ މިންގަނޑުތައް އަޅުގަނޑުމެން ޖެހޭނެ ދަމަހައްޓަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ސަމާލުވެ ތިބުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

ރާއްޖެއަށް މިއަންނަ ބަދަލުތަކުގެ ތެރޭގައި، އެއްކަމަކީ އަޅުގަނޑުމެންގެ ތެރެއަށް ތަފާތު ސިޔާސީ ފިކުރުތައް ވަދެ، ސިޔާސީގޮތުން ކުރިއަށް ދިޔުމަކީ އެއީ ވާދަވެރިވެ، އެއްބަޔަކު އަނެއް ބަޔަކާ ތޮޅުން ކަމުގައި މިހާރު ވިސްނެމުން އެބަދޭ. އެކަމަކު އެހެންވާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި މީގެކުރިންވެސް ހަމަ ވެރިންވެސް ހަމަ އިންތިޚާބުވެސްކުރި. އަޅުގަނޑުމެންގެ ތެރޭގައި މަޖިލީހުގެ މެންބަރުންވެސް ހަމަ އިންތިޚާބުކުރި. އެކަމަކު އަޅުގަނޑުމެންގެ ތަފާތު ބޮޑުވެގެން ގޮސް، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަކަށް ނުދޭ. އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް ބޮލަށްއަރާ ހިސާބަކަށްނުދޭ. އެހެން ނަމަވެސް، އެ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިއައީ ފަހަކަށްއައިސް. ނަމަވެސް، އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް ދިމާވި ދަތިތައްވެސް މިހާރު އަޅުގަނޑުމެންނަށްވަނީ ކޮންމެވެސްވަރަކަށް އެއްކައިރި ކުރެވިފައި، ތަޖުރިބާ ކުރެވިފައި.

ވީމާ، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހަށް ކޮންމެވެސްވަރެއްގެ ހަމަހިމޭންކަމެއް އަންނަމުންދާކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ދުނިޔެއަށް މިއަންނަ ބަދަލުތަކަށް ތަޞައްރުފް ފުދި، އަޅުގަނޑުމެންގެ މުސްތަޤްބަލް ޞުލްޙަވެރިކަމާއި އަމާންކަމާއެކީގައި ކުރިއަށް ދިޔުމުގެ ޤާބިލްކަން އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދާނެ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން މަސައްކަތް ކުރަންވީ، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންކަން ކުރިކަމުގައިވިނަމަވެސް، އެހެން މީހުން ބޭނުންވާ ގޮތްތަކަށް ހުރަސްނާޅައި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށްގެން އުޅެވޭނެ މާޙައުލެއް އުފެއްދުމަށް.

ކުރިއަށް އޮތީ އިންތިޚާބުގެ މޫސުން. މިހާރު އެބައޮވޭ ދެ އިންތިޚާބު. އަންނަ އަހަރު އެބައޮވޭ، އަނެއްކާ އަނެއް ބޮޑު އިންތިޚާބު. އެހެންވީމާ، މި ކުރިއަށް އޮތް އަހަރެއްހާ ދުވަސް މިއީ އަޅުގަނޑުމެން ރާއްޖޭގައި ވަރަށް ބޮޑަށް ވާދަވެރިކަން އުފެދިގެންދާނެ ދުވަސްވަރެއް. އެހެންނަމަވެސް، އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަން އެބަޖެހޭ، އެ ވާދަވެރިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމުގައި ހަމަނުޖެހުން އުފެދުނަ ނުދީ، ޞުލްޙަވެރިކަމާއެކު ކުރިއަށް ދެވޭނެގޮތެއް ހޯދަން. އަޅުގަނޑަށް މިހާރު އެކަމުގެ ވަރަށްބޮޑު އުންމީދެއް ލިބެމުންދަނީ. އެ އުންމީދަކީ އަޅުގަނޑުމެންގެ ޒުވާނުންނަށްވެސް މިހާރު ރަނގަޅަށް އިޙްސާސް އެބަ ކުރެވޭ، މި ޤައުމުގެ މުއްސަނދިކަމެއްވެސް އަޅުގަނޑުމެންނަށް ލިބެން އަންނަނީ، އޭގެ ބޭނުމެއްވެސް އަޅުގަނޑުމެންނަށް ހިފެން އަންނަނީ، މި ރާއްޖޭގައި ޞުލްޙަމަޞްލަޙަތު ފުރަތަމަ ޤާއިމުކުރެވިގެންކަން. ރާއްޖޭގައި ހަމަހިމޭންކަމާއި ސަލާމަތްކަން، ހުރިހާ އެންމެންނަށްވެސް އޮވެގެންކަން. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ކުރިއަށް ދެވޭކަށް.

މިހާތަނަށްވެސް މިވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ އިޤްތިޞާދު ހަލާކުނުވެ، އަޅުގަނޑުމެންގެ ޤައުމަށް ރަނގަޅު އާމްދަނީއެއް ލިބިގެން ކުރިއަށް މިދެވެނީ، ޤައުމުގައި ޞުލްޙަމަޞްލަޙަތު އޮވެގެން. ހަމަހިމޭންކަން އޮވެގެން. އަޅުގަނޑުމެންގެ ތެރޭގައި އިތުރު ހަމަނުޖެހުން ނުއުފެދޭތީ. އެހެންވީމާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް އަޅުގަނޑަށް އުންމީދު ކުރެވޭ، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންވެސް އެގޮތުގައި ޞުލްޙަވެރިކަމާއެކީގައި ކަންކަން ކުރިއަށް ގެންގޮސްދެއްވާނެކަމަށް.
ދެން ޝައްކެއްނެތް، ކޮންމެވެސްވަރެއްގެ ވާދަވެރިކަމެއް އުފެދޭނެ. އެކަންވެސް ކުރެވޭނެ ގޮތްގޮތް ހުންނާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައި އޮތް މަޒާޖީ ގޮތްތައްވެސް ހުންނަ، އަޅުގަނޑުމެންގެ އެކަކު އަނެކަކާ ދޭތެރޭގައި ލޯތްބާއި ކުލުނުވެސް ހުންނަ މީހުންތަކެއް ހަމަ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެކަން ރަނގަޅަށް ގެންދެވޭނެ ގޮތްތައް އުފައްދަން، ހޯދައިގަންނަން.

އާދެ! މިކަން މިހެން ކުރިއަށްދާއިރުގައި، އަލަށް ކަމެއް ކުރަން އުޅޭ ބަޔަކަށްވާތީ، އެކަމުގައި ދިމާވާ ބައެއް ދަތިތައްވެސް ހުންނާނެ. އަލަށް ކަމެއް ކުރާ ވާހަކަ މިދަންނަވަނީ، އަޅުގަނޑުމެންގެ ތެރެއަށް އާ ވައްތަރެއްގެ ސިޔާސީ ނިޒާމެއް ގެނެސްގެން އުޅޭ ބަޔަކަށްވާތީ. އާ ވައްތަރެއްގެ ނިޒާމަށް މި ކިޔަނީ ޑިމޮކްރަސީއޭ. އެ ޑިމޮކްރަސީ ގެންނާނެ ގޮތް ކަނޑައަޅާ ގޮތަށް މިއޮންނަނީ އަޅުގަނޑުމެންގެ ދުސްތޫރުގައި. އެހެން ނަމަވެސް، އެ ދުސްތޫރަކީ އަދި ވަރަށް އާ ދުސްތޫރެއް. ވަރަށް އާ ވާހަކަތަކެއް އޭގައި ހުރީ. އޭތި ކުރިން ދެންނެވިހެން އަޅުގަނޑުމެންނަށް އެބަޖެހޭ ހެޔޮވަރުކުރަން. ބައެއްފަހަރަށް ހެދުން އެއްޗެހި ފަހާއިރުގައިވެސް ހުރޭ ތަންކޮޅެއް ބޮޑުވެފައިވެސް. ނޫނީ ތަންކޮޅެއް ކުޑަވެފައިވެސް. އެހެންވީމާ، އެހެން އެކަހަލަ ހެދުމެއް ލައިގެން އުޅޭއިރުގައި އެހާ ފަސޭހައެއް ނުވާނެ. އޭތި އެބަޖެހޭ ހެޔޮވަރުކުރަން. އެހެންވީމާ، ޤާނޫނުއަސާސީއަށްވެސް އެބަޖެހޭ ބައެއް ބަދަލުގެންނަން. އަދި މިހާރު އޮތް ޤާނޫނުއަސާސީގެ ދަށުން ހެދޭ ޤާނޫނުތައް ހަދާއިރުގައިވެސް އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް ހެޔޮވަރު ޤާނޫނުތަކެއް ހަދަން. ހެޔޮވަރޭ މިދެންނެވީ އަޅުގަނޑުމެންގެ މާލީ ޙާލަތުވެސް އެއަށް ތަންދޭ، އަޅުގަނޑުމެންގެ އާދަކާދަތައްވެސް އެކަމަށް ތަންދޭ އަދި އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކުރާ އުންމީދުތަކަށްވެސް ތަންދޭ އެއްޗަކަށްވާން އެބަޖެހޭ. އެހެން ނަމަވެސް، އެ ޤާނޫނުއަސާސީގެ ދަށުން މަސައްކަތްކުރާއިރުގައި، އެކިއެކި ފަރާތްތަކުން އެކުރައްވާ މަސައްކަތުން، އެއްފަރާތަކުން ކުރަމުންދާ މަސައްކަތުން އަނެއް ފަރާތަކަށް ވަރަށް ބޮޑަށް އަސަރުކޮށް، ދޭތެރޭގައި ހަމަނުޖެހުން އުފެދޭގޮތް އެބަ ދިމާވޭ. އެހެންވެސްވާނެ. އެކަމަކު އަޅުގަނޑުމެން އެބަޖެހޭ ކެތްތެރިވާން. ކެތްތެރިވެގެން ބައެއްފަހަރު އެބަޖެހޭ ގޮތްދޫކުރަންވެސް. މިހާރު އެނގިވަޑައިގަންނަވާނެ، މިސާލަކަށް، އަޅުގަނޑު ކުރަންޖެހޭ ކަންކަން ކުރުމުގައި، އެކަންކަން ހިންގާއިރުގައި، އެކަން ނުކުރެވޭ ގޮތަކަށް އެހެން ބަޔަކު ކަންތައް ކުރަން އުޅުމަކީ، އެއީ ވަކިމީހަކަށް އަމާޒުކޮށްގެން ކުރެވޭ ކަމަކަށް ވެގެންނުވާނެ. އަޅުގަނޑަކީ ކޮންމެ ރަށެއްގެ ކޮންމެ މީހެއް ކަމުގައިވީނަމަވެސް، މިއަދު އަޅުގަނޑު މިހުރީ ވަކި މަޤާމެއްގައި. އެހެންވީމާ، ޤާނޫނުއަސާސީގެ ތެރޭގައި އެ މަޤާމަށް ދެވިފައިވާ ބާރާއި، އިޙްތިރާމާއި، އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވިގެން، މުޅި ނިޒާމު ފުރިހަމަވާނީ.

އެހެންވީމާ، އެ މަޤާމުގައި މިސާލަކަށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރީމާ، އެހެން ކަންކަންވެސް ފުރިހަމަވެގެންދާނީ. ހަމައެހެން، ޤާނޫނުހަދާ މަޖިލިސްވެސް އަދި ފަނޑިޔާރުގެވެސް. ފަނޑިޔާރުގެއިން ކުރަންޖެހޭ ކަންކަން ކުރީމާ، އެކަންކަން އެއީ ނުކުރެވޭ ކަމަކަށް ބުނެގެން، ނޫނީވިއްޔާ މަޖިލީހުން ޤާނޫނެއް ހެދީމާ، އެ ޤާނޫނު އެއީ ގޯސް ޤާނޫނެއް ކަމަށް ހެދިގެން، އެ ގޮތްދޫނުކޮށް ހިފަހައްޓައިގެން ތިބުމަކީ އެއީ، ރަނގަޅު ގޮތެއް ނޫން. ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ބާރުތައް، އެކިފަރާތްފަރާތަށް އެކިވަރަށް ދެވިފައި މިހިރީ. އެހެންވީމާ، އެކަން އެގޮތަށް އަދާކުރުމަށް އެކިއެކި މުއައްސަސާތަކަށް އަޅުގަނޑުމެން އެބަޖެހޭ ތަންދޭން.

މިއަދު މިސާލަކަށް ދަންނަވަންޏާ، ޤާނޫނުއަސާސީއާ ބެހޭގޮތުން މައްސަލައެއް އުފެދިއްޖިއްޔާ، އެ މައްސަލަ ސާފުކުރަން، އެ މައްސަލައިގައި ގޮތެއް ނިންމުމަށް އަޅުގަނޑުމެންނަށް މިއަދު ދާން މިޖެހެނީ ސުޕްރީމް ކޯޓަށް. އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ދުސްތޫރީ ކޯޓެއް. އެތަނަށް މި ދާން ޖެހެނީ. ގޮސް އެތަނުން ނިންމާ ނިންމުމަށް އަޅުގަނޑުމެންޖެހޭ އެބަ އިޙްތިރާމް ކުރަން. އަޅުގަނޑުމެންނަށް އަދި އެންމެ ރަނގަޅު ގޮތަށް އެކަން ނުނިމުނު ކަމުގައިވިނަމަވެސް، ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއްގައި ނިންމާ ނިންމުމަކީ އެއީ، އެންމެފަހުގެ ނިންމުން. އެކަން ޤާނޫނުއަސާސީގައި އެގޮތަށް ކަނޑައެޅިފައި އޮތީ. ދެން އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެކަން ގަބޫލެއް ނުކުރާނަމޭ، ތިމަންނަމެން އެކަން ގަބޫލެއް ނުކުރަމޭ، އެހެން ގޮތަކަށޭ އެކަން ކުރަންވާނީ، ކިޔައިގެން އުޅެން ފެށީމަކާ، އަޅުގަނޑުމެން މި ހަދާފައި އޮތް ޤާނޫނުއަސާސީ، އެ ހިންގަންވާގޮތަކަށް ނުހިނގާނެ.

އަޅުގަނޑުމެން އެބަޖެހޭ ކެތްތެރިވާން. އަޅުގަނޑުމެން އެބަޖެހޭ ދޫކުރާން. މި ޤައުމުގެ މަޞްލަޙަތާއި، މި ޤައުމުގެ ޞުލްޙަ މާ މުހިންމޭ، އަޅުގަނޑުމެންގެ އެކަކު ދެމީހަކަށްވުރެން. އަދި އަޅުގަނޑުމެންގެ ޢިއްޒަތާއި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްވުރެ މާ މުހިންމު އަޅުގަނޑުމެންގެ ޤައުމު. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ދޫކުރަން. ޤައުމީ ފެންވަރެއްގައި އެކަން ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ހަމައެގޮތަށް އަޅުގަނޑުމެންގެ ރަށްރަށުގެ ފެންވަރުގައިވެސް، އަޅުގަނޑުމެންނަށް އެބަޖެހޭ، ހަމަ މި އުސޫލުން ކަންކަން ކުރަން. އަޅުގަނޑުމެން އެބަޖެހޭ އެއްބަޔަކު އަނެއް ބަޔަކަށް ދޫކުރަން. އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރަން. އަޅުގަނޑުމެންގެ ރަށްވެސް، އަޅުގަނޑުމެންގެ އަތޮޅުވެސް، އަޅުގަނޑުމެންގެ ޤައުމުވެސް ހަމަޖެހޭ ތަނެއް ކަމުގައި ހަދަން. މުސްތަޤްބަލެއް އޮތް ތަނަކަށްވާން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން މިހާރަށްވުރެ ބޮޑަށް ވިސްނައި، ކެތްތެރިވެ، އެއްބަޔަކު އަނެއް ބަޔަކަށް ދޫކޮށް، އިޙްތިރާމް ކުރުމުގެ އާދަކާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމަކީ އެއީ، ޤައުމުގެ ސަލާމަތާއި މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، އަޅުގަނޑާ އެކީގައި މަސައްކަތް ކުރަން ތިބި ހުރިހާ އެންމެންވެސް ގޮވައިގެން. އެހުރިހާ އެންމެންނާ އެކީގައި މި މަސައްކަތް ކުރަމުން މިގެންދަނީ. ދެން ތެދެއް، ބައެއްފަހަރު އެކިބޭފުޅުން ކުރައްވާ މަސައްކަތް، އަނެއް ބޭފުޅަކު ކުރައްވާ މަސައްކަތާ ނުގުޅިވެސް އެބަދޭ. އަދި ބައެއްފަހަރު ބައެއް ބޭފުޅުން ދިމަދިމާއަށްވެސް އެބަ ބައްލަވާ. އެހެންނަމަވެސް، އެގޮތުން މިހާރު ދިމާވާ އުނދަގުލަކަށްވުރެ، އަޅުގަނޑުމެން އެންމެން އެކީގައި އުޅެގެން، މިނެރެވޭ މަޑުމައިތިރިކަމާއި، ޞުލްޙަމަޞްލަޙަތު މިވަގުތު އަޅުގަނޑު ދެކޭގޮތުގައި ޤައުމަށް މާ މުހިންމު. އެހެންވީމާ، އަޅުގަނޑުމެން ބޭނުން ސްޕީޑެއްގައި، އަވަސް ދުވެއްޔެއްގައި ތަރައްޤީގެ ކަންކަން އަދި މުޅިން ނުކުރެވުނު ކަމުގައިވިނަމަވެސް، މިކަހަލަ ބޮޑެތި ސިޔާސީ ބަދަލުތައް ޤައުމަށް އަންނަމުންދާއިރުގައި، މިވަގުތު އެންމެ މުހިންމު ކަމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޤައުމުގައި ހަމަޖެހުމެއް އޮތުން. ސަލާމަތްކަމެއް އޮތުން. އަމާންކަމެއް އޮތުން. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދުވެސް އަދި ކައިރި މުސްތަޤްބަލުގައި މާދަމާވެސް އަޅުގަނޑުމެން މިޖެހެނީ އެންމެން އެކީގައި މަސައްކަތް ކުރަން. އެކިދިމަދިމާއަށް ވިސްނުން ގޮސްގެން، ވާދަވެރިކަމާއެކީގައި، އެއްބަޔަކު އަނެއް ބަޔަކު ހަލާކުކޮށްލުމަށް މަސައްކަތް ކުރުމަކީ އެއީ، މި ޤައުމު ޞުލްޙަވެރިކަމާއެކީގައި ކުރިއަށް ގެންދިޔުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށް ނުެކެން.

އާދެ! އެހެންވީމާ، އަޅުގަނޑު ފުރަތަމަ ދުވަހުން ފަށައިގެން، ތަފާތު ޕާޓީތަކާ އެކީގައި މަސައްކަތް ކުރަމުން މިއަންނަނީ. އަދި ކުރިއަށް އޮތް ތާނގައިވެސް ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހިރީ ހުރިހާ ޕާޓީތަކާ އެކީގައިވެސް މަސައްކަތް ކުރަން. މިގޮތުން، މަސައްކަތް ކުރަމުންދާއިރުގައި، ހުރި އެކިއެކި ދަތިތައްވެސް އެބަހުރި. އެހެން ނަމަވެސް، ހުރިހާ ރައްޔިތުންނަށްވެސް އިންޞާފުވެރިކަމާއެކީގައި، ހަމަހަމަކަމާއެކީގައި ކަންތައް ކޮށްދިނުމުގެ ގޮތުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ހަމަ ހުރިހާ ބޭފުޅުންނަށްވެސް ލިބިދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. ކުރަންހުރި ބައެއް ބޮޑެތި ކަންތައް ނުކޮށްވެސް. އެގޮތުން، ރައްޔިތުންނަށް ލިބިދޭންޖެހޭ އެކިއެކި ޢިނާޔަތްތައް ބަރާބަރަށް ދެވޭތޯ އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން.

އެހެންވީމާ، މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެގޮތަށް މަސައްކަތް ކުރެވިގެން މިދަނީ. އަދި ހަމައެހެން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، ތަކެތި ހޯދުމުގައި އަޅުގަނޑުމެން މިގެންދަނީ، އެކަމަށް އެންމެބޮޑު ސަމާލުކަމެއްދީގެން، ތަކެތި ލިބޭނޭގޮތަށް، އެ ޚިދުމަތްތައް ލިބޭނޭގޮތަށް މަސައްކަތް ކުރަމުން. ނަމަވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު މިއޮތީ ހަމަ ކޮންމެ ރަށެއްގައިވެސް ނަރުދަމާވެސް އަޅަން ޖެހިފައި. މިވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް ހަމަ އޮތޭ ނަރުދަމާ އަޅަންވެފައި. އެހެން ނަމަވެސް، ވަރަށްމަދު ރަށެއްގައި ނޫނިއްޔަކާ ނެތް ނަރުދަމާ އެޅިފައެއް. އަދި އަމުދުން ނަރުދަމާއެއް އެޅި ރަށެއްގައިވެސް މާލެ ފިޔަވައި ގިނަ ތަންތާނގައި ނަރުދަމާ އަޅާފައި ހުރީ އެރަށްރަށުގެ ރައްޔިތުން އަމިއްލައަށް. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ އުންމީދުތައް މިހުރީ، ހަމަ ކޮންމެ ރަށެއްގައިވެސް ހަމަ ސަރުކާރުގެ ފަރާތުން ނަރުދަމާވެސް އަޅަން. އަޅުގަނޑުގެ ކުޑަވެސް ޝައްކެއްނެތް. ﷲ އިރާދަކުރެއްވިއްޔާ، މި ޞުލްޙަމަސަލަސްކަންމަތީގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަމަށްވާނަމަ، ކުރިއަށް އޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުންނާނީ ނަރުދަމާ އެޅިފައި. އެކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކުރެވޭނެ. އެކަމަކު އެކަން ކުރެވޭނީ، އަޅުގަނޑު މިދެންނެވި ގޮތަށް، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ޤައުމު، އަޅުގަނޑުމެންގެ ތަފާތުތައް، ފިކުރުތަކުގެ މައްޗަށް މުޅި މި ޤައުމު، ޤައުމުގެ ފިކުރު، ޤައުމުގެ ތަރައްޤީގެ ފިކުރު، މި އުންމަތުގެ އާދެ! އެއްބައިވަންތަކަމުގެ ފިކުރު، ޤައުމިއްޔަތުގެ ފިކުރު، އިސްލާމްދީނުގެ ފިކުރު އިސްކުރުން. އޭރުން ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ކަންތައް ހާސިލުކުރެވޭނެ. އަޅުގަނޑުމެންގެ ޤައުމަކީ ތަރައްޤީވެފައިވާ، އަޅުގަނޑުމެންގެ ރައްޔިތުންނަކީ ބޭނުންތެރި، ހުރިހާ ކަންކަމެއް ފުރިހަމަވެފައި ތިބި، އަސާސީ ޚިދުމަތްތައް ފުރިހަމައަށް ލިބޭ ޤައުމެއް ކަމުގައި އިރާދަކުރެއްވިއްޔާ ވާނެ.

އަޅުގަނޑު އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން، އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، މިރަށުގެ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީވެސް އުފާވެރިކަމާއެކީގައި، ފާގަތި ދިރިއުޅުމެއް އުޅުއްވާ ރައްޔިތެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________