بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

އަލިފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން، އަލިފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް، އަދި މިއަތޮޅު ކައުންސިލްގެ ރައީސް، ކައުންސިލްތަކުގެ ހުރިހާ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޒުބައިރު، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުވެސް ފުރަތަމަ، އަޅުގަނޑުމެން މިރަށަށް އައުމާއެކީގައި، މިރަށުގެ ތިޔަ ލޮބުވެތި ރައްޔިތުން، ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އަދި އެއަށްފަހުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. މި ސްކޫލް މިދިޔަ އަހަރުގެ ތެރޭގައި ވަރަށްބޮޑު ކާމިޔާބެއް ހޯދައިފި. ސަބަބަކީ ކުރީ އަހަރަށްވުރެ މި ސްކޫލްގެ އިމްތިޙާނުގެ ނަތީޖާ ރަނގަޅުވެގެންދިޔުން. އެހެންވީމާ، އެކަމަށްޓަކައި މި ސްކޫލްގެ ޕްރިންސިޕަލަށާއި، ސްކޫލްގެ ޓީޗަރުންނަށާއި، ބެލެނިވެރިންނަށް އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާއާއި މުބާރަކްބާދު އަދާކުރަން.

އާދެ! އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް، މިއަދު މި ސްކޫލްގައި 6 ކްލާސްރޫމްގެ ދެބުރި ޢިމާރާތެއްގެ ބިންގާ އެޅުމުގެ ނަޞީބު ލިބުނުކަން. މި ސްކޫލަކީ މިއީ، ވަރަށްގިނަ ދުވަސްވެފައި ހުރި ސްކޫލެއް މިހާރު. އަދި ސްކޫލަށް އެ ޢިމާރާތް ބޭނުންވެފައި އޮންނަތާ ވަރަށްގިނަ ދުވަސްވެއްޖެ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، ވަރަށް ބާޑު ސްޕީޑެއްގައި މި ސްކޫލް ޢިމާރާތް ކުރެވެމުންދާނެކަމަށް. މިހާރުވަނީ މި ސްކޫލް ޢިމާރާތް ކުރުމަށް ކޮންޓްރެކްޓަރަކާ ޙަވާލުކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން ދާދި އަވަހަށް މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ތަޢުލީމީގޮތުން ރަށުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. މިރަށުގެ ރައްޔިތުންނަކީ ވަރަށް މަސައްކަތްތެރި ހީވާގި ރައްޔިތެއް. ރަށުގައި ވަރަށް ބޮޑެތި މަސައްކަތްތައް އަބަދުވެސް ކުރެވެމުންދާ ރަށެއް. އާދެ! އެގޮތުން، ދޯނި ބަނުމާއި، ބޯޓު ބަނުމާއި އަދި މަސްވެރިކަމުގެ އެކިއެކި މަސައްކަތްތައް މިރަށުގައި ކުރެވެމުން މިދަނީ. އެހެންވީމާ، އެކަންކަންވެސް މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންދެވޭނީ، ތަޢުލީމީ ފެންވަރު މިތާނގައި ރަނގަޅުވެގެން. އެ މަޤްޞަދުގައި މިރަށުގެ ސްކޫލް ޢިމާރާތްކޮށް އަދި އޭގެއިތުރުން، މިރަށުގައި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ހަދައި، އެތަނަކީ އެއީ ޚާއްޞަކޮށް، ކިއްސަރު ވަޑާމަށް އަމާޒުކޮށްގެން ތަމްރީނު ދިނުމަށްޓަކައި ތަނެއް މިތާނގައި ޢިމާރާތް ކުރެވުނު. އެކަން ކުރެވުނުތާ ލައްކަ ދުވަސްވެއްޖެ ދެން. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް. ރަށުގެ ތަޢުލީމަށްޓަކައި މާބޮޑު މަސައްކަތެއް ދައުލަތުގެ ފަރާތުންވެސް ނުކުރެވި އަދި މިދެންނެވި މަރުކަޒު މުޅިން ހުއްޓުމަކަށް އައިސް ހުރިތަން. އެއީ، އެކަން ވެގެންވާނެ ގޮތެއް ނޫން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިތަންތަން އަދިވެސް ދިރުވައި، މިރަށުގެ ތަޢުލީމީ ކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! ހަމައެހެން، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ، ނަރުދަމާގެ ނިޒާމް ޤާއިމްކުރުން. އެއީ ރަށުގެ ފެން ތަޣައްޔަރުވުމާއި، ޞިއްޙީގޮތުން ރަށުގެ ކަންކަން ރަނގަޅު ކުރުމަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ނަރުދަމާލުން ކަމަށްވާތީ. ދެން ދަންނަވަންތޯ، މިއީ ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، ވަރަށްގިނަ ރަށްރަށުގައި މިހާރު ބޭނުންވެފައިވާ އެންމެބޮޑު ކަމަކީ ހަމަ ނަރުދަމާގެ ނިޒާމް ޤާއިމްކުރުން. އެހެންވީމާ، އެކަމަށްޓަކައި މިއަހަރު ޚާއްޞަކޮށް، އަޅުގަނޑުމެން މިގެންދަނީ، ވަރަށްގިނަ ރަށްރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމްކުރެވޭތޯ މަސައްކަތް ކުރަމުން. އެނގިވަޑައިގަންނަވާނެ، ދައުލަތުގެ ބަޖެޓުގައި ވަރަށްބޮޑެތި ކަންބޮޑުވުންތައް އެބަހުރި. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، މީގެކުރިން އެއްވެސް އަހަރެއްގައި ނަރުދަމާ ޤާއިމްކޮށްފައިނުވާ ގިނަ ޢަދަދަކަށް، ގިނަ ރަށްރަށެއްގައި މިއަހަރު އަޅުގަނޑުމެންނަށް ނަރުދަމާ ޤާއިމްކުރެވޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ. އެގޮތުން، އިރާދަކުރެއްވިއްޔާ، މިއަަހރު މިރަށުގައި ނަރުދަމާ ޤާއިމްކުރަން ފެށޭނެ.

އާދެ! ދެން ހަމައެހެން، ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، އިންޖީނުގެ މިހާރު އެހެރީ ހަމަ މީހުން އުޅޭ ގެތައް، މެދުތެރޭގައި މިހާރު އެހެރީ. ދެން ފުރަތަމަ އިންޖީނުގެ ހެދިއިރުގައި، އެވަރަށް ވިސްނާނުލެވި. ވަރަށްގިނަ ރަށްރަށުގައި ހުންނަގޮތް އެއީ. މިރަށުގައި އެކަންޏެއް ނޫން. ހަމަ ވަރަށްގިނަ ރަށްރަށުގައި އިންޖީނުގެ މިހުންނަނީ. ދެން އޭރުގައި ކުޑަގޮތަކަށް ފަށައިގެން ކޭބަލް އެޅުމާ، މިކަންކަން ކުރުމުގައި ވީހާވެސް އިޤްތިޞާދުކުރާ ގޮތަކަށް، މެދުގައި އިންޖީނުގެ ބަހައްޓައިގެން މިކަން މިކުރަނީ. އެހެން ނަމަވެސް، މިހާރު ރަށުގެ އާބާދީވެސް ބޮޑުވެ، ކަރަނޓް ބޭނުންވާވަރު ގިނަވެ، މިކަން މިހެންވުމުގެ ސަބަބުން، ބައެއް ރަށްރަށުގައި ހަމަ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުން އެބަދޭ. ހަމަ ތިޔަ ވިދާޅުވިހެން، އިންޖީނުގޭގެ ސަބަބުން ކައިރީގައި ހުންނަ ގޭގޭގައި، އެއްޗެތި ދޮވެ ހިއްކަން އަޅަން އުނދަގޫވާ ހިސާބަށް ކަންކަން ގޮސްފައި މިހުރީ. މިރަށުގައިވެސް އެހެންވެފައި މިއޮތީ. އެހެންވީމާ، މިހާރު ސަރުކާރުން ނިންމާފައި މިއޮތީ، މިރަށުގެ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރަން. ވީމާ، އެކަމުގެ މަސައްކަތްވެސް މިހާރު ހިނގަމުން އެބަދޭ. އިރާދަކުރެއްވިއްޔާ، އެކަންވެސް މިއަހަރު ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އާދެ! ދެން ތެދެއް ވަރަށްގިނަ ކަންކަން އެބަހުރި ކުރަން. އެހެން ނަމަވެސް، ހުރިހާ ކަމެއް އެއްފަހަރަކާ ނުވެސް ކުރެވޭނެކަން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންވެސް އެކަން ދެނެވަޑައިގަންނަވާނެކަން. އެހެންވީމާ، މިހާރު މިދެންނެވި ކަންކަން މިއަހަރު ކުރިއަށް ގެންދިޔުމަށްޓަކައި، ޚާއްޞަ ގޮތެއްގައި، ސަރުކާރުން އަޅުގަނޑުމެންނަށް ވީހާ ބޮޑު ހިތްވަރެއްކޮށް، އެކަންކަން ކުރެވޭތޯ އަޅުގަނޑު ބަލައިދޭނެ ވާހަކަ ދަންނަވަން.

އާދެ! މިރަށަށް މާބޮޑަށްވެސް ލަސްވެއްޖެ، އަޅުގަނޑަށް އާދެވުނުލެއް. އަޅުގަނޑު މިރަށަށް އެބަ އަންނަންޖެހޭ މީގެ މާކުރިންވެސް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށް އުނދަގޫ އަހަރެއް މި ފާއިތުވެދިޔައީ. އެހެންވުމާއެކީގައި، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދިޔައީ ވީހާވެސް ގިނަ ރަށްރަށަށް އަޅުގަނޑަށް ދެވޭތޯ. މިރަށަށްވެސް އަޅުގަނޑުގެ އިންތިޒާރުގައި، އުންމީދުގައި އަޅުގަނޑުވެސް މިހުންނަނީ. މީގެކުރިންވެސް އައުމަށްޓަކައި މަސައްކަތްވެސް ކުރެވުނު. އެހެންވީމާ، މިހާރު ދެން އިރާދަކުރެއްވީތީ އާދެވިފައި މިތިބީ. އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން. އަޅުގަނޑު ހީކުރަން، ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި މާބޮޑަށް ހިތްބަރުނުކުރައްވާނެ ކަމަށް ތަންކޮޅެއް ލަސްވިޔަސް. އެނގިވަޑައިގަންނަވާނޭ ފަދައިން، މިރަށަކީ މިއީ އަޅުގަނޑުގެ ޢާއިލާގެ ދެފަރާތުން ގުޅިފައި އޮތް ރަށެއް. އަޅުގަނޑުގެ އަންހެނުންގެ ފަރާތުންވެސް ގުޅިފައި. އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ކޮއްކޮގެ ފަރާތުންވެސް ގުޅިފައި މިރަށާ މިއޮންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ހިތުގައި މިރަށަށް ވަރަށްބޮޑު ލޯތްބަކާއި އިޙްތިރާމެއް ދެވިފައިވާ ރަށެއް އަލިފުށްޓަކީ. އެހެންވީމާ، ޔަޤީން ކުރައްވާތި، އިރާދަކުރެއްވިއްޔާ ހަމަ މިރަށަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހަމަ ހުރިހާ އެހީތެރިކަމަކާއި އޯގާތެރިކަމެއް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ ވާހަކަ މާބޮޑަށް ދިގުކުރެވޭކަށް ނެތް. މިހާރު މެންދުރު ނަމާދުގެ ވަގުތު ވަރަށް ގާތްވެފައި އޮތުމާ އެކީގައި. އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ކުރުކޮށް ދެވާހަކައެއް ދަންނަވާލާނަން. އެއްވާހަކައަކީ، އަޅުގަނޑުމެންގެ މިރަށް މިހިސާބަށް ގެނައުމުގައިވެސް ބޮޑު ހިތްވަރެއް ކޮށްފައިވަނީ މިރަށުގެ ރައްޔިތުން. ސަރުކާރުންވެސް އެހީތަކެއް ވެދެމުން ގެންދޭ. އެހެންނަމަވެސް، ސަރުކާރުން ލިބޭ އެހީއަށްވުރެ، ރައްޔިތުން ކުރި މަސައްކަތް މާބޮޑުކަމަށް އަޅުގަނޑު ގަބޫލުކުރަން. ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ފުރަތަމަ މިރަށުގައި އިންޖީނުގެއެއް ޤާއިމްކުރީވެސް ރައްޔިތުން. އަދި މިހާރުވެސް ރަށަށް ލިބޭ ބޮޑު އާމްދަނީއެއް މި ލިބެނީ ރައްޔިތުން ކުރާ މަސައްކަތުން. ސަރުކާރުގެ ވަޒީފާތަކަކުންނެއް ނޫން. އެހެންވީމާ، ރައްޔިތުން ކުރާ މަސައްކަތަކީ، މިރަށުގެ ތަރައްޤީއަށްޓަކައި ކުރިންވެސް މިހާރުވެސް އަދި ދެން އަންނަން އޮތް ތާނގައިވެސް ވަރަށް މުހިންމު ކަމެއް.

ރަށުގެ ރައްޔިތުން ވަރުގަދަވެ، ރައްޔިތުންގެ އެކުވެރިކަން ބަދަހިވެ، އެކަކު އަނެކަކަށް އެހީތެރިވެގެން، ރަށް ކުރިއެރުވުމަށްޓަކައި އެކުރާ މަސައްކަތް، އެއްގޮތަކަށްވެސް ހީނަރުވިޔަނުދީ، އެކަންކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރެއްވުން އެއީ ވަރަށް މުހިންމު ކަމެއް. ސަރުކާރަށް އަބަދުވެސް ސަރުކާރަށް ވެވުނު ވަރަކުން އިރާދަކުރެއްވިއްޔާ، އެހީވެދެމުން ގެންދާނެ. އެހެން ނަމަވެސް، ރައްޔިތުން އެކުރައްވާ މަސައްކަތްވެސް ހަމަ ކުރިއަށް ގެންދެވުން އެއީ ވަރަށް މުހިންމު ކަމެއް. ސަރުކާރުން ކަންކަން ކޮށްދޭންޖެހޭ. އެހެން ނަމަވެސް، ސަރުކާރަށްވެސް ކަންކަން ކޮށްދެވޭނީ، ސަރުކާރުގެ މާލިއްޔަތުވެސް ތަންދިންވަރަކުން. މިހާރު މި ބަދަލުވަމުންދާ ދިވެހިރާއްޖޭގައިވެސް ލިބޭ އާމްދަނީއަކަށްވުރެ، ކުރަންޖެހޭ ޚަރަދުތައް ބޮޑުވާގޮތަށް ކަނޑައެޅިފައި މިއޮންނަނީ. 2004 ވަނަ އަހަރުގެ ސުނާމީއަށްފަހުގައި، ރާއްޖޭގެ ބަޖެޓް، ކޮންމެ އަހަރަކުވެސް މިދަނީ، ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑު ބަޖެޓެއްގެ ގޮތުގައި. ދަމުން ދަމުން ދަމުން ގޮސް މިހާރު ބަޖެޓުގެ ޙާލަތު އޮތީ ވަރަށް ދަށުގައި. ދެން ތިޔަބޭފުޅުންނަށް އެވާހަކަ އިވިވަޑައިގަންނަވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ވީހާވެސް ޚަރަދު ކުޑަކޮށްގެންވެސް އަޅުގަނޑުމެން ދޭންޖެހޭ އަސާސީ ޚިދްމަތްތައް ދެމުން. އަދި ރައްޔިތުންނަށް ޚާއްޞަކޮށް، ދުވަސްވީ ބޭފުޅުންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ އެކިއެކި ފަރާތްތަކަށް ދައުލަތުގެ ފަރާތުން ދޭންޖެހޭ ޢިނާޔަތްތައް ބަރާބަރަށް ދެމުން ގެންދެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރާނަން. އެހެންވީމާ، އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން، އަދި މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންގެ މަސައްކަތް، ރަށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! ދެން އޮތް ވާހަކައަކީ، ތެދެއް، މި އާ ސިޔާސީ މަސްރަހުގައި، އެކިއެކި ފިކުރުގެ ބޭފުޅުން އެބައުޅުއްވާ. އެހެންނަމަވެސް، މި ހުރިހާ ފިކުރަށްވުރެ ބޮޑު ފިކުރެއް އެބަ އޮންނަންޖެހޭ. އެ ފިކުރަކީ އެއީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ފިކުރު. އެ ފިކުރަކީ އަޅުގަނޑުމެންގެ ޤައުމަށްޓަކައި އޮންނަ ލޯތްބެއްގެ ފިކުރު. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތާއި، އަޅުގަނޑުމެންގެ ދީން، އަޅުގަނޑުމެން އެބަޖެހޭ، އެހެން ހުރިހާ އެއްޗަކަށްވުރެ އިސްކުރަން. އަޅުގަނޑުމެންގެ ޤައުމު ރަމްޒުކޮށްދޭ އަޅުގަނޑުމެންގެ ޤައުމީ ސަލާމާއި، އަޅުގަނޑުމެންގެ ޤައުމީ ދިދައާއި، އަޅުގަނޑުމެންގެ ޤައުމުގެ ކުލަތަކާ، މިކަންކަން އެބަޖެހޭ، އެހެން ހުރިހާ އެއްޗަކަށްވުރެ އެންމެ އިސްކުރަން. އަޅުގަނޑުމެން ދިވެހިންނަކީ އަބަދުވެސް އެއްބަނޑުއެއްބަފާ އުޚުއްވަތްތެރި، އެއްދީނެއްގައި، އެއްބަހަކުން ވާހަކަ ދައްކާ، އެއް އުސޫލުތަކެއްގެ މަތިން ދުނިޔެއަށް އައިސްފައިވާ ބައެއް. މި ޤައުމު ވަރުގަދަވާނީ، މި ރަށްވެސް ވަރުގަދަވާނީ، ކުރިއަށް އޮތް ތާނގައިވެސް އެ އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. އެހެންވީމާ، އަދި ސިޔާސީގޮތުން ވަކިމީހަކަށް ތާއީދުކުރިޔަސް، ވަކިމީހަކަށް ވޯޓްދޭން ޤަޞްދުކުރިޔަސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަމުގައި، ހުރިހާ އެންމެންވެސް ގުޅިގެން، އެއްވެސް ޢާއިލާއެއްގައި، އެކަކު އަނެކަކާ ދޭތެރޭގައި ހިތްބަރުކަމެއް ނުބާއްވައި، ކޮންމެ ޢާއިލާއެއްގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަން ވަރުގަދަކުރުން އެއީ، މި ޤައުމު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން، އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައި، ސިޔާސީ ފިކުރު މާ އިސްކުރުމުގެ ސަބަބުން އެކަކު އަނެކަކަށް ވާހަކަ ނުދެއްކޭ ހިސާބަށް، ބައެއްފަހަރު ގޮސްފައި އެބަހުރޭ. އެކަން އެހެންވިޔަ ނުދެއްވާ.

މިރަށުގެ ޚާއްޞަކޮށް، ޒުވާން ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން. މި ޤައުމު މިހާތަނަށް ގެނެސްދެއްވީ އަޅުގަނޑުމެންގެ ކާބަފައިން. އަޅުގަނޑުމެންގެ ބައްޕައިންނާއި މަންމައިންނާއި، ކާފައިންނާއި މާމައިންނާ ގެނެސްދިނީ. އެމީހުން އެކުވެރިކަމާއެކީގައި، މަސައްކަތް ކުރީތީ، އަޅުގަނޑުމެންނަށް މިއަދު މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މި އޮވެވެނީ. އެހެންވީމާ، މިއަދުގެ ޒުވާނުންގެ މަސްއޫލިއްޔަތެއް، އެބޭފުޅުންގެވެސް ދަރިންނަށްޓަކައި މި ޤައުމު އެކުވެރިވެ، ވަރުގަދަވެ، އިސްލާމީ އުޚުއްވަތްތެރި، ދިވެހިވަންތަ ޤައުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްދިނުން. އެހެންވީމާ، މިއަދު އަޅުގަނޑުމެން ކުރާ ކަމަކުން އެކަމަށް ގެއްލުމެއް ނުލިބި ކުރިއަށް ދިޔުމަކީ މުހިންމު ކަމެއް. އަޅުގަނޑުމެންގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވަރުގަދަވާންޖެހޭ އެންމެބޮޑު ސަބަބަކީ، އަޅުގަނޑުމެންގެ ބަލިކަށިކަން. އަޅުގަނޑުމެންގެތެރެ ބައިބައިވުން. ދިވެހިން ބައިބައިވާ ކޮންމެފަހަރަކު، ދިވެހިންގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ކޮންމެ ފަހަރަކު، ބޭރުގެ ނުފޫޒުތައް އައިސް ވަންނާނެ. ވަދެ އަޅުގަނޑުމެންގެތެރެ ހަމަނުޖެހުން އުފެއްދުމަށްޓަކައި މަސައްކަތް ކުރާނެ.

އެހެންވީމާ، ރަށުގެ ތަރައްޤީއަށްޓަކައި، މި ޤައުމުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކޮށް ދަންނަވަން، ހުރިހާ ބޭފުޅުންނަށް، މިތާ ތިއްބެވި ބޭފުޅުންނަށާއި، މިތަނުން ބޭރުގައި ތިއްބެވި ބޭފުޅުންނަށާއި އަދި ދުރާއި ގާތުން މި ޕްރޮގްރާމް އަޑުއައްސަވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކޮށް ދަންނަވަން، މި ޤައުމަށްޓަކައި، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި، އަޅުގަނޑުމެންގެ ސިޔާސީ ފިކުރާހެދި އަޅުގަނޑުމެންގެ ޢާއިލާ ބައިބައިނުކުރާށޭ. އަޅުގަނޑުމެންގެ ޤައުމު ބައިބައިނުކުރާށޭ. އެއަށްވުރެ މާ މުހިންމު ކަމެއް، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން އޮވެގެން، އެކީގައި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ކުރިއަށްދާން މަސައްކަތް ކުރުން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުގެ މަސައްކަތުގައި އެއްވެސް ބަޔަކަށް، އެއްވެސް އިމްތިޔާޒެއް ނުގެންގުޅެން. ހުރިހާ އެންމެންނަށް ހަމަހަމަކަމާއި އިންޞާފާ އެކީގައި މަސައްކަތްކޮށްދޭން އަޅުގަނޑު މިހުރީ ޢަޒުމް ކަނޑައަޅައިގެން. އެހެންވީމާ، މިހާރުވެސް ދެން އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ރައްޔިތުންނާ އެކީގައި މަސައްކަތް ކުރަން ހުންނާނީ، މިދެންނެވި އުޞޫލުގެ މަތީގައި. އެއްވެސް ބަޔަކަށް ތަފާތުކުރުމެއްނެތި، އިންޞާފުވެރިކަމާއެކީގައި. ވީހާވެސް ޢަދުލުވެރިކަމާ އެކީގައި، އަޅުގަނޑުމެން އެންމެންވީވެސް ކުރިއަށްދާން.

އެހެންވީމާ، މިއަދު ކުޑަވަގުތުކޮޅެއްގެ ތެރޭގައިވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ނަޞީބު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އަޅުގަނޑު މާތް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީގައި، އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، މިރަށުގެ ހުރިހާ ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާއެކީގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައިވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه

_____________________________