ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީއަކީ ވަރަށް މުހިންމު، ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށާއި، ނަމަވެސް އިޤްތިޞާދީ ގޮތުން މިނިވަންވެފައި އޮތުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ކުޅަދާނަކަމާއި، އިޤްތިޞާދީ ގޮތުން ބާރުވެރިވެފައިވުމަކީ، އެއަށްވުރެ މާ މުހިންމު ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙައްމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށްޓަކައި ބޭއްވުނު "ޓަރކިޝް-މޯލްޑިވްސް ބިޒްނަސް ފޯރަމް 2013" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރޭޑަރޒް ހޮޓެލްގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްތައް އިޤްތިޞާދީގޮތުން ބާރުވެރި ކުރެވިފައި އޮތުމުން، ރައްޔިތުން އެދޭ ކަންކަން ފަސޭހައިން ފަހިކޮށްދެވޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ކުދިކުދި އާބާދީތައް އޮތުމުގެ ބަދަލުގައި އާބާދީ އެއްފަސް ކޮށްފައި އޮތުމުން، ސިޔާސީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުންވެސް މާ ފައިދާ ބޮޑުވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރައްޔިތުން އެދޭފަދަ ތަރައްޤީއަކަށް މަގުފަހި ކޮށްދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތުރުކީގެ ވިޔަފާރިވެރިންނާއެކު މި އުފެދުނު ގުޅުމުގެ ސަބަބުން، ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އެޅިގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއަކީ ހަމައެކަނި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދޭ އެއްޗެއް ނޫން ކަމަށާއި، ސަލާންޖަހަން ނުޖެހި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތުވެސް ޑިމޮކްރަސީ ހޯދައިދޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމަކަށް މަގުފަހިކޮށްދީ، އެ ފުރުސަތު ރައްޔިތުންނަށް ތަނަވަސް ކޮށްދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިތުބާރު ހިފޭފަދަ ވިޔަފާރީގެ ވެށްޓެއް ޤާއިމްކޮށްދޭން ޖެހޭނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.