މާޅޮސްމަޑުލު އުތުރުބުރީގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ވެވަޑައިގެންނެވިހާ އަވަހަކަށް އެއަތޮޅުން ފަތުރުވެރިކަމަށް ރަށްތަކެއް ކަނޑައަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މާޅޮސްމަޑުލު އުތުރުބުރިއަކީ ވަރަށް ރީތި ރަށްރަށް ހުރި އަތޮޅެއް ކަމަށް ވިދާޅުވިއެވެ. މިއަތޮޅުގެ ރީތި ރަށްރަށް، ބައެއް ބޭފުޅުން ހިފަހައްޓަވައިގެން ތިއްބެވުމަކީ، ރަނގަޅު ގޮތެއް ނޫންކަން ފާހަގަކުރައްވައި، މިކަމަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފަދަ ރަށްރަށް ފަތުރުވެރިކަމަށް ބޭނުންކުރެވޭނެ ގޮތްތަކެއް ހައްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން، އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޚާއްޞަކޮށް، ގިނަ ޢަދަދެއްގެ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި ރިޒޯޓްތަކުގައި މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީގެ މައްޗަށް ބައްލަވާލައްވަމުން، ރިޒޯޓްތަކުން ނަގާ ޓެކްސްއިންވެސް އެކި ޚަރަދުތައް ކުރެވޭ ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރެވެނީ، ރައްޔިތުންނަށް ދޭންޖެހޭ ފަސޭހަތަކާއި ޢިނާޔަތްތައް ދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލައި، ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލައި، އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުންދާތީ، އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ. މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައީ، ރާއްޖެ ބަދުނާމުކޮށް، ފަތުރުވެރިން ރާއްޖެ އައުމަށް ހުރަސް އެޅުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ފަތުރުވެރިން ނައުމަށް ދިވެހިންގެ މަދުބަޔަކު ބޭރުގެ އެކިއެކި ޖަމާޢަތްތަކާ ގުޅިގެން މިހާރު ޕެޓިޝަނެއް ހަދަމުން ގެންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ކުޑަކުދިންނާ ދޭތެރޭގައި އިހާނެތިކޮށް ކަންތައްކުރާ ކަމަށާއި، އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްނުހިތާ ކަމަށް ބުނެ، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރައި ހަދަމުން ގެންދާއިރު، މިކަމަށް ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލަމުންދާއިރު، އެކަމުގެ އަސަރު ފޯރާނީ، ނިކަމެތި ރައްޔިތުންނަށް ކަމަށާއި، މިކަން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިގޮތުން ރާއްޖެއިން ބޭރުގައި ބޭއްވޭ ފަތުރުވެރިކަމުގެ މަޢުރަޒުތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖޭގެ ރީތިކަމާއި، ރާއްޖޭގައި އޮތް ހަމަޖެހުމާ ބެހޭގޮތުން މަޢުލޫމާތުދީ ހަދަމުން ގެންދާ ކަމަށާއި، މި މަސައްކަތުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، އިރާދަކުރެއްވީތީ މަދުނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދަށްވުރެ މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިރާދަކުރެއްވިއްޔާ އިތުރުވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމުގެ މައްޗަށް ބާރުއަޅުއްވަމުންނެވެ. ދަރިންނަށް ނަޞޭޙަތްތެރިވެވަޑައިގެން، އެކުދިންނަކީ ޢާއިލާދެކެ ލޯބިވާ، ޞުލްޙަވެރި، އެކުވެރި ބައެއް ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރެއްވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި ޢާއިލާގެ ތެރޭގައި ދެބަސްވުން އުފެދޭ ވަގުތުތަކުގައިވެސް ހަމަނުޖެހުން އިތުރަށް އުފެދުނަ ނުދެއްވައި، އެކުވެރިކަން ބަދަހިކުރެއްވުމަށް މަސައްކަތް ކުރެއްވުމަށްވެސް އެދިވަޑައިގަންނަވަމުންނެވެ.