އަޅުގަނޑުމެންގެ ތެރޭގައި ބޭރުގެ ނުފޫޒުތައް ވަރުގަދަވުމުގެ އެންމެބޮޑު ސަބަބަކީ، އަޅުގަނޑުމެންގެ ބަލިކަށިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، އަލިފުށްޓަށް ވަޑައިގެން، އަލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދޭ ކޮންމެފަހަރަކު އަދި ހަމަނުޖެހުން އުފެދޭ ކޮންމެފަހަރަކު، ބޭރުގެ ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އާ ސިޔާސީ މަސްރަހުގެ ތެރޭގައި، އެކި ފިކުރުގެ މީހުން އެބައުޅޭކަން ފާހަގަކުރައްވަމުން، އެހެން ނަމަވެސް، މިހުރިހާ ފިކުރުތަކަށްވުރެ ބޮޑު ފިކުރެއް އެބައޮތް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެ ފިކުރަކީ މާތްވެގެންވާ އިސްލާމްދީނުގެ ފިކުރެވެ. ޤައުމަށްޓަކައި އޮންނަ ލޯތްބެއްގެ ފިކުރެވެ. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނާއި، ޤައުމުގެ މަޞްލަޙަތު، އެހެން ހުރިހާ އެއްޗަކަށްވުރެ އިސްކުރަންޖެހޭ ކަމަށާއި، ޤައުމު ރަމްޒުކޮށްދޭ ޤައުމީ ސަލާމާއި، ޤައުމީ ދިދައާއި، ޤައުމީ ކުލަތައް، އެހެން ހުރިހާ އެއްޗަކަށްވުރެ އިސްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ޤައުމު ވަރުގަދަވާނީ، ޤައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން ކަމަށާއި، ޢާއިލާތަކުގެ މެދުގައިވެސް އަދި އެކަކު އަނެކަކާ ދޭތެރޭގައިވެސް ހިތްބަރުކަމެއް ނުބާއްވައި، އެކުވެރިކަން ބަދަހިކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައި، ސިޔާސީ ފިކުރު މާބޮޑަށް އިސްކުރުމުގެ ސަބަބުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހިސާބަށް ކަންކަން ގޮސްފައި އެބަހުރި ކަމަށް ވިދާޅުވެ، ސިޔާސީ ފިކުރާހެދި ޢާއިލާތައް ބައިބައިނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި، ޤައުމުގެ ތަރައްޤީއަށްޓަކައި އަދި ދަރިންނަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަލިފުށްޓަކީ ވަރަށް ހީވާގި، މުރާލި ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން، އަލިފުށްޓަކީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ރަށެއް ކަމަށް ވިދާޅުވިއެވެ. އަލިފުށި މިއަދު ކުރިއަށް ގޮސްފައިވާ ހިސާބަށް ގެނައުމުގައި، ބޮޑު ހިތްވަރެއް ކުރައްވާފައިވަނީ، ރަށުގެ ރައްޔިތުން ކަމަށާއި، ސަރުކާރުން އެހީތަކެއް ވެދެއްވަމުން ގެންދެވި ކަމުގައިވީނަމަވެސް، ސަރުކާރުން ދެއްވާ އެހީއަށްވުރެ، އަލިފުށީ ރައްޔިތުން ކުރައްވާފައިވާ މަސައްކަތް މާބޮޑުކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު ރަށަށް ލިބޭ ބޮޑު އާމްދަނީއެއް ލިބެނީ ރައްޔިތުން ކުރާ މަސައްކަތުން ކަމަށް ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވެދީ، ރައްޔިތުން ކުރާ މަސައްކަތް ހީނަރުވިޔަނުދީ ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ، ނަރުދަމާގެ ނިޒާމްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި މީގެކުރިން އެއްވެސް ފަހަރެއްގައި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފައި ނުވާހާ ގިނަ ޢަދަދަކަށް، ރަށްރަށުގައި މިއަހަރު ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މިއަހަރު އިރާދަކުރެއްވިއްޔާ، އަލިފުށީގައިވެސް ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލިފުށްޓަށް މިކުރެއްވި ދަތުރުފުޅުގައި، އަލިފުށީ ސްކޫލްގައި އެޅުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމްގެ ބިންގާ، އެމަނިކުފާނު މިއަދު އަޅުއްވައިދެއްވިއެވެ. އަދި މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު މި ފެށްޓެވި ދަތުރުފުޅުގައި، އުނގޫފާރު ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވާނެއެވެ. އަދި ދުވާފަރުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ޚިދްމަތް އިފްތިތާޙުކޮށްދެއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.