ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ބުރަކް އަޗުޕަރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ތުރުކީގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކުރެއްވުމާ ގުޅޭގޮތުން ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، އަދި މާލީ ދާއިރާއިން ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ތުރުކީގެ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ތުރުކީގެ ސަފީރަށް މަޢުލޫމާތު ދެއްވިއެވެ.

ތުރުކީ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ތުރުކީ ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.