ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީނުކުރާ މޯބައިލް ފޯނުގެ ސިމް ކާޑު ބޭނުންކޮށްގެން، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލުތައް ހިންގަމުން ގެންދާތީ، ރާއްޖޭގައި ޤާއިމް ކުރެވިފައިވާ މުވާޞަލާތީ ކުންފުނިތަކުން ދޫކުރަމުންދާ ސިމް ކާޑުތައް ބޭނުންކުރުމުގައި ޢަމަލުކުރާނެ ހަރުދަނާ އުޞޫލެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި އުޞޫލުގެ ދަށުން އެފަދަ ސިމް ކާޑުތައް ރަޖިސްޓްރީ ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ހަމަޖެއްސެވުމަށްވެސް މިއަދު ނިންމެވިއެވެ.