بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، އަޅުގަނޑު ކުވޭތަށް ކުރި ދަތުރު ނިންމާލުމަށްފަހު، ދަތުރާ ބެހޭގޮތުން މަޢުލޫމާތު އެރުވުމަށްޓަކައި. އެނގިވަޑައިގަންނަވާނޭ ފަދައިން، ކުވޭތަކީ ދިވެހިރާއްޖެއާ ވަރަށްގާތް އުޚުއްވަތްތެރި ޤައުމެއް. ކުވޭތުގެ ފަރާތުން ދިވެހިރާއްޖެއަށް ވަނީ ވަރަށް ބޮޑެތި އެހީތައްވެސް ލިބިފައި. ވޭތުވެދިޔަ ތާނގައިވެސް. އެގޮތުން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން މިއަދުވެސް. ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހެދުމަށްޓަކައި ކުވޭތުގެ ފަރާތުން ވަނީ ވަރަށް ބޮޑަށް އެހީތެރިކަން ލިބިފައި. އަދި ހަމަ އެޔާއެކީގައި، ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައިވެސް އާ ދޯނިފަހަރު އުފެއްދުމަށާއި، އިންޖީނު އެޅުމަށާއި، މިބާވަތުގެ ކަންކަމުގައި ވަރަށް ބޮޑެތި އެހީތައް ކުވޭތުގެ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ލިބިފައި. މީގެއިތުރުން، ތަޢުލީމާބެހޭ ދާއިރާގައިވެސް ރާއްޖޭގެ ބައެއް ބޭފުޅުންވަނީ ކުވޭތުގައި ކިޔަވައި ވިދާޅުވެފައި. އަދި މިވަގުތު ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައިވެސް ކުވޭތުން ކިޔަވައި ވިދާޅުވި ބޭފުޅުންވެސް އެބަތިއްބެވި. އެހެންވީމާ، ކުވޭތަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ޤައުމެއް. މިދަތުރުގެ ސަބަބުން އަޅުގަނޑު ޔަޤީންކުރަން، ދިވެހިރާއްޖެއާއި ކުވޭތާ ދޭތެރޭގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެ ކަމަށް.

މިދޭތެރެއިން އެނގިވަޑައިގަންނަވާނޭ ފަދައިން، ބައެއް ޢަރަބި ޤައުމުތަކާ ތަންކޮޅެއް ބަލިކަށިކޮށް ދިވެހިރާއްޖޭގެ ގުޅުންތައް މިއޮތީ. އެހެން ނަމަވެސް، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، މިހާރު ޢަރަބި ޤައުމުތަކާ އޮތް ގުޅުން، ކުރިއަށްވުރެން ބަދަހިކުރެވޭތޯ. އެގޮތުން މީގެކުރިންވާނީ އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށާއި އަދި ޤަޠަރަށް ރަސްމީ ދަތުރުކޮށްފައި. އެހެންވީމާ، މިހާރު ކުވޭތުގެ ދަތުރު މި ނިމުނީ.

މިދަތުރުގައި ކުވޭތުގެ ސަރުކާރުގެ ފަރާތުންނާއި އަދި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު، ވަރަށް ހޫނު މަރްޙަބާއެއް ދިވެހި ވަފްދަށް ދެއްވި. ފާހަގަކޮށްލެވޭހާ ރަނގަޅަށް ކުވޭތުން އަޅުގަނޑުމެންނާ ދޭތެރޭގައި ކަންތައް ކޮށްދެއްވާފައިވަނީ. ދެން މިދަތުރުގައި އަޅުގަނޑުމެން ކުވޭތުގެ އަމީރާއި، ބޮޑުވަޒީރާއި އަދި އެބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ސްޕީކަރާއި، އިސް ހަމަ ހުރިހާ ބޭފުޅުންނާ ބައްދަލުވި. ދެން މީގެއިތުރުން އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެއަށް އެންމެބޮޑު އެހީތެރިކަމެއްދޭ އެއްފަރާތަކީ ކުވޭތު ފަންޑު. ކުވޭތު ފަންޑުގެ އިސްވެރިންނާވެސް އަޅުގަނޑު ބައްދަލުކުރިން. އަދި މީގެއިތުރުން ކުވޭތުގެ ޗެމްބަރ އޮފް ކޮމާރސްގެ އިސްވެރިންނާއި، ކުވޭތުގެ އިންވެސްޓްމަންޓް އޭޖެންސީގެ ބޭފުޅުންނާވެސް ބައްދަލުކުރިން.

ދެން މިދަތުރުގައި، އަޅުގަނޑު ވަރަށް އުފަލާއެކީ ފާހަގަކުރަން، އަޅުގަނޑުމެން ކުވޭތު ފަންޑަށް ހުށަހަޅާފައިވާ އެއް ޕްރޮޖެކްޓް ކަމަށްވާ ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު، މި މަޝްރޫޢު މިހާރުވަނީ ކުވޭތުން ގަބޫލު ކުރައްވައި އަދި ދާދި އަވަހަށް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އަޅުގަނޑު އެބަ އުންމީދު ކުރަން، އޭގެ ފައިނަލް އެޕްރޫވަލް މުޅިން ނިމިގެންދާނެ ކަމަށް. މިކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް ވަނީ ކުވޭތު ފަންޑުން ލިބިފައި.

ދެން މީގެއިތުރުން، އެހެނިހެން ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިހާރު މިވަނީ ހުށަހަޅާފައި. އޭގެތެރޭގައި، ހުޅުމާލޭގައި މެޑިކަލް ސެންޓަރެއް ޤާއިމް ކުރުމުގެ މަޝްރޫޢެއްވެސް އެބައޮތް. އަދި މީގެއިތުރުން، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އެހީއާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނު. އަޅުގަނޑަށް ޔަޤީންކޮށްދެއްވާފައިވާ ގޮތުގައި، މި ދެ ޕްރޮޖެކްޓްގެ ތެރެއިން އަޅުގަނޑުމެން އެދޭ ޕްރޮޖެކްޓަކަށް އެހީތެރިކަން އެކޮޅުން ފަހިކޮށްދެއްވާ ގޮތަށް އޮތީ. އެހެންވީމާ، މިހާރު މިވާގޮތަކީ މިހާރު އަޅުގަނޑު ހުށަހަޅާފައި އޮތް، މިހާރު އެޕްރޫވަމުން މިދާ ފުވައްމުލަކުގެ މަޝްރޫޢުގެ އިތުރުން އަދި އިތުރު އެއް ޕްރޮޖެކްޓް މިހާރުން މިހާރަށް ކޮންސިޑަރ ކުރައްވާ ގޮތަށް ތިއްބެވީ. އެހެންވީމާ، އަޅުގަނޑުމެން މިކޮޅުން ނިންމާނީ އެއީ އެއަރޕޯޓް ޕްރޮޖެކްޓްތޯ، ނޫނީވިއްޔާ މެޑިކަލް ސެންޓަރުތޯ. ދެން ކުދިކުދި ޕްރޮޖެކްޓް ހުށަހެޅުމަކީ އެއީ ރާއްޖެއަށް އެހާ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެވާގޮތަކީ ކުވޭތު ފަންޑު ކަހަލަ ބޮޑެތި ފަންޑުތަކުގައި ކުދި ޕްރޮޖެކްޓަކަށްވެސް އަދި ބޮޑު ޕްރޮޖެކްޓަކަށްވެސް އެބޭފުޅުން ކުރައްވަންޖެހޭ މަސައްކަތް މިހުންނަނީ ގާތްގަނޑަކަށް އެއްވަރަކަށް. އޭގެ ފީޒިބިލިޓީ ސްޓަޑީ ހެއްދެވުމާ، އެގޮތުން އެކޮޅުން ކުރައްވަންޖެހޭ މިހުންނަނީ ގާތްގަނޑަކަށް އެއްމަސައްކަތްތަކެއް. އެހެންވީމާ، ސްޓްރެޓެޖިކްކޮށް ވިސްނާފައި، އެއްގޮތަކަށްވެސް ކުދިކުދި ޕްރޮޖެކްޓް ކުވޭތު ފަންޑަށް ހުށަހެޅުމަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ، މިހާރު އަޅުގަނޑުމެން ނިންމަންޖެހެނީ، އަޅުގަނޑުމެން ދެން ފުވައްމުލަކުގެ އިތުރުން އަދި ދެން މިހާރު ހުށަހަޅާނީ މެޑިކަލް ސެންޓަރުތޯ، ނޫނީވިއްޔާ އެއަރޕޯޓްތޯ. ދެން އެއަރޕޯޓްގެ މައްސަލައިގައި އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނީ، އެއަރޕޯޓްގެ ކުންފުނީގެ ބޯޑުގެ މަޝްވަރާއާ އެކީގައި. އެހެންވީމާ، އެކަމަށް އަޅުގަނޑު ތަންދޭނީ.

ދެން މީގެއިތުރުން އަޅުގަނޑު ކުރިން ދެންނެވިހެން، ކުވޭތަކީ ރާއްޖެއަށް ތަޢުލީމީ ގޮތުންވެސް ވަރަށް ބޮޑަށް އެހީވެދެއްވަމުން ގެންދެވި ޤައުމެއް. އެހެން ނަމަވެސް، މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކުވޭތުގައި ދިވެހި އެއްވެސް ކުއްޖަކު، އެއްވެސް ބޭފުޅަކު ކުވޭތުގެ ސަރުކާރުގެ އެހީގައި ކިޔަވާ ވިދާޅުވާކަށް ނެތް. މިގޮތަށް ހިނގާތާ ދުވަސްކޮޅެއްވެއްޖެ. އެހެންވީމާ، މިހާރު އަޅުގަނޑުމެން ވާހަކަ ދައްކައި މިހާރު މި ހަމަޖެހެނީ، އަނެއްކާވެސް ކުވޭތުގެ ސްކޮލަރޝިޕް ދިވެހިރާއްޖެއަށް ލިބޭގޮތަށް. ދެން އޭގައި އަޅުގަނޑުމެން އިސްކަން މިދެނީ، މަތީ ތަޢުލީމަށާއި، ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝަނަށް. އަޅުގަނޑުމެންގެ ސިޔާސަތުގައި މިއޮތީ، މަތީ ތަޢުލީމަށްވެސް ލިބޭ ފުރްޞަތުތަކަކީ އެއީ އަޅުގަނޑުމެންގެ ޔުނިވަރސިޓީއާއި އަދިވެސް ހުރި ކޮލެޖްތަކުގައި ކިޔަވައިދެއްވަން މިހާރު އުޅުއްވާ ބޭފުޅުންގެ ފެންވަރު މައްޗަށް ގެންދިޔުމަށްޓަކައި، ލެކްޗަރަރއިންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުން ޕްރޮފެސަރުންގެ ފެންވަރަށް އަރާވަޑައިގެންނެވުމަށްޓަކައި ބޭނުންފުޅުވާ މަތީ ތަޢުލީމް، އެބޭފުޅުންނަށް ހޯދައިދިނުން. ރާއްޖޭގައިވެސް މިހާރު އެބަހުރި މަތީ ތަޢުލީމްދޭ ތަންތަން. އަޅުގަނޑުމެންގެ ޤައުމީ ޔުނިވަރސިޓީއާއި ކޮލެޖްތައްވެސް އެބަހުރި. އެހެންވީމާ، އެތަންތާނގައި ކިޔެވޭ އެއްޗަކަށްވުރެ ބޮޑަށް އެތަންތަނުން ކިޔެވުމުގެ ފުރްޞަތު ނޯންނަ ދާއިރާތަކުންނާއި އަދި އެތަންތާނގައި ކިޔަވައިދެއްވަން އުޅުއްވާ ބޭފުޅުންގެ ފެންވަރު މިހާރަށްވުރެ މައްޗަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތް. ދެން މިކަމުގައި އަޅުގަނޑު ކުވޭތުގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަނާ އަޅުގަނޑު ބައްދަލުކޮށް ވާހަކަ ދެއްކީމު. އަޅުގަނޑުގެ ޔަޤީންކަން ވަރަށް ބޮޑަށް އެބައޮތް، ދާދި އަވަހަށް މި ސްކޮލަރޝިޕްތައް ހަމަޖެހިގެންދާނެ ކަމަށް. ދެން ކުރިން ކުވޭތުން ލިބެމުން އައިސްފައި އޮތީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަހަރަކު 5 ސްކޮލަރޝިޕް. އެހެން ނަމަވެސް، މިހާރު އެއަށްވުރެ ގިނަ ޢަދަދަކަށް ސްކޮލަރޝިޕް ލިބޭނެކަމުގެ އުންމީދު އަޅުގަނޑަށް ދެއްވާފައި އޮތީ.

ދެން މީގެއިތުރުން އަޅުގަނޑުމެން މާބޮޑަކަށް މަސައްކަތް ކޮށްފައެއް ނެތް، ކުވޭތުގެ ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްސް ރާއްޖެއަށް ގެނައުމަކަށް. އެހެން ނަމަވެސް، ރާއްޖޭގައި މިހާރުވެސް ކުވޭތުގެ ދެކުންފުންޏަކުން އިންވެސްޓްކޮށްގެން އުޅޭ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. ޚާއްޞަކޮށް، ޓުއަރިޒަމްގެ ދާއިރާގައި. އެގޮތުން އަޅުގަނޑު ބައްދަލުކުރީ ކުވޭތުގެ ޗެމްބަރ އޮފް ކޮމާރސްއާ. ކުވޭތަކީ ކުވޭތުގައި ކުވޭތު މީހުން އިންވެސްޓްކުރާވަރަށް ކުވޭތުން ބޭރުގައިވެސް އިންވެސްޓްކުރާ ބައެއް. ބިލިއަނުން ބިލިއަނުން އިންވެސްޓްކުރާ ބައެއް. އަނެއްކާ މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ބޭރު ޤައުމުތަކުގައި އެންމެ ބޮޑަށް އިންވެސްޓްކުރާ އެއް ޤައުމު ކުވޭތަކީ.

ކުވޭތުގެ ޗެމްބަރ އޮފް ކޮމާރސް ތިއްބެވީވެސް ވަރަށް ޕޮޒިޓިވްކޮށް. އެބޭފުޅުން ވިދާޅުވީ، ތިމަންނަމެން ރާއްޖެއަށްދާށޭ މިތިބީ. އެހެން ނަމަވެސް، ތިމަންނަމެން ދިޔުމުގެ ކުރިންވެސް ތިމަންނަމެންނަށް ފޮނުވައިދޭށޭ، ޕްރައިވެޓް ސެކްޓަރުން ތިމަންނަމެންނަށް އިންވެސްޓް ކުރެވިދާނޭ ބައެއް ޕްރޮޕޯޒަލްސް. ދެން އަޅުގަނޑު ހުށަހެޅިން، ފަތުރުވެރިކަމުގެ ދާއިރާއާއި، ޚާއްޞަ ގޮތެއްގައި ފިޝަރީޒާ. އެނގިވަޑައިގަންނަވާނޭ ފަދައިން، މަސްވެރިކަން ކުރިއަރަމުންދާއިރުގައި، އަޅުގަނޑުމެންގެ އޭގެ ޞިނާޢީ ބައި އަދި އެބަޖެހޭ ބޮޑަށް ތަރައްޤީ ކުރަން. އަޅުގަނޑުމެންގެ ފެކްޓްރީތައް މިހާރުހުރީ ވަރަށް ބާވެފައި. އަޅުގަނޑުމެން މަސް ކަލެކްޓްކުރާ އުޅަނދުތައް ހުރީ ވަރަށް ބާވެފައި. އަނެއްކާ މިހާރު ތިން ކުންފުންޏަކުން މަހުގެ ޞިނާޢަތުގެ ކަންތައް އަޅުގަނޑުމެން މެނޭޖް ކުރަމުން މިގެންދަނީ. އެހެންވީމާ އަޅުގަނޑުމެންވީ އެކަން ވިސްނަން. ވިސްނާފައި ކިހިނެއްތޯ ބޭރުގެ އިންވެސްޓްމަންޓް ގެނެސްގެން އިތުރަށް މަސްވެރިކަމުގެ ދާއިރާވެސް އަޅުގަނޑުމެންނަށް މިހާރަށްވުރެ ބޮޑަށް ތަރައްޤީ ކުރެވޭނީ. އެހެންވީމާ، މި ޗެމްބަރަށް އަޅުގަނޑުމެން ފޮނުވަންޖެހޭނީ، އަޅުގަނޑުމެން ކަނޑައަޅާ ދެތިން މަޝްރޫޢު. ފޮނުވީމާ އެބޭފުޅުން ޗެމްބަރުގެ ތެރެއިން އެކަމަށް އިންވެސްޓް ކުރާނެ ފަރާތްތައް ހޯއްދަވައިދެއްވުމަށް އެއްބަސްވެވަޑައިގެންނެވި.

ދެން މީގެއިތުރުން، ސަރުކާރުގެވެސް އޮވޭ އިންވެސްޓްމަންޓް ފާރމެއް. ދެން އެބޭފުޅުންނާވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. އެބޭފުޅުންވެސް ތިއްބެވީ އިންވެސްޓް ކުރައްވަން. އަޅުގަނޑަށް ދެން އަލަށް ދަސްވި ޢިބާރާތެއް މިފަހަރު [ގްރީން އިންވެސްޓްމަންޓްސް]. ގްރީން އިންވެސްޓްމަންޓްސްއަކީ އެބޭފުޅުން ވިދާޅުވާގޮތުގައި، އެއީ އަލަށް ކަމެއް ފަށްޓައިގެން އެ ތަރައްޤީ ކުރުން. އެއަށްވުރެ ބޮޑަށް އެބޭފުޅުންގެ އިންޓްރެސްޓް ހުރީ ހިނގަމުންދާ ކުންފުންޏެއްގެ ބެލެންސް ޝީޓް ބެއްލެވުމަށްފަހުގައި، އެބޭފުޅުންގެ އެހީއެއް ބޭނުންވާ ކަމުގައިވާނަމަ، އޭގައި އިންވެސްޓް ކުރެއްވުމަށް. އޭގެ ބައެއް ބައްލަވައިގަތުން. ނޫނީ މުޅި ކުންފުނި ބައްލަވައިގަތުން. މިކަމަށްޓަކައިވެސް އެބޭފުޅުން ތިއްބެވީ ތައްޔާރަށް. ދެން އެހެންވީމާ، މީގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް މިހާރު އެބަހުރި. ފުރިހަމައަށް ކުވޭތުގެ އެހީތެރިކަމާއި ޕާޓްނަރޝިޕް އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ހިމެނުމަށްޓަކައި. މިހާރުން މިހާރަށް ކުރިން ދެންނެވިހެން، ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ދެން އެއީ ވަރަށް މުހިންމު މަޝްރޫޢެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ފުވައްމުލަކަކީ އެއީ ފުދޭވަރެއްގެ ބޮޑު ރަށެއް. އާބާދީވެސް ބޮޑު ރަށެއް. އެހެންވީމާ، އެރަށުގެ ފެނާއި ނަރުދަމާގެ ކަންތައް ހަމަޖެހުމަކީ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. ދެން ހަމައެހެން، އަޅުގަނޑު ކުރިން ދެންނެވި ދެމަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް އެއް މަޝްރޫޢެއް ކަނޑައަޅަން. ކަނޑައެޅީމާ އެއީވެސް ހަމަ ފުދޭވަރެއްގެ މަލްޓި މިލިއަން ޑޮލަރ މަޝްރޫޢުތަކެއް. މެޑިކަލް ސެންޓަރަކީވެސް ގާތްގަނޑަކަށް 180 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. ދެން އެއަރޕޯޓް، އެނގިވަޑައިގަންނަވާނޭ ފަދައިން، އެއަރޕޯޓަށް އިންވެސްޓްމަންޓަށް، 400 އެއްހާ މިލިއަން ރުފިޔާ ބޭނުންވެދާނެ އެކިއެކި ފޭސްތަކަށް. އެހެންވީމާ، މިދެންނެވި ކަހަލަ ބޮޑެތި މަޝްރޫޢުތައް އެބޭފުޅުން ތިއްބެވީ ކޮންސިޑަރ ކުރައްވަން.

މިއީ ދެން އަޅުގަނޑު މިދަތުރުގެ ޚުލާޞާއެއްގެ ގޮތުގައި ތިޔަބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ. ދެން މިއާ ބެހޭގޮތުން އިތުރު ސުވާލެއް އެއްވެސް ބޭފުޅަކު ކުރައްވަން ބޭނުންފުޅިއްޔާ އަޅުގަނޑު ތައްޔާރު.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

މަނިކުފާނު ޤަޠަރަށް ކުރެއްވި ދަތުރުފުޅަށްފަހުވެސް އަޅުގަނޑަށް މި ސުވާލުކަންނޭނގެ ކުރެވުނީ. އަޅުގަނޑުމެންގެ ބަޖެޓުގެ މައްސަލައިގައި މަނިކުފާނު މިފަހަރު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، އުއްތަމަ ފަނޑިޔާރުވެސް އެބައޮތް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވާފައި. ބަޖެޓުގެ ޙާލު ހުރިގޮތުން ޖުޑިޝަރީ ކަންތައްތައް، ޑޭ ޓުޑޭ މަސައްކަތްތައްވެސް ހުއްޓާލަން ޖެހިދާނެފަދަ ޙާލަތަކަށް ހިނގައްޖެ ކަމަށް. ދެން ކަންތައްތައް މިހެން ހުރިއިރުގައި، މިދަތުރުފުޅުގެ ތެރެއިން ނަމަވެސް، ނޫނީ މިހާތަނަށް އަޅުގަނޑުމެންގެ ބަޖެޓުގައި ހުރި މި ދަތިކަން ފިލުވައިލުމަށް އެއްވެސް މަގެއް މިހާތަނަށް ފެނިވަޑައިގެންފައިވޭތޯ؟ އެއީ އަޅުގަނޑުގެ ފުރަތަމަ ސުވާލު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު އަޅުގަނޑާއެކީގައި މާލީ ވަޒީރު އެވަގުތު ހުންނެވި. އެހެންވީމާ، ތިޔަ ޚަބަރު އަޅުގަނޑަށް ލިބުމާ އެކީގައި، މާލީ ވަޒީރު އަޅުގަނޑަށް ޔަޤީންކަން އެރުވި، ކޮންމެވެސް މަޢުލޫމާތުގެ ތަފާތެއް މީގައި އެބައުޅޭ ކަމަށް. އަޅުގަނޑަށް ޔަޤީންކަން ދެއްވި، އެއްގޮތަކަށްވެސް ބަޖެޓްގެ ތާށިކަމާ ހެދިގެން ޖުޑީޝަރީގެ މަސައްކަތް ހުއްޓާލަންޖެހޭވަރެއް ނުވާނެ ކަމަށް. ތެދެއް، އަޅުގަނޑުމެންގެ ބަޖެޓުގައި އެބަހުރި ތާށިކަން. އެހެންނަމަވެސް، އެކަންކަމަކީ ފުރަތަމަ އަޅުގަނޑުމެން ހަމަޖައްސަންޖެހޭ ކަންކަން.

އަޅުގަނޑުމެން ވަރަށްބޮޑު ޕީ.އެސް.އައި.ޕީ ބަޖެޓެއް މިއޮތީ ކަނޑައަޅާފައި. އަޅުގަނޑުމެން ކުރަންޖެހޭ ޟަރޫރީ، ސަރުކާރުގެ ބައެއް މަސައްކަތް ހިންގުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަން ނުކޮށް، އަޅުގަނޑުމެންނަކަށް ޕީ.އެސް.އައި.ޕީ ބޮޑެތި މަޝްރޫޢުތަކެއްވެސް ނުހިންގޭނެ. އެކަންކަން ހިންގަން ތިބި ބަޔަކީވެސް ހަމަ ސަރުކާރުގައި ތިބި ބައެއް މުވައްޒަފުން، އެކަމުގައިވެސް އުޅެންވެސް މިޖެހެނީ. އެހެންވީމާ، ބަޖެޓަށް އަޅުގަނޑުމެން އެކި އިޞްލާޙުތައް މިހާރު ހުށަހެޅުމުގެ މަގުމަތީގައި މިއުޅެނީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އަޅުގަނޑުމެންގެ ރިކަރެންޓް ބަޖެޓަށް އަދި އިތުރު ފައިސާ އިންޖެކްޓްކޮށްގެން، އަޅުގަނޑުމެންނަށް މިއަހަރުގެ ބަޖެޓްގެ ކަންތައް ހަމަޖެއްސޭނީ. ދެން މީގެ ޙައްލަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ބަޖެޓް ސަޕޯޓަށް ފައިސާ ހޯދުމެއް ނޫން. ޙަޤީޤަތުގައި ބަޖެޓް ސަޕޯޓަށް ފައިސާދޭން ގިނަ ޤައުމުތަކުން އެހާ ހިތްހަމައެއްނުވެސްޖެހޭ. އަޅުގަނޑުމެން އެވާހަކަ ވަރަށްގިނަ ފަރާތްތަކުގައި ދައްކަމުން ގެންދަނީ. އަދި ބަޖެޓް ސަޕޯޓަށް މިހާތަނަށް ދިވެހިރާއްޖެއަށް މާބޮޑެތި ޢަދަދުތަކެއް އެއްވެސް ފަރާތަކުން ދީފައެއްވެސް ނެތް، ވޭތުވެދިޔަ ތާރީޚުގައިވެސް. އެހެންވީމާ، އެއަށްވުރެ ބޮޑަށް ހުރިހާ ބޭފުޅުންވެސް ވިދާޅުވަނީ، ތިމަންނަމެން މިތިބީ އިންވެސްޓްކޮށްދޭށޭ. އިންވެސްޓް ކޮށްދިނީމާ، އޭގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ފައިސާ ލިބޭނޭ. އެހެންވީމާ، ކުވޭތުންވެސް، ޤަޠަރުންވެސް އަދި ސަޢޫދީ ޢަރަބިއްޔާއިންވެސް ތިއްބެވީ އިންވެސްޓް ކުރައްވަން ތައްޔާރަށް. އެ އިންވެސްޓްމަންޓްގެ މަސައްކަތްތައް މިހާރު ހިނގަމުން އެދަނީ. ދެން އެކަންކަން ޙަޤީޤަތަކަށް ވަންދެންވެސް އަޅުގަނޑުމެން ޖެހޭނީ، އަޅުގަނޑުމެންގެ ބަޖެޓުން އަޅުގަނޑުމެން ހަމަޖެއްސޭތޯ މަސައްކަތް ކުރަން. އެއީ ރާއްޖެއަށް ލިބޭ އާމްދަނީއެއް މަދެއްނުވޭ ދޮއެއްތޯ، އެހެން އަހަރުތަކާ އަޅާބަލާއިރަކުއެއް. ހަމަ ކޮންމެ އަހަރަކުވެސް ލިބޭ އާމްދަނީ އިތުރުވަމުން މިދަނީ. މައްސަލައަކީ އަޅުގަނޑުމެން ކުރާ ޚަރަދުތައް ބޮޑުވަނީ. އެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. ބޮޑު ޚަރަދުތަކެއް މިހާރު މިދަނީ މުސާރައަށް. އެކިއެކި ފަރާތްފަރާތުގެ މުސާރަތައް ބޮޑުވަމުންދިޔުމާ އެކީގައި ވަރަށްބޮޑު ބައެއް ބަޖެޓުން އެބަ ޚަރަދުކުރަންޖެހޭ އެކަމަށް.

ދެން މިފަހަރު ބަޖެޓް ފާސްވެގެންދިޔައިރުގައި، ބަޖެޓުގައި އަޅުގަނޑުމެން ހުށަހަޅާފައި އޮތް ރިކަރެންޓް ބައިގެ ތެރެއިން 400 މިލިއަން ވަނީ ޕީ.އެސް.އައި.ޕީ އަށް ބަދަލުކުރެވިފައި. ދެން އަޅުގަނޑު ދަންނަވާނީ، އެކަމުގެ ކޮންމެވެސްވަރެއްގެ ދަތިކަމެއްވެސް އަޅުގަނޑުމެންނަށް މިއުޅެނީ ކުރިމަތިވެގެންނޭ. ސަރުކާރު ހިންގުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ބަޖެޓުގެ ތެރެއިން 400 މިލިއަން ރުފިޔާ ނަގާފައި، އެކިއެކި މަޝްރޫޢުތަކަށްލީމާ ދެން ސަރުކާރު ހިންގަން ދަތިވާނެ ދޮއެއްތޯ. އެހެންވީމާ، އެކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މަޖިލީހާ ވާހަކަ ދައްކަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، ހަމަ އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، އެއްވެސް މަސައްކަތެއް ހުއްޓުމަކަށްނައިސް، އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ކަމަށް. އެނގިވަޑައިގަންނަވާނޭ ފަދައިން، މިވޭތުވެދިޔަ މަސްތަކަކީ، މިއަހަރުގެ މަސްތަކަކީ ސަރުކާރުގެ ޚަރަދު، މީގެކުރިއަށްވުރެ، ކުރީ އަހަރުތަކާ އަޅާބަލާއިރުގައި، ވަރަށްބޮޑުތަން ކުޑަކުރެވިފައި ހުރި މަސްތަކެއް. އެކަން އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ. އެއީ ވަރަށް ބޮޑަށް، އަޅުގަނޑުމެން ކުރަން ހުންނަ ބައެއް ކަންތައްތައްވެސް ހަމަ ނުކޮށް، ޚަރަދުތައް ކުޑަކޮށްގެން އަޅުގަނޑުމެން އުޅޭތީ. އެކަން ކުރަން އެބަޖެހޭ ދޮއެއްތޯ. އަޅުގަނޑުމެންނަކަށް ކޮންމެ އަހަރަކު ކޮންމެ އަހަރަކު އެހާ ބޮޑު ޑެފިސިޓެއްގައެއް ނޫޅެވޭނެ. މިދިޔަ އަހަރުގެ ޑެފިސިޓްވެސް، ސަރުކާރުގެ ބަޖެޓުގެ ޑެފިސިޓްއޮތީ 12.6 ޕަސެންޓްގައި. އޮއްވައި އަޅުގަނޑުމެން މިއަހަރު ދެން މަޖިލީހުން އެއޮތީ އޭތި ކުޑަކުރައްވާފައި ތިނެއް ޕޮއިންޓް ކޮންމެވެސްވަރަކަށް އިނގޭތޯ. އެއީ ވަރަށްބޮޑު ޢަދަދެއް. ދުނިޔޭގެ އެއްވެސް ޤައުމެއްގައި، އެއްއަހަރުގެ ތެރޭގައި އެހާބޮޑު ޑެފިސިޓެއް ކަނޑައެއްނުލާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ކަނޑާލައިގެންތާ މިތިބީ. އެހެންވީމާ، އެކަން އެބަޖެހޭ އަޅުގަނޑުމެން މިއަހަރު ވަރަށް ރަނގަޅަށް މެނޭޖް ކުރުމަށްޓަކައި އެހާބޮޑު ކަޓެއް ނަގައިގެނެއް އަޅުގަނޑުމެންނަކަށް މެނޭޖެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެންނަށް އެބަޖެހޭ މަޖިލީހަށް ގޮސް ބަޖެޓަށް ބައެއް ބަދަލުތައް ގެންނަން. އެމަސައްކަތް މިހާރު ހިނގަނީ، އެ މަޝްވަރާތައް ކުރެވެމުންދަނީ މާލިއްޔަތު ކޮމިޓީއާއެކީ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު އަދި ދެވަނަ ސުވާލެއް ދަންނަވާލާނަން އިނގޭތޯ.

އަޅުގަނޑުމެންނަށް މިއަހަރުގެ ފެބްރުއަރީ މަސް ފެނިގެން މިދިޔައީ ވަރަށް އުފާވެރި މަހެއްގެ ގޮތުގައި. އެހެން މިދެންނެވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ގިނަ ޢަދަދަކަށް ރާއްޖެއަށް ގެސްޓުން އައި މަސްކަމަށްވާތީ. ދެން އެހެން ނަމަވެސް، އެއާ އެއްކޮށް މާޗް މަސް އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ކަޅުކަންގަދަ، ކަޅު މަހަކަށްވެފައި. އެއީ ރާއްޖެއަށް ފަތުރުވެރިކަން ނާންނަން ގޮވާލައި، ރާއްޖޭގެ ކުރީ ސަރުކާރުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަ ކޮންސިއުލަރަކު އެގެންދަވަނީ ޕެޓިޝަނެއް ނެރުއްވައިގެން، ރާއްޖެއަށް ފަތުރުވެރިން އައުމަށް ހުރަސްއަޅުއްވަމުން. މިހާރުވެސް އޭގައި، ދެން އަޅުގަނޑަކަށް ޔަޤީނެއް ނުކުރެވޭ އޭގައި، ހަމަ ޙަޤީޤަތުގައި އޭގައި ސޮއިކޮށްފައި އެއޮތް ކަމަށް ބުނާ ޢަދަދަކީ ޞައްޙަ ޢަދަދު ކަމަކަށް. އެއީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޕެޓިޝަންގެ ޢަދަދުތައް ބަދަލުކުރެވޭނެ. ދެން އެއެއް ނޫން މައްސަލައަކީ. ކޮންމެވެސް ބަޔަކު ހަމަގައިމުވެސް އޭގައި ސޮއިވެސް ކުރާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް މިއިން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ. ހަމައެއާއެކު މިއަންނަ މަހަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި މަހެއްކަންނޭނގެ. އެއީ، ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ވާރލްޑް ޓްރެވަލް އެވޯޑް ރާއްޖޭގައި ބޭއްވޭ މަސް. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައި، އަނެއްކާ ކުރިއަށް ލިބެން އޮއްވައި، އަޅުގަނޑުމެންގެ ފަތުރުވެރިކަން ހަލާކުކޮށްލުމަށް އަޅުގަނޑުމެންގެ ޢަދާވާތްތެރި ބަޔަކު މިދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން. އެހެންކަމަށްވާއިރު، މަނިކުފާނު މިކަމާ ދޭތެރޭގައި ކިހިނެއްތޯ ވިސްނާވަޑައިގަންނަވަނީ؟ އަޅުގަނޑަށް އެނގޭ އަދީބު އެބަ އިންނެވިކަން. އެހެން ނަމަވެސް، އަދީބުގެ މައްޗަށް ހުންނަވާނީ ރައީސްވީމާ ހަމަ ރައީސަށް މި ސުވާލު މިދެންނެވީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ﷲ އިރާދަކުރެއްވީތީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދަނީ ކުރިއަށް. ހަމަ ކޮންމެ އަހަރަކަށްވުރެން ދެން އަންނަ އަހަރެއްގެ ފަތުރުވެރިން އަންނަ އައުން ގިނަވަމުން މިދަނީ. ރިޒޯޓުތަކުގައި ހަމަ ވަރަށްމަތީ ޢަދަދަކަށް ހަމަ އޮކިއުޕެންސީ އެބަހުރި ހުރިހާ ރިޒޯޓްތަކެއްގައިވެސް. އެހެންވީމާ، އަޅުގަނޑުމެން އެކަމާ އުފާކުރަން. ދެން ތިޔަ ވިދާޅުވި ކަންތައްތައް ދެން ހިނގާނެ. އަޅުގަނޑުމެންގެ ޤައުމަކީ މިހާރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މިނިވަންކަން ފުރިހަމައަށް އޮތް ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރަށް ފާޑުކިޔައި، ސަރުކާރަށް ބައެއްފަހަރަށް އުނދަގޫކުރަން ބޭނުންވާ ފަރާތްތަކުން ތިޔަ ބާވަތުގެ ކަންތައްތައް ހިންގާނެ. ދެން އޭގެ ޙަޤީޤަތް ޖެހޭނީ އަޅުގަނޑުމެން އޮޅުންފިލުވައިދޭން. އަޅުގަނޑުމެން މޮޅުވާންޖެހޭނެ، އަޅުގަނޑުމެންގެ ޙަޤީޤަތް އެހެން މީހުންނަށް ކިޔައިދިނުމަށް މިހާރަށްވުރެ. އެކަން އެގޮތަށްވީމާ، އިރާދަކުރެއްވިއްޔާ ތިކަންކަން ހަމަޖެހޭނެ. ދެން އަޅުގަނޑަށްވެސް އެނގޭ، ތިބާވަތުގެ ޕެޓިޝަނެއް އުޅޭކަން. އަދި އެއާ ބެހޭގޮތުން އަޅުގަނޑާވެސް ވަނީ އެފަރާތުން ސުވާލުވެސް ކޮށްފައި. އެހެންވީމާ، އެއަށް ދޭންޖެހޭ ޖަވާބުތައް އަޅުގަނޑުމެން ދެމުން މިގެންދަނީ.

ދެން އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ގޮތުން ވަރަށް ބޮޑެތި އުނދަގޫތައް ބައެއް ފަރާތްތަކުން ކުރަމުން ގެންގޮއްސަ މިއޮތީ، މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި. އެހެން ނަމަވެސް، ވިސްނާލައްވާ، ބައިނަލްއަޤްވާމީ ގޮތުންވެސް ވަރަށް ބޮޑެތި ކާމިޔާބީތައް އަޅުގަނޑުމެން ހޯދައިފިން، މި ދޮޅުއަހަރު ދުވަހުގެ ތެރޭގައި. އޭގެތެރެއިން އެއްކަމެއްތާ، ހަމަ މި ދޮޅުއަހަރުގެ ތެރޭގައި ނޫންތޯ، ދިވެހިރާއްޖެއަށް އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާ ހިއުމަން ރައިޓްސް، ޔޫ.އެން. ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްކަން ލިބުނީވެސް. އެހެން ނޫންތޯ. ދެން ހަމައެހެން، މި ދުނިޔޭގައި ރިނިއުބަލް އެނަރޖީ އިޢާދަކުރަނިވި ހަކަތަ ތަރައްޤީ ކުރުމަށްޓަކައި މިހާރު އުފެދިފައިވާ އ.ދ.ގެ ޖަމްޢިއްޔާ [އައިރީނާ] މީގެވެސް ނައިބު ރައީސްކަން އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އަދި މީގެއިތުރުން، ގްލޯބަލް އެންވެޔަރަންމަންޓް ފެސިލިޓީ. މިއީ ރާއްޖެއަށް ވަރަށް ބޮޑެތި އެހީތައް މިހާތަނަށް ލިބެމުން އައި ބޮޑު ފަންޑެއް. މި ފެސިޓީލިޓީގެވެސް މުޅި އޭޝިއާ ޕެސިފިކް ރީޖަން ތަމްސީލުކޮށްދޭ ޤައުމަކީ ދިވެހިރާއްޖެ ކަމަށް މިއޮތީ ވެފައި އިނގޭތޯ. ދެން އަދި ހަމަ އެހެން، އިޢާދަކުރަނިވި ހަކަތަ މުޅިން ސްޓޭލްއަޕް ކުރުމަށްޓަކައި ހެދިފައިވާ މަލްޓި މިލިއަން ޑޮލަރ ޕްރޮޖެކްޓެއްގެ ސްޓަޑީ ކޮމިޓީގައި ދިވެހިރާއްޖެ މިހާރު ހިމެނޭ.

އެހެންވީމާ، މިދެންނެވި ކަންކަން މިހިނގަނީ، ކޮންމެވެސް މަސައްކަތެއް ސަރުކާރުންވެސް ކުރެވޭތީ. އަދި ރާއްޖެއާ ދޭތެރޭގައި ދުނިޔެ ދެކޭގޮތްވެސް ވަކިގޮތަކަށް އޮތީމަ. އަޅުގަނޑަށް ހީވަނީ، އެހެން އަދި ބަޔަކު އެގޮތަށް ރާއްޖޭގެ އަގު ވައްޓާލުމަށްޓަކައި، ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމަށްޓަކައި މަސައްކަތް ކުރިޔަސް، ރާއްޖެއަށް މި އަންނަމުންދަނީކީވެސް ތަންދޮރު ނުދަންނަ މީހުންނެއް ނޫނޭ އިނގޭތޯ. އެމީސްމީހުންވެސް ބަލާނެ ރާއްޖޭގޭ ޙާލު އޮތްގޮތާއި، ރާއްޖޭގެ ޙާލަތާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ޙާލަތާ އަޅާބަލާނެވެސްމެ. އެހެންވީމާ، މީހުން ދައްކާހާ ވާހަކަ އަޅުގަނޑުމެން ގަބޫލުކުރާކަށް ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑު ކުރިން ދެންނެވިހެން، އަޅުގަނޑުމެންގެ ޙާލަތު، ޙަޤީޤަތް ހާމަކޮށްދިނުމަށްޓަކައި ހަމަ އަބަދާއި އަބަދު ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދަން. އެއީ، ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި. ރާއްޖޭގެ އިމޭޖް، ތަޞައްވުރު ދުނިޔޭގައި ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ހަމަ އަބަދުވެސް ކުރަމުން ގެންދިޔުން އެއީ ވަރަށް މުހިންމު ކަމެއް.

ޢާއިޝަތު ލީޒާ – ޓެލެވިޜަން މޯލްޑިވްސް:

އާދެ! އަޅުގަނޑުގެ ދެސުވާލެއް އެބައޮތް އިނގޭތޯ. ރައީސް ފާހަގަކުރައްވައިފި، ކުވޭތުގެ ސަރުކާރުން ވަރަށްގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ވާހަކަ. ދެން އަޅުގަނޑު ހިތަށްއަރަނީ، މި ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން އެއްވެސް ދާއިރާއަކަށް ޝައުޤުވެރިކަން ފާޅުކޮށްފައިވޭތޯ؟ ފުރަތަމަ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެން ކުރިން ދެންނެވިހެން، އަޅުގަނޑު ޗެމްބަރ އޮފް ކޮމާރސްއާ ބައްދަލުކުރިން. ދެން އަދި ޗެމްބަރުގެ ވަފްދެއް ރާއްޖެ ވަޑައިގަންނަވަންވެސް ތައްޔާރަށް ތިއްބެވީ. އެހެން ނަމަވެސް، އެބޭފުޅުން މި ވިދާޅުވަނީ، ދެން ތިމަންނަމެން ކޮންމެހެން ތިތަނަށް ޗެމްބަރުގެ ނަމުގައި ގޮސް ވަގުތުތަކެއް ހޭދަކޮށްލުމަށްވުރެ ބޮޑަށް ރަނގަޅުވާނީ، އަޅުގަނޑުމެން ބޭނުންވާ ކަންކަން ފުރަތަމަ އެބޭފުޅުންނަށް ހުށަހަޅައިދޭށޭ. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރުންވެސް ބޭނުންފުޅުވާ ކަންކަން ދެނެގަނެގެން، އެކަންކަން ޗެމްބަރަށް އަޅުގަނޑުމެން ހުށަހަޅައިދޭންވީ. ހުށަހެޅީމާ އެބޭފުޅުން ތިއްބެވީ އެބޭފުޅުންގެ ޗެމްބަރުގެ ތެރެއިން އެކަމަށް މެޗްވާނެ، އެކަމަށް ކުޅަދާނަ އިންވެސްޓަރުން ހޯދައިގެން، އެކަމުގައި އެހީވެވަޑައިގެންދެއްވުމަށް.

ދެން ފަތުރުވެރިކަމުގެ ދާއިރާގައިވެސް، މިހާރުވެސް ކުވޭތުގެ ދެ ކުންފުންޏަކުން، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބަ އިންވެސްޓް ކުރައްވަމުން ގެންދަވާ. ދެން ކުވޭތުގެ ވަރަށްބޮޑު ޝެއަރއެއް އޮންނަ ކުންފުންޏެއްހެން އަޅުގަނޑަށް ހީވަނީ [މޫވަންޕިކް]. ދެން ދާދިފަހަކާ ޖެހެންދެން ވަޠަނިޔާވެސް، މިއީ ކުވޭތުގެ ވަރަށްބޮޑު ޝެއަރއެއް އޮތް ކުންފުންޏެއް. އެހެންވީމާ، ކުވޭތުގެ ޝައުޤުވެރިކަން އެބަހުރި ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް. އަދި ވަރަށްގިނަ ޢަދަދެއްގެ، އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި، އަޅުގަނޑު ހީކުރިވަރަށްވުރެ، ކުވޭތުގެ ބޭފުޅުން ރާއްޖެ އެބަ ވަޑައިގަންނަވާ ޗުއްޓީގައި. ހަމަ ވާހަކަ ދައްކާލާފައި ހަމަ ކޮންމެ ބޭފުޅަކުހެން އެބަ ވިދާޅުވޭ، ތިމަންނަ ނޫނީ ތިމަންނަގެ ޢާއިލާގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވައޭ މިބުނީ ގަވާއިދުން. އެހެންވީމާ، ކުވޭތަށް ވަރަށް ބޮޑަށް ދިވެހިރާއްޖެ ތަޢާރުފްވެފައި އޮތީ. ދެން އަޅުގަނޑު ދިޔުމުން އެމީހުން ވަރަށް އުފާކޮށްފި. ރާއްޖެއާއި ކުވޭތާ ދޭތެރޭގައި ގުޅުން ބަދަހިވެގެންދާތީ.

ޢާއިޝަތު ލީޒާ – ޓެލެވިޜަން މޯލްޑިވްސް:

ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެއީ ކިހާވަރެއްގެ އެހީއެއްތޯ، އެ މަޝްރޫޢަށް ލިބިފައިވަނީ. ދެން ކިހާތާކުތޯ އޭގެ މަސައްކަތް ފެށިގެންދާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެއީ ފަންސާހަކަށް މިލިއަން ޑޮލަރުގެ މަޝްރޫޢެއް. އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެއީ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި، އެ މަޝްރޫޢު މުޅިން އެޕްރޫވްވެގެންދާނެ. މިކަން ކޮށްދެއްވަން ތިއްބެވީ އެބޭފުޅުން. އެއީ ދެން ނިމިފައި އޮތް ކަމެއް ކަމަށް ބަލާށޭ ވިދާޅުވީ.

ޙުސައިން ފިޔާޒް މޫސާ – ހަވީރު ނޫސް:

މަނިކުފާނު ވިދާޅުވެއްޖެ، ކުވޭތުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ބަލާއިރުގައި، ހިނގަމުންދާ ކުންފުނިތަކަށް ޝައުޤުވެރިވާ ކަމަށް. ދެން އެއަރޕޯޓަށްވެސް ޝައުޤުވެރިކަން ހުރި ވާހަކަ، އެހީތެރިވެދެއްވާނެ ވާހަކަ ވިދާޅުވި. އެއަރޕޯޓްގެ ޝެއަރއެއް ގަންނަގޮތަށް ނުވަތަ އެކަހަލަ މަޝްވަރާތަކެއް ކުރެވުނުތޯ. އެކަހަލަ ޝައުޤުވެރިކަމެއް ކުވޭތުގެ ކުންފުނިތަކުން ފާޅުކުރިތޯ؟

ދެން ވިދާޅުވި، މަސްވެރިކަމަށްވެސް އިންވެސްޓް ކުރަން ޝައުޤުވެރިކަން ހުރި ވާހަކަ، މަސްދޯނިފަހަރަށް. ކިހިނެއް ކިހިނެއްތޯ ސަރުކާރުގެ ވިސްނުމަކީ؟ އެ އެހީއެއްގެ ގޮތުގައި ކުވޭތުން ދެއްވަނީތޯ، ނޫނީ ލޯނެއް ނަންގަވައިގެން އެއަރޕޯޓް ތަރައްޤީ ކުރުމާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުން. އެއީތޯ ރޭވިފައި އޮތް ގޮތަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ވަކިގޮތަކަށް އަދި ރޭވިފައި އޮތީކީ ނޫން، ތި ދެމަޝްރޫޢުގައިވެސް. އަޅުގަނޑު މިދެންނެވީ ހުރި ޕޮސިބިލިޓީޒްގެ ވާހަކަ އިނގޭތޯ. ކުރެވިދާނެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މިދެންނެވީ. ދެން މިއިން ކޮންމެ ކަމެއްގައިވެސް ދޮއެއްތޯ، އަޅުގަނޑުމެން ޖެހޭނީ ގޮތެއް ނިންމަން. އެހެން މީހުންނެއް ނޫން ގޮތެއް ނިންމަންވާނީ. އަޅުގަނޑުމެން ގޮތެއް ނިންމާފައި، އަޅުގަނޑުމެން ބޭނުންވާ ގޮތަށް، އެކަމުގެ އެހީތެރިކަން ހޯދަންޖެހޭނީ. ދެން އެއަރޕޯޓާ ދޭތެރޭގައި ކުވޭތުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް އެބަހުރި. އެއީ ކީއްވެގެންތޯ؟ އެއީ އެއަރޕޯޓް މިހާތަނަށް ތަރައްޤީ ކުރުމުގައި، ތަފާތު ފަހަރުމަތިން ކުވޭތު ފަންޑުގެ އެހީ ލިބިގެން އަޅުގަނޑުމެން އެތަން މިހާތަނަށް އަޅުގަނޑުމެން ގެނެއްސަ މިއޮތީ. އެކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ. އެބޭފުޅުން ހަމަ ވަރަށް ބޮޑަށް ގަބޫލުފުޅު ކުރައްވާ ގޮތުގައި، މި އެއަރޕޯޓަކީ އެއީ ކުވޭތުގެ އެހީގައި އަޅުގަނޑުމެންނަށް ހެދިފައި އޮތް އެއަރޕޯޓެއް. އެހެންވީމާ، ވަރަށްބޮޑު ޝައުޤުވެރިކަމެއް އެބަހުރި. އަނެއްކާ އެބޭފުޅުން މި އުފާކުރައްވާ ހަމަ ރާއްޖޭގެ ސަރުކާރުން އިސްނަގައިގެން، އެއަރޕޯޓްގެ ކަންތައްތައް ތަރައްޤީ ކުރުމަށްޓަކައި މިހާރު މަސައްކަތް ކުރަމުންދާތީ.

ދެން މަސްވެރިކަމުގެ ދާއިރާގައި އެއީ އަޅުގަނޑުމެންގެ ޚިޔާލެއް. އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. ކިހިނެއްތޯ މިހާރު ހުރި އިންފްރާސްޓްރަކްޗަރ ފެކްޓްރީތަކާއި، މަސް ކަލެކްޓިންގ ވެސަލްސްއާ މި އެއްޗެހި އާކުރަން އެބަޖެހޭ ދޮއެއްތޯ. އެ އެއްޗެހި މިހާރު އެހެރީ ވިއްސަކަށް ފަންސަވީހަކަށް އަހަރުވެފައި ހުރި، ވަރަށް ބާވެފައި ހުރި އެއްޗެހި. އެހެންވީމާ، މަސްވެރިކަމަށްވެސް ދެން ކުރިއަށް ދެވެން އޮތީ، އަޅުގަނޑުމެންނަށް ރާއްޖޭގައި ފެކްޓްރީ، އިތުރު ފެކްޓްރީ އެޅިގެން. އެތަނުގެ ވެސަލްސްތައް ހޯދިގެން. މިހާރު ހުވަދުއަތޮޅު އެއީ ދެކުނުގެ ހަތަރު އަތޮޅު އެއީ އެންމެ ބޮޑަށް މަސްބާނާ ހަތަރު އަތޮޅު. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައިވެސް ވަރަށްބޮޑު އާމްދަނީއެއް. މިދަންނަވަނީ ގާތްގަނޑަކަށް ކީކޭ ދަންނަވާނީ، ހަތަރުސަތޭކަ، ފައްސަތޭކަ މިލިއަން ރުފިޔާ، އެއަތޮޅުގެ މަސްވެރިންނަށް މަސް ވިއްކައިގެން ލިބިއްޖެ. ހަމައެކަނި ކޫއްޑޫން އިނގޭތޯ. އެހެންވީމާ، އެއީ ވަރަށްބޮޑު އާމްދަނީއެއް. ވަރަށްބޮޑު އިޤްތިޞާދީ މަސައްކަތެއް މިކުރެވެނީ އެހެން ނޫންތޯ. އެކަމަކު އަޅުގަނޑުމެންގެ އެ ގަންނަ ގިނަ މަހުގެ މަސްވެސް މި ބޭރުކުރަންޖެހެނީ ޕްރޮސެސް ނުކޮށް. ހަމަ ރޯމަސް މި ބޭރުކޮށްލަނީ. ބޭރުކޮށްލީމާ މިސާލަކަށް ތައިލެންޑްކަހަލަ ތަނަކަށް އެ މަސް ވިއްކީމާ، އެމީހުން އޭތި ޕްރޮސެސްކޮށްފައި، އެ މަސް އަޅުގަނޑުމެންނަށް އަނެއްކާ ވިއްކަނީ. އަޅުގަނޑުމެން މިދިޔަ ދުނިޔޭގެ އެހެން ޤައުމުތަކަށް މި ވިއްކަނީ. އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް، ބޮޑު ޕްރޮފިޓެއް މިއިން މިނެގެނީ ރާއްޖޭގައި މި އެއްޗެހި ޕްރޮސެސް ކުރީމަ. އެހެންވީމާ މިކަމަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. ވިސްނައި ގޮތެއް ނިންމަން. ދެން އަޅުގަނޑަށް ޔަޤީންކުރެވޭ، މި އަޅުގަނޑުމެންގެ މަސް ކުންފުނިތަކާ މަޝްވަރާކޮށްގެން، މިނިސްޓަރ އެބަ އިންނެވި މިތާނގައި. އަޅުގަނޑުމެން މީގައި ރަނގަޅު ގޮތްތަކެއް ނެރެވިދާނެކަމަށް. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، މިކަމުގައި ކުވޭތުގެ ވަރަށްބޮޑު އިންޓްރެސްޓް އެބަހުރި. ކުވޭތަކީ ދަންނަވަންތޯ، ދިވެހިންނާ ވަރަށް އެއްކަހަލަ ބައެއް. ކުވޭތަކީ އެއީ ދޯނި ބަންނަ ބައެއް. އޮޑިފަހަރު ބަންނަ ބައެއް. އަނެއްކާ ހަމަ އަމިއްލައަށް ދޯނިފަހަރު ބަނދެގެން، ދުނިޔޭގެ އެކިއެކި ޤައުމުތަކަށް ދަތުރުކޮށް އުޅުނު ބައެއް ދިވެހިންހެން. އަނެއްކާ މަސްވެރިން، އެމީހުންނަކީވެސް ހަމަ މަސްހިފާ ބައެއް. ދެން އެހެންވީމާ، އަޅުގަނޑުމެންނާ ވަރަށް ބޮޑަށް ގާތްކަމެއް އޮންނަ ބައެއް ކުވޭތު މީހުންނަކީ. އަޅުގަނޑުމެންގެ މި މަސްވެރިކަމުގައި ޚާއްޞަކޮށް، އެމީހުންގެ ޝައުޤުވެރިކަން އެބަހުރި.

ޙުސައިން ފިޔާޒް މޫސާ – ހަވީރު ނޫސް:

ދެން މި ކުވޭތާ އެކުގައި ކުރެވުނު މަޝްވަރާތަކުގައި، އެކޮޅުން ޝައުޤުވެރިކަން ބޮޑަށްހުރީ، އެއަރޕޯޓްގެ ޙިއްޞާ ގަތުމަށްތޯ، ނުވަތަ ކުރިން ދެއްވިގޮތަށް ދިގު ލޯނެއް ނުވަތަ އެހީއެއްގެ ގޮތުގައި އެއަރޕޯޓް އިންވެސްޓް ކުރުމަށް ފައިސާ ދިނުމަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދަންނަވަންތޯ، ކުވޭތަކީ އިންވެސްޓް ކުރާނެ ތަނެއް ނެތިގެން އުޅޭ ބައެއް ނޫން. އެހެންވީމާ، ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ތަނެއް. ދިވެހިރާއްޖޭގެ އިންވެސްޓްމަންޓްސްވެސް އެމީހުންނަށްވާނީ ވަރަށް ކުޑަކުޑަ އެއްޗަކަށް އެހެން ނޫންތޯ. އެހެންވީމާ، އެމީހުން އެކަމުގައި މާބޮޑު އަމިއްލަ ޚިޔާލެއް ނެތް އެއަކުއެއް އިނގޭތޯ. އެބޭފުޅުން ތިއްބެވީ އަޅުގަނޑުމެން ބޭނުންވީ ގޮތަކަށް އެކަން ކޮށްދެއްވަން.

ޙުސައިން ފިޔާޒް މޫސާ – ހަވީރު ނޫސް:

ދެން އަޅުގަނޑުގެ ފަހު ސުވާލު. މަނިކުފާނު ކުވޭތުގައި ހުންނެވިއިރުގައި، މިކޮޅުގައި ވަރަށް ކަންބޮޑުވުމެއް އެއީ އަރުތޫރު ދެބޭންގެ މައްސަލަ. މަނިކުފާނަކީ ދައުލަތުގެ އެންމެ އިސްވެރިޔާ. މަޖިލީހުގައި ބަޙުޘް ކުރެވެމުންދަނީ. މައްސަލަ ހުށަހަޅާފައި އެބައޮތް. ކިހާވަރަކަށްތޯ މަނިކުފާނު އެމައްސަލައިގެ ތެރެއަށް ބެއްލެވީ. އަދި އެކަމުގައި ސަރުކާރުގެ ވިސްނުންފުޅަކީ ކޮބައިތޯ؟ ދުނިޔޭގެ ޤައުމުތަކަށް ގޫގުލްކޮށްލާއިރުގައި، އެދެބޭންގެ ނުރައްކާތެރިކަން އެބަ އެނގޭ. ތުހުމަތުތަކެއް ކުރެވިފައި އެބަހުރިކަން އެބަ އިނގޭ ހުރިހާ ތަނެއްގައި. ކޮބައިތޯ މަނިކުފާނު އެކަމާ ވިދާޅުވާން އޮތް އެއްޗަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތި ބަސްވެސް އަޅުގަނޑަށް ކިޔަން ނޭނގިގެން އަދި މިއުޅެނީ. އަރުތޫރުތޯ، އާރތަރުތޯ. ދެން ކޮންމެއަކަސް އަޅުގަނޑަށް ތީގައި ތި މަޢުލޫމާތު ހަމަ ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި އޮތްވަރަށް ލިބިގެން މިއުޅެނީ. އެބަޔަކު ރާއްޖޭގައި އެބައުޅޭކަން އެބަ އިނގޭ. އެހެންވީމާ، އަޅުގަނޑުވެސް މިދަނީ ތިކަން ބަލަމުން. ތިޔަ ވިދާޅުވިހެން އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުއްޓާ ތިޔަ މަޢުލޫމާތު ނުކުންނަން ފެށީ. އެހެންވީމާ، އަޅުގަނޑު ބަލާނަން، ކިހިނެއްވެފައި އޮތް ކަމެއްތޯ ތިއީ.

މުރުޝިދު ޢަބްދުލްޙަކީމް – ސަން އޮންލައިން:

ހަމަ ފިޔާޒްގެ ސުވާލާ ގުޅޭ ސުވާލެއް. އެއްވެސް ފަރާތަކުން އެދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް މަނިކުފާނަށް މިހާތަނަށް ޙިއްޞާ ކުރައްވާފައި ނުވޭތޯ. އެއީ ފުރަތަމަ ސުވާލު. ދެން ދެވަނަ ސުވާލަކީ، ދެ ވުޒާރާއެއްގެ މިނިސްޓަރެއްނެތި ދުވަސްތަކެއް މިދަނީ. ކިހާތަނެއްގައި މިނިސްޓަރުން ޢައްޔަން ކުރެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ޢާންމު ގޮތެއްގައި ދެން އިންޓެލިޖެންސްގެ ފަރާތުން އަޅުގަނޑަށް މަޢުލޫމާތު ލިބޭނެ، ރާއްޖޭގައި ހިނގާ ކަންކަމާ ބެހޭގޮތުން އިންޓެލިޖެންސަށް އެނގިވަޑައިގަންނަވާ ވަރަކަށް. ދެން އެ މޭރުމުން އަޅުގަނޑަށް އެނގޭ، އެމީހުން ރާއްޖޭގައި ތިބިކަން. އެހެން ނަމަވެސް، އެމީހުންގެ ފަރާތުން އެއްވެސްކަހަލަ ޣައިރު ޤާނޫނީ ކަމެއް ހިނގަމުންދާ ކަމެއް އެނގިފައެއް ނެތް.

ދެން ދެވަނަ ސުވާލަކަށް ތިޔަ ވިދާޅުވީ، ވަޒީރުން ޢައްޔަން ކުރުމުގެ މަސައްކަތް ހަމަ ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، ދެން މާލަހެއް ނުވާނެ.

ޙުސައިން ފިޔާޒް މޫސާ – ހަވީރު ނޫސް:

އާދެ! އަދި އެއާ ގުޅޭ ސުވާލެއް. މަނިކުފާނު ތިޔަ ވިދާޅުވީ، އިންޓެލިޖެންސުން މި މަޢުލޫމާތު ލިބިފައި އޮތް ވާހަކަ. އިންޓެލިޖެންސުންވެސް އެ މަޢުލޫމާތު ދެއްވާނީ އެއީ އަޅުގަނޑުމެންނަށްވެސް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި، މީގެ އެތައް ދުވަހެއް ކުރިން ފަށައިގެން ޕޮލިހުން އެ މަޢުލޫމާތުތައް އެއްކުރަމުން، އެމީހުންގެ މިއީ ކޮންކަހަލަ ބައެއްކަން ސަރުކާރުގެ ހުރިހާ ފަރާތްތަކަކަށް ދެއްވާފައި އޮތް ކަމަށް. މަނިކުފާނުވެސް ތިޔަ ވިދާޅުވީ މަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ވާހަކަ. އެވަރުގެ ނުރައްކާތެރި ބައެއް ތިބިކަން މި އެނގުނީ ކުއްލިއަކަށް. މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެތާ، އެވަރުގެ ނުރައްކާތެރި ބައެއް އަދި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ބިރަކަށްވެފައި އޮތް ބައެއް. ޕާލަމެންޓްތަކުގައި އެދެބޭންގެ މަޝްވަރާތައް ކުރެވިފައި ހުރި ބައެއް. ވަރަށް ވަނދުގޮތަކަށް ސަރުކާރުން އެދެބޭފުޅުންގެ ކަންތައްތައް ފަޅާއަރަންދެން ޢަމަލުކޮށްފައި އޮތީ. އަދި މަނިކުފާނުވެސް ތިޔަ ވިދާޅުވީ، އަޅުގަނޑުމެންނަށް އެނގިފައި އޮތް މިންވަރަށޭ އެނގިފައި އޮތީ. އެކަމަކު ދެންމެ ވިދާޅުވެއްޖެ، އިންޓެލިޖެންސުން މަޢުލޫމާތު ޙިއްޞާކޮށްފައޭ އޮތީ. ކޮބައިތޯ މީގެ ފުށުއެރުމަކީ؟ އަދި ސަރުކާރުން މީގެކުރިން މިކަމުގައި ޑިޒީޝަނެއް ނުނެންގެވީ ކީއްވެގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ތިޔަހާ ނުރައްކާތެރި ބައެއްކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް، އެ އަޅުގަނޑަށް ލިބިފައި ހުރި މަޢުލޫމާތަކުންނެއް. އެއީ މިހާތަނަށް. މިހާރު ތިޔަ މަޢުލޫމާތުތައް ތިޔަ ނުކުންނަމުން ތިދަނީ. އެހެންވީމާ، އަޅުގަނޑަށް އަދި ކުރިން އައިއްސަ ހުރި މަޢުލޫމާތަކުންނެއް، އެއީ ކުއްލިއަކަށް އަޅުގަނޑުމެން އެމީހުން ރާއްޖެއިން ބޭރުކޮށްލަންޖެހޭ ބައެއްކަން އަހާ ހިސާބަކަށް އެ މަޢުލޫމާތު އަޅުގަނޑަކަށް ލިބިފައެއް ނެތް.

މުރްޝިދު ޢަބްދުލްޙަކީމް – ސަން އޮންލައިން:

ތިޔަ ވިދާޅުވީ އެ މަޢުލޫމާތާ ގުޅިގެން މަނިކުފާނު އެއްވެސް ފަރާތަކަށް އެކަން ބެލުމަށް ނުވަތަ އެކަމަށް އިތުރު މަސައްކަތެއް ކުރައްވާފައި ނުވާނެ ވާހަކަތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އޭގައި ފުލުހުން ދޮއެއްތޯ އެމަސައްކަތް ކުރައްވާނީ. އަޅުގަނޑެއް ނޫންތާ އިންވެސްޓިގޭޓް ކުރުމާ، މިބާވަތުގެ ކަންތައް ކުރާނީކީ.

ޙުސައިން ފިޔާޒް މޫސާ – ހަވީރު ނޫސް:

އިތުބާރު ނެތްކަމުގެ މައްސަލަ އެބައޮތް ހޯމަ ދުވަހުގައި. ކީކޭތޯ މަނިކުފާނުގެ ދެމިނިސްޓަރުން، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ހޯމަ ދުވަހުގައި ނަންގަވާނެ. ކޮބައިތޯ އެ މައްސަލައިގެ ކުރިން އަޅުގަނޑުމެންނާ ދިމާވާނެ އެންމެފަހުފަހަރުކަންނޭނގެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެން ތީގައި ދޮއެއްތޯ. އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންޖެހޭނީ ރާއްޖޭގެ ހަމަޖެހުމާއި ހަމަހިމޭންކަމަށް ދޮއެއްތޯ. ދިވެހިރާއްޖެއަކީ ދެންމެ ވަރަށް ދިގުކޮށް އަޅުގަނޑުމެން ވާހަކަ ދެއްކި ފަދައިން ފަތުރުވެރިކަމުގެ ރާއްޖެއެއް. މި ރާއްޖޭގެ ކަންކަން ހަލަބޮލިކޮށް، ސިޔާސީ މަސްރަޙުގައި ހަމަނުޖެހުން އުފައްދައި، މިކަންކަން ކުރުމަކީ މިއީ ރާއްޖޭގެ މަޞްލަޙަތު އޮތް ކަމެއް ނޫން. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑު ގަބޫލެއް ނުކުރަން، ރައްޔިތުންގެ މަޖިލީހުން ކޮންމެހެން މިވަގުތު، މިހާ އިންތިޚާބާ ކައިރިވެފައި އޮއްވައި، ވަޒީރުންނާ ދޭތެރޭގައި ނޯ ކޮންފިޑެންސް ވޯޓް ނަންގަވައި، މިކަހަލަ ކަންތައްތަކަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް. އަޅުގަނޑު އެހެންވީމާ، ހިއެއް ނުކުރަން އެކަން އެގޮތަށް ކުރައްވާނެ ކަމަކަށް.

ދެން ތީގައި ދޮއެއްތޯ، ހަމަ އަޅުގަނޑުމެންގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޕާޓީތައްތާ ތިއޮތީވެސް ގިނައިން މަޖިލީހުގައި. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކަން އެބައޮތް، އެހުރިހާ ޕާޓީތަކުންވެސް އެއްބާރުލުން ދެއްވާނެ ކަމަށް.

އަޙްމަދު ޖަދުއާން – ދި ޓީ.ވީ:

މަނިކުފާނު ދަތުރުފުޅާ ގުޅިގެން ދެންމެ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ފާހަގަކުރައްވައިފި. ކުވޭތު ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންގެ ދަރިވަރުންނަށް ސްކޮލަރޝިޕްތަކެއް ދެއްވަން ހުށަހަޅުއްވާފައިވާ ވާހަކަ. އެކަމުގެ ޝައުޤުވެރިކަން ހުރި ވާހަކަ. ކޮންކޮން ދާއިރާތަކަކުންތޯ އެބޭފުޅުންގެ ޝައުޤުވެރިކަން ހުރީ؟ ނޫނީ އަޅުގަނޑުމެން ވަކި ދާއިރާތަކެއް ހުށަހަޅުއްވާފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަދި ދާއިރާތަކަކާ ހަމައަކަށް ދެވޭވަރެއްނުވޭ. ފުރަތަމަ އޮތީ މިހާރު އަޅުގަނޑުމެން ކަނޑައަޅަންވީ، މިހާރު އަޅުގަނޑުމެން އެއްބަސްވެފައި މިއައީ، އެކަމާ ބެހޭގޮތުން އިތުރު ވާހަކަތައް ދައްކަން. އެހެންވީމާ، މިކޮޅުން އެޑިޔުކޭޝަން މިނިސްޓްރީންނާއި ރައީސް އޮފީހުން ކުވޭތުގެ އެޑިޔުކޭޝަން މިނިސްޓަރާ މިވާހަކަ ދެކެވޭނެ. ވާހަކަ ދެކެވިގެން އެއްބަސްވާންވީ، އަޅުގަނޑުމެން ކޮން ދާއިރާތަކަކުންތޯ މިކޮޅުން ސްކޮލަރޝިޕް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވަނީ. އެހެން ނަމަވެސް، އެބޭފުޅުން ހަމަ ވަރަށް، އަޅުގަނޑުގެ ވަރަށްބޮޑު ޔަޤީންކަން އެބައޮތް. އެބޭފުޅުން މިފަހަރު ހަމަ ފުދޭވަރެއްގެ ގިނަ ޢަދަދެއްގެ ސްކޮލަރޝިޕް ކުވޭތުން އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. ކުވޭތަކީ ކުވޭތުގެ ޔުނިވަރސިޓީއަކީ އެއީ ވަރަށް މަޝްހޫރު ޔުނިވަރސިޓީއެއް. ވަރަށްގިނަދުވަސްވީ، މެދުއިރުމަތީގެ ޔުނިވަރސިޓީތަކުގެ ތެރެއިން ހަމަ ގިނަދުވަސްވީ، މިޒަމާނުގެ މޮޅު ޔުނިވަރސިޓީއެއް ކުވޭތު ޔުނިވަރސިޓީއަކީ. އެހެންވީމާ، ކުވޭތު ޔުނިވަރސިޓީއަށް އަޅުގަނޑުމެންނަށް ކުދިން ފޮނުވުން އެއީ ވަރަށް މުހިންމު ކަމަކަށްވާނީ.

ދެން އަދި ހަމައެހެން، ދީނީ ތަޢުލީމްދޭ ބައެއް ސްކޫލްތައްވެސް އެބަހުރި. އެތަންތަނުންވެސް ބައެއް ފުރްޞަތު ލިބިދާނެ. އަޅުގަނޑު ކުރުކޮށް ދަންނަވަންޏާ، އަޅުގަނޑުގެ ޔަޤީންކަން ވަރަށް ބޮޑަށް އެބައޮތް، މި މަޝްރޫޢު ވަރަށްބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް. ދެން އޭގެ ތަފްޞީލުތައް ދެފަރާތުން ވާހަކަ ދައްކައިގެން ދާދި އަވަހަށް ހަމަޖެހިގެންދާނެ.

ޙުސައިން ފިޔާޒް މޫސާ – ހަވީރު ނޫސް:

ހުޅުމާލޭގައި ހައްދަވާ މެޑިކަލް ސެންޓަރަކީ ކިހާ ފެންވަރެއްގެ މެޑިކަލް ސެންޓަރެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އެއީ ޓަރޝަރީ ފެންވަރުގެ މެޑިކަލް ސެންޓަރެއް. މިއީ، އަޅުގަނޑުމެންނަށް، ވަރަށް ދުވަސް ވަންދެން މަސައްކަތް ކުރެވިފައި އޮތް މަޝްރޫޢެއް އިނގޭތޯ. އާ މަޝްރޫޢެއް ނޫން މިއީކީ. ދެން މި މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީޒްއާ އެއްޗެހިވެސް މިހާރު ހެދިފައި އޮތީ. މި މަރްކަޒުގެ ބޭނުމަކީ، ރާއްޖެއިން ބޭރަށް ޞިއްޙީ ފަރުވާ ހޯދަން، ކެންސަރ ކަހަލަ ބޮޑެތި ބަލިތަކުގައި މިދާ މީހުންނަށް ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ޚިދްމަތް ލިބޭނެގޮތެއް ހޯދުން. އަދި ރާއްޖެ އަންނަ ބިދޭސީންނަށްވެސް، ފަތުރުވެރިންނަށްވެސް މަތީ ފެންވަރެއްގެ ޚިދްމަތް ލިބޭނެ މެޑިކަލް ސެންޓަރެއް ޤާއިމްވުން. މެޑިކަލް ސެންޓަރެކޭ މިދަންނަވަނީ ހޮސްޕިޓަލްވެސް އެކުލެވޭގޮތުން. އެހެންވީމާ، އެހާ ބޮޑު ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓްވެފައި މިއޮތީ. ދެން ޚާއްޞަކޮށް، އޭގެތެރޭގައި ހިމެނިފައި އެބައޮތް، މިދެންނެވިހެން ކެންސަރ ޓްރީޓްމަންޓް ކަހަލަ ކަންތައް.

ޙުސައިން ފިޔާޒް މޫސާ – ހަވީރު ނޫސް:

ކުވޭތު ފަންޑުން ޝައުޤުވެރިކަން ފާޅުކޮށްފައިތޯ އޮތީ، ނުވަތަ ތިޔަބޭފުޅުން ޕްރޮޕޯސް މިފަހަރު ކުރެއްވީތޯ އެ ޕްރޮޖެކްޓަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އެ ޕްރޮޖެކްޓް އޮތީ މިހާރު ވަރަށް ކުރިއަށް ގޮސްފައި. އޭގެ ފީޒިބިލިޓީވެސް ހަދާ ނިމިފައި. އެހެންވީމާ، އަޅުގަނޑުމެން ބޭނުމިއްޔާ ހަމަ ކުވޭތު ފަންޑުން އެ ޕްރޮޖެކްޓްވެސް އެޕްރޫވްކުރާ ހިސާބުގައި މިހާރު އޮތީ. ދެން އޭގައި އަޅުގަނޑުމެން މި ވިސްނަންޖެހެނީ، އޭގައި މިހާރު އެންމެ ބޮޑަށް ބޭނުންވަނީ، ކޮން ޕްރޮޖެކްޓެއްތޯ އަޅުގަނޑުމެން ފައިނޭންސް ކުރަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

ސަރުކާރުން ވަރަށް ބޮޑަށް ސިއްރު ކުރައްވާފައި އޮތް ނަމަވެސް، ރޭގައި އަޅުގަނޑުމެން އެއަރޕޯޓަށް އަރާލިތަނާ، އެއަރޕޯޓް މުވައްޒަފުން ބުނެފި، ރައީސް އެންމެފަހުން ޤަޠަރަށް ކުރެއްވި ދަތުރުފުޅާ ވިދިގެން މިކަން އަންނާތީ މިދެންނެވީ. ޤަޠަރު އަމީރު ރާއްޖެ ވަޑައިގެން އުޅުއްވާ ވާހަކަ. އެހެންވީމާ، މިދަތުރުގެ ތެރެއިން އެއްވެސް ކަމެއް، މަނިކާފުނު މަޝްވަރާ ކުރެއްވި އެއްވެސް ކަމެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވަންތޯ؟ އަމިއްލަ ދަތުރުފުޅެއް ނަމަވެސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އަމިއްލަފުޅު ދަތުރުފުޅުގައި އެބޭފުޅުން އަބަދުވެސް ރާއްޖެ ވަޑައިގަންނަވާ. އެހެންވީމާ، އެގޮތުން ވަޑައިގެން އުޅުއްވަނީ. ދެން އަޅުގަނޑު ކުރިން ދެންނެވިހެން، ޤަޠަރުގެ ލީޑަރޝިޕްގެ އިންޓްރެސްޓް ވަރަށް ބޮޑަށް އެބަހުރި ރާއްޖޭގައި އިންވެސްޓް ކުރެއްވުމަށް. ދެން އެހެންވީމާ، ހަމަ އެބޭފުޅުން ގިނައިން ވަޑައިގެންވަރަކަށް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށްވެސް ފުރްޞަތުވެސް ހަމަ އިތުރުވެގެންދާނެހެން.

އާދެ! އެހެންވީމާ، މިހާ ހިސާބުން ދެން ނިންމާލަމާ ހިންގަވާ ދޮއެއްތޯ. ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުން ވަޑައިގެންދެއްވި ކަމަށްޓަކައި.