ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ކުވޭތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ހެނދުނު އެޤައުމަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ކުވޭތުގެ އަމީރީ އެއާޕޯޓުން ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަތިންދާބޯޓުން ފައިބާވަޑައިގަތުމާއެކު އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ކުވޭތުގެ އަމީރު ޝެއިޚް ޞަބާޙް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙާއި، ކުވޭތުގެ ވަލީޢަހުދު ނަވާފް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙާއި، ކުވޭތު ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްބޭފުޅުންނެވެ.

އެއަށްފަހު، ވައިގެ ބަނދަރުގައި ރައީސުލްޖުމްހޫރިއްޔާއާއި ކުވޭތުގެ އަމީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ދިވެހިރާއްޖެއާއި ކުވޭތާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރެއް އެމަނިކުފާނު ބައްލަވައި ފާސްކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތައް މިރޭ އޮންނާނެއެވެ. އޭގެ ކުރިން އެމަނިކުފާނު ކުވޭތުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުވޭތުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ކުވޭތުގެ އަމީރު ދެއްވާ ރަސްމީ ޖާފަތްވެސް މިރޭ އޮންނާނެއެވެ.