ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށާއި، އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ދެބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ފޮނުއްވި ނަންފުޅަކީ، ގަލޮޅު ވައިޖެހޭގޭއާގޭ ޑޮކްޓަރ މުޙަންމަދު ޢާޞިމްގެ ނަންފުޅެވެ. ޑޮކްޓަރ މުޙަންމަދު ޢާޞިމަކީ، މީގެކުރިން ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދްމަތް ކުރައްވައި، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ފޮނުއްވި ނަންފުޅަކީ، ޕާކިސްތާނުގައި މިހާރު ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމްގެ ނަންފުޅެވެ.

މިދެބޭފުޅުންގެ ނަންފުޅު ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، އެދެބޭފުޅުން ސަފީރު ކަމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި، އަވަސް ފުރުޞަތެއްގައި އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.