بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިންގެ ލޮބުވެތި ފުލުހުންގެ ޚިދްމަތަށް 80 އަހަރު ފުރުނު މި އުފާވެރި މުނާސަބަތުގައި، ހުރިހާ ފުލުހުންްނަށާއި ފުލުހުންގެ ޢާއިލާތަކަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި ހަމައެހެން، މިހާތަނަށް ފުލުހުންގެ ތެރޭގައި ޚިދްމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށްް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

އެއަށްފަހު، މިރޭ ހަނދާނީ ފިލައާއި ހަނދާނީ މެޑެލް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން. ޚާއްޞަކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން މިރޭ ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އާދަމް ޒާހިރުގެ ނަންފުޅު އަޅުގަނޑު ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން. އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އާދަމް ޒާހިރަކީ، ރާއްޖޭގެ ފުލުހުންގެ މުއައްސަސާ، ވަކި މުއައްސަސާއެއްގެ ގޮތުގައި ތަރައްޤީ ކުރައްވައި ހަރުދަނާ ކުރެއްވުމަށް އެންމެ ބޮޑު އެންމެ އަގުހުރި މަސައްކަތްޕުޅެއް ކޮށްދެއްވި ބޭފުޅެއް. މިއަދު އެ މުއައްސަސާއަށް ލިބިފައިވާ ކުރިއެރުމުގައި އެމަނިކުފާނުގެ ޙިއްޞާ ވަރަށްބޮޑު. އެހެންކަމުން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އާދަމް ޒާހިރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ! ފުލުހުންގެ ޚިދްމަތަކީ ވަރަށް ޝަރަފްވެރި ޚިދްމަތެއް. ރައްޔިތުންނާ ގުޅިފައިވާ ވަރަށް ބޭނުންތެރި ޒުރޫރީ ޚިދްމަތެއް. ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކޮށް، ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމްކޮށްދިނުމުގައި ފުލުހުން އަދާކުރަމުންގެންދާ ދައުރަކީ، ވަރަށްވެސްް މުހިންމު ދައުރެއް. ޤައުމެއް ތަހުޒީބީ ޤައުމަކަށްވަނީ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުނީމާ. ރޫލް އޮފް ލޯ ޤާއިމުކުރެވުނީމާ. ތިޔަ ލޮބުވެތި ފުލުހުންގެ އެހީއާއެކީގައި، އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ، ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓޭތޯ. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭތޯ. އަޅުގަނޑުމެންގެ ރަށްތަކަކީ އަމާން ތަންތަން ކަަމުގައި ހެދޭތޯ. އެގޮތަށް މަސައްކަތް ކުރެވެނީ، އަދި މި ޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ހަމަޖެހިލައިގެން މި އުޅެވެނީ ތިޔަ ފުލުހުންގެ ކެތްތެރިކަމާއެކީގައި. ތިޔަ ފުލުހުންގެ ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންނަށް ރައްކާތެރިކަން މިއަދު ލިބިފައިވަނީ. އެހެން ނަމަވެސް، ފުލުހުންގެ މުއައްސަސާއާއި ފުލުހުންގެ އަގު ވައްޓާލައި، ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ފަތުރައި، ފުލުހުންނަކީ ޤައުމަށް ޚިޔާނާތްތެރިވާ ބަޔަކުކަން ދެއްކުމަށް އަޅުގަނޑުމެންގެ ތެރެއިން މަދުބަޔަކު މަސައްކަތް ކުރަމުން ގެންދާކަން އެއީ، ވަރަށް ހިތާމަހުރި ކަމެއް. ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފުލުހުން ބަދުނާމުކޮށް، ފުލުހުންގެ މުއައްސަސާގެ ތަޞައްވުރު ގޯސްކުރުމަށް އެކުރާ މަސައްކަތާމެދު އަޅުގަނޑުމެން ހޭލުންތެރިވާންއެބަޖެހޭ.

ފާއިތުވެދިޔަ ދިހަވަރަކަށް އަހަރަކީ، ދިވެހި ޤައުމުގައި ވަރަށްބޮޑެތި ސިޔާސީ ބަދަލުތަކެއް އައި އަހަރުތަކެއް. އޭގެ ސަބަބުން ރައްޔިތުންނަށް އެކިއެކި މިންވަރުގެ ހަލަބޮލިކަން ތަޙައްމުލު ކުރަން ޖެހިފައިވާ ދުވަސްތަކެއް. މި ވޭތުވެދިޔަ އަހަރަކީ، އެގޮތުން ފަސޭހަ އަހަރެއް ނޫން. ސިޔާސީ ހަމަނުޖެހުންތައް އުފެދި، ޤައުމުގެ ޞުލްޙަމަސަލަސްކަމަށް ނުރައްކާތައް ކުރިމަތިވެގެން އައި. އަދި އެފަދަ ވަގުތުތަކުގައިވެސް ޤައުމުގައި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ފުލުހުން ވަރަށްބުރަ މަސައްކަތްތަކެއް ކުރި. ދިވެހި ޤައުމާއި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރި. ދިވެހި ޤައުމާއި ރައޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ފުލުހުން ރެއާއި ދުވާލު މަސައްކަތްކުރި. އަޅުގަނޑަށް އެކަން ވަރަށް ގާތުން ފެނި ވަނީ ތަޖުރިބާ ކުރެވިފައި. ވީމާ، ފުލުހުން އެކުރައްވާ މަތިވެރި ޤައުމީ ޚިދްމަތަށްޓަކައި އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަދި ފުލުހުން އެމީހުންގެ ޢާއިލާތަކާއެކު އެކަށީގެންވާ ވަގުތު ހޭދަކުރުމުގެ ފުރްޞަތު ނުލިބިދިޔަ ކަމުގައިވިޔަސް، އެފަދަ ދަނޑިވަޅުތަކުގައިވެސް، ފުލުހުންގެ ޢާއިލާތަކުން ވަރަށް ކެތްތެރިކަމާއެކު ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވިކަން އަޅުގަނޑު ފާހަގަކޮށް، ފުލުހުންގެ ޢާއިލާތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

ފުލުހުން ތަމްރީނު ކުރުމަށާއި، ފުލުހުންގެ ދައުރު ހަރުދަނާކޮށް، ތަރައްޤީ ކުރުމަށް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން މިއަދު ފުލުހުންނަކ،ީ ވަރަށް ޕްރޮފެޝަނަލް ފެންވަރެއްގައި މަސައްކަތް ކުރަމުންގެންދާ ބައެއްކަން އަޅުގަނޑުމެން ގަބޫލު ކުރަން. މިއަދު ފުލުހުންގެ ޚިދްމަތުގައި ތިބީ ތަޢުލީމީގޮތުން ޤާބިލް ހުނަރުވެރި ޒުވާނުންކަން އަޅުގަނޑުމެން މިދަނީ ގަބޫލުކޮށް، އެކ ަންއަޅުގަނޑުމެންގެ ކުރިމަތީގައި ސާބިތުވެގެން.

ފުލުހުންގެ ޚިދްމަތަށް 80 އަހަރު ފުރި އެ މުނާސަބަތު މިރޭ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ފުލުހުންގެ މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ދޭތެރޭގައި ބަލާލުމަކީ ވަރަށް މުނާސަބު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ފުލުހުންގެ މުއައްސަސާއަކީ، ވަރަށް ޤާބިލު، ތަޢުލީމީ މީހުން ތިބި މުއައްސަސާއަކަށް ހެދުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެމުންގެންދާ ކަމެއް. އެގޮތުން ކުރާ މަސައްކަތުގެ ތެރެއިން، ފުލުހުންނަށް މަތީ ތަޢުލީމާއި ތަމްރީނުތައް ލިބޭނެ މަގުތައް ފަހިކޮށްދީ، އެ ފުރްޞަތުތައް ހުޅުވާލަދޭންޖެހޭ. އެހެންކަމުން، ފުލުހުންގެ އިންސްޓިޓިއުޓް އޮފް ލޯ އެންފޯސްމަންޓް އެންޑް ސެކިއުރިޓީ އުފައްދައި، ޑިގްރީ ފެންވަރު ކޯސްތައް ހިންގާގޮތަށް އެތަން ތަރައްޤީ ކުރެވި، ފުރަތަމަ ޑިގްރީ ކޯސް މިދިޔަ ހަފްތާގައި ފެށުނުކަމީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަދި މި އިންސްޓިޓިއުޓް އިތުރަށް ހަރުދަނާ ކުރުމަށް ކޮށްދެވެން ހުރި ކަންތައްތައް ސަރުކާރުން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން.

ހަމައެއާއެކު، ފުލުހުންގެ ރިޒާރވް ފޯހެއް އުފެއްދުމަށްޓަަކައި ކެބިނެޓުން ނިންމެވި ނިންމެވުމާ ގުޅިގެން، މަސައްކަތް މިހާރު ދަނީ ހިނގަމުން. މިކަމުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރްޞަތުތައް ހުޅުވިގެންދާނެ. އަދި ރައްޔިތުންނަށް އިތުރު ހަމަޖެހުން ލިބި، ޤައުމުގައި ޞުލްޙަމަސަލަސްކަން ޤާއިމް ކުރެވިގެންދާނެ ކަމަށްވެސް އަޅުގަނޑު ޔަޤީންކުރަން.

ދިވެހި ލޮބުވެތި ފުލުހުން:

މިއަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިޚާބު ބާއްވާ އަހަރު. ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންގެ މުއައްސަސާއިން މިހާރުވަނީ ފަށްޓަވާފައި. އެމަސައްކަތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުންނާއި، އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން ފުލުހުންނަށް އެއްބާރުލެއްވުން ދެއްވުމަށް ދަންނަވަން.

ހަމައެއާއެކު، ފުލުހުން، އެބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާއިރު، ފުލުހުންނަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ރައްޔިތުން ދެއްވަން އެބަޖެހޭކަންވެސް އަޅުގަނޑު ފާހަގަކުރަން. ޝައްކެއްނެތް، މި ޤައުމުގައި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނީ ފުލުހުންގެ މުއައްސަސާއަށް އިޙްތިރާމް ކޮށްގެން. ފުލުހުންނަށް އެމީހުންގެ ވާޖިބު އަދާކުރެވިގެން. އަދި މި ޤައުމުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީވެސް، ފުލުހުންނަށް ލިބެންޖެހޭ ޤަދަރާއި އިޙްތިރާމް ލިބިގެން. ޤާނޫނު ލާޒިމްކުރާ ވާޖިބުތައް ފުލުހުންނަށް އަދާކުރެވިގެން. ހިތާމައަކީ ފަހަކަށްއައިސް މި ޤައުމުގެ ބައެއް ޒުވާނުން އޭގެ ތެރޭގައި ހަމަ ތަޢުލީމީ ޒުވާނުންވެސް ހިމެނޭ ގޮތަށް، އަަދި ހަމައެހެން ޤަދަރުހުރި ބައެއް ފަރާތްތަކުންވެސް ފުލުހުންނަށް ފުރައްސާރަކުރާ ތަން ފެންނަމުންދާކަން.
ރިވެތި ނަމޫނާ ދައްކަންވީ ފަރާތްތަކުން ނޭދެވޭ މަންޒަރުތައް ދައްކަމުންދާތީ.
އަޅުގަނޑުމެން ކޮންމެ މީހަކީ މަސްއޫލުވެރި މީހަކަށްވާންޖެހޭ. ހަމައެހެންމެ، ކޮންމެ މީހަކީވެސް، މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ޤައުމުގެ މަޞްލަޙަތަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށާއި އެއްބައިވަންތަކަމަށް މަސައްކަތްކުރާ މީހަކަށްވެސް އެބަވާންޖެހޭ. ރީތި ނަމޫނާއެއް ދައްކައި، މީހުންނަށް އިޙްތިރާމްކުރާ އަދި އިޙްތިރާމް ހޯދަން ދަންނަ މީހަކަށްވާން އެބަޖެހޭ. އެގޮތަށް އަޅުގަނޑުމެންނަށް ޢަމަލު ނުކުރެވޭނަމަ، އެކަމުގެ އަސަރު މުސްތަޤްބަލުގެ ޖީލަށް ފޯރުމަކީ ނުވެނުދާނެ ކަމެއް.

ފުލުހުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމާމެދު އަޅުގަނޑުގެ ކުޑަވެސް ޝައްކެއްނެތް. އަދި ފުލުހުން މަސައްކަތް ކުރަމުންދާނީ މިނިވަންކަމާއެކުގައި. ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް އަމުރެއް އަޅުގަނޑު ފުލުހުންނަކަށް ނުކުރާނަން. އެކަމުގެ ޔަޤީންކަން މިރޭވެސް މި ފުރްޞަތުގައިވެސް ދިވެހި ފުލުހުންނަށާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. ހިތާމައަކީ، ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި އެކިއެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުވަތަ ބައެއް ޤަދަރުވެރި އާއިލާތަކުގެ ބޭފުޅުންނަށް ޤާނޫނުގެ ބާރު ހިންގަން ޖެހުމުން އެކަމާ ކަންބޮޑުވެވަޑައިގަތުން. އެކަމުގެ މަސްއޫލިއްޔަތު އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ބޮލުގައިވެސް އަޅުވަމުން ގެންދާކަން. އެހެންނަމަވެސް، ޙަޤީޤަތަކީ މިއަދު ދިވެހި ފުލުހުންނަކީ ވަރަށް މިނިވަންކަމާއެކީގައި، ވަރަށް ޕްރޮފެޝަނަލްކޮށް، މަސައްކަތްކުރައްވަމުން ގެންދަވާ ބައެއްކަން. އެބޭފުޅުންގެ މަސައްކަތަކަށް މިއަދު ސަރުކާރުގެ ނުފޫޒުތަކެއް ނުފޯރާނެ. އެހެންވީމާ، އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން، ޤާއިމްކުރަންޖެހޭ އިންސާފު، އެއްވެސް ހުރަހެއްނެތި، ޤާއިމްކުރެވިގެންދާނެކަން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ޤާނޫނު ތަންފީޛުކުރާ ހުރިހާ އިދާރާތަކުންވެސް ފުލުހުންނާ ގުޅިގެން ޤާނޫނުތައް ދެމެހެއްޓެވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވުމަށާއި، ޤައުމުގެ މަޞްލަޙަތަށާއި ހަމަޖެހުމަށް އިސްކަންދެއްވުމަށް ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ފުލުހުންނަކީ އެމީހުންގެ ވާޖިބު އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. ހިތްވަރާއި ޤާބިލްކަމާއެކު، ދިވެހި ޤައުމަށާއި ރައްޔިތުންނަށް އަދި ޤައުމުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. ރާއްޖެއަށް އަމަންއަމާންކަމާއި ފާގަތިކަން ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.