ޤާނޫނު ތަންފީޛު ކުރާ ހުރިހާ އިދާރާތަކުންވެސް ފުލުހުންނާ ގުޅިވަޑައިގެން ޤާނޫނުތައް ދެމެހެއްޓެވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވުމަށާއި، ޤައުމުގެ މަޞްލަޙަތަށާއި ހަމަޖެހުމަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ފުލުހުންގެ 80 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަކީ ވަރަށް ޝަރަފުވެރި ޚިދުމަތެއް ކަމަށާއި، ރައްޔިތުންނާ ގުޅިފައިވާ ވަރަށް ބޭނުންތެރި ޒުރޫރީ ޚިދްމަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކޮށް، ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމުކޮށްދިނުމުގައި ފުލުހުން އަދާކުރަމުންދާ ދައުރަކީ، ވަރަށްވެސް މުހިންމު ދައުރެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެހެން ނަމަވެސް، ފުލުހުންގެ މުއައްސަސާއާއި ފުލުހުންގެ އަގު ވައްޓާލައި، ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ފަތުރައި، ފުލުހުންނަކީ ޤައުމަށް ޚިޔާނާތްތެރިވާ ބަޔަކުކަން ދެއްކުމަށް އަޅުގަނޑުމެންގެ ތެރެއިން މަދުބަޔަކު މަސައްކަތް ކުރަމުން ގެންދާކަން އެއީ، ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، ފުލުހުންގެ މުއައްސަސާގެ ތަޞައްވުރު ގޯސްކުރުމަށް އެކުރާ މަސައްކަތާމެދު އަޅުގަނޑުމެން ހޭލުންތެރިވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިޤައުމުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީވެސް، ފުލުހުންނަށް ލިބެންޖެހޭ ޤަދަރާއި އިޙްތިރާމް ލިބިގެން ކަމަށާއި، ޤާނޫނު ލާޒިމްކުރާ ވާޖިބުތައް ފުލުހުންނަށް އަދާކުރެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، ފުލުހުން، އެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާއިރު، ފުލުހުންނަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ރައްޔިތުން ދެއްވަން އެބަޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ފުލުހުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިވަންކަމާއެކުގައި ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް އަމުރެއް ފުލުހުންނަށް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ، ދިވެހި ފުލުހުންނަށާއި ދިވެހި ރައްޔިތުންނަށް މިރޭވެސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހިތާމައަކީ، ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި އެކިއެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުވަތަ ބައެއް ޤަދަރުވެރި އާއިލާތަކުގެ ބޭފުޅުންނަށް ޤާނޫނުގެ ބާރު ހިންގަން ޖެހުމުން، އެބޭފުޅުން އެކަމާ ކަންބޮޑުވެވަޑައިގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެން ކޮންމެ މީހަކީ މަސްއޫލުވެރި މީހަކަށްވާންޖެހެއެވެ. ހަމައެހެންމެ، ކޮންމެ މީހަކީވެސް، އެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ޤައުމުގެ މަޞްލަޙަތަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށާއި އެއްބައިވަންތަކަމަށް މަސައްކަތްކުރާ މީހަކަށްވާން އެބަޖެހެއެވެ. ރީތި ނަމޫނާއެއް ދައްކައި، މީހުންނަށް އިޙްތިރާމްކުރާ އަދި އެ އިޙްތިރާމް ހޯދަން ދަންނަ މީހަކަށްވެސްވާން އެބަޖެހެއެވެ. އަދި އެގޮތަށް އަޅުގަނޑުމެންނަށް ޢަމަލު ނުކުރެވޭނަމަ، އެކަމުގެ އަސަރު މުސްތަޤްބަލުގެ ޖީލަށް ފޯރުމަކީ، ނުވެނުދާނެ ކަމެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ ދިހަ އަހަރަކީ ދިވެހި ޤައުމަށް ވަރަށްބޮޑެތި ސިޔާސީ ބަދަލުތަކެއް އައި އަހަރުތަކެއް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް އެކިއެކި މިންވަރުގެ ހަލަބޮލިކަން ތަޙައްމުލުކުރަން ޖެހުނު ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ވަގުތުތަކުގައިވެސް ޤައުމުގައި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ފުލުހުން ކުރައްވާފައިވަނީ، ވަރަށްބުރަ މަސައްކަތްތަކެއްކަން ބަޔާންކުރައްވައި، ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ ޢާއިލާތަކުން ވަރަށް ކެތްތެރިކަމާއެކު ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ފުލުހުންގެ ޢާއިލާތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ފުލުހުންގެ މުއައްސަސާއަކީ، ވަރަށް ޤާބިލު، ތަޢުލީމީ މީހުން ތިބި މުއައްސަސާއަކަށް ހެއްދެވުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. ފުލުހުންގެ ރިޒާރވް ފޯހެއް އުފެއްދެވުމަށް ކެބިނެޓުން ނިންމެވުމާ ގުޅިގެން، އެ މަސައްކަތް މިހާރު ހިނގަމުންދާކަން ހާމަކުރައްވަމުން، މިކަމުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރްޞަތުތައް ހުޅުވިގެންދާނެ ކަމަށާއި، އަދި ރައްޔިތުންނަށް އިތުރު ހަމަޖެހުން ލިބި، ޤައުމުގައި ޞުލްޙަމަސަލަސްކަން ޤާއިމް ކުރެވިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންގެ މުއައްސަސާއިން މިހާރު ފަށްޓަވާފައިވުމާއެކު، އެމަސައްކަތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުންނާއި، އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން ފުލުހުންނަށް އެއްބާރުލެއްވުން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.