ތަފާތު ހަކަތަ އެއްކޮށްގެން ކަރަންޓު ޚަރަދު ކުޑަކުރެވޭނެ ހައިބްރިޑް އެކިއެކި ނިޒާމުތައް، މުސްތަޤްބަލުގައި ރާއްޖޭގެ ކުދި ރަށްރަށުގައި ތަޢާރުފުކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގައި ހިނގަމުންދާ އިޢާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިމި، އެ ފިޔަވަހި އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ހައިބްރިޑް އެކިއެކި ސިސްޓަމްތައް ތަޢާރުފުކުރުމަށްޓަކައި ހިންގާ މަޝްރޫޢަށް ހިލޭ އެހީގެ އިތުރުން، އަމިއްލަ ފަރާތްތަކުންވެސް މިކަމަށް އިންވެސްޓްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޕްރޮޖެކްޓް ފޯރ ކްލީން އެނަރޖީ ޕްރޮމޯޝަން އިން މާލެ" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލޭގައި ހުރި ސަރުކާރުގެ ފަސް ޢިމާރާތެއްގައި ސޯލަރ ޕީ.ވީ. ސިސްޓަމްތައް ހަރުކޮށް ނިންމުން އިފްތިތާޙް ކޮށްދެއްވުމަށް މިއަދު ހަވީރު ވެލާނާގެ ޓެރަސްގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢު ނިމުމާއެކީގައި، އިރުގެ ހަކަތަ ބޭނުންކޮށްގެން މާލޭގައި 675 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ. މި މަޝްރޫޢު މުޅިން ނިމޭއިރު 770 ކިލޯވޮޓްގެ ކަރަންޓު އުފެއްދިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުން މާލޭގެ 250 ނުވަތަ 300 ގޭގެ ކަރަންޓުގެ ޚަރަދު ސަލާމަތް ކުރެވޭނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ޑީސަލް ބޭނުންކޮށްގެން ކުރިއަށް ދެވޭކަށް ނެތް ކަމަށާއި، ރާއްޖެއަކީ އަބަދުވެސް އަވީގެ ނަސީބު ލިބިފައިވާ ޤައުމަކަށްވާތީ، އެ ނިޢުމަތުގެ ބޭނުން ކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަކަތައާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެ ސިޔާސަތުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޑީސަލާއި، އެނޫން ތެލުގެ ބާވަތްތަކުން އުފައްދާ ގޭސްތައް މަދުކުރުމާއި، އަދި ރާއްޖޭގެ ކަރަންޓުގެ ޚަރަދު ކުޑަކުރުން ހިމެނޭކަން ބަޔާންކުރެއްވިއެވެ.

ރާއްޖެއަކީ ކަރަންޓު ޚަރަދު އެންމެ ބޮޑު އެއްޤައުމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ހަކަތަ ބޭނުންކުރެވޭ މަޝްރޫޢުތައް މާލޭގައިވެސް އިތުރުވުމަކީ، މާލޭގެ ކަރަންޓުގެ ޚަރަދު، ކައިރި މުސްތަޤްބަލެއްގައި ކުޑަކުރެވިގެންދާނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މާލެއަށްވުރެ ކަރަންޓު ޚަރަދު ބޮޑު އެހެން ރަށްރަށް ރާއްޖޭގައި އެބަހުރި ކަމަށާއި، ޚާއްޞަކޮށް އެހީތެރިކަމަށް ބޭނުންވާ އެންމެ ނިކަމެތި ދިމަދިމާލުގައި ކަރަންޓު އުފެއްދެނީ މިއަށްވުރެ މާ ޚަރަދު ބޮޑުކޮށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.