بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘  وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙަންމަދު ނާޒިމް، ސްޕްރީމު ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޖެނެރަލް އޮފިސަރުން، އޮފިސަރުން، 58 ވަނަ އަސާސީ ތަމްރީނު ކޯހުގެ މުދައްރިސުންނާއި ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، މިއަދު ސިފައިންގެ ޤާނޫނީ ހުވާކުރި ހުރިހާ ސިފައިންނަށް މަރްޙަބާއާއި ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން. ސިފައިންގެ 58 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި، ސިފައިންގެ ޚިދުމަތަށް މިއަދު ތިޔަބޭފުޅުން ތިޔަ ނުކުމެވަޑައިގަންނަވަނީ، ވަރަށް މަތިވެރި ހުވައެއް ކުރައްވައިގެން. މި ހުވައަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ޤައުމުގެ މިނިވަންކަމާއި، މި ޤައުމުގެ އިސްތިޤްލާލާ ގުޅިފައިވާ މަތިވެރި ހުވައެއް. އެހެންކަމުން، މި ހުވައަށް ރައްކާތެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސްކުރަން.

ޑިމޮކްރެޓިކް ނިޒާމެއްގައި ހުރިހާ ބާރަކީވެސް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އެއްޗެއް. އެ ޑިމޮކްރެޓިކް ނިޒާމު ރައްކާތެރިކޮށް ޙިމާޔަތްކޮށް ދިނުމަށް ރައްޔިތުން މަތިކޮށްފައިވާ ބަޔަކީ ޤައުމުގެ ސިފައިން. ޤައުމުގެ ދިފާޢީ ލަޝްކަރު. އެހެންކަމުން، އެ ނިޒާމަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ދިފާޢީ ބާރުގެ ތެރެއިން ކޮށްގެން ނުވާނެ. އަދި، އެފަދަ ކަމަކަށް އެހެންބަޔަކަށް ޖާގަ ދީގެންވެސް ނުވާނެ. އެ ދިފާޢީ ބާރު ވާންޖެހޭނީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށްވެސް އަދި ޤާނޫނު ހަދާ މަޖިލީހަށްވެސް އަދި ހަމައެހެންމެ، ފަނޑިޔާރުގެއަށްވެސް ފުރިހަމައަށް ޖަވާބުދާރިވާ ބަޔަކަށް. ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރާ ޚާދިމަކަށް.

ޤައުމުގެ ދިފާޢީ ލަޝްކަރު ވާންޖެހޭނީ އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް. މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމެއްގައިވެސް ޤައުމުގެ ދިފާޢީ ބާރަކީ، އެޤައުމެއްގެ ދިފާޢީ އެންމެފަހުގެ އައްޑަނަ. އެ އައްޑަނަ ވާންޖެހޭނީ ވަރަށް ވަރުގަދަ އަދި ސާބިތު އައްޑަނައަކަށް. އެ އައްޑަނައިގެ އެންމެ މުހިންމު ބަޔަކީ ސިފައިން. އެހެންކަމުން، ސިފައިން ވާންޖެހޭނީ ވަރަށް ކެރޭ، ވަރަށް ހުޝިޔާރު، ހިތްވަރުގަދަ އަދި ނުގުޑާފަދަ ޢަޒުމެއްގައި ދެމިތިބޭ ބަޔަކަށް. މުޖުތަމަޢުގެ އޮއިވަރުތަކުން ނެއްޓި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އަދި ޤައުމީ މަޞްލަޙަތު، އެހެން ހުރިހާ ކަމެއްގެ ކުރިއަށްނެރޭ ބަޔަކަށް.

ޑިމޮކްރެޓިކް ވެށްޓަކުން އުފަންވާ ސިފައިންގެ މީހާގެ އެންމެ މުހިންމު އެއް ސިފަޔަކީ ޚާދިމަކަށްވުން. ފުރިހަމަ ކިޔަމަންތެރިވުން. އެ ކިޔަމަންތެރިކަން އަދާކުރަންޖެހޭނީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދެމެހެއްޓުމަށް ކަނޑައެޅިފައިވާ ފަރާތްތަކަށް. އަދި ޤާނޫނީ ހަމައަށް. އަދި ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް. ސިފައިންގެ މީހާއަކީ، އޭނާގެ މައްޗަށް ޢައްޔަންކުރެވޭ ސިޔާސީ ވެރިންނާއި، ޑިމޮކްރެޓިކް މުއައްސަސާތަކާއި މުސްތަޤިއްލު ބާރުތަކުގެ މައްޗަށް ބަސްބުނާ އަދި ގޮތްކިޔާ މީހަކަށް ވެގެންނުވާނެ. އެހެންވެއްޖެނަމަ، އެ މުޖުތަމަޢެއް އިސާހިތަކުމެ ރޫޅި، ނުރައްކަލުގެ ތެރެއަށް ހުށަހެޅިދާނެ. ޤައުމު ފަސާދަވުމަށް ޖާގަ ލިބިދާނެ. ޑިމޮކްރެޓިކް އުޞޫލާއި ހަމަ ގެއްލިގެން ހިނގައިދާނެ.

ސިޔާސީ އަދި ދީނީ ބައިބައިވުމާއި، ތަފާތު ފިކުރުތަކަށް ސިފައިންގެ ތެރޭގައި ޖާގަ އޮވެގެން ނުވާނެ. ސިފައިންނަކީ އެއްފިކުރެއްގެ ވެރިބައެއް. އެއީ، ޤައުމީ ފިކުރު. ވަޠަނީ ފިކުރު. ޤައުމަށް ހެޔޮގޮތާއި މޮޅުގޮތް ލިބުމުގެ ފިކުރު. ސިފައިންގެ މި ފިކުރު ކަފިކަފި ކޮށްލުމަށް ކުރެވޭ ހުރިހާ ކަމަކަށް ސިފައިން ސާބިތުކަމާއެކު ކުރިމަތިލާންޖެހޭނެ. މި ލަޝްކަރުގެ ބަދަހިކަމަށް އެއްވެސް ލޮޅުމެއް އައުމަށް ޖާގަ ދީގެން ނުވާނެ.

ދިވެހި ސިފައިންގެ މިއަދު ޖީލަކީ ތަޢުލީމީ ޖީލެއް. އެކަން މިއަދު ހުވާކުރި ސިފައިންގެ ތެރެއިން ހާމަވޭ. މީގެތެރޭގައި މުޅިންވެސް ތިބީ ޘާނަވީ ތަޢުލީމު ނިންމައި، އަދި ޘާނަވީ ތަޢުލީމުން ފެށިގެން ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލްކޮށްފައިވާ ސިފައިން. އެހެންކަމުން، ތިޔަ ހުރިހާ ސިފައިންނަށްވެސް، އަޅުގަނޑު މިފާހަގަކުރި ކަންކަމުގެ މުހިންމުކަން އަމިއްލައަށްވެސް ވިސްނިވަޑައިގަންނަވާނެ.

ރާއްޖެފަދަ ޅަފަތުގައި އޮތް ޑިމޮކްރެސީއެއްގައި، ދިފާޢީ ލަޝްކަރު ސާބިތުވުމާއި ބަދަހިވާންޖެހޭނެކަން ވަޒަންކުރެއްވޭނެ. އަދި، ޤައުމުގެ އެހެނިހެން ޑިމޮކްރެޓިކް މުއައްސަސާތަކާއި ނިޒާމުތައް ދޮންވެ ފައްކާވުމަށް ޤާއިމުކޮށްދޭންޖެހޭ އަމާން، އޮމާން އަދި ސަލާމަތްތެރި ވެށި ތަނަވަސްކޮށްދިނުމުގައި ދިފާޢީ ބާރުގެ ދައުރު ދެނެގަންނަންޖެހޭނެ.

މިހުރިހާ ކަމަކީވެސް ސިފައިންގެ މީހާގެ އުޅުމާއި ގުޅުން ބައްޓަންކުރަންޖެހޭގޮތުގެ އުޞޫލު ބަޔާންވެގެންވާ ސިފައިންގެ ކޯޑް އޮފް އެތިކްސްގެ ތެރެއިން ޙާޞިލުވާނެ ކަންކަން. އެހެންކަމުން، ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތަކާއި އަޚްލާޤީ ވާޖިބުތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ހުރިހާ ސިފައިންނަށް ދަންނަވަން.

އާދެ، މި ތަމްރީނުގެ ތެރޭގައި ސިފައިންގެ ބޭކަލެއް ކަމުގައިވާ ރެކްރޫޓް އިސްމާޢިލް ޙަބީބް ނިޔާވުން އެއީ، އަޅުގަނޑަށްވެސް ފުން ހިތާމަތަކެއް ލިބުނުކަމެއް. އެހެންކަމުން، އެ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި މަރުޙޫމް އިސްމާޢީލް ޙަބީބުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދު ތިޔަބޭފުޅުން ތިޔަކުރެއްވި މަތިވެރި ހުވައިގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު، اللّـه سبحـانـه وتعـالى ތިޔަބޭފުޅުންނަށް މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަކީ އަބަދުވެސް މިނިވަން މުސްތަޤިއްލު އަދި ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމުވެފައިވާ ޤައުމެއްގެ ގޮތުގައި ލައްވައި، ދިވެހި ސިފައިންނަށް ކުރިއެރުމާއި ތަރައްޤީ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.