ބަންގްލަދޭޝްގެ ރައީސް ޒިލުރް ރަޙްމާން އަވަހާރަވުމާ ގުޅިގެން، މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ސޮއިކުރައްވައިފިއެވެ.

މިފޮތުގައި ސޮއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝް ހައިކޮމިޝަނަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝް ސަފީރު ރިއަރ އެޑްމިރަލް އަބޫ ސަޢީދު މުޙަންމަދު ޢަބްދުލްއަވާލެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބަންގްލަދޭޝް ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ރައީސް ޒިލުރް ރަޙްމާނުގެ ހަނދާންތައް ދެމިހުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.