بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! އަޅުގަނޑު މިއައީ ރަސްމީ ދަތުރެއްގައި ޤަޠަރުގެ ވެރިރަށް ދޯހާއަށް ޒިޔާރަތްކޮށްލާފައި. ދެން މިދަތުރުގައި އަޅުގަނޑަށް ޤަޠަރުގެ އަމީރާއި ބޮޑުވަޒީރާއި އަދި ވަރަށްގިނަ ވަޒީރުންނާ ބައްދަލުވި. މީގެއިތުރުން، ޤަޠަރު ފައުންޑޭޝަނަށާއި، ޤަޠަރުގެ އެޑިޔުކޭޝަން ސިޓީއަށް ޒިޔާރަތް ކުރުމުގެ ނަޞީބުވެސް ލިބުނު. އަޅުގަނޑުގެ ދަތުރުގައި ބައިވެރިވި ބޭފުޅުންނަކީ، އަޅުގަނޑުގެ އިތުރުން، މިނިސްޓަރ އޮފް ޓޫރިޒަމް އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަދި ފޮރިން މިނިސްޓްރީގެ ބޭފުޅުން.

ދެން މިދަތުރު މިއީ ވަރަށް މުހިންމު ދަތުރެއް. ސަބަބަކީ ދިވެހިރާއްޖެއާއި ޤަޠަރާ ދޭތެރޭގައި އޮންނަ ގުޅުން، މިހާރަށްވުރެ ވަނީ ރަނގަޅުކުރަން ޖެހިފައި. އަޅުގަނޑުގެ މިދަތުރުގެ ސަބަބުން އަޅުގަނޑު ވަރަށް އުފަލާއެކީ ފާހަގަކުރަން، ޤަޠަރާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން މިހާރުވަނީ ވަރަށް ބޮޑަށް ބަދަހިވެފައި. އެނގިވަޑައިގަންނަވާނޭ ފަދައިން، ޤަޠަރުގެ އަމީރު ވަނީ ސުނާމީގެ ފަހުން 2005 ވަނަ އަހަރު އަޅުގަނޑު ހަނދާންވަނީ ރާއްޖެ ވަޑައިގެންފައޭ. ނަމަވެސް، އޭގެފަހުން ޤަޠަރުގެ އިސްބޭފުޅަކު އަދި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަކަށް ވަޑައެއްނުގަންނަވާ. އަޅުގަނޑު އުންމީދު ކުރަނީ، ވަރަށް އަވަސް މުސްތަޤްބަލެއްގައި ޤަޠަރުގެ އިސްބޭފުޅުން ދެން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު އުންމީދު ކުރަން، ޤަޠަރުގެ އިންވެސްޓްމަންޓް ޑެލިގޭޝަނެއް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް. އެއީ މި ދަތުރުގައިވަނީ އަޅުގަނޑުމެން މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި ސޮއިކޮށްފައި. ޤަޠަރުގެ އިންވެސްޓްމަންޓްސް ރާއްޖޭގައި ޤާއިމު ކުރުމަށް. އަދި މީގެއިތުރުން، ތަޢުލީމީ ދާއިރާއިންވެސް ޤަޠަރުން ރާއްޖޭގެ ކިޔަވާ ކުދިންނަށް އިތުރު ސްކޮލަރޝިޕް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އެކަމާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނު. ގަޠަރުގައި މިހާރު އެބަހުރި، އިނގިރޭސިވިލާތާއި އެމެރިކާގެވެސް ޔުނިވަރސިޓީތައް. އެ ޔުނިވަރސިޓީތަކަށްވެސް ދިވެހި ކުދިންނަށް ފުރްޞަތު އެބައޮތް. އަދި އޭގެ ކެމްޕަސްއެއްގައި ދިވެހި ކުއްޖަކަށް އެޑްމިޝަން ލިބިއްޖެ ކަމަށްވާނަމަ، އެ އެޑްމިޝަން ހޯދަންޖެހެނީ އެހެން ކުދިންނާވެސް ވާދަކޮށްގެން. އެހެން ނަމަވެސް، އެޑްމިޝަން ލިބިއްޖިއްޔާ، އިރާދަކުރެއްވިއްޔާ، ޤަޠަރުގެ ސަރުކާރުން އަޅުގަނޑުމެންނަށް ސްކޮލަރޝިޕް ދެއްވާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. އަދި މީގެއިތުރުން، އަޅުގަނޑުމެން ބައްދަލުކުރިން، ޗެމްބަރ އޮފް ކޮމާރސްއާވެސް. އަދި ޤަޠަރުގެ 5 ބޭންކް. މިބޭންކްގެ ބޭފުޅުންނާވެސް ބައްދަލުކުރިން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އެފަރާތްތަކުގެ ވަފުދުތައްވެސް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް. އަދި އޭގެ ސަބަބުން ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ހަމައެހެން، ރާއްޖޭގެ އެހެން ޢުމްރާނީ މަޝްރޫޢުތައްވެސް ޤަޠަރުގެ ވިޔަފާރިވެރިން އެކަމުގައި މިހާރު ޝައުޤުވެރިވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް އުންމީދު ކުރެވެނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީ ރާއްޖެއަށް ވަރަށް ފައިދާހުރި ދަތުރެކޭ. އިރާދަކުރެއްވިއްޔާ، މީގެ ސަބަބުން ދިވެހިރާއްޖެއާއި ޤަޠަރާ ދޭތެރޭގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ޤަޠަރުގެ އިންވެސްޓްމަންޓްސް ރާއްޖެއަށް ކައިރި މުސްތަޤްބަލެއްގައި އަންނާނެ ކަމަށް އަޅުގަނޑަށް އުންމީދު ކުރެވެނީ. ދެން ތިޔަބޭފުޅުންގެ ސުވާލު.

ޢާއިޝަތު ލީޒާ – އެމް.ބީ.ސީ ނިއުސް:

ސުވާލަކީ ކޮންކޮން ދާއިރާތަކަކުންތޯ މިހާތަނަށް މަޝްވަރާ ކުރެވިފައިވަނީ ރާއްޖެއަށް ޤަޠަރުގެ އިންވެސްޓްމަންޓްސް ގެނައުމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ރާއްޖޭގައި އިންވެސްޓް ކުރުމަށްޓަކައި މިހާރު ވާހަކަ ދެކެވިފައި އެބަހުރި، ޓޫރިޒަމްގެ ދާއިރާއިންނާއި، ރިއަލް ސްޓޭޓް ޑިވެލޮޕް ކުރުމަށް. މި ދެ ދާއިރާގައި ރަސްމީގޮތުން ޤަޠަރުގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދޭތެރޭގައި މިހާރު މިވަނީ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި ސޮއިކުރެވިފައި. ދެން މީގެއިތުރުން، ފަތުރުވެރިކަމާ ގުޅިފައި ހުރި އެހެނިހެން ދާއިރާތަކުންވެސް މިސާލަކަށް، ރީޓެއިލް ޓްރެޑް، ޝޮޕިންގ ސެންޓަރ ޤާއިމްކުރުން. ނޫނީވިއްޔާ ރިއަލް ސްޓޭޓް ޑިވެލޮޕް ކުރުން. މި ރޮނގު ރޮނގުންވެސް އިރާދަކުރެއްވިއްޔާ އަދި ސަރުކާރުން ނޫން ނަމަވެސް އަމިއްލަ ޕްރައިވެޓް ސެކްޓަރުންވެސް ބައިވެރިވާނެ ކަމަށް އަޅުގަނޑަށް މިހާރު އުންމީދު ކުރެވެނީ.

ދެން ކުރިން ދެންނެވިހެން، ތަޢުލީމީ ދާއިރާއިން އަޅުގަނޑުމެންނަށް ވަނީ ވާހަކަ ދެކެވިފައި. އަދި މީގެއިތުރުން އެއަރޕޯޓަށް ބޭނުންވާ އެހީ ހޯދުމަށްޓަކައިވެސް އަޅުގަނޑުމެންނަށް ޤަޠަރުގެ ވެރިންނާ އެކީގައި މަޝްވަރާ ކުރެވުނު. އެގޮތުން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ކުންފުނި މިހާރު މި އުފެދެނީ. އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަން ޤަޠަރުން ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ވަނީ ލިބިފައި.

ޢަބްދުﷲ ޖަމީލު – ހަވީރު:

އަޅުގަނޑަށް ޚަބަރު ލިބިގެންދިޔަ، ޤަޠަރުގެ ޤަޠަރީ ރިއަލް ސްޓޭޓް ހޮސްޕިޓޭލިޓީއާ އެކީ، އެމް.އޯ.ޔޫ. ގައި ސޮއިކުރި ވާހަކަ. މިނިސްޓަރ އަދީބު އޭގައި ސޮއިކުރެއްވި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނީ. ދެން އެ އެމް.އޯ.ޔޫ.ގައި ސޮއިކުރެއްވިއިރު އެބައޮތް ބުނެފައިވޭ، މާލެއާ ވަރަށް ކައިރި ސަރަޙައްދަކުން އެމީހުންނަށް ރިއަލް ސްޓޭޓް ނުވަތަ ޓޫރިޒަމް ވިޔަފާރި ކުރުމަށް ފުރްޞަތު ދަޢުވަތު ދިން ކަމަށް. އެއީ ކޮން ތަނަކުންކަން ވިދާޅުވެ ދެއްވިދާނެތޯ؟ އެއީ ކޮންގޮތަކަށްތޯ ދެއްވާފައި އޮތީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ޤަތާރީ ހޮސްޕިޓޭލިޓީއަކީ އެއީ، ޤަޠަރުގެ ސަރުކާރުގެ ޓޫރިޒަމާބެހޭ އިންވެސްޓްމަންޓް ޢާންމު. އެހެންވީމާ، އެ އިންވެސްޓްމަންޓް ޢާންމުއާ އެކީގައި އަޅުގަނޑުމެން އެއްބަސްވުމަކަށް މިއައީ. ވަކި ތަނެއް ކަނޑައެޅޭނީ އެކޮޅުން ވަޑައިގަންނަވާ ވަފުދެއް ތަންތަން ބެއްލެވުމަށްފަހުގައި. އެގޮތުން، އެންމެ ކުރިއްސުރެވެސް ޤަޠަރުގެ އިންޓަރެސްޓް ހުރީ ވީހާވެސް މާލެއާ ކައިރިން ނޫނީ އެއަރޕޯޓަކާ ކައިރިން އެބޭފުޅުންނަށް އިންވެސްޓް ކުރެވޭނެ ފުރުޞަތެއް ލިބުން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އަދި ވަކިތަނެއް ކަނޑަނޭޅި ކަމުގައިވިނަމަވެސް، ކައިރީގައި ހުރި ބައެއް ރިޒޯޓް ހެދޭ ކަހަލަ ތަންތަން އަދި ރަށެއް ނޫނަސް، ފަޅެއް ނަމަވެސް، އެބޭފުޅުން ބައްލަވާނެ. އެހެންވީމާ، ވަޑައިގަތުމުން އަދި ހަމަ ވަކިތަނެއް ކަނޑައެޅިގެންދާނީ.

ޢަބްދުއްލަޠީފް އާދަމް – މިއަދު:

އަޅުގަނޑު ދަންނަވާލަން ބޭނުންވީ، ބަޖެޓުގެ ދަތިކަންވެސް މިހާ ބޮޑަށް ހުރެ، އަޅުގަނޑުމެން މާލީ ކާރިސާތަކެއްގައި ކަހަލަ ގޮތަކަށް އުޅެމުންދާ ވަގުތެއްގައި ތޔަ ކުރެއްވި ދަތުރުފުޅުން، ތިޔަ ވިދާޅުވި މަޝްރޫޢުތައް ފިޔަވައި ބަޖެޓަށް ނޫނީ ޤައުމުގެ ހިންގުމަށް އެއްވެސްކަހަލަ ޢިނާޔަތެއް އެއްޗެއް ލިބޭކަހަލަ ވާހަކަފުޅެއް މަޝްވަރާއެއް ކުރެއްވިފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތިކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު. މިހާރު އަޅުގަނޑުމެންނަށް ވާހަކަ ދެކެވުނު ޤަޠަރުން ދިވެހިރާއްޖޭގެ ބޮންޑް ބައްލަވާގަންނަވާ ގޮތަށް. އެހެންވީމާ، އެކަމާ ބެހޭގޮތުން މިހާރުވަނީ ވާހަކަ ދެކެވިފައި. އަދި އިތުރު ތަފްޞީލު އެބޭފުޅުންނަށް ބޭނުންފުޅުވާތީ، އަޅުގަނޑުމެން އެބައި މިކޮޅުން ފޮނުވާގޮތަށް މިހާރު މިއޮތީ. އޭރުން އިރާދަކުރެއްވިއްޔާ، އެކަންވެސް ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް އެކަމުގައި ލިބިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިފައި އެބައޮތް.

މުޙަންމަދު ނަސީމް - ސަން އޮންލައިން:

ތަޢުލީމީ ދާއިރާއިންވެސް ޤަޠަރުން ރާއްޖެއަށް އެހީވާނެ ކަމަށް ވިދާޅުވެފައި މިވަނީ. ކޮންކަހަލަ ކަންތައްތަކަށްތޯ އެއްބަސްވެވިފައިވަނީ ޤަތަރާއެކު.

ދެން އަނެއް ސުވާލަކީ، މި ރިއަލް ސްޓޭޓާއި ޓޫރިޒަމް، މި ދާއިރާތަކުން އެމް.އޯ.ޔޫ.ގެ ދަށުން ޤަޠާރާ އެހެން ކޮން ކަންތައްތަކެއްތޯ ރާއްޖެއަށް ކޮށްދެނީ. ހަމައެކަނި އިންވެސްޓްމަންޓްތޯ ކުރާނީ، ނޫނީ ރާއްޖޭގެ ޢާންމު އެއްވެސް ޚިދްމަތަކަށް އެހީތެރިވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު ޤަޠަރުގެ އިސްވެރިންނާ އަޅުގަނޑުމެން މަޝްވަރާ ކުރިއިރުގައި، އެބޭފުޅުންގެ ލަފައަކީވެސް ވީހާވެސް ބޮޑަކަށް އިންވެސްޓްމަންޓްސް ގެނެވޭތޯ މަސައްކަތް ކުރާށޭ. އޭރުން ޤައުމަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ކުރިއަށް ގެންދެވިދާނެއޭ. އިންވެސްޓްމަންޓް ކުރުމުގެ ސަބަބުން އެތަނަށް އަންނަ މީހުން، އަޅުގަނޑުމެންނަށް ޓެކްސްވެސް ދައްކާނެ. އަދި ހަމަ އެހެން ވިޔަފާރިވެސް ކުރާނެ. މިގޮތަށް ގިނަ އިންވެސްޓްމަންޓް ގެނެވިގެން ރާއްޖެ މުއްސަނދި ކުރެވެން މިހާރު އޮތީ. އެހެންވީމާ، އަޅުގަނޑުމެން އެގޮތަށް މަސައްކަތް ކުރަމުން ގެންދާނީ. ދެން އަޅުގަނޑުމެން ވާހަކަ ދެއްކިއިރުގައި، ބައެއް މަސައްކަތްތަކާ ގުޅުވައިގެން، އެބޭފުޅުން ތިއްބެވީ ބައެއް ޑޮމެސްޓިކް އެއަރޕޯޓްތައްވެސް މިހާރަށްވުރެ ބޮޑަށް ތަރައްޤީ ކުރެއްވުމަށް ތައްޔާރަށް. އެގޮތުން މިހާރު ހުރި ޑޮމެސްޓިކް ބައެއް އެއަރޕޯޓްތަކުގައި މިހާރުހުރި ރަންވޭއަށްވުރެން ރަންވޭ ދިގުކޮށް، ޕްރައިވެޓް ޖެޓަށް ޖެއްސޭވަރަށް އެއަރޕޯޓްތައް ތަރައްޤީ ކުރެއްވުމަށްވެސް ތައްޔާރަށް ތިބި ކަމަށް އަޅުގަނޑުމެންނަށް އެބޭފުޅުންގެ ފަރާތްޕުޅުން އިޝާރާތެއް މި ލިބުނީ. ވަރަށް ފުޅާ ދާއިރާއެއްގައި އެބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން، އެކިއެކި މަޝްރޫޢުތައް ހިންގަވަން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ނަޞީބެކޭ. ގަޠަރަކީ ވަރަށްބޮޑު އިންވެސްޓަރެއް، ދުނިޔޭގެ ހުރިހާ ތަންތަނެއްގައިވެސް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ އިންޑިއާ ކަނޑުގެ ބައެއް ޤައުމުތައް، ސޭޝެލްސް، މޮރިޝަސް، ކޮމޯރޯސްފަދަ ތަންތާނގައި މިހާރު ޤަޠަރުންވަނީ ވަރަށް ބޮޑެތި އިންވެސްޓްމަންޓްސް ހަދާފައި. އަދި ހަމަ ގަވާއިދުން ޤަޠަރުގެ އިސްބޭފުޅުން އެ ޤައުމުތަކަށް އެބަ ދަތުރުކުރައްވާ. އެހެންވީމާ، ރާއްޖެއަށް މި ފުރުޞަތު މިހާރު އަޅުގަނޑުމެންވެސް ރާއްޖެއަކީ ޞުލްޙަވެރި އަމާން ތަނެއްގެ ގޮތުގައި ދަމަހައްޓައިގެން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ލިބޭނީ، އަޅުގަނޑުމެންގެ ޤައުމަކީ ޞުލްޙަވެރި އަމާން ތަނަކަށްވެގެން. އަދި ހަމައެހެން، މުސްތަޤްބަލުގައި ގިނަ ބަޔަކާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އިންވެސްޓްމަންޓްސް ރާއްޖެއަށް ގެނެވިގެން.

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުންނަށް، ވަޑައިގެންދެއްވި ކަމަށްޓަކައި.