ޤަޠަރަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމަށާއި، ޤަޠަރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، މި ދަތުރުފުޅުގެ އިތުރު ތަފްޞީލު ދެއްވަމުންނެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި، މި ދަތުރުފުޅުގެ އިތުރު ތަފްޞީލު ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން، މިދަތުރުފުޅުގައި، ޤަޠަރުގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީއާއި، ޤަޠަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ ޝައިޚް ޙަމަދު ބިން ޖާސިމް ބިން އާލްޘާނީއާއި، އަދި އެޤައުމުގެ ވަރަށް ގިނަ ވަޒީރުންނާ ބައްދަލުކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ހޯދުމަށް، ޤަޠަރުގެ ކަމާބެހޭ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤަޠަރުގެ އިންވެސްޓްމަންޓް ރާއްޖޭގައި ޤާއިމްކުރުމާބެހޭ އެއްބަސްވުމެއްގައި މިދަތުރުފުޅުގައި ސޮއި ކޮށްފައިވާތީ، އެކަން ފާހަގަކުރައްވަމުން، ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް އުފެއްދުމަށް ޤަޠަރުގެ ޗެމްބަރ އޮފް ކޮމަރސްއާއި، ޤަޠަރު ފަސްޓް އިންވެސްޓްމަންޓް ބޭންކާ ބައްދަލުކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެހެން ޢުމްރާނީ މަޝްރޫޢުތަކަށްވެސް ޤަޠަރުގެ އިންވެސްޓަރުން ޝައުޤުވެރިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ކިޔަވާ ކުދިންނަށް ޤަޠަރުގެ ޔުނިވަރސިޓީތަކުން ސްކޮލަރޝިޕްގެ ފުރުސަތު ހޯއްދަވައިދެއްވުމަށް މަޝްވަރާ ކުރެވިފައިވާނެ ކަމަށާއި، ވަރަށް އަވަހަށް މިކަން ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.