ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޤަޠަރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޤަޠަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ ޝައިޚް ޙަމަދު ބިން ޖާސިމް ބިން އަލް-ޘާނީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ ހަވީރު ބޮޑުވަޒީރުގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާ ބެހޭގޮތުންނާއި، މި ދާއިރާގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ، ޤަޠަރުގެ ބޮޑުވަޒީރަށް މަޢުލޫމާތު ދެއްވިއެވެ. އަދި ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އިތުރުކުރެއްވުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޤަޠަރުގެ އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ޤަޠަރު ސަރުކާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، މި ކަމުގެ ސަބަބުންވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދު ހެނދުނު، އެ ޤައުމުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމީ، ޔޫސުފު ޙުސައިން ކަމާލާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޤަޠަރާ ދެޤައުމުގެ ދެމެދުގައި، އިޤްތިޞާދީ އަދި މާލީ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.