بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

السّــلام عليــكم

އާދެ! މިއަދު ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މި ތަސްދީޤުކުރި ދެބިލަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކުގެ ބާރުތަކުގެ ބިލާއި، ސިޔާސީ ޕާޓީތަކުގެ ބިލު. މި ދެ ބިލު އަޅުގަނޑު މި ތަސްދީޤު ކުރީ ޤާނޫނުއަސާސީގެ 91ވަނަ މާއްދާގެ (ށ)ގެ ދަށުން އެ ދެ ބިލު ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކުރާތީ. އެނގިވަޑައިގަންނަވާނެ ފަދައިން، މި ދެ ބިލަކީވެސް މި ދެ ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ފޮނުވާފައިވާ ދެބިލު. ސަބަބަކީ، މި ދެ ބިލުގައިވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށޫއަރާ ބައެއް ކަންތައް ހުރިކަމަށް އަޅުގަނޑަށް ފެންނާތީ، އަދި އެގޮތަށް ދައުލަތުގެ ބަންޑާރަނައިބުވެސް ލަފާ ދެއްވާފައިވާތީ، މި ދެ ބިލު އަލުން ވިސްނާ އިޞްލާޙު ކުރެއްވުމަށް އަޅުގަނޑު މަޖިލީހަށް ފޮނުވީ.

އާދެ! މަޖިލީހުން ފާސްކުރައްވާ ބިލެއް އިޞްލާޙު ކުރެއްވުމަށް އަނބުރާ ފޮނުއްވާގޮތަށް ޤާނޫނުއަސާސީގައި ބަޔާންވެފައިވާ މުހިންމު ސަބަބުތަކެއް ވާކަމަށް އަޅުގަނޑު ޤަބޫލު ކުރަން. ފުރަތަމަ، އެނގިވަޑައިގަންނަވާނެ ފަދައިން ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ނ) އިން ރައީސުލްޖުމްހޫރިއްޔާއަށް އެބަ ލާޒިމުކުރޭ، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރަން. އަޅުގަނޑަށް ފެނުނު ގޮތުގައި މި ދެ ބިލުގައިވެސް ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތައް އަދި މިނިވަންކަން ރައްކާތެރި ކުރުމަށް ހުރަސްއަޅާ ކަންތައްތަކެއް އެބަހުރި. އޭގެ ތަފުޞީލު އަޅުގަނޑު ވާނީ މަޖިލީހަށް ހުށަހަޅާފައި.

މިކަމުގެ ދަލީލެއްގެ ގޮތުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެކި ފަރާތްތަކުން މިހާރު ޚިޔާލުތައް ފާޅުކުރަމުން ގެންދަނީ. އެގޮތުން އިމްތިޔާޒުގެ ބިލުން ފުލުހުންގެ ދައުރުތަކަށް ހުރަސްއެޅޭނެކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައި ބަޔާންދެއްވާފައި އެބައޮތް. ހަމައެއާއެކީގައި، އިމްތިޔާޒުގެ ބިލުން ނޫސްވެރިކަމަށް ސީރިއަސް ގޮންޖެހުންތަކެއް ހުރިކަމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން އެބައޮތް ވިދާޅުވެފައި. ހަމަ އެބިލު އިޞްލާޙު ކުރުމަށް މީޑިއާ ކައުންސިލުން ގޮވާލާފައިވޭ. ސިޔާސީ ޕާޓީތަކުގެ ބިލާމެދު ހިއުމަން ރައިޓްސް ކޮމިޝަނުންވަނީ ބަޔާނެއް ނެރުއްވާފައި. އެހެންވީމާ، މިއަދު ޤާނޫނުއަސާސީގެ މި ދެ މާއްދާ އެއީ، 91ވަނަ މާއްދާއާއި، 115ވަނަ މާއްދާއާ ދޭތެރޭގައި އަޅުގަނޑު މިވަނީ ކުޑަ ތާއްޓެއްގައި ޖެހިފައި. އެހެންނަމަވެސް، ދައުލަތުގެ ބަންޑާރަނައިބު އަޅުގަނޑަށް ލަފާދެއްވާފައިވަނީ ވީހާވެސް އަވަހަކަށް މި ދެ ބިލު ތަސްދީޤު ކުރުމަށް. މިމޭރުމުން އަޅުގަނޑު މިއަދު މިދެބިލު ތަސްދީޤު ކުރީ.

ދެން ހަމައެހެން، އެނގިވަޑައިގަންނަވާނެ ފަދައިން ޤާނޫނުއަސާސީގެ 106ވަނަ މާއްދާގެ (ހ)ގައި ވަރަށް ސާފުކޮށް އެބަ ބަޔާންކުރޭ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައިވާ ގޮތުގެމަތިން ވެރިކަން ހިންގުމުގެ ބާރުތައް ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށޭ. ވީމާ، އެއްބާރުން އަނެއްބާރުގެ މައްޗަށް ގަދަވެގަތުމާއި، ބާރުތައް ފުށުއަރާގޮތަށް ކަންކަން ނުދިޔުމަށް ބާރުއެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެއް. އިމްތިޔާޒުގެ ބިލުން އަޅުގަނޑަށް ދޭހަވެގެން މިދަނީ ދައުލަތުގެ އެއްބާރަކަށް ލިބިދީފައިވާ ބާރަކީ، ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ ބާރުތަކާއި އިމްތިޔާޒުތަކާ އެކުއެކީގައި ހިނގަންޖެހޭ އެއްޗެއްކަމަށް. އަދި ހަމައެފަދައިން، އަމިއްލަ ފަރުދުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއެކުއެކީގައި ހިންގަންޖެހޭ ބާރުތަކެއްކަމަށް. ވީމާ މަޖިލީހަށް ލިބިދޭ ބާރަކީ އެހެން މުއައްސަސާއަކަށް ލިބިދީފައިވާ ބާރުތަކަށް ނުބަލައި ދޭންޖެހޭ ބާރުތަކެއް ނޫން. އަދި އެބާރުތަކުގެ ސަބަބުން މި ބިލުގައިވާ ގޮތުން ޖަލުގެ އަދަބު ލިބޭކަމަށް ކަނޑައެޅުމަކީ، ދައުލަތް ހިންގުމުގެ ބާރާއި ޝަރީޢަތުގެ ބާރުތަކަށް އަދި ޢާންމު ރައްޔިތުންގެ ދުސްތޫރީ ޙައްޤުތަކަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. އަދި މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ފާސްކުރާއިރުގައި އެ ބިލުތަކުގެ މާލީ ކަންކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ދޭހަވަމުން މިދަނީ. އޭގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކިތަންމެ ބިލެއް، އެ ކަނޑައަޅާ ކަންކަން ހިންގުމުގައި ދައުލަތަށް މިވަނީ ނުކުޅެދިފައި. ހައްދަވާ އެކިއެކި މުއައްސަސާތަކާއި ނިންމަވާ ކަންކަމުގެ ޚަރަދުތައް އެބަ ބަލަންޖެހޭ. އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާއިރުގައިވެސް އެ ހުށަހެޅޭ މައްސަލައެއްގެ ފައިނޭންޝަލް އިމްޕްލިކޭޝަނާބެހޭގޮތުން އެއްޗެއް ހުށަހަޅަންޖެހޭ. އަޅުގަނޑަށް ހީވަނީ ރައްޔތުންގެ މަޖިލީހަށް ބޮޑެތި ބިލުތައް ހުށަހެޅިގެންދާއިރުގައި، ބޮޑެތި އިޞްލާޙުތައް އަންނަމުންދާއިރުގައި ދައުލަތުގެ ޚަރަދުތަކަށްވާނެ ގޮތާ ދޭތެރޭގައިވެސް ވިސްނާވަޑައިގަންނަވަން އެބަޖެހޭހެން. ދައުލަތުގެ މާލީ ހާލަތު މިހާ ދެރަކޮށް އޮތް ދުވަސްވަރެއްގައި އެކަންކަމަށް އެއްގޮތަކަށްވެސް ނުބައްލަވައި، ބޮޑެތި ޢިނާޔަތްތަކާއި ކަންކަން ކަނޑައެޅުއްވުމަކީ، އެއީކީ ދައުލަތަށް އެކަންކަން ހިފެހެއްޓޭވަރުގެ ކަންކަމެއް ނޫން.

އާދެ! އަޅުގަނޑު ދެން ތަފުޞީލުކޮށް ކުޑަކޮށް ދަންނަވާލާނަން މި ދެ ބިލާ ބެހޭގޮތުން. ސިޔާސީ ޕާޓީގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނެވުމަށް އަނބުރާ ފޮނުވާލަން އަޅުގަނޑަށް ޖެހުނީ، ރާއްޖޭގައި އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ރަޖިސްޓަރީވެ، ހިނގަމުން އަންނަ ގިނަ ޢަދަދެއްގެ ސިޔާސީ ޕާޓީތަކެއް، ޤާނޫނު ތަޞްދީޤުވެ ޢަމަލުކުރަން ފެށުމާއެކުގައި ޕާޓީތަކާއި އެ ޕާޓީތަކުގެ މެންބަރުންގެ ކުށެއްނެތި، އުވިގެންދާނޭ ކަމަށް އަޅުގަނޑަށް ފެންނާތީ. މިގޮތަށް ދިމާވާއިރު، މި ދެންނެވި ޕާޓީތަކާއެކު ފައިސާގެ އެކިއެކި މުޢާމަލާތުތަކާއި އަދި ޤާނޫނީ މުޢާމަލާތުތައް ކުރައްވާފައިވާ ތިންވަނަ ފަރާތެއްގެ ޙައްޤުތަކެއްގެއްލި، އަދި އެ ޕާޓީތަކުގެ މެންބަރުންގެ ޙައްޤުވެސް، ތަޞްދީޤުކުރެވޭ ވަގުތުން ފެށިގެން ގެއްލިގެންދާނެ.

ޤާނޫނީ އޮނިގަނޑަށް ބަދަލެއްގެންނައިރު، ޤާނޫނީ އޮނިގަނޑާއެއްގޮތަށް ކަންކަންކުރުމަށް ފުރުޞަތެއް ނުދީ، ޕާޓީތަކުގެ ޤާނޫނީ ހައިސިއްޔަތު ނެތިދާނޭފަދަ ގޮތަކަށް ޢަމަލުކުރުމަކީ ޢަދުލުއިންޞާފާއި ޤާނޫނުގެ ހަމަކަމުގައި އަޅުގަނޑު ނުދެކެން. މީގެއިތުރުން، މިބިލުގައި، މިޤާނޫނުގައި، ރާއްޖޭގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރެވޭނީ 10000 (ދިހަހާސް) މެންބަރުން ހަމަވެގެން ކަމުގައި ބަޔާންކުރެވިފައިވާއިރު، ސިޔާސީ ޕާޓީތައް އުފެއްދުމާއި ހިންގުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ހަމަކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެއް. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެ ޙައްޤު ހަނިކުރެވޭނީ، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އެ ޙައްޤު ނުވަތަ މިނިވަންކަން ހިފެހެއްޓޭނޭ ނުވަތަ ހަނިކުރެވޭނޭ ކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިބަޔާންކޮށްފައިވޭ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސިޔާސީ ޕާޓީތަކުގައި ތިބެންޖެހޭ މެންބަރުންގެ އަދަދު މަދު މިންވަރު، ކަނޑައަޅާފައިވަނީ ވަރަށް މަދު ޤައުމެއްގައި. ދުނިޔޭގެ އެންމެ ބޮޑެތި އާބާދީ އޮންނަ ޤައުމުތަކުގެ ތެރޭގައިވެސް، މި ޢަދަދު 1000 (އެއްހާސް)އަށް އަރާފައިވަނީ ވަރަށް މަދު ޤައުމެއްގައި. އެއްވެސް ޤައުމެއްގައި މި ޢަދަދު 5000 (ފަސްހާސް)އަށްވުރެ މައްޗަށް އަރާފައިނުވާކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ. ވީމާ، ރާއްޖެފަދަ ކުޑަ ޤައުމަކަށް މިފަދަ ޢަދަދެއް ކަނޑައެޅުމަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤު، ޤާނޫނުއަސާސީ ބަޔާންކުރާ ހަމަތަކަށްވުރެ ބޮޑަށް ހަނިކުރެވެނީކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ.

އާދެ، ދެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލާމެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނައިވަޑައިގަތުމަށް އަޅުގަނޑު އަނބުރާ ފޮނުވާލީ، އެ ބިލަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތައް ކަނޑައަޅައިދިނުމުގެ ބިލަކަށްވާއިރު، ބިލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މެންބަރުކަމުގެ މަސައްކަތް އަދާކުރެއްވުމަށް ބޭނުންވާ އިމްތިޔާޒުތަކުގެ އިތުރުން، މަޖިލީހުގެ މެންބަރުންނާއި ޢާއިލާއަށް ލިބިދޭ ޢިނާޔަތްތައް ކަނޑައަޅާ ޤާނޫނަކަށްވެފައި، އެ ގޮތުން ޤާނޫނުން ހަމަޖައްސައިދީފައިވާ ޢިނާޔަތްތަކުގެ ތެރޭގައި އެބޭފުޅުންގެ އަނބިކަނބަލުންނާއި، ފިރިކަލުންނާއި، ދަރިކަލުންނާއި ނުވަތަ ދަރިކަނބަލުންނަށް ކަނޑައަޅާފައިވާ ޢިނާޔަތްތަކާއި، މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް މެންބަރުކަން ނިމުމަށްފަހުގައި ލިބިވަޑައިގަންނަވާ ޢިނާޔަތްތަކާއި، އެ މަޖިލީހުގެ އަމީންޢާންމަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައް ހިމެނޭއިރު، މިފަދަ ޢިނާޔަތްތަކަކީ، އޭގެ ޒާތުގައި ޤާނޫނެއްގައި ކަނޑައަޅޭ ކަމަކަށް ވީ ކަމުގައިވީ ނަމަވެސް، އެއީ، ބިލުގެ މަޤްޞަދު ކަމުގައި ކަނޑައަޅާފައިވާ އިންތަކުން ބޭރުކަންތައްތައް ކަމުގައި އަޅުގަނޑު ދެކެން.

ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހަށް ހަމަ ކޮންމެ މީހަކުމެ ހާޒިރުވާން ޖެހޭ ކަމަށާއި، އެ މަޖިލީހަށް ޙާޟިރުވާ މީހަކު، "އެމީހަކަށް އެނގޭ އެންމެ ރަނގަޅަށް ތެދުބަހުން" ޖަވާބުނުދީފިނަމަ، މިއީ ވަރަށް ސަބްޖެކްޓިވް އެއްޗެއް. ކާކުތޯ ކަނޑައަޅަނީ އެމީހަކަށް އެނގޭ އެންމެ ރަނގަޅަށް ތެދުބަހުން ޖަވާބުދިނުމާއި ނުދިނުން. އެހެންނަމަވެސް، އެގޮތަށް ފެނިވަޑައިގެންފިނަމަ، އެއީ، ޖިނާއީ ކުށެއްކަމުގައި ކަނޑައަޅައި، އެމީހަކު ޖޫރިމަނާކޮށް އެމީހަކަށް 3 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ ޖަލު ޙުކުމެއް ކަނޑައަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް މީހުން ޙާޟިރުކޮށް ކަންކަން ބެލުމަކީ، ޤާނޫނުއަސާސީއާއި ޤާނޫނުގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ ޙައްޤުތަކާއި އިމްތިޔާޒުތަކާއި ބާރުތަކާއެކު، ހިންގަންޖެހޭ ކަންކަންކަމާއި، މިއިން އެއްވެސް ބާރަކީ މުޠުލަޤު ބާރަކަށް ނުވުމުން، މިގޮތަށް މި ޤާނޫނު ތަޞްދީޤުކޮށްފިނަމަ، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ ޙައްޤުތަކެއް ގެއްލިދާނެކަމަށް އަޅުގަނޑަށް ފެންނަނީ. ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކާއި ހަމަތައް ގެއްލޭ ހިނދު؛ މިއީ ޤާނޫނީގޮތުން ކުރެވޭނޭ ކަމަކަށްވާނޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އަޅުގަނޑަށް ބަންޑާރަނައިބު ލަފާދެއްވާފައިވޭ. އަދި ހަމަ މިފަދަ ކަމެއްގެ ތެރެއިން އެއްވެސް ފަރާތަކަށް ޖިނާއީ ޙުކުމެއް ކުރެވި، ޖަލުގެ އަދަބު ލިބުމަކީ އިންޞާފެއް ކަމުގައި ނުވަތަ ޤާނޫނުގެ ހަމަކަމުގައި އަޅުގަނޑުމެން ޤަބޫލެއް ނުކުރަން.

އާދެ، މި ދެބިލުވެސް ތަޞްދީޤު ނުކޮށް އަލުން ވިސްނާވަޑައިގެންދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު އަނބުރާ ފޮނުވީ، މިދެންނެވި ޤާނޫނީ މައްސަލަތަކާބެހޭގޮތުން ބަންޑާރަނައިބު ދެއްވާފައިވާ ތަފުޞީލު ޤާނޫނީ ލަފައިގައިވާ ހުރިހާ ކަމެއް ހިމެނުމަށްފަހު. އެހެންނަމަވެސް، މިދެންނެވި ކަންކަން މިހެން ހުއްޓާ، ރައްޔިތުންގެ މަޖިލީހުން މި ބިލުތައް އަލުން ކޮމިޓީ ސްޓޭޖަށް ނުގެންދަވާ، ހަމަ ވަގުތުންވަގުތަށް އަލުން ފާސްކުރައްވާފައި، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މި ދެބިލު ތަޞްދީޤުކުރުމަށް ފޮނުވާފައި މިއޮތީ. އެހެންވީމާ، މިއަދު މި ބިލުތައް ތަޞްދީޤު ކުރުމަކީ އަޅުގަނޑަށް ޤާނޫނުން ލާޒިމުކުރާ ކަމެއް.

އާދެ! އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބިލު އަނބުރާ މަޖިލީހަށް ފޮނުވުމުގެ ބާރު ޤާނޫނުއަސާސީގައި ކަނޑައެޅިފައި މި އޮންނަނީ ވެރިކަން ހިންގާ ފަރާތުންދޭ ލަފަޔާއި ހުށަހަޅާ ކަންކަމަކީވެސް މަޖިލީހުން ބައްލަވަންޖެހޭ ކަންކަން ކަމަށްވާތީ. އެހެންނޫންނަމަ، ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަކަށް އެ ބާރެއް ނުދޭނެ. އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދެވަނަ ފަހަރަށް ފޮނުވުމުން އެއްވެސް ބަދަލެއް ނުގެނެސް އޮތްގޮތަށް ފާސްކޮށްފައި ތަޞްދީޤު ކުރަން ފޮނުވަންވާނީ އެއީ، ޤައުމީ މަޞްލަހަތަށް ގެއްލުމެއް ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮވެގެން. އަދި ހަމައެހެން، އެ ފޮނުވާ ބިލަކީ އެއީ، މަޖިލީހުގެ މެންބަރުންގެ އަމިއްލަ މަޞްލަހަތު އޭގައި ހިމެނިފައިވާ ކަމަކަށްވެސް ނުވަންޏާ. އެހެންވީމާ، މިއަދު އަޅުގަނޑު މި ތަޞްދީޤު ކުރި ދެ ބިލަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއަށްވުރެ މާ ރަނގަޅަށް މިކަން ކުރެވެން އޮތް ދެބިލު. މިކަން މިގޮތަށް ދިޔުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. ވީމާ، އަޅުގަނޑު، ދައުލަތުގެ ބަންޑާރަނައިބަށް ދަންނަވަން، މި ބިލުތަކަށް ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ މަސައްކަތް ދައުލަތުގެ ފަރާތުން ވީހާވެސް އަވަހަކަށް ފަށްޓަވައި ދެއްވުމަށް.

ހުރިހާ ބޭފުޅުން މިއަދު މިޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވިކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. ދެން މިހާ ހިސާބުން ނޫސްވެރިން ކުރައްވަން ހުރި ބައެއް ސުވާލުތަކަށް އަޅުގަނޑު ފުރުސަތު އަރުވާނަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދެތިން ސުވާލެއް އެބައުޅޭ. ފުރަތަމަ ސުވާލަކީ، މަނިކުފާނު މިދެބިލު ތަޞްދީޤު ނުކުރައްވައިގެން އިއްޔެއާއި މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އިޙުތިޖާޖުތަކެއް މަޖިލިސް މެދުކަނޑާލާފައި 1 ޖެހުމާ ހަމައަށްވެސް އޮތް ކަމަށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، މިދެބިލު ތަޞްދީޤު ނުކުރައްވާ މަޑުކުރެއްވީ، ޚާއްޞަކޮށް ސިޔާސީޕާޓީތަކުގެ ބިލު މަނިކުފާނުގެ ޕާޓީއަށް ދިހަހާސް މެންބަރުން ހަމަނުވާތީއޭ. ކޮބައިތޯ ޙަޤީޤަތަކީ، ހަމަ ސީދާ އެމައްސަލައިގައި ވަކި ގޮތަކަށް ގޮތް ދޫނުކުރައްވާ ހުންނެވި ކަމަށްތޯ، އެބޭފުޅުން ވިދާޅުވާ ގޮތަށްތޯ މަނިކުފާނު ޢަމަލުކުރެއްވީ؟

ދެވަނަ ސުވާލަކީ ސުޕްރީމް ކޯޓުގެ ހުކުމަކާ އެބޭފުޅުން ހަވާލާ ދެއްވަނީ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގައި ލަސްކޮށްގެން ނުވާނެ ކަމަށް ތަޞްދީޤު ކުރެއްވުމަށް ލާޒިމުކުރާ ބިލެއް. މިހާތަނަށް ލަސްވި މައިގަނޑު ސަބަބަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތިޔަ ސުވާލަށް އަޅުގަނޑު ފުރަތަމަ ޖަވާބު އަރުވާނަން. އަޅުގަނޑު ޤަބޫލެއް ނުކުރަން، މިބިލުތައް ތަޞްދީޤު ނުވެ ލަސްވެފައިވާ ކަމަކަށް. ޢާންމު އުޞޫލެއްގެ ގޮތުން ބިލުތައް ފާސްކުރެއްވުމަށްފަހު މަޖިލީހުން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް. ފޮނުއްވީމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަންޖެހޭ ކަންކަން ހުރޭ. އެ ބިލުތައް އަލުން ކިޔައި، އޭގައި އެއްވެސް ކަހަލަ ކުށެއް ހުރިތޯ ބަލައި، އެކަންކަން އިޞްލާޙު ކުރަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިބިލު އަޅުގަނޑުމެންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު. ދެން ހުކުރު ދުވަހާއި ހޮނިހިރު ދުވަސް އެއީ، ބަންދު ދުވަސް. އާދިއްތަ ދުވަހު މަޖިލީހަށް މިބިލު ފޮނުވަން މީގައި ހުރި ބައެއް އިޞްލާޙުތައް ރަނގަޅު ކުރުމަށް ފޮނުވާލުމަށް ދެންނެވިއިރުގައި ވިދާޅުވީ، މާދަމާ ފޮނުވާށޭ. އެހެންވީމާ، ހޯމަ ދުވަހު ފޮނުވުނު. ހޯމަދުވަހު ފޮނުވައިގެން އެކުށްތައް އިޞްލާޙު ކޮށްގެން އަޅުގަނޑަށް ލިބުނީ އިއްޔެ. ލިބުނީމާ އެ އިޞްލާޙުތައް ގެނެސްފައިވެސް އަލުން އަނެއްކާ ކިޔާލަންވެސް ޖެހޭނެ، އޭގައި އަޅުގަނޑު ސޮއި ކުރުމުގެ ކުރިން. އެހެންވީމާ، އަޅުގަނޑު ޤަބޫލެއް ނުކުރަން އެއްގޮތަކަށްވެސް މި އަދި ލަސްވެގެން ބަޔަކު މަސައްކަތް ކުރުން ހުއްޓާލާފައި، ހަޅުތާލަން ދާންޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަކަށް. އަޅުގަނޑުމެން މިއުޅެނީކީ ދިވެހިރާއްޖެއަށް ބޮޑު ކާރިސާއެއް ލައިގަނެގެން މުޅި ދުނިޔެ ހުއްޓުމަކަށް އަންނާތީކީއެއް ނޫން. މިތާނގައި ބޮޑު ބަލިމަޑުކަމެއް ފެތުރިގެނެއް ނޫން. އެމަރޖެންސީ ޤާނޫނެއް ހިންގައިގެނެއް ނޫން. އެހެންވީމާ، އެހާ އަވަސް އަރުވާލާފައި އެކަން ކުރަންޖެހޭ ސަބަބެއް އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ. އަދި މިބިލު ފާސްނުކުރުމުގެ ސަބަބުން އެއްވެސް ބަޔަކަށް ބޮޑު މާލީ ގެއްލުންތަކެއް ލިބި ހަލާކެއް އަންނަ ކަމަކަށްވެސް އަޅުގަނޑަކަށް ނުފެނޭ. އެއާޚިލާފަށް ހައްތަހާވެސް އިވެމުން މިދަނީ، މިބިލު ފާސްކުރުމުގެ ސަބަބުން ބައެއްގެ ޙައްޤުތައް ނިގުޅިގެން ހިނގައިދާނެ ވާހަކަ. އެހެންވީމާމ އެއީ އަޅުގަނޑު ޤަބޫލުކުރާ ވާހަކައެއް ނޫން. މިދެންނެވީ މި ބިލުތައް މިއަދު ތަޞްދީޤު ކުރި ސަބަބު. އަޅުގަނޑު ޤަބޫލެއް ނުކުރަން، މިލަސްވި ކަމަކަށްވެސް. އަދި އެއްވެސް ހާލެއްގައި އަޅުގަނޑު ގަސްދުގައި މިބިލުތަކުގައި ސޮއި ކުރުން ލަހެއް ނުކުރަން. ތަޞްދީޤު ކުރުން ލަހެއް ނުކުރަން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އޭގެ ދެވަނަ ސުވާލަށްވެސް އޭގެ ޖަވާބު ދެންނެވުނީހެން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވި، މަނިކުފާނު ޤާނޫނުއަސާސީއާ ޚިލާފަށޭ ފަހަކަށް އައިސް ތަކުރާރުކޮށް ކަންތައްތައް ކުރައްވަމުން ގެންދަވަނީ. އެކަން ޤަބޫލުފުޅު ކުރައްވަންތޯ އެއްވެސް ވަރަކަށް. ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ގޮންޖައްސަވާ ގޮތަކަށް އެބޭފުޅުންގެ ވާހަކަފުޅުތައް އިއްޔެ ހުރީ. އެހެންވީމާ، ރައްޔިތުންގެ މަޖިލީހަށް މަނިކުފާނު އިޙްތިރާމް ނުކުރައްވަނީތޯ، ކޮބައިތޯ މީގެ ޙަޤީޤަތަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން މީގައި އިޙްތިރާމް ނުކުރަނީ ކާކު ކާކަށްކަން ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ، މިމަހުގެ 4 ވަނަ ދުވަހު. އެހެންވީމާ، ތިޔަކަމާ ދޭތެރޭގައި އަޅުގަނޑު ކީކޭތޯ ދަންނަވާނީ. ދެން ތިޔަ ވިދާޅުވި ބޭފުޅެއްގެ ޚިޔާލުފުޅު އެއީ، އެބޭފުޅެއްގެ އަމިއްލަ ޚިޔާލުފުޅު. އަޅުގަނޑު ޤާނޫނުއަސާސީއާ ޚިލާފުވެއްޖިއްޔާ ދެން ކުރަންޖެހޭ ކަންތައްތައް ހުރޭނޫންތޯ. އަޅުގަނޑު ޤަބޫލެއް ނުކުރަން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަކާ އަޅުގަނޑު އެއްވެސް އިރެއްގައި އަދި ޤާނޫނަކާވެސް ޚިލާފުވެފައިވާ ކަމަކަށް. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ހަމަ ފުރަތަމަ ދުވަހުން ފަށައިގެން ޤާނޫނުއަސާސީ ނަގަހައްޓައި ޤާނޫނުތައް ދެމެހެއްޓުމަށް ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި. އެހެންވީމާ، އެވިދާޅުވި ވިދާޅުވުމަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް ޒިންމާދާރު ކުޑަގޮތަކަށް ވިދާޅުވެފައިވާ އެއްޗެކޭ.

ޢަބްދުއްލަޠީފް – މިއަދު ނޫސް:

އަޅުގަނޑުވެސް ތިން ސުވާލެއް މަނިކުފާނަށް ދަންނަވަން ގަސްދުކުރަން. ހަމަ ސުވާލަކުން ސުވާލަކުން ދަންނަވަން ފުރުސަތު ދެއްވިއްޔާ ވަރަށް ރަނގަޅު. އެއްސުވާލަކީ، ބިލާ ގުޅުންހުރި ސުވާލެއް. އަނެއް ސުވާލަކީ ޤައުމީ މައްސަލައެއް. ތިންވަނަ ސުވާލަކީ މަނިކުފާނާ ގުޅުންހުރި މައްސަލައެއް. އެހެންވީމާ، ފުރަތަމަ އަޅުގަނޑު ނަގާނަން ބިލާ ގުޅުންހުރި މައްސަލައެއް. މަނިކުފާނު ތިޔަ ތަންފީޒު ކުރެއްވި ބިލަކީ ޙަޤީޤަތަށް މިހާތަނަށް ރާއްޖޭގައި ފާސްކުރެވިފައި ހުރި ޤާނޫނުތަކަށް ބަލާއިރުގައި އެންމެ ގިނަ މައްސަލަ ހުރިކަން އެންމެ ގިނަ ބަޔަކު ފާޅުކޮށް، އެންމެ ބޮޑެތިކަންބޮޑުތައް ފާޅު ކުރަމުން އައި ބިލު. އެކަމު މަނިކުފާނު ތިޔަ ތަޞްދީޤު ކުރެއްވީ. ތަޞްދީޤު ކުރެއްވިއިރުގައި އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް މަނިކުފާނު ފާހަގކުރައްވައިފީމު. އެއީ، ނޫސްވެރިންނަށް. މިސާލަކަށް އަޅުގަނޑުމެންނަށް މިއަދު މަސްދަރު ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނެތް. ދެން މީގައި އަޅުގަނޑު ހަމަ ހިތާމައާއެކު ދަންނަވަން، ތަންކޮޅެއް ކުރީ ޒަމާނެއްގައި ރައީސުލްޖުމްހޫރިއްޔާ ބާރުތައް ލިބިފައިއޮތްއިރުގައި ހުރި ފުލުސް ކޯޓެއް. އެކޯޓަށް އަޅުގަނޑުމެން ގެންގޮސްފައި، އިނގިރޭސިވިލާތުގައި ކިޔަވަން ހުރި ދަރިވަރަކު، ކޮމްރެޑްވިލާ އަނބު ގަހަކުން އަނބު ބިނދެގެން އަރުވާލަން ޙުކުމް ކުރީމާ، އަޅުގަނޑުމެން އެތައް ހާލެއްގައި އުޅެގެން އޭނާގެ ޕާސްޕޯޓާ އެއްޗެހި ގެންގޮސްގެން ސަލާމަތް ކުރަންޖެހުނީ. ދެން މިހާރު މަޖިލީހުން ކަންތައްތައް މިދާގޮތުން ޤާނޫނާ އެއްގޮތަށް ފާސްވާނީ ކޮންކަމެއް، ކިހިނެއްކަމެއް އަޅުގަނޑުމެންނަށް ޝައްކެއްގެ މަތީގައި މިތިބީ. މިހާރު މިބޭފުޅުން ހަމަ ކޯޓެއް ހައްދަވާފައި ހަމަ އަޅުގަނޑުމެންނަށް މަޖިލީހުގެ ކޮމިޓީން ޙުކުމް ކުރާ ގޮތަކަށްވެސް ހަމަ ހަމަޖެހިގެން ހިނގައިދާނެ. އެހެންވީމާ، ނޫސްވެރިން މިތިބީ ވަރަށް ނުރައްކާތެރި ހާލަތެއްގައި. މީގައި އެބަޖެހޭ ކޮންމެވެސް ބަޔަކު އަޅުގަނޑުމެންގެ އަތުގައި ހިފަން. އެހެންވީމާ، އަޅުގަނޑުމެން ސަލާމަތް ކޮށްދޭން ސަރުކާރަށް ކީއްތޯ ކުރެއްވޭނީ؟ ސަރުކާރުން ކޮންގޮތަކަށްތޯ ވިސްނަވާފައިއޮތީ މިކަމުގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ނޫސްވެރިކަމުގެ މިނިވަންކަމަކީ، އަޅުގަނޑުމެން ހަމަ ޤަބޫލުކުރާ ގޮތުގައި ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ޔަޤީން ކުރަންޖެހޭ ކަމެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިމަގާމާ ހަވާލުވިފަހުން ނޫސްވެރިކަމަށް ވީހާވެސް ފުޅާ ދާއިރާއެއްގައި މިނިވަންކަން ދެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އެގޮތުން ވިސްނާވަޑައިގެންފިއްޔާ އެނގިވަޑައިގަންނަވާނެ، މިވޭތުވެދިޔަ އަހަރުދުވަސް މި ދިޔައީ ދިވެހި ސަރުކާރުން ހިންގާ ނޫހެއް މަޖައްލާއެއް، ޓީވީ ސްޓޭޝަނެއް، ރޭޑިޔޯ ސްޓޭޝަނެއް ނެތި. ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، ތަރައްޤީވަމުން އަންނަ އެއްވެސް ޤައުމެއްގައި އަދި މިހާތަނަށް ކޮށްފައި އޮތް ކަމެއްވެސް ނޫން. އަދި ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައިވެސް ކޮށްފައި އޮތް ކަމެއްވެސް ނޫން. އަޅުގަނޑުމެން އެ މިނިވަންކަން ޔަޤީންކުރަން ބޭނުންވާތީ، މިގޮތަށް ކަންކަން ކުރަމުން މިގެންދަނީ. ޤާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މިނިވަންކަމެއް ހަނިކުރުމަކަށް، ހިފެހެއްޓުމަކަށް ސަރުކާރުގެ ފަރާތުން ހަމަ އެއްވެސް ކަމެއް ނުކުރާނެ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޤާނޫނުއަސާސީން ލިބިދޭ މަސްދަރު ހިފެހެއްޓުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.

ޢަބްދުއްލަޠީފް – މިއަދު ނޫސް:

އާދެ! އަޅުގަނޑުގެ ދެވަނަ ސުވާލު އިނގޭތޯ. އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ހުރިހާ ވަޒީރުން ތިއްބެވީމާ ވަރަށް މަޢާފަށް އެދެމުން މިދަންނަވަނީ، ކްރެޑިޓް ލިބިވަޑައިގަންނަވާ ފަރާތަކަށް އެޙައްޤު ދިނުމަކީ އެއީ، ކުރަންޖެހޭނެ ކަމެއް. މަނިކުފާނުގެ އިސްލާމިކް މިނިސްޓްރީން ވަރަށް ބުރަ މަސައްކަތް ކޮށްގެން ވަޤުފު ޢިމާރާތް އެޅުމަށް ބޭނުންވާ ލާރި ޑޮލަރުން ހޯދައިފި. ރުފިޔާގައި ނުޖެހި. 500 ހާފިޒުން ތަމްރީނު ކުރުމަށް ބޭނުންވާ އެހީތެރިކަންވެސް ހަމަ ޑޮލަރުން ނޫނީ ރިޔާލައިން ހޯއްދަވައިފި. ގަންނާނީ ކޮންގޮތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެ. ބޭރު ފައިސާ އަންނާނީ. ދިވެހި ނޫޓް ބޭނުންނުކޮށް އެކަންކަން ކުރެވޭގޮތަށް މިއޮތީ ހަމަޖެހިފައި. އޮތްއިރުގައި މިނިސްޓްރީއަކަށް ޢިމާރާތް އެޅޭކަށްނެތް، ކުރެހުން ނުނިމިގެން. ހާފިޒުން ތަމްރީނު ކުރެވޭކަށެއް ނެތް ޖާގަ ނެތިގެން. އެމިނިސްޓްރީ ވަރަށްބޮޑު ކުށުވެރިކަމެއްގެ ތެރޭގައި މިކަންކަންހުރީ. އެހެންވީމާ، މި ކުށުވެރިކަން ފިލުވައިދެއްވަން ސަރުކާރުން ކޮންކަހަލަ މަސައްކަތްތަކެއްތޯ ކޮށްދެއްވަން ބޭނުންވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑަށް ހަމަ ޔަޤީން، އިސްލާމިކް މިނިސްޓަރ ބޭނުންފުޅުވާ ކަންކަން ކުރެއްވުމަށް އެހެން ހުރިހާ މިނިސްޓްރީތަކުންވެސް ހަމަ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ.

ޢަބްދުއްލަޠީފް – މިއަދު ނޫސް:

އާދެ! އަޅުގަނޑުގެ ތިންވަނަ ސުވާލަކީ މަނިކުފާނާ ދޭތެރޭގައި ބޮޑު ސުވާލުތަކެއް އުފެދެމުން އަންނަ މައްސަލައެއް އެއީ، މަނިކުފާނު ޙައްދާ ބެހޭގޮތުން ކުރެއްވި ޓުވީޓުގެ މައްސަލަ. އެ މެސެޖު ކުރުކަމުން އޭގެ ޙަޤީޤީ މާނަ ނޭނގޭ ކަމަށް ވިދާޅުވެ، މަނިކުފާނުގެ އަރިހުން އޭގެ ތަފުޞީލަކަށް ވަރަށް ގިނަބަޔަކު އެދޭ. އެހެންވީމާ، މަނިކުފާނު ޙައްދާ ބެހޭގޮތުން ކުރެއްވީ ޓުވީޓުގެ އަޞްލު ޙަޤީޤީ ތަފުޞީލަކީ ކޮބައިތޯ؟

 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑު ވަރަށް ހިތާމަކުރަން، ތިޔަ މައްސަލައާ ބެހޭގޮތުން ކޮންމެވެސް ވަރެއްގެ އޮޅުންބޮޅުންތަކެއް އަރާފައި އޮތީމާ. އަޅުގަނޑަކީ، އިސްލާމްދީނުގެ ޙައްދަކަށް އެއްވެސް އިރެއްގައި އިންކާރު ކުރާނޭ މީހެއް ނޫން. އަދި މިހާތަނަށްވެސް އިންކާރުކުރި މީހެއްވެސް ނޫން. ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ރައީސްކަމާ ހަވާލުވި ފަހުން މަސައްކަތް ކޮށްފައިވާނީ، ދިވެހިރާއްޖޭގައި އިސްލާމްދީން ދަމަހައްޓައި، އިސްލާމީ ވަހުދަތު ކުރިއެރުވުމަށް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތުގެ ދިފާޢުގައި އ.ދ.ގެ ޖެނެރަލް އެސެމްބްލީގައިވެސް އަޅުގަނޑުވާނީ އެވާހަކަ ދައްކާފައި. އަޅުގަނޑު މިމަގާމުގައި ހުރިހާ ހިނދަކު އިސްލާމްދީނަށާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑު ހިތާމަކުރަން، ޙައްދާ ބެހޭގޮތުން އަޅުގަނޑަށް ދެންނެވުނު އެއްޗެއްގެ މާނަ ކޮންމެވެސް ވަރަކަށް އޮޅިފައިވާތީ. އެނގިވަޑައިގަންނަވާނެ، އެ ޙާލަތު އެއީ ވަރަށް ޚާއްޞަ ޙާލަތެއް. ތިޔަބޭފުޅުންގެވެސް ތިއްބަވާނެކަންނޭނގެ ތުއްޕުޅު ބޭފުޅުން. އަޅުގަނޑުގެ ކުދިން މިހާރު މާބޮޑެތިވެއްޖެ. އެހެންނަމަވެސް، ވިސްނާވަޑައިގަންނަވާ، ޢުމުރުން 9 އަހަރުގެ އަންހެން ކުއްޖަކު، ތިޔަބޭފުޅުންގެ ބޭފުޅުންވެސް ތިއްބަވާނެ 9 އަހަރުގެ އަންހެން ބޭފުޅުން. އެއިން ބޭފުޅަކު، އެކުޑަކުޑަ ދަރފުޅުގެ ދޮންބައްޕަ އަދި ދޮންބައްޕަގެ ރައްޓެހިން، ހަތަރު ފަސްއަހަރު ދުވަސް ވަންދެން އެކުއްޖާއާ އެކުގައި ޖިންސީގުޅުން ހިންގާ އަނިޔާ ކޮށްފައި ހުރި ކުއްޖެއް. އެ ކުއްޖާއަކީ، ފަރުވާ ލިބެންޖެހޭ ކުއްޖެއް. އޭނާއާ ބެހޭގޮތުން ނަފްސާނީ ވަރަށް ފުރިހަމަ ބަޔާނެއްވެސް އެބައޮތް. ސައިކޮލޮޖިސްޓުން ތައްޔާރުކޮށްފައި އޮތް ބަޔާނެއް. އެހެންވީމާ، އަޅުގަނޑަށް އެމައްސަލަ ހިނގާދިޔަ ގޮތުން ޤަބޫލުކުރެވުނީ، އެމައްސަލަ ރަނގަޅަށް ބަލަންވީ ވަރަށް ނުބެލި ގޮސްފައި އޮތް ކަމަށް. އެހެން އެވާންޖެހުނީ ކޮންމެވެސް ބައެއްގެ އިހުމާލުން. އެހެންވީމާ، އަޅުގަނޑު ދަންނަވާފައި އޮތީ، މިކުއްޖާގެ މައްސަލައިގައި މިޙުކުމް އައުމުން އަޅުގަނޑު ވަރަށް ހިތާމަ ކޮށްފީމޭ. މިކުއްޖާގެ މައްސަލަ އަޅުގަނޑު އަލުން ދިރާސާ ކުރުމަށް އަންގާނަމޭ. ކިހިނެއްތޯ މިޙާލަތަށް މިކަން މިދިޔައީ. އަދި މިކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަމޭ. އެގޮތުން އަޅުގަނޑުވާނީ މިހާރު އެކަމާ ބެހޭގޮތުން ޚާއްޞަ ކޮމިޓީއެއް އުފައްދާފައި. އެކޮމިޓީގެ ފަރާތުން ބަލާނެ ކުޑަކުދިންނަށް ލިބޭ މިބާވަތުގެ ޖިންސީ ގޯނާތަކުން ކުޑަކުދިން ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ! ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އެކަން ކުރެވޭނީ ކިހިނެއްތޯ!

މިކުއްޖާއަކީ މިދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް. ދައުލަތުގެ ހިމާޔަތުގައި ހުރި ކުއްޖެއް. ޙަޤީޤަތުގައި މިއަދު މިކުއްޖާގެ ޤާނޫނީ ބައްޕައަކީ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑަށް އެބަޖެހޭ، އެހެން ކުދިންނަށް މިހެން ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން. އެއީ، އަޅުގަނޑު ދެންނެވި އެއްޗަކީ. އެހެންވީމާ، އަޅުގަނޑު ޔަޤީން ކުރަން، އެމައްސަލަ ދިޔަގޮތް ތިޔަބޭފުޅުންވެސް ސާފުވެވަޑައިގެންފިކަމަށް.

އަޙްމަދު ޖަދުއާން – ދި ޓީވީ:

އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެންނަށް އިއްޔެ ފެނިގެންދިޔަ މަނިކުފާނު މިއަދު މިތަޞްދީޤު ކުރެއްވި ދެބިލާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންގެ ވަރަށް ބޮޑު ބައްދަލުވުމެއް ބޭއްވިތަން. ދެން މިބައްދަލުވުމުގައި މަނިކުފާނުގެ ސަރުކާރުގައި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަރަށްގިނަ ޢަދަދެއްގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި. މިބޭފުޅުން ވިދާޅުވާގޮތުގައި، މަނިކުފާނު މި ބިލު ތަޞްދީޤު ނުކުރައްވައި މި ލަސްކުރެއްވުމުގައި ނުވަތަ މިދެބިލާ ބެހޭގޮތުން މިކަންތައްތައް ދިޔަގޮތުގައި އެބޭފުޅުންނަކާ މަޝްވަރާއެއް ނުއެއްކުރައްވާ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެބަ ވިދާޅުވޭ، މަނިކުފާނު މި ޢަމަލުފުޅު ކުރައްވަނީ، އެބޭފުޅުންނާ މަޝްވަރާ ކުރައްވައިގެނެއް ނޫނޭ މިކަންތައްތައް ކުރިއަށް މިގެންދަވަނީ. ކޯލިޝަން ތެރޭގައި ތިއްބަސް މަނިކުފާނު ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރައްވާނަމަ އެކަން ފާހަގަ ކުރައްވާނަމޭ. ކިހިނެއްތޯ މަނިކުފާނު މަޝްވަރާ ނުކުރައްވަނީތޯ އެއްވެސް ހާލެއްގައި އެބޭފުޅުންނާ، ނުވަތަ މިދެބިލުގެ މައްސަލައިގައި، އެބޭފުޅުން އެވިދާޅުވާ ގޮތަށް މަނިކުފާނު ޤާނޫނުއަސާސީއާ އެއްވެސް ވަރަކަށް ޚިލާފުވެ ވަޑައިގެންނެވި ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑަށް ހީވަނީ ތިޔަސުވާލުގެ ޖަވާބު އެރުވިއްޖެހެން. އަޅުގަނޑު ޤަބޫލެއް ނުކުރަން، މިބިލު ތަޞްދީޤު ކުރުން ލަސްވެފައިވާ ކަމަކަށް. އެހެންވީމާ، އެ ލަސްވި ކަމަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅުން ޖެހޭނެ ވިދާޅުވަން ކިހިނެއްތޯ ލަސްވެފައި އޮތީ. އަޅުގަނޑު މިދެންނެވީ އިއްޔެ މީގައި ހުރި ކުށް ފިލުވައިގެން އޮފީސްތެރެއަށް މި ބިލުވަނީ. ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ހުރިހާ ކަންކަމެއް ހުއްޓާލާފައި ބިލު ތަޞްދީޤު ކުރާ ވާހަކައެއް ނޯވޭ ދެއްތޯ. ރައީސުލްޖުމްހޫރިއްޔާވެސް ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ، ހަމަޖެހިފައި ހުރި ކަންކަންކުރަން. އަވަހަށް ކުރަންޖެހޭ ކަންކަން އަވަހަށްވެސް ކުރަންޖެހޭނެ. އެހެންވީމާ، ކުއްލިއަކަށް އެކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ހުއްޓާލާފައި ކަމެއް ކުރަންޖެހޭ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. ދެން މަޝްވަރާއަކީ، މި ސަރުކާރަކީ މިއީ ހުރިހާ ޕާޓީތަކެއް އެކުވެގެން ހަދާފައި އޮތް ސަރުކާރެއް. މި ތިއްބެވީ އެކިއެކި ޕާޓީތަކުގެ ބޭފުޅުން. އެބޭފުޅުން ކުރެ އައްސަވާބައްލަވާ ތިޔަބޭފުޅުން، އަޅުގަނޑު ކަންކަން ކުރަމުން ގެންދަނީ މަޝްވަރާ ނުކޮށްތޯ. އަޅުގަނޑުގެ އުޞޫލަކީ، އަބަދުވެސް މަޝްވަރާ ކޮށްގެން ކަންކަން ކުރުން.

ދެން މީގައި ހަމަޖެހިފައި އޮންނަ އުޞޫލަކީ، ބިލެއް ފާސްކޮށްފައި ފޮނުވުމަށްފަހުގައި މިއޮފީހުންނާ ބަންޑާރަ ނައިބުގެ އޮފީހުން އެބިލު ދިރާސާ ކުރައްވާނީ. ކުރެއްވުމަށްފަހުގައި އެ ހަމަޖެހިފައި އޮންނަ އުޞޫލުން، އާދަކާދައިގެ ގޮތުން އެބިލަށް ހުށަހަޅަންޖެހޭ އިޞްލާޙުތަކެއް ފާހަގަކުރައްވާނެ. ބަންޑާރަނައިބު އޭގައި އިސްނަންގަވައިގެން މަސައްކަތް ކޮށްދެއްވަނީ. ކޮށްދެއްވުމަށްފަހުގައި އެމަޖިލީހަށް މި ފޮނުވަނީ. ދެން އަޅުގަނޑުމެން އެކްސްޕެކްޓް ކޮށްގެން ތިބެނީ، އުންމީދު ކޮށްގެން ތިބެނީ، އެ ފޮނުވުމަށްފަހުގައި މަޖިލީހުގެ ފަރާތުން އަނެއްކާވެސް އެއާދޭތެރޭ ވިސްނާވަޑައިގެން ކޮމިޓީއަށް ފޮނުއްވައިގެން އެއަށް ގެންނަވަންޖެހޭ އިޞްލާޙުތަކެއް ގެންނަވާފައޭ ދެން ފާސްކުރައްވާފައި ފޮނުވާނީ. އެހެންނަމަވެސް އެގޮތަކަށް ނޫން އެކަން ދިޔައީކީ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އަޅުގަނޑު ކުރިންވެސް ދެންނެވިން، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިޤައުމަށް، ރައްޔިތުންނަށް މީހުންގެ މަޞްލަޙަތައް އެންމެ ރަނގަލު ގޮތަކަށް ނޫނޭ މިކަން ގޮސްފައި މިއޮތީކީ.

އަޙްމަދު ޖަދުއާން – ދި ޓީވީ:

އަޅުގަނޑުމެންނަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ، މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެބޭފުޅުން ވާހަކަފުޅު ދެއްކެވި. މަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، އެބޭފުޅުންގެ ތެރޭގައި އިއްޔެ ޕްރެސް ކޮންފަރެންސްގައި މިބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ގިނައިން މި ހިމެނިވަޑައިގަންނަވަނީ ރިޔާސީ ކެންޑިޑޭޓުން ކަމަށްވާތީ މަނިކުފާނުގެ ސިޔާސީ ވާދަވެރި ކަމުގައި މަނިކުފާނަށް ފާޑުވިދާޅުވެ ވާހަކަދެއްކެވީއޭ. މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ، ސިޔާސީ ވާދަވެރި ކަމުގައި ކޯލިޝަން ހިމެނޭ ޕާޓީތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އަދި ޕާޓީތަކުގެ ވެރިން މަނިކުފާނާ ޒާތީގޮތުން ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަމަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން އެބޭފުޅުންގެ މަޤްޞަދާ އެބޭފުޅުންގެ އިންޓެންޝަނާ ހަމަ އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް. ރައްޔިތުންގެ މަޖިލިސްގެ ރައީސް އަޅުގަނޑާ ފޯނުން ގުޅުއްވަން ބޭނުންފުޅުވީމާ އަޅުގަނޑު ގުޅިން. ގުޅީމާ ވިދާޅުވީ ބިލުތައް ތަޞްދީޤުކުރުން ލަސްވަމުންދާތީ މަޖިލީހުގައި ވަރަށް ކަންބޮޑުވެގެން މިހާރު ޕްރެސް ކޮންފަރެންސެއް ބާއްވާށޭ އުޅުއްވަނީ. ދެން އަޅުގަނޑު ދެންނެވިން، އަވަހަށް ދަންނަވާށޭ އެބޭފުޅުންނަށް އެއްގޮތަކަށްވެސް އަޅުގަނޑު މި ދެ ބިލު ތަޞްދީޤުކުރުން ލަސްކުރާކަށް ނެތީމޭ. އިރާދަކުރެއްވިއްޔާ މިއަދަކު މާދަމައަކު އެކަން އެބަކުރަމޭ. ދެން އަޅުގަނޑު ހީކުރީ އެހިސާބުން ދެން އެކަން ހަމަޖެހުނީ ކަމަށް. އެހެންނަމަވެސް ދެން މިފެނުނީ އެ ހުރިހާ ބޭފުޅުން ސަފު ހައްދަވާފައި ޕްރެސްއާ މުޚާޠަބު ކުރެއްވި ތަން. އެހެންވީމާ، އެއީކީ ދެން ކޮންމެހެން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ހީވަނީ، ކޮންމެވެސް ކަހަލަ މިސްއަންޑަސްޓޭންޑިންގއެއްގެ ތެރޭގައި ހިނގާފައި އޮތްކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ.

ޢާއިޝަތު ލީޒާ – އެމް.ބީ.ސީ:

އަޅުގަނޑުގެ ސުވާލަށް ކޮންމެވެސް ވަރަކަށް މަނިކުފާނު ޖަވާބު ދެއްވައިފި. ވަރަށްގިނައިރުވެއްޖެ، އަޅުގަނޑު އިންތިޒާރުގައި އިންނަތާވެސް. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު އިއްޔެ ރައްޔިތުންގެ މަޖިލީހުން ބޭއްވެވި ޕްރެސް ކޮންފަރެންސަށް ފަހުގައި މިއަދު ދެބިލު ތަޞްދީޤު ތިޔަ ކުރެއްވީ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޮންމެވެސްވަރަކަށް މަޖިލީހުގެ ތެރެއިން މަނިކުފާނަށް ކޮންމެވެސްވަރެއްގެ ޕްރެޝަރތަކެއް ކުރިމަތިވ ތަން. ޤަބޫލު ކުރައްވަންތޯ ވަރަށް ސާފުކޮށް ވިދާޅުވި ދެއްވިދާނެތޯ މިއަދު މިދެބިލު ތަޞްދީޤު ކުރައްވާފައިމިވަނީ މަޖުބޫރީ ހާލަތެއް މެދުވެރި ކުރައްވައިގެން ކަމަށާއި އަދި ހަމައެއާއެކުގައި ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވާ، ބާރު ފޯރުވާ ކަމަށް މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ އަދި އެކަން ސިފަކުރައްވަނީ ކިހިނެއްތޯ؟

މީގެ އިތުރުން މިއަދުގެ މައުޟޫޢާ ތަންކޮޅެއް ތަފާތު ދިމާއަކަށް އަޅުގަނޑު ޖެހިލާނަން. މަނިކުފާނުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ ކަމާއި ހިއުމަން ރައިޓްސް މިނިސްޓަރކަމަށް ދާއިމީކޮށް ދެ ވަޒީރުން އަދި ޢައްޔަނު ކޮށްފައެއްނުވޭ. ކިހާތާކުތޯ އެކަން ހަމަޖެހިގެންދާނީ؟ އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައިވާ ގޮތުން ވެއްޖެއްޔާ ހަމަގައިމުވެސް ޓްރާންސްޕޯޓް މިނިސްޓަރކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭފުޅެއްގެ ނަން ވަނީ ހުށަހަޅާފައި. އެހެންނަމަވެސް މިހާތަނަށް އަދި ވަގުތީ ގޮތެއްގައި ދެބޭފުޅަކާ ހަވާލު ކުރައްވައިގެން މިކުރިއަށް ގެންދަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެވަނަ ސުވާލުގައި ތިޔަވިދާޅުވީ މައްސަލަ ފުރަތަމަ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެ ދެ މިނިސްޓްރީއަށްވެސް މިނިސްޓަރުން ކަނޑައަޅާނަން. ތިޔަ ވިދާޅުވިހެން ޖުމްހޫރީ ޕާޓީން ނަމެއް ފޮނުވާފައި އެބައޮތް. އެކަން ކުޑަ ތަންކޮޅެއް ލަސްވެގެން މިދަނީ، އެނގިވަޑައިގަންނަވާނެ ފަދައިން، އެއަރޕޯޓަށް ގެންނަންޖެހޭ ވަރަށް ބޮޑެތި ބަދަލުތަކާ އަލަށް ކުރަންޖެހޭ ކަންތަކެއް ކުރަމުންދާތީ. މިވަގުތުގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލެއް ގެނައުމުން އެއަށް ހީނަރުކަމެއް ލިބިދާނެ ކަމަށް ފެންނާތީ، އެހެންވެގެން އެކަންކަން ހަމަޖައްސާލުމަށް ފަހުގައި މިނިސްޓަރ ޢައްޔަނު ކުރުމުގެ ކަންތައް އަޅުގަނޑު ކުރިއަށް ގެންދާނަން.

ދެން ފުރަތަމަ ސުވާލަކަށް ވިދާޅުވީ، އަޅުގަނޑު ޤަބޫލެއް ނުކުރަން، ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަންވެގެން ބާރު ފޯރުވަންވެގެން އުޅޭ ކަމަކަށް. ދެން ދަންނަވަންތޯ! އަޅުގަނޑު ނުބަލަން، ރައްޔިތުންގެ މަޖިލީހުގައި ހިންގާ ކަންކަމެއް ކޮންމެ ދުވަހަކު ޓީވީ ކުރިމަތީގައި އިނދެގެނެއް. އަޅުގަނޑަކަށް ނޯވޭ ވަގުތެއް، ރައްޔިތުންގެ މަޖިލީހުގައި ޕްރޮސީޑިންގްސް އެދާގޮތް ބަލާކަށް ޓީވީ ކުރިމަތީގައި އިންނާނެ ވަގުތެއް. އެހެންވީމާ، ޙަޤީޤަތުގައި ދަންނަވަންޏާ މިއަދު މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކެއް އަޅުގަނޑު ނުބަލަން. އިއްޔެގައިވެސް ޕްރެސް ކޮންފަރެންސް، ޚަބަރުން އަޅުގަނޑަށް ފެނުނީ. އެހެންވީމާ، އަޅުގަނޑު އެއްގޮތަކަށްވެސް މަޖިލީހުން ކުރައްވާ ކަމަކުން އަޅުގަނޑަށް ޕްރެޝަރވެގެން އުޅޭކަށް ނުޖެހޭނެ އެހެންވީމަކާ، އެހެނޫންތޯ! އަޅުގަނޑު އެ ބަލައިގެން، އެ ފޮލޯކޮށްގެން، އެކަމާ ކަންބޮޑުވެގެން، އެކަމާ ފިކުރުކޮށްގެން އުޅޭނަމަތާ އަޅުގަނޑު ޕްރެޝަރވެގެން އުޅޭނީ. އެހެންވީމާ، އެއީކީ އަޅުގަނޑު ވިސްނާކަމެއް ނޫން.

އަޙްމަދު ރިފާޢު – ވީ މީޑިއާ:

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. އަޅުގަނޑު ބޮޑަށް މައުޟޫޢުން ސުވާލުތައް ދަންނަވާލެވޭތޯ ބަލާނަން. މަނިކުފާނު ދެންމެ ފާހަގަކުރައްވައިފި، އިމްތިޔާޒު ބިލުގެ މައްސަލަތަކާއި އަދި ސިޔާސީ ޕާޓީގެ ބިލުގެ ހުރި މައްސަލަތައް. ފާހަގަކުރެއްވިއިރުގައި އިމްތިޔާޒުގެ ބިލުގައި އެބަހުރި މާލީގޮތުން ސަރުކާރުން ކުރަންޖެހޭ ބައެއް ކަންތައްތައް މި ބިލު ތަންފީޒު ކުރާ މަރުޙަލާގައި. މި ބިލު މިއަދު ތަޞްދީގުވެގެން ދިޔުމާއެކުގައި މި ބިލަށް ޢަމަލުކުރަން ފެށިގެންދާނެ. އިމްތިޔާޒުގެ ބިލުގައި މާލީ ކަންތައްތަކެއް އެބަހުރި. އަދި ސަރުކާރުން މެންބަރުންނަށް ކޮށްދެއްވަންޖެހޭ ކަންތައްތަކެއް އެބަހުރި. ޚަރަދުތަކެއް ކުރައްވަން އެބަޖެހޭ. މިވަގުތުން މިވަގުތަށް މި ބިލުގައި މި ހުރި ކަންތައްތައް ތަންފީޒުކޮށް، މާލީގޮތުން އެ ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ އެ ޤާބިލުކަން ސަރުކާރަށް މިއަދު އެބައޮތްތޯ! އަޅުގަނޑުގެ ފުރަތަމަ ސުވާލު އެއީ. އަޅުގަނޑަށް ހީވަނީ ފުރަތަމަ ސުވާލަށް ޖަވާބު ދެއްވީމަ އަޅުގަނޑު ކުރިއަށް ދިޔުން ރަނގަޅުވާނެހެން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑުމެން މަސައްކަތް ކުރާނަން، ޤާނޫނު ލާޒިމުކުރާ ކަންކަން ކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުމެން ބަޖެޓް ރިވައިޒްކޮށް އަދި އަޅުގަނޑު ދަންނަވާފައި އޮންނާނީ، މިހެން ކުރަންޖެހޭ ކަންތައްކުރުމުގައި އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާނެ ވާހަކަ. އެހެންވީމާ، ދެން ކުރު ޖަވާބަކީ އާދޭހޭ. ޤާނޫނު ލާޒިމުކުރާ ހުރިހާ ކަމެއްވެސް ދައުލަތުގެ މާލިއްޔަތު ތަންދިން މިންވަރަކުން ކުރަމުން ގެންދާނަމޭ އަޅުގަނޑުމެން.

އަޙްމަދު ރިފާޢު – ވީ މީޑިއާ:

ދެވަނަ ސުވާލަކީ، މަނިކުފާނު ދެންމެ ސްޓޭޓްމަންޓްގައި ފާހަގަކުރެއްވި ރައްޔިތުންގެ މަޖިލީހުން ބިލުތައް ފާސްކުރައްވާއިރު، ޑްރާފްޓް އެކުލަވާލާއިރު ދައުލަތުގެ މާލީ ޤާބިލިއްޔަތުކަމަށް ނުބައްލަވައި ބައެއް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް. ދެން މިކަންކަން ޙައްލު ކުރައްވަން ސަރުކާރުން މިހާތަނަށް ކުރެއްވި މަސައްކަތެއް އެބައޮތްތޯ؟ ހަމަ އެ މަސައްކަތުގެ ތެރެއިން ކޮބައިތޯ މީގައި މާލީ މައްސަލަތައް ޙައްލުކުރަން ސަރުކާރުން އެކުލަވާލާނެ ޤާނޫނީ އޮނިގަނޑަކީ. އެކަހަލަ އެއްވެސް މަޝްވަރާއެއް ނުވަތަ އެކަހަލަ އެއްވެސް އިންތިޒާމުތަކެއް މިހާތަނަށް ދައުލަތުގެ ބަންޑާރަނައިބާ ގުޅިގެން ނަމަވެސް ކުރިއަށް އެބަދޭތޯ؟ ކޮބައިތޯ އެކަމުގެ ތަފުޞީލަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެމަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް އެބަދޭ. ދެން މުޅި ޤާނޫނީ އޮނިގަނޑަށާއި ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބަންޑާރަނައިބު މިހާރުވަނީ އެކަމާބެހޭ ޚާއްޞަ ޕްލޭނެއް އެކުލަވާލައްވާފައި. އެހެންވީމާ، އެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެމަސައްކަތް ހިނގަމުންދާނެ. ހިނގަމުންދާއިރުގައިވެސް އެކިއެކި ވުޒާރާތަކުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުން. އެގޮތުން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިހާރު އެލް.ޖީ.އާ ގުޅިވަޑައިގެން ވަނީ، ލާމަރުކަޒީ އުޞޫލުން ސަރުކާރު ހިންގުމުގެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް ފާހަގކުރައްވައި، އެ ބިލަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ޑްރާފްޓަށް ގެންނަވާފައި. އެހެންވީމާ، އެގޮތަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ހުށަހަޅަމުން ގެންދާނީ.

އަޙްމަދު ރިފާޢު – ވީ މީޑިއާ:

އަޅުގަނޑު ކުރި ސުވާލުގައި ކުޑަކަމެއް ސާފުނުވެ އޮތީމާ، އަޅުގަނޑު ސުވާލުގައި ދަންނަވާލިން، އިމްތިޔާޒުގެ ބިލުގައި ހުރި މާލީ ކަންތައްތައް މިވަގުތުންމިވަގުތަށް ސަރުކާރަށް ހަމަޖައްސައިދެވެން އެބައޮތްތޯ؟ އެސުވާލުގެ ޖަވާބު އަޅުގަނޑަށް ސާފުކޮށްދެއްވައިފިއްޔާ ވަރަށް ރަނގަޅު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން ތީގެ ތަފުޞީލު އަޅުގަނޑު ބަލަން ޖެހޭނީ އިނގޭތޯ. މިހާރުން މިހާރަށް ކޮށްދޭންޖެހޭ ކަންތައްތަކާ، ފަހުން ކޮށްދޭންޖެހޭ ކަންތައްތައް ބަލާފައި، އަޅުގަނޑުމެންނަށް އަޅުގަނޑު ދެންނެވިހެން އެހެން މުއައްސަސާތަކަށްވެސް ހަމަ އަމުރުކުރާ ގޮތަށް، އަޅުގަނޑުމެންނަށް ވެވެންހުރި އެންމެ ރަނގަޅަކަށް އެކަންކަން ކޮށްދޭނަން.

ޢަބްދުއްލަޠީފް – މިއަދު ނޫސް:

އަޅުގަނޑު ދަންނަވާލަން އުޅުނީ މިހާރު އަޅުގަނޑުމެންނަށް އަބަދުވެސް މި އިވެނީ، އިވެނީ އެކަންޏެއް ނޫން، ފެންނަނީ ދައުލަތަށް ލިބޭ އެއްޗަކުން ކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދެވި ދަތިތަކެއް ވަމުންދާކަން. އެވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސްވެސް ޖެހޭނީ އަޑުއަހަން. އެހެންނަމަވެސް، ފެންނަން އެހެރީ ހުރިހާ ކަމެއް ހުރި ގޮތަށް. މިހެން ހުއްޓާ މިހާރު ކޮންމެ ގޮތެއްގައިވިޔަސް ދައުލަތަށް ލިބޭ އެއްޗަކުން މެންބަރުންގެ ޢިނާޔަތްތަކުގެ ބައިން ހަމަ ވަރަށްބޮޑު ބައެއް ދާނެ ކަމަށް، ލަފާކުރައްވާ ބޭފުޅުން އެބަ ވިދާޅުވޭ. އެހެންކަމަށްވާއިރު، ދިވެހިރާއްޖޭގައި ދެން މިތިބަ ތިންލައްކަ ސާޅީސް ހާސް ރައްޔިތުންގެ ތެރެއިން 77 ކަނޑާފައި، ބާކީ މި ތިބި ރައްޔިތުންގެ ޙައްޤުތަކަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުކުރެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢިނާޔަތްތައް، އެ ފާސްކޮށްފައި އެ އޮތް ގޮތަށް ދެއްވައިގެން މިކަން ކުރެއްވުމަކީ ދިވެހި ދައުލަތަށް އިންސާފުވެރި ކަމަކަށް ވާނެ ކަމަށް ގަބޫލު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު، ތިޔަ ސުވާލުގެ ޖަވާބު ތިޔަބޭފުޅުންނަށް ހަމަ ދޫކޮށްލާނީ. އެންމެ ފަހު ސުވާލު.

އަޙްމަދު ޙަމްދޫން– ހަވީރު ނޫސް:

ދެންމެ މަނިކުފާނު ދެއްވި ޖަވާބަކާ ގުޅިގެން އަޅުގަނޑު ހަމަ މައުޟޫޢާ ގުޅުން ނެތް ސުވާލެއް އެހެންނަމަވެސް، އެއީ އެއަރޕޯޓްގެ ވާހަކަ ވިދާޅުވީމާ. އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ވަކިން އެހެން ކުންފުންޏެއް އުފައްދަވާފައި މިއޮތީ. ބޯޑު އަދި އެކުލަވާނުލައްވައި. ކިހާހިސާބެއްގައިތޯ ބޯޑު އެކުލަވާލެވޭނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އިރާދަކުރެއްވިއްޔާ މިހަފްތާ ނިމުމުގެ ކުރިން. ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އަޅުގަނޑު ބޯޑު ކަނޑައަޅާނަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އެއާ ގުޅިގެން މިހާތަނަށް އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި އެބައޮތްތޯ އެއްވެސް ކަހަލަ ޕްލޭނެއް ހައްދަވާފައި. ކޮބައިތޯ މިހާރު އިވޭ އެއްވެސް ކަމެއް ނުކުރެޔޭ. ޖީ.އެމް.އާރު.އަތުން ނެގި ގޮތަށް އޮތިއްޔޭ. ކޮބައިތޯ ސަރުކާރުގެ މިހާރުގެ ޕްލޭނަކީ؟ އެޕްލޭން ކުރިއަށް ގެންދަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

މިހާރު އެއަރޕޯޓްގެ ތަރައްޤީ ކުރިއަށް ގެންދިޔުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަމާ، މެދުރާސްތާގައި ކުރަންޖެހޭ ކަންކަމާ، މިހެން ކަންކަން ފާހަގަކުރެވިފައި އެބަހުރި. ދެން އަދި އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު މިކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ލަފާ ދެއްވާ ކޮމިޓީއެއްވެސް ވަނީ އުފެދިފައި. އޭގައި މިޤައުމުގެ އިޤްތިޞާދީ ކަންކަމުގައި ހަމަ އެންމެ ފުންނާބު އުސްކޮށް އުޅުއްވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ. އެބޭފުޅުންގެ ލަފާގެ މަތިން ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުން މިހާރު މިގެންދަނީ. އެގޮތުން މިހާރު އެންމެ އިސްކަމެއް ދީގެން އަޅުގަނޑުމެން މިހާތަނަށްވެސް ކޮށްފައިވާ ކަމަކީ، އެއަރޕޯޓް ނުހުއްޓި ހިންގުން. އެހެންވީމާ، އެގޮތުން އެކަންކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައް ވަރަށް ބާރަށް ކުރަމުން މިދަނީ. އެގޮތުން އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައިވިއްޔާ، އެއަރޕޯޓްގައި މިހާރު ފްލައިޓް ޑިލޭވުން ރެކޯޑް އަދަދަކަށްވަނީ ކުޑަކުރެވިފައި. އެހެންވީމާ، މިހާތަނަށް އެއްގޮތަކަށްވެސް ހަމަ ނުކުރެވޭ ވަރަށް އެ އެފިޝަންސީވަނީ ކުރިއަށް ގެންދެވިފައި. އަޅުގަނޑަށް އެންމެ ފަހުން ލިބުނު މަޢްލޫމާތުގައި. ދެން އަނެއްކާ ލިބޭ އާމްދަނީވެސް މިހާރު ވަރަށް ބޮޑަށް ރަނގަޅުވެގެން ހިނގައްޖެ. އެނގިވަޑައިގަންނަވާނެ، މިހާރު ޑޮލަރުގެ ތާށިކަންވެސް ކުޑަކޮށް އެބަ ހަމަޖެހެމުންދޭ.

ދެން އެއަރޕޯޓްގައި ދޭ ޚިދުމަތްތަކުގެ ތެރެއިން އިންޓަރނެޓް ޚިދްމަތް މިހާރު ލިބޭ ގޮތަށް ހަމަޖެހިއްޖެ. އަދި ހަމައެހެންމެ، އެތާނގައި ގެންނަންޖެހޭ ބައެއް އެހެން ޢުމްރާނީ ބަދަލުތައްވެސް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ގޮތުގައި އެންމެ ފުރަތަމަ ފޭސްގައިވެސް އެންމެ ބޮޑަށް ކުރަންޖެހޭ އެއް ކަމަކީ، ރަންވޭ މަރާމާތު ކުރުން. ރަންވޭގެ ހާލު ވަރަށް ދެރަކޮށް އޮތްކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބެމުން އަންނަނީ. އެހެންވީމާ، މިހާރު ރަންވޭގެ ދިރާސާއެއް ހަދާ، ވީހާވެސް އަވަހަކަށް ރަންވޭ މަރާމާތު މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި. ދެން މިހާރުވެސް ބަންދުކޮށްގެން އެކަން ކުރަންޖެހެނީ ރޭގަނޑު. ފްލައިޓް ނުޖައްސާ ދަންވަރު ގަޑީގައި އެކަން ކުރަން މިޖެހެނީ، އެއަރޕޯޓް ބަންދު ކޮށްގެން. އެހެންވީމާ އެކަންކަން އެބަދޭ ކުރިއަށް. ދެން އަޅުގަނޑު އުންމީދު ކުރަން، މި އާކުންފުނި އުފެދިގެން އެސެޓް ބަދަލުކުރެވި، ހަމައަކަށް އެޅިލީމާ އަދި މިހާރަށްވުރެވެސް ބާރަށް ކަންތައްތައް ހިނގަމުންދާނެ ކަމަށް. ދެން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އެއަރޕޯޓްގެ މުހިންމު ދެމަގާމަކަށް ބޭރުން އެކްސްޕާޓުންވެސް ގެންނަން. އެގޮތުން އެއަރޕޯޓުގެ ޗީފް އޮޕަރޭޝަންސް އޮފިސަރަކާއި، ޗީފް ފައިނޭންސް އޮފިސަރެއް ބޭރުން ގެންނަ ގޮތަށް އަޅުގަނޑުމެން ވިސްނައިގެން މިއުޅެނީ. ދެން މިހާރު އަޅުގަނޑު ކަނޑައަޅާފައި މިވަނީ އާކުންފުނީގެ މެނެޖިންގ ޑިރެކްޓަރަކަށް އަލްފާޟިލް ބަންދު އިބްރާހީމް ސަލީމް. ދެން ބޯޑު އަޅުގަނޑު ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ދަންނަވާލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުން ވަޑައިގެން ދެއްވި ކަމަށްޓަކައި.