بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޢިއްޒަތްތެރި ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން އަދި ޔުނިވަރސިޓީގެ ޢިއްޒަތްތެރި ވައިސް ޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރ، ޔުނިވަރސިޓީ ކައުންސިލުގެ އެންމެހާ ޢިއްޒަތްތެރި މެންބަރުން، ޔުނިވަރސިޓީގެ ފެކަލްޓީ އަދި ކިޔަވާ ވިދާޅުވާ އެންމެހާ ބޭފުޅުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތާރީޚުގައި އަނެއްކާވެސް އާ އިތުރު ކުރިއެރުމެއް ލިބޭ ދުވަހަކަށްވާތީ. ތެދެއް، ޔުނިވަރސިޓީއަކީ ގިނަ ޢަދަދެއްގެ ކުދި ބަޔަކު ތަޢުލީމް، މަތީ ތަޢުލީމް ޙާޞިލްކުރާ ތަނެއް. އެހެންނަމަވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޔުނިވަރސިޓީ، ޔުނިވަރސިޓީއަކަށް މިވަނީ، ދެންމެ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ޗާންސެލަރ އެ ވިދާޅުވިފަދައިން ބައެއް ޝަރުޠުތައް ފުރިހަމަވީމަ. އޭގެތެރެއިން އެއް ޝަރުޠު، ޔުނިވަރސިޓީއަކީ ރިސަރޗް ކުރާ ޔުނިވަރސިޓީއަކަށްވުން. އެހެންވީމާ، އެގޮތުން މިއަދު ﷲގެ ރަޙްމަތްފުޅުން މި ހުޅުވުނު ޕޯސްޓް ގްރެޖުއޭޓް ރިސަރޗް ސެންޓަރ، މި ޔުނިވަރސިޓީގައި ހުޅުވުނުކަމީ، އަޅުގަނޑުމެންގެ މުޅި ޤައުމު އެކަމަށްޓަކައި އުފާކުރާކަމެއް. މިހާ ހިސާބަށް މި މަސައްކަތް ގެނެސްދެއްވައި އަދި ޔުނިވަރސިޓީއަށް މިފަދަ ކުރިއެރުންތައް ގެނެސްދެއްވާކަމަށްޓަކައި ޔުނިވަރސިޓީގެ ހުރިހާ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ހަމައެހެން، މިއަދު އަޅުގަނޑަށް މި ލިބުނު ނަޞީބަކީ، އަނެއް ނަޞީބަކީ މި ޔުނިވަރސިޓީގެ 4 ވަނަ ސްޓްރެޓެޖިކް ޕްލޭން ނެރެދިނުން. މި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ދެންމެ އެ ހުށަހެޅުއްވި ހުށަހެޅުއްވުމުގައި، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިއްޖެ، ޔުނިވަރސިޓީ ކަޑައްތުކޮށްފައިވާ ތާރީޚުގެ ތެރެއިން ޙާޞިލްކޮށްފައިވާ އެކިއެކި ކާމިޔާބީ. އަޅުގަނޑު އުންމީދުކުރަން، މި އާ ސްޓްރެޓެޖިކް ޕްލޭންގެ ސަބަބުން ޔުނިވަރސިޓީއަށް އަދި އެއަށްވުރެވެސް އިތުރު ކާމިޔާބީތައް، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ލިބިގެންދާނެކަމަށް.

އާދެ! މިއަދު މި ހުޅުވުނު ރިސަރޗް ޕޯސްޓް ގްރެޖުއޭޓް ރިސަރޗް ސެންޓަރަކީ ވަރަށް މުހިންމު މަރުކަޒެއް. ޔުނިވަރސިޓީއަކީ ހަމައެކަނި ޢިލްމު އުނގަންނައިދޭ ތަނެއް ނޫން. ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ ތަނެއް. އެހެންވީމާ، އާ ޢިލްމު އުފެއްދުމުގެ މަސައްކަތް ރަސްމީގޮތުން އަޅުގަނޑުމެން މިއަދު މި ފަށްޓަނީ. ފަށްޓާއިރުގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާތަކެއް އެބަހުރި. ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ދަރިންތަކެއް ތިބި ޤައުމެއް. މި ޤައުމުގައި ކުރިއެރުންވެސް ބިނާވެފައި އޮތީ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް. އެހެންވީމާ، އަޅުގަނޑުމެން މި ޔުނިވަރސިޓީގައި އުފައްދާ ޢިލްމަކީ، އެއީ އަޅުގަނޑުމެންގެ ޤައުމާއި، ޤައުމުގެ ދީނާއި، ޤައުމުގެ ޤައުމިއްޔަތާއި، ޘަޤާފަތާ ގުޅިފައިވާ އެއްޗަކަށްވާން އެބަޖެހޭ.

އާދެ! މި ރާއްޖޭގެ ތަރައްޤީއަށްޓަކައިވެސް، ދެންމެ އިއްވި ޕްލޭންގައި ފާހަގަކުރެއްވި ފަދައިން، ތަފާތު ރޮނގުރޮނގުން އިތުރު ޢިލްމު އެބަ ބޭނުންވޭ. އިތުރު ހޯދުންތައް އެބަ ހޯދަންޖެހޭ. ރާއްޖޭގެ ކުރިއެރުމާ ގުޅިފައި ހުރި އެކިއެކި ދާއިރާތައް. އެއީ ތަޢުލީމީ ދާއިރާ ކަމުގައިވީނަމަވެސް، އަދި އަޅުގަނޑުމެންގެ އިޤްތިޞާދުގައިވެސް ހިމެނޭ އެކިއެކި ތަފާތު ސެކްޓަރތައް ކަމުގައިވީނަމަވެސް. މިއިން ކޮންމެ ދާއިރާއަކުންވެސް އިތުރު މަޢުލޫމާތު، އިތުރު ޢިލްމު އަޅުގަނޑުމެންނަށް އެބަ ހޯދެންޖެހޭ. އެކަން ކުރުމުގައި އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަންޖެހޭ އެއްކަމެއް އަޅުގަނޑު ފާހަގަކޮށްލަން. އެއީ، އަޅުގަނޑުމެން ރިސަރޗްގައި ބޭނުންކުރާ ބަސްތައްވެސް އެބަޖެހޭ އުފައްދަން. މިހާރު އަދި ފުރަތަމަ ފެށޭއިރުގައި އިނގިރޭސިބަހުން ރިސަރޗް މަސައްކަތް ކުރެވުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މުސްތަޤްބަލުގައި ދިވެހިބަހުންވެސް އަޅުގަނޑުމެން ރިސަރޗް ކުރަންޖެހޭނެ. އެހެންވީމާ، އެގޮތުން ރިސަރޗް ކުރައްވާއިރުގައި، އެކިއެކި ޓަރމިނޮލޮޖީތައް، މިހާރު އިނގިރޭސިބަހުން ހުރި ޓަރމިނޮލޮޖީތައް އަޅުގަނޑުމެން ދިވެހިބަހަށް ގެންނާނެ ގޮތަކާ ދޭތެރޭގައިވެސް އެބަ ޚިޔާލުކުރަންޖެހޭ. މިހާރު ޢާންމު ގޮތެއްގައި އަޅުގަނޑުމެން ބޭނުންކުރާ ބަސްތަކުގެ ތެރެއިން [ސައިންސް] [ނޮލެޖް] އަދި [އިންފޮމޭޝަން] މި ބަސްބަސް ގިނަފަހަރަށް އެއްބަހާ އަނެއްބަހާ ހުރި ތަފާތެއް ނޭނގޭގޮތަށް ބޭނުންކުރެވެމުންވެސް އެބަދޭ. އިނގިރޭސި ބަހުން އެބަހުރޭ، މިސާލަކަށް، ހަމަ ތަފާތު ބަސްބަސް މި ތިން ކަމަށް. އެހެން ނަމަވެސް، ދިވެހިބަހުގައި އެކަން އެގޮތަށް އަދި ނެތުމަކީ އެކަށީގެންވާ ކަމެއް. ބަސްބަސްވެސް މި އުފެދެނީ މަސައްކަތެއް ކުރީމާ، އެ މަސައްކަތަކާ ގުޅިގެން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން ޚާއްޞަކޮށް، ރިސަރޗްގެ މަސައްކަތް ފަށާއިރުގައި، ރިސަރޗަށް ދެން އަޅުގަނޑަށް ހީވަނީ މިހާރު މި ބޭނުންކުރަނީ ދިރާސާ ކުރުންހެން. އެހެން ނަމަވެސް، ދިރާސާ ކުރުންވެސް އެއީ، ވަރަށްފުޅާ މާނައެއްގައި އޮތް ބަހެއް. އޭގެއިތުރުން، އެ ރިސަރޗްގެ ތަފާތު ވައްތަރުތައް، މިސާލަކަށް، އިމްޕެރިކަލް ރިސަރޗް، ކޮލިޓެޓިވް ރިސަރޗް، ކޮންޓިޓެޓިވް ރިސަރޗް. ދެން އޭގެތެރޭގައި ހިމެނޭ އެކިއެކި އެހެނިހެން ޓަރމިނޮލޮޖީތަކުގެ ތެރޭގައި، މިސާލަކަށް، [ތިއަރީ] އަށް ބޭނުންކުރާނެ ނަމެއް، ފެނޯމިނަންއަށް ބޭނުންކުރާނެ ނަމެއް، ވެލިޔުސްއަށް ބޭނުންކުރާނެ ނަމެއް. މިހެންހުރި ބައިވަރު ބައިވަރު ކޮންސެޕްޓް ތަކާއި ލަފުޒުތައް އެބަހުރި، ދިވެހިބަހަށް އަޅުގަނޑުމެން ގެންނަންޖެހޭ. އަދި އެކަމުގައި އަޅުގަނޑުމެން އާ ވިސްނުންތަކެއް ވިސްނަންޖެހޭ ކަންކަން.

އަދި ހަމައެހެން އަޅުގަނޑުމެން ވިސްނަންޖެހޭ އަނެއް ކަމަކީ، އެންމެ އުފެއްދުމެއްގައިވެސް އެބަހުރި ތަފާތު ވައްތަރުގެ ޢިލްމުތައް އުފައްދަންޖެހޭ. އޭގެތެރޭގައި، މިސާލަކަށް، ޢިލްމު ކަމުގައި ނުވިނަމަވެސް، އާދައިގެ ހޮސްޕިޓަލެއްގައި ހުންނަ ލެބޯރެޓަރީއެއްގައި ކުރާ ތަޙުލީލުތަކަކީވެސް ކޮންމެވެސްވަރެއްގެ ހޯދުންތަކެއް. އެހެންވީމާ، ފިޒިކަލް ސައިންސަސްގެ ތެރެއިން އެކްސްޕެރިމެންޓަލް ރިސަރޗްގެ މަސައްކަތް އެއީ، އެއްބާވަތެއްގެ މަސައްކަތް. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންގެ ޤައުމުގައި އަދި ފަށައިގަންނަން ފަސޭހަވިޔަސް އަދި އެންމެ ބޮޑަށް ބޭނުންތެރިވެގެންދާނެ ކަމަށްވެސް އަޅުގަނޑަށް ފެންނަނީ ސޯޝަލް ސައިންސާބެހޭ އެކިއެކި ރިސަރޗްގެ މަސައްކަތް. އެހެންވީމާ، ސޯޝަލް ސައިންސްގެ ރިސަރޗްގެ ތެރޭގައިވެސް ޢާންމު ގޮތެއްގައި ދެބާވަތެއްގެ މަސައްކަތް، އެޕްރޯޗް މި ބޭނުންކުރެވެނީ. އޭގެތެރޭގައި، ކޮންޓިޓެޓިވް މެތަޑްސްއާއި، ދެން ކޮލިޓެޓިވް އެޕްރޯޗް. މީގައި ދެން ވެރިންގެ މެދުގައި ވަރަށްބޮޑު ބަޙުޘެއް އަބަދުވެސް ހިނގާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މީގެތެރެއިން ކޮން މެތަޑެއްކަން މީގައި މަތިވެރީ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވަން އޮތީ، އޭގެ މަތިވެރިކަން އޮތީކީ އޭގެ މެތަޑޯލޮޖީއަކު ނޫނޭ. އޭގައި ހޯދާ ހޯދުމުގައޭ.

ދެން ކޮންމެ ހޯދުމެއްވެސް މި އޮންނަންޖެހެނީ ތަނަކާ ގުޅިފައި. ތަނެއްގެ ކޮންސެޕްޓް އެއީ ވަރަށް މުހިންމު އެއްޗެއް. ތަނެއްގެ މާޙައުލު އެއީ އަދި ފިޒިކަލް ރިސަރޗް ކަމަށްވީނަމަވެސް، އެއީވެސް ތަނެއްގައި ހުންނަ ހުރުން، ފިނި ހޫނުމިނާ، މިކަންކަމުގެ އަސަރުތައް ތަފާތުވާނެ، ނުކުންނަ ތަފާތު. އާދެ! އެހެން އިޖުތިމާޢީ ކަންކަމުގައިވެސް، އެތަނެއްގައި ހުންނަ ފިނިހޫނުމިނެއްގެ، އިޖްތިމާޢީ ފިނިހޫނުކަމުގެ ސަބަބުންވެސް އެއަށް އަސަރުކުރާނެ. އެހެންވީމާ، ތަނުގެ މާޙައުލާ ގުޅޭގޮތަށް އެމަސައްކަތް ކުރެވެންޖެހެނީ.

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރާއިރުގައި، އެކިއެކި ކަންކަމާ ބެހޭގޮތުން އުފެދޭ ޚިޔާލުތަކާއި ވިސްނުންތައް، ޢާންމު ގޮތެއްގައި ގިނަފަހަރަށް ބައްޓަންވެފައި މި އޮންނަނީ، ރިސަރޗަށްވުރެ ބޮޑަށް ޢާންމު އެކިއެކި ވަސީލަތްތަކުން ނުކުންނަ މަޢުލޫމާތުގެ މައްޗަށް. ޙަޤީޤަތުގައި ރިސަރޗް ކުރުން މިއީ ވަރަށް ކުޑަކުޑަ ބައެއް. ގިނަފަހަރަށް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެން ކަންކަމާ ދޭތެރޭގައި ދެކޭގޮތް ބައްޓަންވެގެން މިދަނީ މީޑިއާގެ ޛަރީޢާއިން ނޫނީ އެހެނިހެންވެސް ގޮތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް. އެ މަޢުލޫމާތު މިހިނގަނީ، މި ބަދަލުކުރެވެނީ، ކުރިން ދެންނެވިހެން ބައެއްފަހަރު ކޮންޓެކްސްޓެއްގެ ތެރޭގައި. ތަފާތު ނުފޫޒުތައް އޭގެތެރޭގައި ހިމެނިފައިވާ ކޮންޓެކްސްޓެއްގެ ތެރޭގައި. އޭގެތެރޭގައި އެކިއެކި ސިޔާސީ ނުފޫޒުތަކާއި އަދި އެހެނިހެންވެސް އިޖްތިމާޢީ ކަންކަން ހިމެނިގެންދޭ. އެހެންވީމާ، ރިސަރޗް ކުރުމުގެ ބޭނުމަކީ ޙަޤީޤަތް އޮޅުންފިލުވުން ކަމަށްވާއިރުގައި، މިދެންނެވި ގޮތަށް އިޖުތިމާޢީ އެކިއެކި ކަންކަމުގައި ޙަޤީޤަތް ސާފުކުރުމަކީ މާ ފަސޭހަ ކަމަކަށްނުވޭ. ސަބަބަކީ އޭގެ ސަބަބުން ތަފާތު މީހުން އެއްކަމެއްގައި ތަފާތު ޙަޤީޤަތް ޤަބޫލުކުރުމަކީ ހަމަ އެކަށީގެންވާ ކަމެއް.

މިއަދު ޑިމޮކްރެޓިކް ވެށްޓެއްގައި އަޅުގަނޑުމެން ތަންދޭންޖެހޭ ތަފާތު ޙަޤީޤަތަށް. މީގެ ތެރެއަށް ރިސަރޗް، މެތޮޑޮލޮޖީ ވައްދަންޖެހޭ ސަބަބުތަކާއި ޙާލަތްތައް ހުންނާނެ. ކަންކަމުގައި ޚިޔާލު ތަފާތުވަމުންދާ ވަގުތު، އެކަންކަމުގެ ޙަޤީޤަތް ސާބިތު ކުރުމަށްޓަކައި ޖެހޭ ބައެއްފަހަރު މެތޮޑޮލޮޖީއާއި ރިސަރޗް ބޭނުންކުރަން. އަޅުގަނޑަށް ޔަޤީން، މި ޔުނިވަރސިޓީގައި މި އަލަށް ފަށްޓަވާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ތިޔަ ކިޔަވާ ވިދާޅުވާ މި ޔުނިވަރސިޓީގެ ބޭފުޅުންނަށް ވަރަށް މުހިންމު ހުނަރުތަކެއް މީގެ ސަބަބުން ލިބިވަޑައިގަންނަވާނެ. އަދި ޑިސިޕްލިނެއް ލިބިވަޑައިގަންނަވާނެ. ރިސަރޗްގައި އެއިން ދަސްކުރެވޭ ހުނަރުތަކާ އެއްވަރަށް ވަކިބާވަތެއްގެ ޑިސިޕްލިންތަކެއްވެސް އެބަ ޤަބޫލުކޮށް، ހިފަހައްޓަންވެސް އެބަޖެހޭ. އަޅުގަނޑު ޤަބޫލުކުރަން، ޔުނިވަރސިޓީ، މި ޔުނިވަރސިޓީވެސްވާނީ ދިވެހިރާއްޖޭގެ ތަރައްޤީއާއި، ދިވެހިރާއްޖޭގެ ތަހުޒީބާއި ތަމައްދުންގެ އެންމެ އުސް ހަރުފަތްކަމަށް. އެހެންވީމާ، މި ޔުނިވަރސިޓީން ތަޢުލީމް ޙާޞިލު ކުރައްވައިގެން ނުކުމެވަޑައިގަންނަވާ ބޭފުޅުންނާއި އަދި ޚާއްޞަކޮށް، މި ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަދި ދެކޭހިތްވާ ގޮތުގައި، މި ޤައުމުގެ ކަންކަމުގައި އެންމެ ފުންނާބު އުސްކޮށް ވިސްނާވަޑައިގަންނަވާ އަދި މަގު ދައްކަވާނެ ބޭފުޅުން ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މިއަދު އަޅުގަނޑުމެން މި އިފްތިތާޙުކުރި ޕޯސްޓް ގްރެޖުއޭޓް ރިސަރޗް ސެންޓަރަކީ ތާރީޚީ ތަނެއް. އަދި މިހާރު ވަރަށް ކުޑަކުޑަ ތަނެއް. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީންކުރެވޭ، މުސްތަޤްބަލުގައި މިއީ ވަރަށް މުހިންމު، ވަރަށްބޮޑު މަރުކަޒަކަށް ބަދަލުވެގެންދާނެތަނެއްކަން. އަދި މިއަދު ދެބޭފުޅުން، އެ މަރްކަޒުގައި ޕީ.އެޗް.ޑީ.ގެ ޕްރޮގްރާމް ފެށްޓެވި ކަމުގައިވި ނަމަވެސް، މުސްތަޤްބަލުގައި ވަރަށްގިނަ ބޭފުޅުން މަސައްކަތް ކުރައްވާނެ. އަޅުގަނޑު ފުރަތަމަވެސް ޕީއެޗް.ޑީ ޕްރޮގްރާމް ޤަބޫލު ކުރެއްވި ދެބޭފުޅުން، ޢާއިޝަތު ޢަލީއަށާއި، ފާޠިމަތު ސުނީނާއަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. ތިޔަބޭފުޅުން ތިޔަ ފެށްޓެވި މަސައްކަތަށް.

އާދެ! މިއަދު ދެން މިވަގުތު ޙާލަތު ހުރިގޮތުންނާއެކީގައި، މި ފުރްޞަތުގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑު ޤަޞްދުކުރަން، މި ޔުނިވަރސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ ރިސަރޗް ފެލޯޝިޕެއް ޤާއިމްކުރަން. އާދެ! ޕްރެޒިޑެންޓްސް ރިސަރޗް ފެލޯޝިޕް، މި ޕްރޮގްރާމް ޔުނިވަރސިޓީގައި ޤާއިމްކުރަން އަޅުގަނޑު ޤަޞްދުކުރަން. އެކަމާބެހޭ ލިޔެކިޔުންތައް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އަޅުގަނޑު ފޮނުވާނަން. މިވަގުތު ޤައުމުގެ ޙާލަތު ހުރިގޮތުންނާއި، ބަޖެޓު ތަން ނުދޭތީއާ އެކީގައި އަދި މިވަގުތު އަޅުގަނޑަށް ޤާއިމު ކުރެވެން އޮތީ އެއް ފެލޯޝިޕް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ އަޅުގަނޑު ޤާއިމްކުރާނަން. އަދި މުސްތަޤްބަލްގައި އިތުރު ފެލޯޝިޕްތައް ޤާއިމް ކުރެވޭނެ ކަމުގެ އުންމީދު އަޅުގަނޑު ކުރަން.

އާދެ! އަދިވެސް އެއްފަހަރު ޔުނިވަރސިޓީގެ ޢިއްޒަތްތެރި ޗާންސެލަރަށާއި، ވައިސް ޗާންސެލަރ އަދި ހުރިހާ ވެރިންނަށާއި، ކިޔަވާ ވިދާޅުވާ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. މި ޔުނިވަރސިޓީގައި ޕޯސްޓް ގްރެޖުއޭޓް ރިސަރޗް މަރްކަޒެއް ޤާއިމް ކުރެއްވީތީ. އަދި ޔުނިވަރސިޓީގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރެއްވީތީ.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހިރާއްޖޭގެ ތަޢުލީމަށް ކުރިއެރުން ދެއްވުން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه