ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ސާކް ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ސަލީމް، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިއަހަރު ފަހުކޮޅު ނޭޕާލުގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ސާކް ސަމިޓުގެ ކަންތައްތަކާބެހޭ ގޮތުންނާއި ސާކްގެ އެހެނިހެން ހަރަކާތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސާކް ސެކްރެޓެރީ ޖެނެރަލްގެ ވާހަކަފުޅުގައި، 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓުގެ ނިންމުންތައް ތަންފީޒުކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމަށް ތައްޔާރުވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުން، ވެވަޑައިގެންހާ އަވަހަކަށް ބޭއްވެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކުގެ މި ދައުރުގެ ޗެއަރމަނަކީ ރާއްޖެ ކަމަށްވުމާއެކު، އެ ހައިސިއްޔަތުން ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ސެކްރެޓެރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.