މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފިއެވެ. މިގޮތުން ހުށަހަޅުއްވާ ފޯމްތައް ހުށަހެޅުއްވުމުގެ ފުރްޞަތު، ހުޅުއްވާފައިވަނީ، މިއަދުން ފެށިގެން މެއި މަހުގެ 12ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރު ފުރްޞަތު ހުޅުއްވާލެއްވިއިރު، އިނާމު ދެއްވާ ދާއިރާތަކަށާއި ރޮނގުތަކުން އިނާމު ދެއްވުމުގައި މިހާތަނަށް ބައްލަވަމުން ގެންދެވި ކަންކަމަށް އެއްވެސް ބަދަލެއް ގެންނަވާފައެއް ނުވެއެވެ. މިފަހަރު ބަދަލެއް ގެންނަވާފައި ނުވަނީ، އިނާމު ދެއްވުމުގެ އުޞޫލުތަކަށާއި ކަންކަމަށް މިދިޔަ އަހަރު މުހިންމު ބަދަލުތަކެއް ގެންނަވާފައިވުމާއެކު، އެ ބަދަލުތަކުން ލިބިވަޑައިގެންނެވި ތަޖުރިބާތަކަށް ބައްލަވާއިރު، މިއަހަރު އިތުރު ބަދަލެއް ގެންނަވަންޖެހޭ ކަމަށް ކޮމިޓީއަށް ފެނިވަޑައިނުގަންނަވާތީއެވެ. އެހެންނަމަވެސް، އިނާމަށް އެދި ހުށަހަޅާ ފޯމަށް ބައެއް ބަދަލުވަނީ ގެންނަވާފައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި، ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަން، ޤައުމީ އިނާމަށް ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދެވުމަށް ޤައުމީ އިނާމު ކޮމިޓީންވަނީ ނިންމަވާފައެވެ.

ޤައުމީ އިނާމާ ބެހޭގޮތުން ޤައުމީ އިނާމު ކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދުވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މިކަމާބެހޭ ދެންނެވުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިއަދު ނެރުއްވާފައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމްތައް ފޮނުއްވަންޖެހެނީ [ޤައުމީ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. [ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމް] ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

މިއަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، މިއަހަރުގެ މިނިވަންދުވަހާ ގުޅިގެންނެވެ.