بسـم اللَّه الرّحـمٰـن الـرّحيـم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

الســّلام عليــكم ورحـمــة اللّـه وبـركاتـه،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަމަށް އަޅުގަނޑަށް ފެންނަ ކަންތައްތައް އެކުލެވޭ ބަޔާން، މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އިއްވައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ޢިއްޒަތްތެރި ރައީސް،

މި ޝަރަފުވެރި މާލަމުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާ އެންމެފަހުން އަޅުގަނޑު ބައްދަލުވުމަށްފަހު، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޤައުމުގެ ކަންތައްތައް ރަނގަޅުކުރުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވޭ. އަޅުގަނޑު މަސައްކަތްކޮށްފައިވާނީ، ޤައުމުގެ ކަންކަން އިޞްލާޙުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް. މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑު މިއަދުވެސް ސާބިތުވެ މިހުރީ، އެ މަތިވެރި ޢަޒުމުގައި. ފާލުން ނެއްޓިފައިވާ ޤާނޫނުގެ ވެރިކަން ނަގައި ކޮޅަށްޖަހައި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ވެރިކަން ޤާއިމުކުރުމުގައި. ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކުގެ ދައުރު ހަރުދަނާކޮށް، 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ޑިމޮކްރަސީގެ ފޮނިމީރުކަން ދިވެހިންނަށް ލިބިދިނުމުގެ ރާސްތާ އަވަސްކުރުމުގައި. ވީދި ކުދިކުދި ވެފައިވާ ދިވެހިންގެ އިޖުތިމާޢީ ފޭރާން އިތުރަށް ހަލާކުވެދިޔަނުދިޔުމަށް ކުރަންހުރި ކަންކަން އަވަސްކޮށް، ރާއްޖެއަކީ، އަމާންކަން ލިބިފައިވާ ދުނިޔެމަތީގެ ސުވަރުގެކަމަށް އަލުން އަނބުރާ ހެދުމުގެ މަސައްކަތުގައި އަތުކުރި އޮޅާލައިގެން. އަނދަވަޅަކަށް ވެއްޓިފައިވާ ޤައުމުގެ އިޤްތިޞާދުގެ ޙާލަތު ރަނގަޅުކޮށް ރައްޔިތުންނަށް ދިރިއުޅުން ފަސޭހަކުރުމުގެ ޒިންމާ އަދާކުރުމުގަޔާއި، ޢަދުލު އިންޞާފާއި ހަމަހަމަކަމުގެ އުޞޫލުތައް ކުރިޔަށް ނެރެގެން، ދިވެހިޤައުމާއި ރައްޔިތުންގެ ޙައްޤުގައި.

ޢިއްޒަތްތެރި ރައީސް،

ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށް، ދިވެހިންގެ އިސްލާމީ ޢަޤީދާ ވަރުގަދަކުރުމަކީ އަޅުގަނޑު އެންމެ އިސްކަންދޭ އެއްކަންތައް. ދީނީ ހަރުކަށިކަން އެއްކިބާކޮށް، އިސްލާމްދީން ގޮވާލައްވާފައިވާ މެދުމިނުގެ ސިޔާސަތުތައް ތަންފީޛުކުރުމަށް ގިނަ މަސައްކަތްތަކެއްވަނީ މިދިޔަ އަހަރުގެ ތެރޭގައި ކުރެވިފައި. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީޤައުމަކަށްވެ އޮވެ، ދިވެހިރާއްޖެއިން ތަރައްޤީއާއި ތަމައްދުނުގެ ރޮނގުގައި އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަޅާފައިވާ ގިނަގުނަ ފިޔަވަޅުތަކަކީ، މުޅި ދުނިޔެއިންވެސް ބަލައިގަންނަ ފިޔަވަޅުތަކެއް. އިސްލާމްދީނަކީ ތަޢުލީމާއި، ތަރައްޤީއާއި ތަމައްދުނަށް މަގުފަހިކޮށްދޭ އަދި އެކަންކަމަށް އިސްކަންދޭ ދީނެއް. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދީނުގެ ޙުކުމްތައް ބަޔާންކޮށްދިނުމުގައި އަދި ދީނުގެ ޙުކުމްތަކާބެހޭ ގޮތުން އަރާފައިވާ އޮޅުންތައް އިތުރަށް އޮޅުންފިލުވައިދިނުމަށް ޢިލްމުވެރިންގެ މަހާސިންތާއެއްވަނީ ބޭއްވިފައި. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމްގެ ތެރެއިން ގިނަ ފިޔަވަޅުތަކެއްވަނީ އެޅިފައި. އަދި މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެކަމުގެ ނަތީޖާ ފެންނަމުންދާކަންވެސް އަޅުގަނޑު ފާހަގަކުރަން.

ޢިއްޒަތްތެރި ރައީސް،

ދިވެހިންނަކީ ޒަމާނުއްސުރެ މިނިވަންކަން ދިފާޢުކޮށްފައިވާ ބައެއް. ބޭރުގެ އެކިފަރާތްތަކުން، ދިވެހިރާއްޖޭގެ މިނިވަންކަމާ ތޮޅެންފެށި ކޮންމެފަހަރަކުމެ، އަޅުގަނޑުމެންގެ ކާބަފައިންވަނީ ލެޔާއި ފުރާނައިން ހަނގުރާމަކޮށްގެން ދިވެހިންގެ މިނިވަންކަން ދިފާޢުކޮށްފައި. ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި ބަސްބުނާނޭ ބަޔަކީ ހަމައެކަނި ދިވެހިންކަމުގައިވަނީ ކަނޑައަޅާދީފައި. ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ މިނިވަންކަން ނަގަހައްޓާފައި. ކިތަންމެ އުނދަގޫ ނިންމުންތަކެއް ނިންމަންޖެހުނު ކަމުގައިވީ ނަމަވެސް، އިޤްތިޞާދީ މިނިވަންކަންވެސްވަނީ ޙިމާޔަތްކޮށްފައި. މިއީ ދިވެހިންގެ ފަޚުރުވެރި ތާރީޚު.

އަޅުގަނޑުމެންގެ މި ފަޚުރުވެރި ސިޔާސީ މިނިވަންކަމުގެ މައްޗަށް އަތްގަދަކޮށް ވެރިވެގަންނަން މަސައްކަތްކުރާނެ ފަރާތްތައް މަދެއްނުވާނެ. އަދި ދިވެހިރާއްޖޭގެ ކަންކަމުގައި ބައިނަލްއަޤްވާމީ އަދި އިންސާނީ ހަމަތަކުގެ ތެރެއިން، ފުރިހަމަނުވާ ކަންކަން ފުރިހަމަކުރުމުގައި ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމަކީ މައްސަލައެއްނޫން. އެފަދަ ކަންކަން ހުރިނަމަ ސަރުކާރުން އެކަންކަމަށް ޙައްލުތަކެއް ގެންނާނެ. ގެންނަންވެސްވާނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށާއި، ވަކި ދުވަހެއްގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރު އިސްތިޢުފާދީ އިންތިޚާބެއް ބާއްވަންޖެހޭނޭ ކަމަށް ބުނުމާއި، ބޭރުގެ ޤައުމުތަކުގެ މަންދޫބުން ރާއްޖޭގެ ސިޔާސީ ޙަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ، ސަރުކާރުން ޤަބޫލުކުރާނޭ ކަމެއްނޫން. ކުޑަ ޤައުމަކަށްވާތީ، ކުޑަކޮށް އިންޞާފު ދިނުމަކީވެސް ސަރުކާރުން ބަލައިގަންނާނޭ ކަމެއްނޫން. އެފަދަ ފިއްތުންތަކަކީ ސީދާ ޤައުމުގެ މިނިވަންކަމާ ގުޅިފައިވާ ކަންކަން. ވަކި ސަރުކާރަކާ ގުޅިފައިވާ ކަންކަމެއްނޫން. މުޅި ޤައުމަށްޓަކައި ޙައްލުކުރަންޖެހޭ ކަންކަން.

ޢިއްޒަތްތެރި ރައީސް،

ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުގައި ކަންކަން ނިންމާނީ ދިވެހިން. އެ ފުރުޞަތު ސަރުކާރުން އެހެން އެއްވެސް ބަޔަކަށް ނުދޭނަން. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދު ބައްޓަންކުރުމުގެ ބާރުވެރިކަން ބޭރުގެ ފަރާތަކަށް ލިބޭގޮތަށް މި ސަރުކާރުން މަގުފަހިކޮށެއް ނުދޭނަން. އަދި މިވޭތުވެދިޔަ ދުވަސްތަކުގައި މިގޮތަށް ހިނގާފައިވާ ކަންކަން ޙައްލުކުރުމަކީ، އަޅުގަނޑު ސަރުކާރާ ޙަވާލުވިފަހުން ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އެއް މަސައްކަތް. މިކަންކަން ޙައްލުކޮށް ދިވެހިންގެ ސިޔާދަތު އަނބުރާ ގެނައުމަކީ ވަރަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު ކުރަންޖެހިފައިވާ މަސައްކަތެއް. އެހެންނަމަވެސް، ކިތަންމެ ބޮޑު މަސައްކަތެއް ކުރަންޖެހުނަސް އަޅުގަނޑު ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށްދޭނަން. އަޅުގަނޑުގެ ސަރުކާރުގައި އެ ޢަޒުމާއި، ހިތްވަރު މާތްﷲގެ ވާގިފުޅާއެކު އެބަހުރި. ކުރިޔަށް އޮތް ޖީލުތަކުގެ ޙައްޤުގައި. އަދި މިލޮބުވެތި ވަޠަނުގެ ޙައްޤުގައިވެސްމެ.

މިހެންވެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް އަބަދުވެސްވާނީ، ރާއްޖޭގެ މިނިވަންކަމާއި، ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއި، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް ކުރިއަރުވައި، ރާއްޖޭގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުން. ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކޮށް، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރުން. ރާއްޖެފަދަ ކުދި ޤައުމުތަކުގެ މިނިވަންކަމާއި، އަމިއްލަ ވެރިކަމާއި، ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކޮށް ދަމަހައްޓައި ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކޮށް، އެ ޤާނޫނުތައް ނަގަހައްޓައި ކުރިއެރުވުމަށް މަސައްކަތް ކުރުން. ހަމައެއާއެކު، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރްޞަތު، ބޭރުގެ އެއްވެސް ފަރާތްތަކަށް ނުދިނުން.

ޢިއްޒަތްތެރި ރައީސް،

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަޅުގަނޑު ޙަވާލުވީއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ އަނދަވަޅަކަށް ވެއްޓިފައި. ރާއްޖެއަށް ލިބޭ އާމްދަނީއާ ނުބައްދަލު ބޮޑެތި ޚަރަދުތައް ތަކުރާރުކޮށް، އަހަރަކަށްފަހު އަހަރަކު ކުރަމުން އައުމުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ދަރަނިވަނީ 725 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައި.

އެހެންކަމުން، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދިނީ، އިޤްތިޞާދީ ގޮތުން މި ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ރާއްޖޭގެ އިޤްތިޞާދު، ހަމަމަގަށް އެޅުވުމަށް. މިކުރެވުނު މަސައްކަތްތަކުގެ ނަތީޖާ، މާތްﷲގެ ވާގިފުޅާއެކު މިދަނީ ފެންނަމުން.

ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަކީ، ސަރުކާރުން އެންމެ މުހިންމު ކަމެއް ދޭ އެއްކަންތައް. މިގޮތުން، ދައުލަތުގެ ޚަރަދުތައް ވީހާވެސް ބޮޑަކަށް ކުޑަކުރުމުގެ ގޮތުން މިހާރުވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި، ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ތައްޔާރުކޮށް، އެ ބިލުތައް މިހާރުވާނީ، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅިފައި. އެ ބިލުތައް މި މަޖިލީހުން ވަރަށް އަވަހަށް ނިންމަވައިދެއްވުމަށް އަޅުގަނޑު މި ފުރްޞަތުގައި ތިޔަ ޢިއްޒަތްތެރި މެންބަރުންގެ އަރިހުން އެދެން.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓް ޑެފިސިޓް، ކުރިން އަންދާޒާކުރި ވަރަށްވުރެ ކުޑަކުރެވޭނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އަދި މިއީ، ޤައުމުގެ އިޤްތިޞާދު ރަނގަޅު މިޞްރާބަކަށް ގެންދިޔުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށްވެސް އަޅުގަނޑު ދެކެން.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އަނބުރާ ހޯދުމުގެ ސަބަބުން އަޅުގަނޑުމެންގެ ބޭންކްތަކަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ޑޮލަރުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ ލުޔެއް ގެނެވޭނެ. ސަރުކާރުގެ އަމާޒަކީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން. މީގެއިތުރުން، ރާއްޖޭގެ ބޭންކްތަކުން ހައުސިންގ ލޯނާއި، ކުދި ލޯނުތައް ތަޢާރުފް ކުރެވިގެންދިޔަކަން އެއީވެސް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، އިޤްތިޞާދަށް އެކަމުގެ ހެޔޮ ބަދަލުތައް އަންނާނެ ކަމެއް.

ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މިންގަނޑު ނުވަތަ ޖީ.ޑީ.ޕީ.ގެ ދުވެލި 2012 ވަނަ އަހަރު ވަނީ 3.4 އިންސައްތަ ކުރިއަރާފައި. އަދި މިއަހަރު މި ޢަދަދު 4.3 އިންސައްތައަށް މައްޗަށްދާނެ ކަމަށް ވަނީ ލަފާކުރެވިފައި.

އެހެންނަމަވެސް، ޤައުމުގެ އިޤްތިޞާދަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ، ގިނަ ޞިނާޢަތްތަކެއް އެކުލެވޭ އިޤްތިޞާދެއް ބިނާކުރުން. ވުމާއެކު، ރާއްޖޭގެ އިޤްތިޞާދީ ޞިނާޢަތްތައް އިތުރުކުރުމަށްޓަކައި ކަމާގުޅޭ ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މި ސްޓްރެޓެޖީ އިޢުލާނު ކުރެވޭނެ. ހަމައެހެންމެ، ރާއްޖެއިން ބޭރުގެ ވީހާވެސް ގިނަ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ބާރުއެޅުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާ، އިރާދަކުރެއްވީތީ މިދިޔަ އަހަރުގެ ތެރޭގައި ފަހިކޮށް ފެނުނު.

ޢިއްޒަތްތެރި ރައީސް،

މި ޢިއްޒަތްތެރި މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓަކީ، ނިސްބަތުން ކުޑަ ބަޖެޓެއް ކަމަށްވުމާއެކު، މި ބަޖެޓުން ސަރުކާރާއި ދައުލަތުގެ ޚަރަދުތައް ފުއްދުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުން. އެހެން ނަމަވެސް، މި ލިބުނު ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ މިގެންދަނީ ގަދައަޅައި މަސައްކަތް ކުރަމުން. މިގޮތުން، މަސައްކަތް ކުރަމުން ގެންދާއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކަށް އެންމެބޮޑު އިސްކަމެއް ދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް. ހަމައެޔާއެކު، ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަކީވެސް ކުރަންޖެހޭ ކަމެއް. އެހެންކަމުން، މިއަހަރުގެ މެދަކާ ހަމައަށް ދިޔުމުގެ ކުރިން، މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް މިހާރު ނިންމާފައިވާ ވާހަކަ ދަންނަވަން. އަދި މި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދިނުމަށްޓަކައި ވެވަޑައިގެން އަވަހަކަށް މިބަޖެޓް ފާސްކޮށްދެއްވުމަށްވެސް މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ އަރިހުން އަޅުގަނޑު އެދެން.

ޢިއްޒަތްތެރި ރައީސް،

މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ރާއްޖޭގެ މަސްވެރިކަން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ވަރަށްބޮޑުތަން ރަނގަޅުވެފައި. މަސްވެރިކަމުގެ ތަފާތު ޞިނާޢަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ރާއްޖޭގައި މެރިކަލްޗަރ ކުރިއަރުވައި އާލާކުރުމުގެ ޚާއްޞަ މަޝްރޫޢެއް، އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، މެރިކަލްޗަރުގެ ތެރެއިން ވަޒީފާއާއި އާމްދަނީގެ ފުރްޞަތުތައް ރާއްޖޭގައި އިތުރުކުރުން.

ޢިއްޒަތްތެރި ރައީސް،

ވޭތުވެދިޔަ އަހަރު ވެރިކަން ބަދަލުވެގެން ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުގައި ރާއްޖޭގެ ފަތުރުވެރިކަން 12 އިންސައްތަ ދަށްވެގެންދިޔަ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރުވަނީ 9 އިންސައްތައަށް ކުރިއަށް ޖެހިފައި. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، އިރާދަކުރެއްވިއްޔާ މިދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން. ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް، އެކި ފެންވަރުގައި މިހާރުވެސް ދަނީ ކުރެވެމުން. އެކަމުގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށްވެސް ދަނީ ލިބެމުން. އެހެން ނަމަވެސް، ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް، ރާއްޖޭގެ އަގު ވައްޓާލުމަށް މިދިޔަ އަހަރުގެ ތެރޭގައި، ދިވެހިންގެ މަދު ބަޔަކު މަސައްކަތް ކޮށްފައިވާކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަކުރަން.

ރާއްޖޭގެ އަގުވައްޓާލުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖެއަށް ތަރައްޤީ ހޯދުމަށް ކުރެވޭ މަސައްކަތަށް ވަނީ ކާމިޔާބު ލިބިފައި. ރާއްޖޭގެ ފަތުރުވެރިކަމަށް މިދިޔަ އަހަރުގެ ތެރޭގައިވެސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ވަނަތަކެއް ޙާޞިލުކުރެވިފައި. ރާއްޖޭގެ އަގު އެތައްގުނައެއް މައްޗަށް ޖެއްސިފައި.

ޢިއްޒަތްތެރި ރައީސް،

ތަޢުލީމީ ދާއިރާއިން ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެބޮޑު ކުރިއެރުން ހޯދާފައިވަނީ މިދިޔަ އަހަރު. މުޅި ދުނިޔެއިން 1 ވަނަ އަށް ހޮވާލެވޭ ދަރިވަރުންގެ ޢަދަދުދަނީ އިތުރުވަމުން. ސަރުކާރުގެ އަމާޒަކީ، މިފަދަ ހުނަރުވެރި ދަރިވަރުންނަށް މަގުފަހިކޮށްދިނުން. މިގޮތުން، އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދިނުމަށް އަޅުގަނޑު ގަސްދުކުރާ ވާހަކަ ދަންނަވަން.

އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތުތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި މިއަހަރު އޭ ލެވެލް ކްލާސްތައް އަލަށް އުފެއްދުމަށް ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ ސިޔާސަތަކީ، ޢުމުރުން 18 އަހަރު ފުރެންދެން ކޮންމެ ކުއްޖަކަށްވެސް ތަޢުލީމީ ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނެގޮތް ހަމަޖެއްސުން. އެ ސިޔާސަތުގެ ދަށުން އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތު ފުޅާކުރުމާއި، ޒުވާނުން ވަޒީފާތަކަށް އަހުލުވެރިކުރުވުމަށް މިއަހަރު އިތުރު މަސައްކަތްތައް ކުރެވޭނެ.

ތަޢުލީމުގެ ފެންވަރު މިއަހަރަށްވުރެ ރަނގަޅު ކުރުމަށްޓަކައި [ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން]ގެ ނަމުގައި އާ މުއައްސަސާއެއް މިދިޔަ އަހަރު ވަނީ އުފައްދާފައި.

ހަމައެހެންމެ، މަތީ ތަޢުލީމާއި ތަމްރީނުގެ ފުރްޞަތުތައް އިތުރުކުރުމަށްވެސްވަނީ މަސައްކަތް ކުރެވިފައި. އެގޮތުން ފުރަތަމަފަހަރަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވިގެން ދާއިމީ ލުއި ލޯނު ސްކީމަކާއި، ސްކޮލަރޝިޕް ސްކީމެއްވަނީ ތަޢާރުފް ކުރެވިފައި.

ޒުވާނުން ވަޒީފާތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން [ސްކިލްސް ޓްރޭނިންގ އެންޑް އެމްޕްލޯއިމަންޓް ޕްރޮގްރާމް] (ސްޓެޕް) ވަނީ ތަޢާރުފް ކުރެވިފައި.

ޢިއްޒަތްތެރި ރައީސް،

ރާއްޖޭގެ ޞިއްޙީ ދާއިރާއަކީ މާޒީގައި ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލުކުރެވުނު ދާއިރާއެއް. އެހެންނަމަވެސް، ވޭތުވެދިޔަ ކުރު މާޒީގައި ޞިއްޙީ ޚިދްމަތުގެ ނިޒާމު ވަރަށް ބޮޑަށް ރޫޅި، ހީނަރުވެފައި ވުމުގެ ސަބަބުން ޞިއްޙީ ދާއިރާ އަލުން ތަރުތީބުކޮށް، އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވޭ. ޞިއްޙީ ދާއިރާ، ސިޔާސީ މައިދާނުގައި ބޭނުންކުރެވިފައިވަނީ، އެ ދާއިރާގެ ބޭނުމަށާއި ޚިދުމަތުގެ ޒާތަށް ވިސްނުމެއްނެތި. މިކަންކަން ރަނގަޅުކުރުމަށް މިދިޔަ އަހަރު ވަރަށްގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައި.

ޞިއްޙީ ދާއިރާ ޒަމާނީކޮށް، ހަރުދަނާ ކުރުމަށް ކުރަންޖެހޭ މުހިންމު އެތައް މަސައްކަތްތަކެއް ވަނީ ފެށިފައި. ޓަރޝަރީ ފެންވަރުގެ އިތުރު ހޮސްޕިޓަލްތައް ޤާއިމްކޮށް، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭހާއި، އެކިއެކި މެޝިނަރީއާއި ކޮންސިއުމަބަލްސް ހޯދުމުގައި ދިމާވެފައިވާ ދަތިތައް މިގެންދަނީ ޙައްލު ކުރަމުން. އަދި ވީހާވެސް އިސްރާފު ކުޑަ، އިޤްތިޞާދު ކުރެވޭ ގޮތެއްގެ މަތިން މި ތަކެތި، ޞިއްޙީ ޚިދްމަތްދޭ ތަންތަނަށް ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ހިނގަމުން. އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ސްކީމް، ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކުރިއަށް ގެންދިޔުމަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ގެނެސް، އެ ނިޒާމު ހުއްޓުނަނުދީ ވަނީ ކުރިއަށް ގެންދެވިފައި. އަދި މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ.

ޢިއްޒަތްތެރި ރައީސް،

ރައްކާތެރި ބޯފެނާއި އެކަށީގެންވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރު ސަރުކާރުގެ ޚަރަދުގަޔާއި ބޭރުގެ ލޯން އެހީގައި 45 ރަށެއްގައި ނަރުދަމާ ނިޒާމާއި، 10 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި. މީގެއިތުރުން، އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންވެސް އިތުރު ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމް ކުރުމަށް ދަނީ މަސައްކަތް ކުރެވެމުން.

ތެލަށް ބަރޯސާވެފައިވާ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރޭވިފައިވާ މަޝްރޫޢުގެ ދަށުން 10 ރަށެއްގެ ކަރަންޓްގެ ނިޒާމު، އިޢާދަކުރަނިވި ހަކަތައަށް މުޅިން ބަދަލުކުރެވި، 15 ރަށެއްގެ ކަރަންޓްގެ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، އަދި 30 ރަށެއްގެ ކަރަންޓުގެ ބޮޑުބައެއް އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެންދާނެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް، ރާއްޖޭގައި އަލަށް ޤާއިމްކުރެވޭ ކުނި މެނޭޖްކުރާ ސަރަޙައްދީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް މިހާރުވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކުރެވިފައި. މީގެ އިތުރުން، 24 ރަށެއްގައި މިއަހަރުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާއިމު ކުރެވިގެންދާނެ.

ޢިއްޒަތްތެރި ރައީސް،

ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 69 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތާއި 17 ރަށެއްގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އަދި 8 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމާއި، 3 ރަށެއްގައި ފާލަން އެޅުމުގެ މަސައްކަތްވެސް ހިނގަމުން އެބަދޭ. ހަމައެއާއެކު 10 ރަށެއްގައި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތާއި، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސިޓީއާއެކު 14 ރަށެއްގައި 5446 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިއަށް އެބަދޭ.

ދަތުރުފަތުރުގެ ދާއިރާގެ ތެރެއިން މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ގެންދެވޭނެ އެއް މަސައްކަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ މަސައްކަތް. މިގޮތުން ކަނޑު ދަތުރުފަތުރު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، މިހާރު ޚިދުމަތް ހުއްޓިފައިވާ އަތޮޅުތަކުގައި، ކައިރި މުސްތަޤުބަލެއްގައި އަލުން ޚިދުމަތް ފެށޭނެ. އަދި ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ޚިދުމަތް، މީހުން ދިރިއުޅޭ ރަށްރަށަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން. މިވޭތުވެދިޔަ އަހަރު، އާ ދެ ސަރަޙައްދީ ވައިގެ ބަނދަރު ހުޅުވި، ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދުމުގެ މަސައްކަތް ކުރެވުނު. ހަމައެއާއެކު، ރާއްޖޭގައި ވައިގެ ބަނދަރުތައް ތަރައްޤީކުރެވޭނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ. މީގެ އިތުރުން، މިއަހަރު ދެން އެންމެ ބޮޑު ސަމާލުކަމެއްދީގެން ކުރިއަށް ގެންދެވޭނީ، ރާއްޖޭގެ ޤައުމީ ޝިޕިންގ ލައިނެއް ޤާއިމުކުރުމުގެ މަސައްކަތް.

ޢިއްޒަތްތެރި ރައީސް،

ސްޓްރެޓެޖިކް ޑިފެންސް ޑައިރެކްޓިވް އަލުން މުރާޖަޢާކޮށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. ހަމައެއާއެކު، ރާއްޖޭގެ ބަނދަރުތަކުން ފުރާ މީހުންނާއި އަންނަ މީހުން އަދި ރާއްޖެއަށް އެތެރެކުރެވޭ އަދި ބޭރުކުރެވޭ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް މިއަހަރުގެ ތެރޭގައި ޚާއްޞަ ސަމާލުކަމެއް ދެވޭނެ. އިރާދަކުރެއްވިއްޔާ ވަރަށް ކައިރި ކުރިމަގެއްގައި މިމަސައްކަތް ނިންމާލެވޭނެ.

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކަށް އިޖާބަދިނުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށްޓަކައި ޑިޒާސްޓަރ މެނޭޖްމަންޓް ބިލެއް މިހާރުވަނީ އެކުލަވައިލެވި، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ތައްޔާރުކުރެވިފައި. ހަމައެއާއެކު މިދާއިރާއިން ޢާއްމު ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން މިއަހަރު ތެރޭގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ރޭވިފައި. ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި މިހާރު އެކުލަވައިލެވިފައިވާ އޭވިއޭޝަން ސެކިއުރިޓީ ސްޓްރެޓެޖީއާ އެއްގޮތަށް އެދާއިރާގެ ކަންތައްތައް ބައްޓަންކުރުމަށްޓަކައި މިއަހަރު ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވޭ.
ޢިއްޒަތްތެރި ރައީސް،

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ބާރުވެރިކުރުވައި، އެ ކައުންސިލްތަކުގެ ޤާނޫނީ ވާޖިބު އަދާކުރުމަށްޓަކައި ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދީ، އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ސަރުކާރުގެ މަޤްޞަދަކީ، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވީހާވެސް މިނިވަންކަމާއެކު ހިންގުމުގެ ފުރްޞަތު ދިނުން. އެހެން ނަމަވެސް، ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަދިވެސް ވަނީ ކުރަން ޖެހިފައި. ސަރުކާރުގެ ބަޖެޓުން ކައުންސިލްތަކަށް ޚަރަދު ކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދީގެން ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެގޮތް ހަދައިދިނުމަކީ، ސަރުކާރުގެ އަމާޒެއް.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙުތަކެއް ގެނައުމަކީ، މުހިންމު ކަމެއް ކަމުގައި ދެކެން. އެ އިޞްލާޙުތައް މިއަހަރުގެ ފަހުކޮޅުގައި ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތައް ބޭއްވުމުގެ ކުރިން ގެނައުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކިވަޑައިގެން، އެމަސައްކަތް މި މަޖިލީހުން ކޮށްދެއްވުމަށް އަޅުގަނޑު ދަންނަވަން.

ޢިއްޒަތްތެރި ރައީސް،

އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ރާއްޖެއަކީ އެ ޙައްޤުތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަކީ ސަރުކާރުގެ ސިޔާސަތު. އެގޮތުން ޤާނޫނުއަސާސީއާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާއި، އުފުލަންޖެހޭ ޒިންމާތައް އުފުލާނެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިސްނަގާނެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ހިއުމަން ޓްރެފިކިންގގެ މައްސަލައަކީ، އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ސަރުކާރުން މިވަގުތު ވަރަށްބޮޑު ސަމާލުކަމެއް ދެމުންގެންދާ ކަމެއް. ހިއުމަން ޓްރެފިކިންގ މިންކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ގެންގުޅޭ މިންގަނޑުގައި ރާއްޖެ މިހާރު ހިމެނިފައިވަނީ [ޓިއަރ 2] ގައި. އެހެން ނަމަވެސް، މި މައްސަލަ ޙައްލުކުރުމަށް، ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެ ކަމަށްވާނަމަ، [ޓިއަރ 3]ގެ ދަރަޖައަށް ރާއްޖެ ވެއްޓިދާނެ ކަމުގެ ބިރު މިހާރު މިވަނީ އިތުރުވެފައި. އެހެން ވެއްޖެނަމަ، ރާއްޖޭގެ ސަލާމަތީ ކަންތައްތަކަށާއި، ދިފާޢީ ކަންތައްތަކަށް ބޭރު ޤައުމުތަކުން ލިބޭ އެހީ ކެނޑިގެން ދިޔުމަކީ، ވަރަށް އެކަށީގެންވާ ކަމެއް. އެހެންކަމުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ [މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލު]ގެ މަސައްކަތް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، މި މާޗް މަހުގެ ތެރޭގައި ނިންމަވައި ދެއްވުމަށް މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުގައި އަޅުގަނޑު ދަންނަވަން. ހިއުމަން ޓްރެފިކިންގ ހުއްޓުވުމުގެ ޢަމަލީ މަޝްރޫޢެއް މިހާރުވަނީ އެކުލަވައިލެވިފައި. އެ މަޝްރޫޢު ތަންފީޛު ކުރުމުގެ މަސައްކަތްވަނީ ފެށިފައި.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު، ކަންބޮޑުވާހާ ދަރަޖައަކަށް ވަނީ މައްޗަށް ގޮސްފައި. މިއީ ދީނީގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް. ހަމައެހެންމެ، މިއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ގުޅިފައި އޮތް ކަމެއް. އެހެންކަމުން، ރާއްޖޭގެ އިމިގްރޭޝަންގެ ސިޔާސަތާއި ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުން.

ޢިއްޒަތްތެރި ރައީސް،

ދިވެހިންނަކީ އޯގާތެރި، ޢަދުލުވެރި ބައެއް. ނިކަމެތިންނާއި، އަންހެނުންނާއި، ކުޑަކުދިންނަށް ރަޙުމްކުރާ އަޅާލާ ބައެއް. އެހެންކަމުން، މިހާތަނަށްވެސް ދިވެހި ޤައުމު ސިފަވެފައިވަނީ، ކަންކަމުގައި މެދުމިން އުޞޫލުތަކެއް ގެންގުޅޭ، އޯގާތެރި ބައެއްގެ ގޮތުގައި.

އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނާއި، ކުޑަކުދިންނާއި، އަންހެނުންނަށް ތަކުރާރުކޮށް އަނިޔާ ލިބެމުންދާއިރު، ދައުލަތުގެ ފަރާތުން އެމީހުން ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވިފައި ތިބުމަކީ، ހިތާމަކުރަންޖެހޭ ކަމެއް. އަދި އެފަދަ ކަންކަމާމެދު ވާހަކަ ދައްކަން ނުކެރުމަކީ، އެއަށްވުރެ ބޮޑު ހިތާމައެއް.

މިފަދަ ކަންކަމުގައި އަޑުއުފުލުމަކީ އަދި ޙައްޤުބަސް ބުނުމަކީ، ޤައުމުގެ ވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ކުރަން ކެރެންޖެހޭނޭ ކަމެއް. ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން ޒިންމާ އުފުލައިގެން ތިބޭ ބަޔެއްގެ ހައިސިއްޔަތުން އަދި ޒިންމާ އުފުލުމަށް ޙަވާލުވުމަށް އެދޭ ބަޔެއްގެ ހައިސިއްޔަތުން، ޤައުމުގެ ކުޑަކުދިން ރައްކާތެރިކޮށްދިނުމުގެ ނިޒާމުގައި ހުރި ކަންކަން ރަނގަޅުކުރުމަށް އަޅުގަނޑުމެން އިސްނަގަންޖެހޭ.

ވޭތުވެދިޔަ ދުވަސްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް އެކުލަވައިލެވިފައިވާ އޮނިގަނޑުތައްވަނީ، އިތުރަށް ބަލިކަށިވެފައި. ސަރުކާރު ކުޑަކުރުމުގެ ވިސްނުމުގައި ގެނެވުނު ބަދަލުގައި ޤުރުބާންކުރެވިގެންދިޔަ އެއް ދާއިރާއަކީ، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަމުގެ އިދާރީ އޮނިގަނޑު. އެ ވުޒާރާ އުވާލުމަށްފަހު، އެދާއިރާގައި މަސައްކަތްކުރި ހުރިހާ ފަންނީ މަސައްކަތްތެރިންވެސްވަނީ، އެކިދާއިރާތަކަށް ބެހިފައި. އަތޮޅުތަކުގައި ހުޅުވުނު ސޯޝަލް ސެންޓަރުތައްވެސްވަނީ އެދުވަސްތަކުގައި ބަލިކަށިވެފައި.

މިކަންކަން ޙައްލުކުރުމަށްޓަކައި އިސްކަމެއް ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލި އެންޑް ހިޔުމަން ރައިޓްސް އަޅުގަނޑުވާނީ އުފައްދާފައި. އެހެންނަމަވެސް، މިދާއިރާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންއެބަޖެހޭ. ޚާއްޞަ ގޮތެއްގައި ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައްވަނީ، ފަހަކަށްއައިސް ދިމާވެފައިވާ ހާދިސާތަކުން ހާމަވެފައި. މިކަންކަން ދިރާސާކޮށް، ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ވުޒާރާތައް އެކުލެވޭ ކޮމިޓީއެއް އަޅުގަނޑުވާނީ އުފައްދާފައި. މިކޮމިޓީގެ މަސައްކަތަކަށްވާނީ، މިމައްސަލަތައް ދިރާސާކޮށް އަޅަންފެންނަ ފިޔަވަޅުތައް ސަރުކާރަށް ހުށަހެޅުން.

ޢިއްޒަތްތެރި ރައީސް،

މަސްތުވާތަކެތީގެ ވަބާއަކީ، ރާއްޖޭގެ ގިނަ ޒުވާނުންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއް. މިކަން ދެނެގަތުމަށްޓަކައި ޤައުމީ ސަރވޭއެއް ހެދި، އޭގެ ނަތީޖާ މިހާރުވަނީ އިޢުލާނު ކުރެވިފައި. މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން މިދިޔަ އަހަރު، ޑްރަގް ކޯޓެއް ޤާއިމްކުރެވި، ނޭޝަނަލް ޑްރަގް އޭޖެންސީ އުފެއްދުނު. ނަމަވެސް، ފަރުވާދޭ ތަންތަން މަދުކަމާއެކު، ބޭނުންވާވަރާ ގާތަކަށްވެސް ޚިދްމަތެއް ނުދެވޭ. މި ޚިދްމަތްތައް ފުޅާކުރުމަށްޓަކައި އިތުރު މަރްކަޒުތައް އުފައްދަން ގަސްދުކުރާ ވާހަކަ، މި ފުރްޞަތުގައި އަޅުގަނޑު ދަންނަވަން.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ފަރާތްތައް ހޯދައި، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ޖުމްލަ 26.9 ކިލޯ ގްރާމްގެ މަސްތުވާ އެކި ބާވަތްތަކުގެ ތަކެތި، ވޭތުވެދިޔަ އަހަރު އަތުލައިގަނެވިފައިވޭ. މިއީ 2011 ވަނަ އަހަރާ އަޅާބަލާއިރު، 164 އިންސައްތަ އިތުރު ޢަދަދެއް. މީގެއިތުރުން، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ތިލަފުށީގެ ބަނދަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ބައެއް ބަނދަރުތައް ބަންދުކުރަން ޖެހުނު.

ހަމައެހެންމެ، ދިވެހިރާއްޖެއަކީ ކުށްމަދު، އަމާން ޤައުމަކަށް ހެދުމަށްޓަކައި އަދި ވަކިން ޚާއްޞަކޮށް، ނުރައްކާތެރިކަން ބޮޑު ކުށްތަކުގެ ބިރުވެރިކަމުން މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގިނަގުނަ މަސައްކަތްތަކެއް، ވޭތުވެދިޔަ އަހަރު ވަނީ ކުރެވިފައި.

ނަތީޖާއެއްގެ ގޮތުން، 2011 ވަނަ އަހަރާ އަޅާބަލާއިރު، 2012 ވަނަ އަހަރު، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުން، 29 އިންސައްތަ މަދުކުރެވިފައިވޭ. އަދި 2011 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހާއި 2012 ވަނަ އަހަރުގެ ފަހު 6 މަސްދުވަހާ އަޅާބަލާއިރު، ތޫނު ހަތިޔާރު ބޭނުންކޮށްގެން، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުން 42 އިންސައްތަ ދަށްކުރެވިފައިވޭ.

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމުގައި އެހީތެރިވެދޭނެ ރިޒަރވް ފޯހެއް ބޭއްވުމަށާއި، އިޤްތިޞާދީ ގޮތުން މުހިންމު އެކިއެކި ޞިނާޢަތްތަކަށާއި، އިޖްތިމާޢީ ގޮތުން މުހިންމު ޚިދްމަތްތަކާއި، ޢާންމު ފަރާތްތަކަށް ސެކިއުރިޓީ ގޮތުން ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ ޤާނޫނުގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީއެއް އުފެއްދުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި.

ޢިއްޒަތްތެރި ރައީސް،

ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް. އެހެންކަމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން، މި ސަރުކާރުން އަބަދުވެސް ދެމުން ގެންދާނެ. ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަމަށް މި ސަރުކާރުން އެއްވެސް ފުރްޞަތެއް ނުދޭނެ. އަދި ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމުގެ އެއްވެސް ތުހުމަތެއް، އެއްވެސް ފަރާތަކާމެދު ކުރެވިގެން، އެފަރާތަކާމެދު ފިޔަވަޅު އެޅުއްވުމަށް އެ ކޮމިޝަނުން އެދިވަޑައިގެންފި ހިނދެއްގައި، އެ އަޅަންޖެހުނު ފިޔަވަޅެއް އެޅުމުގައި ސަރުކާރުން ފަހަތަކަށް ނުޖެހޭނަން.

ޢިއްޒަތްތެރި ރައީސް،

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސިޔާސީ ފަރާތްތަކަށާއި، އެހެން ފަރާތްތަކަށް އަމާޒުކޮށްގެން، އެކި ޙަމަލާތައް ދެމުން ގެންދާކަމީ، އަޅުގަނޑު ވަރަށް ކަންބޮޑުވާ އަދި ވަރަށް ހިތާމަކުރާ ކަމެއް. މިގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އެއް ޙާދިޘާއަކީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ، ވަރަށް އަނިޔާވެރި އަދި ރަޙުމްކުޑަ ގޮތަކަށް އަވަހާރަކޮށްލި ޙާދިޘާ. މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއަކީ، މި ޢިއްޒަތްތެރި މަޖިލީހަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ވަރަށް ޢިލްމީ ބޭފުޅެއް. ރާއްޖެ އުފެއްދި ވަރަށް އަގުހުރި ދަރިއެއް. އެހެންކަމުން، އެ ޢަމަލާމެދު މިއަދުވެސް އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ ޙާލު، އެ ޢަމަލު ކުށްވެރި ކުރަން. އަދި އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަން. ހަމަ އެފަދައިން، ފަހަކަށްއައިސް ރާއްޖޭގެ ނޫސްވެރިންނަށް ބިރުދެއްކުމާއި، އެމީހުންނަށް ދެމުންގެންދާ ޙަމަލާތައްވެސް އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ކުރަން.

ޢިއްޒަތްތެރި ރައީސް،

ވޭތުވެދިޔަ އެއް އަހަރަކީ، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި، ސަރުކާރަކުން ހިންގާ ނޫސް މަޖައްލާއާއި، ޓީ.ވީ އާއި ރޭޑިއޯގެ ވަސީލަތްތަކެއްނެތި ސަރުކާރު ހިންގި ފުރަތަމަ އަހަރު. އެހެންކަމުން، ރާއްޖޭގައި މީޑިއާގެ ފުރިހަމަ މިނިވަންކަން މިހާރު ޔަޤީން ކުރެވިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

ދުލާއި ޤަލަމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމެއް. އެހެނަސް، މި މިނިވަންކަމަކީވެސް އެހެން މީހުންގެ އަބުރަށް އަރައިގަނެ، މުޖުތަމަޢުގައި ރުޅިވެރިކަމާއި ހަމަނުޖެހުން އުފެއްދުމަށް އޮތް މިނިވަންކަމެއްނޫން. ވުމާއެކު މިކަންކަމަށް ފަރުވާވެ މުޖުތަމަޢުގެ ހަމަޖެހުން އިސްކުރުމުގެ ވިސްނުން އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ. ހަމައެފަދައިން، ސިޔާސީ މައިދާނުގައި ނުވަތަ ޢާންމު ދިރިއުޅުމުގައި އުޅޭ މީހުންނަކީ އެބައިމީހުންނާ ދިމާއަށް އެކިއެކި ފާޑުކިޔުންތައް އަމާޒުވާނޭ މީހުން. އެކަންކަން ތަޙައްމުލުކުރުމަކީވެސް، ސިޔާސީ ޙަޔާތުގެ އެއްބައިކަމުގައިވާން އެބަޖެހޭ.

ޢިއްޒަތްތެރި ރައީސް،

ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސީގޮތުން ވަރަށް ހޭލުންތެރި ޙަރަކާތްތެރި ބައެއް. އެއީ އުޞޫލެއްގެ ގޮތުން ރަނގަޅުކަމެއް. އެހެނަސް އެފަދަ ޙަރަކާތްތެރިކަމުގެ ތެރެއިން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުމަށް ޖާގަ ދެވިގެންނުވާނެ. ޢާއިލީގުޅުންތަކާއި އިޖުތިމާޢީ ފޭރާންވީދައި ހަލާކުކޮށްލުމަށް ފުރުޞަތު ދެވިގެންނުވާނެ. ސިޔާސީ ޙަސަދަވެރިކަމުގެ ތެރެއިން މީހުންމަރައި މާރާމާރީ ހިންގުމަކީ، ފުރުޞަތު ދެވިގެންވާނޭ ކަންކަމެއްނޫން. އެއީ، ސިޔާސީ މައިދާނުގައި ކާމިޔާބުހޯދާ ގޮތެއްވެސް ނޫން. ދިފާޢުވުމުގެ ފުރުޞަތެއްނެތް މީހަކު ކޮށާލައި ކުދިކުދިކޮށްލުމަކީ، ސިޔާސީ ޙަރަކާތެއްނޫން. އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެއް. ޖިނާއީ ކުށެއް. ހަމައެފަދައިން، ޢުމުރުދުވަހަށް ގެއްލުމެއްވާނޭ ފަދައިން މީހަކު ޒަޚަމްކޮށްލުމަކީވެސް، ޖިނާއީ ކުށެއް. އަދަބު ލިބެންޖެހޭ ކަމެއް. ރަނގަޅަށް މަސައްކަތްކުރަމުންދިޔަ މީހުން، ނުކުޅެދޭމީހުންނަށް ބަދަލުވެ، އަންހެނުން ހުވަފަތްވެ، ކުދިން ޔަތީމުވާ ފަދަ ޙަރަކާތްތަކަކީވެސް، ސިޔާސީ ޙަރަކާތްތަކެއްނޫން. ވިޔަފާރިތަކުގައި ހުޅުޖެހުމަކީވެސް ސިޔާސީ ޙަރަކާތެއްނޫން. މިފަދަ ކަންކަމުން އުފެދޭ ލަކުނުތަކަކީ ދުވަހަކުވެސް އޭގެ އަސަރުތައް ފިލައިގެންދާނޭ ކަންކަމެއްނޫން. ރުޅިވެރިކަމާއި އަނިޔާއާއި ބޭއިންޞާފުގެ އިޙްސާސްތައް ޖީލުތަކަށް ފޯރުކޮށްދޭ ކަންކަން ދުނިޔޭގެ ތާރީޚުންވަނީ ސާބިތުކޮށްދީފައި. އެފަދަ ކަންކަމަށް މަގުފަހިވާގޮތަށް ސިޔާސީ މައިދާން ބަދަލުވަމުންދާނަމަ، އެހެން އެކަންކަން ނުހިނގާނޭ ފަދަޔަކުން އަޅުގަނޑުމެންގެ ސިޔާސީ މައިދާން ބައްޓަންކުރުމަށް ސަރުކާރާއި، ސިޔާސީ ދާއިރާގެ އިސްވެރިން މަސައްކަތް ކުރަން އެބަޖެހޭ. އަދި ދިވެހި ރައްޔިތުން މިކަމަށް ސަމާލުވާން އެބަޖެހޭ.

ޢިއްޒަތްތެރި ރައީސް،

ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން، އިންޞާފުވެރި އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ފުރްޞަތު ހުޅުވާލެވިފައިވާ އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ އިންތިޚާބަކަށް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަންތައްތަކެއް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އަރުވަން. އަދި އެއްވެސް އިންތިޚާބަކަށް ސަރުކާރުން ނުފޫޒު ފޯރުވައި، އިންތިޚާބީ ޙައްޤަށް އުނިކަން އަތުވެދާނެފަދަ ގޮތަކަށް ސަރުކާރުން ޢަމަލު ނުކުރާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން. މިކަމުގައި، އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މިގެންދަނީ ދެމުން. އަދި އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަސްތަކެއް ހުރިނަމަ، އެ ހުރަސްތައް ނައްތާލުމުގައި، ސަރުކާރުން، އިލެކްޝަންސް ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

މި އިންތިޚާބުގެ ވާދަވެރިކަމުގެ ތެރޭގައިވެސް ރާއްޖޭގައި ހަމަޖެހުން ޤާއިމް ކުރައްވައި، ޞުލްޙަމަޞްލަޙަތު ދެމެހެއްޓެވުމަށް ސަމާލުކަން ދެއްވުމަށް، ރާއްޖޭގެ ސިޔާސީ ފަރާތްތަކަށާއި، ސިޔާސީ ޕާޓީތަކަށާއި، ރާއްޖޭގެ ޚަބަރުފަތުރާ ދާއިރާތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މި ފުރްޞަތުގައި އަޅުގަނޑު ގޮވާލަން.

ޢިއްޒަތްތެރި ރައީސް،

ޤައުމުގެ އެކިއެކި މަޞްލަޙަތުތައް ޙިމާޔަތްކޮށް، ހަމަޖެހޭ އުފާވެރި ވެށްޓެއް ޤާއިމު ކުރުމަށްޓަކައި ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު ޤާނޫނުތައް އަވަހަށް ފާސްކޮށްދެއްވުމަށްވެސް އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންގެ އަރިހުން ވަރަށް ބޮޑަށް އެދެން. އަދި މިވޭތުވެދިޔަ އަހަރު ޢިއްޒަތްތެރި މެންބަރުންގެ ފަރާތްޕުޅުން އަޅުގަނޑަށާއި ސަރުކާރަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން.

ޢިއްޒަތްތެރި ރައީސް،

އަޅުގަނޑުމެން ހަނދާންކުރަންވީ، ރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ ސިއްރަކީ، އަޅުގަނޑުމެންގެ ކާބަފައިން ޤައުމަށްޓަކައި ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްކަން. އަދި މި ޤައުމުގެ އެއްބައިވަންތަކަމުގެ ސިއްރަކީ، މާތްވެގެންވާ އިސްލާމްދީންކަން. އެއްދީނެއްގައި ތިބި، އެއްބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކށްވުމީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިޢުމަތް. ޤައުމެއްގެ ހައިސިއްޔަތުން ބައިބައިވެ، ވަކި ޤައުމިއްޔަތުތަކެއް ބިނާކުރަންޖެހޭ ސަބަބެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް. ޤައުމުގެ މަޞްލަޙަތުގައި އެއްބައިނުވެވޭނޭ ސަބަބެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން އުފުލި ބުރަ މަސްއޫލިއްޔަތަށްވުރެ ބޮޑު މަސްއޫލިއްޔަތެއް މިއަދު އަޅުގަނޑުމެން އުފުލަން އެބަޖެހޭ. އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް ލިބިފައިވާ ހިތްފަސޭހަކަމަކާއި، ތަޢުލީމަކާއި، ކުރިއެރުންތަކެއް ލިބިފައިވަނީ، އެ ކާބަފައިން ކުރެއްވި ބުރަ މަސައްކަތުން. އަދި މި ޤައުމު މިނިވަންކަމާއެކު މިހިސާބަށް ގެންނަވައި، ޤައުމުގެ ވަސީލަތްތައް ޙިމާޔަތް ކުރެއްވުމުގެ ސަބަބުން. ޤައުމުގެ ސިޔާދަތު ޙިމާޔަތް ކުރެއްވިކަމުން.

އެހެންކަމުން، އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި، އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ކެތްތެރިކަމާއި ސާބިތުކަމާއެކު އަޅަމުން ގެންދިޔުމަކީ، ދިވެހި ކޮންމެ ފަރުދަކު މިއަދު ސަމާލުކަން ދޭންޖެހިފައިވާ ކަމެއް.

ދީނީ ވަޙުދަތު ރައްކާތެރިކުރުމާއި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވުމާއި، އަދި ދާޚިލީ ހަމަޖެހުން ޤާއިމު ކުރުމަކީ، ޤައުމުގެ އެންމެ އިސް ރުކުންތައް ކަމަށް ހެއްދެވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން. އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތަށް އިސްކަން ދެއްވައިގެން، އަޅުގަނޑުމެންގެ މެދުގައިވާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، ޤައުމީ ވަޙުދަތު ދެމެހެއްޓެވުމަށާއި، ޢާއިލީ ގުޅުންތައް ވަރުގަދަކުރައްވައި، އިސްލާމީ މަތިވެރި ޢަޤީދާގައި ފައިތިލަ ސާބިތު ކުރައްވައި، އެ ދީނުގެ މާތް އުޞޫލުތަކުގައި ހިފެހެއްޓެވުމަށްވެސް އަޅުގަނޑު ގޮވާލަން. ފެއްސާއި، ރަތާއި، ހުދުގެ ކުލަތައް ގަދަކުރެއްވުމަށް ގޮވާލަން. ދިވެއްސަކަށްވީތީ ފަޚުރުވެރިވުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ކަމުގައި ހެއްދެވުމަށްވެސް ގޮވާލަން.

މާތްﷲ، މި ލޮބުވެތި ދިވެހިރާއްޖެ، އަމާންކަމާއި ޞުލްޙަވެރިކަމާއެކު ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތައް ކުރިއަށް އަޅަމުން ގެންދިޔުމުގެ ހެޔޮ ތައުފީޤު ދެއްވާށި!. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި ޞުލްޙަމަޞްލަޙަތު ޤާއިމު ކޮށްދެއްވައި، ޤައުމުގެ ހެވާއިލާބައަށް މަސައްކަތް ކުރުމުގެ ހިތްވަރު ދެއްވާށި! މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ދަރުމަ މިންވަރު ކުރައްވާށި! މިލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދުމެ ލަހައްޓަވާށި! އާމީން

والســّلام عليــكم ورحـمــة اللّـه وبـركاتـه.