بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ފިލްމީ ދާއިރާގެ އުފެއްދުންތެރި، ހީވާގި، ޙަރަކާތްތެރިން، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ މިއީ ހުވަފެންތައް ޙަޤީޤަތަކަށްވީ ރޭ. އަޅުގަނޑުމެން އެންމެން ވަރަށްގިނަ ދުވަސް ވަންދެން ދެކެމުން އައި ހުވަފެންތަކެއް މިރޭ މި ޙަޤީޤަތަކަށް ވެގެންދިޔައީ. މި ޙަޤީޤަތް އަޅުގަނޑުމެންނާ ހަމައަށް މި ގެނެސްދެނީ، ބައެއްގެ އުފެއްދުންތެރިކަމުގެ ސަބަބުން. އަޅުގަނޑުމެންނަށް އިޤްތިޞާދީ ދަތި ދުވަސްވަރެއްގައި، އަޅުގަނޑުމެންނަށް ކަންތައް ކުރެވިދާނެ ކަމުގެ ޢަޒުމާއި، ހިތްވަރާއި، އުފެއްދުންތެރިކަން ހުރި ބަޔަކު މިއަދު އަޅުގަނޑުމެންގެ ސަރުކާރުގައި ތިބީތީ. އަޅުގަނޑު މިމަސައްކަތް މިހިސާބަށް ގެނެސްދެއްވި ކަމަށްޓަކައި ފުރަތަމަވެސް އަޅުގަނޑުމެންގެ ހީވާގި، މުރާލި، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ޑިފެންސް މިނިސްޓަރ އަލްފާޟިލް މުޙަންމަދު ނާޒިމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެޔާއެކީގައި، އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން އަޅުގަނޑުމެންގެ އެމް.އެން.ޑީ.އެފް.ގެ ހުރިހާ ހީވާގި ބޭފުޅުންނާއި އަދި އެބޭފުޅުންގެ ކޮމާންޑަރަކަށް ހުންނެވި އަޅުގަނޑުމެންގެ ޢިއްޒަތްތެރި، އަޅުގަނޑުމެންގެ އަޚު މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މިރޭ. މިބޭފުޅުންގެ ހީވާގި މަސައްކަތްޕުޅުން އަޅުގަނޑުމެންނަށް މިރޭ މި ނަތީޖާ ފެނިގެން މިދިޔައީ.

ހަމައެޔާއެކީގައި މިކަން މިގޮތަށް ކުރުމަށްޓަކައި އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ވަރަށްބޮޑު ހިތްވަރެއް ކޮށްދެއްވި. އަދި އެމަނިކުފާނާ އެކުގައި މި އާޓްސް ކައުންސިލްގެ، ނޭޝަނަލް އާޓްސް ކައުންސިލްގެ ބޭފުޅުންނާއި، އެމިނިސްޓްރީގެ ބޭފުޅުންވެސް ވަރަށްބޮޑު ހިތްވަރެއް ކުރެއްވި. އެބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މިރޭ ވަކިން ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަންޖެހޭ ފަރާތްތަކެއް، އަޅުގަނޑަކަށް ނޭނގެ، އެއީ ކޮން ބައެއް ކަމެއްވެސް. އެހެން ނަމަވެސް، އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއީ ކޮން ބޭފުޅުންތަކެއްކަން. އަޅުގަނޑަށް އަދި ނޭނގުނު ކަމުގައިވިނަމަވެސް. މިވަރުގެ ބޮޑު ހޭދައެއް ކުރައްވައި، މިކަން ޙަޤީޤަތަކަށް ކޮށްދެއްވުމަށްޓަކައި ވަރަށް ދީލަތިކަމާ އެކީގައި އެހީވެވަޑައިގެން ދެއްވި ފަރާތްތަކެއް އެބަ ތިއްބެވި. އެފަރާތްތަކަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

މިރޭ އަޅުގަނޑުމެންނަށް ދޭހަވެގެން މިދިޔައީ، އަޅުގަނޑުމެންގެ ރައްޔިތުންނަށްޓަކައި ހިތްހެޔޮ، ވަރަށް ދީލަތި ބޭފުޅުންކޮޅެއް އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވިކަން. މި އޮލިމްޕަސް، މީގެ 54 އަހަރު ކުރިން ޢިމާރާތް ކުރެވުނުއިރުގައި، މިއީ ދިވެހިރާއްޖޭގައި ހުރި އެންމެ ބިޔަ، އެންމެ ހައިބަތު ހުރި، އެންމެ ރީތި ޢިމާރާތް. މި ޢިމާރާތް ނިސްބަތްވަނީ، ގްރީސްގައި ހުންނަ އެންމެ އުސް ފަރުބަދައާ. އޭރު ދިވެހިރާއްޖޭގައި ހުރި އެންމެ އުސް ޢިމާރާތް މިއީ.

އާދެ! މި ޢިމާރާތް ރަމްޒުކޮށްދެނީ، ދިވެހި ދަރިންގެ އުފެއްދުންތެރިކަން. މި ޢިމާރާތް ކުރެއްވި އަޅުގަނޑުމެންގެ ކުރީގެ ޒަޢީމް، އޭރުގެ ދިވެހިރާއްޖޭގެ ބޮޑުވަޒީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، އޭރުގައި ދެކެވަޑައިގެން ހުވަފެން، ދިވެހިރާއްޖޭގެ ދަރިންގެ އުފެއްދުންތެރި ސިކުނޑިތައް ތަރައްޤީ ކުރުން. ދިވެހިރާއްޖޭގެ ޙަޟާރަތު ދެމިއޮތުމަށް، ދިވެހިރާއްޖޭގެ ކުރިއެރުމަށްޓަކައި އާޓްސް އެންޑް ކަލްޗަރ ދިރުވުން. އެ ހުވަފެންފުޅު އަޅުގަނޑުމެން މިރޭވެސް ދެކެމުން މިދަނީ. އަޅުގަނޑުމެންގެ ތެރޭގައި އުސް ޢިމާރާތްތައް ކުރެވެނީކީ ރާނަން ދަންނަ މީހުން ތިބޭތީކީ ނޫން. އަޅުގަނޑުމެންގެ މަސްދޯނިތައް ބޮޑުވެ، ފުޅާވެގެން ދަނީކީ ވަޑާންކުރަން ދަންނަ މީހުން ތިބޭތީކީ ނޫން. މިއިން ކޮންމެ އެއްޗެއްގެވެސް އަޞްލަކީ، ކޮންމެވެސް މީހެއްގެ ސިކުނޑީގައި އުފެދޭ ކުރެހުމެއް، ތަޞައްވުރެއް، ވިސްނުންތެރިކަމެއް، އުފެއްދުމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ދަރީންގެ އުފެއްދުންތެރި ސިކުނޑި ތަރައްޤީނުކޮށެއް ދިވެހިރާއްޖެ ތަރައްޤީއެއް ނުވާނެ. ދިވެހިރާއްޖޭގެ ޙަޟާރަތު، އަންނަން އޮތް ޖީލުތަކަށް ދައްކުވައިދޭނީ، ދިވެހި ދަރިންގެ ސިކުނޑީގައިވާ އުފެއްދުންތެރި ކަމެއްގެ ސަބަބުން.

ވީމާ، މިއަދު އަޅުގަނޑުމެން މުނާސަބުކޮށް، އަޅުގަނޑުމެން ސެލެބްރޭޓްކޮށް، އަޅުގަނޑުމެން އުފާފާޅުކުރަމުން މިގެންދަނީ، ދިވެހިރާއްޖޭގެ ޅަދަރިންގެ އުފެއްދުންތެރި ސިކުނޑިތަކުގެ މުސްތަޤްބަލް. އަޅުގަނޑުމެން މިއަދު މި އުފާކުރަނީ، ހަމައެކަނި މި ޢިމާރާތުގައި މިރޭ ފިލްމް ދެއްކޭތީކީ ނޫން. މިއީ ޙަޤީޤަތަކީ. އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެންނަށް ޅަދަރިންނަށް އުފެއްދުންތެރިކަން ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ގައުމަށްޓަކައި ކުރަންޖެހޭ ކަމެއް. މި ޤައުމު މުސްތަޤްބަލުގައި އަންނަ މީހުން ދެކޭނީ، މިހާރު ތިބި ބައެއްގެ އުފެއްދުންތެރިކަމުން ނެރުނު އެއްޗެއް ފެންނަން ހުންނާނީ. ކުރެހުންތަކުންނާއި، ތަމްސީލުތަކުންނާއި، ލަވައިންނާއި، ޅެންތަކުންނާއި، ވާހަކަތަކުންނާއި، އެއިން ފެންނަންހުރި އެއްޗެއް ފެންނަން ހުންނާނީ. މީގެ 50 އަހަރު، 100 އަހަރުގެ ފަހުން އަޅުގަނޑުމެންނެއް ނުތިބޭނެ. ނަމަވެސް، މިދެންނެވި ކަންތައްތައް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ސަމާލުކަންދޭން.

މިރޭ އަޅުގަނޑުމެންނަށް މިފެށުނު މަސައްކަތަކީ، ދިވެހިރާއްޖޭގެ ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގެ ދަރިންނަށް ފުރިހަމަ ތަޢުލީމެއް ދިނުމަށްޓަކައި، ރާއްޖޭގެ ދަރިންގެ ސިކުނޑިތައް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި އަލަށް އަޅުގަނޑުމެންނަށް ލިބޭ ޢަޒުމެއް. މިކަމުގައި ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކޮށްދެއްވި މަސައްކަތަށް އަޅުގަނޑު ވަރަށް ފަށްފަށުން އުފަލާ އެކީގައި، ވަރަށް ލޯތްބާ އެކީގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ހެޔޮ ދުޢާއަކީ، ދިވެހި ދަރިންނަށް އަދަށްވުރެ ފަހި މާދަމައެއް. ދިވެހިރާއްޖެއަށް ފާގަތި ދުވަސްތަކެއް. ދިވެހި ފިލްމް އިންޑަސްޓްރީއަށްވެސް ފާގަތި ދުވަސްތަކެއް.

والســّلام عليــكم ورحـمــة اللّـه وبـركاتـه