بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަދި އަރިއަތޮޅު ދެކުނުބުރީގެ ލޮބުވެތި ރައްޔިތުން، ޚާއްޞަކޮށް މާމިގިލީގެ ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް އިފްތިތާޙުކޮށްދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެއް. މިއަދުގެ މުނާސަބަތުގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މި ފުރިހަމަ އެއަރޕޯޓް ޤާއިމު ކުރައްވައި، އަދި މާމިގިއްޔަށް މިވަރުގެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް އުފައްދަވައިދެއްވި ކަމަށްޓަކައި އަލްފާޟިލް ޤާސިމް އިބްރާހީމަށް މުބާރަކްބާދީއާއި މަރްޙަބާއާއި ޝުކުރު ދެންނެވުން. އާދެ، މި ފުރުޞަތުގައި އަޅުގަނޑަށް މި ޝަރަފު ދެއްވިކަމަށްޓަކައިވެސް އެމަނިކުފާނަށް ޝުކުރު ދަންނަވަން. އަލްފާޟިލް ޤާސިމް އިބްރާހީމް، އެމަނިކުފާނުގެ އުފަން ރަށުގައި ވައިގެ ބަނދަރެއް ހައްދަވައިދެއްވުމަކީ، މި ސަރަޙައްދުގެ ރައްޔިތުންނަށް ވަކިން ޚާއްޞަކޮށް، މާމިގިލީގެ ރައްޔިތުންނަށް ވަރަށްބޮޑު އުފަލެއް ލިބިގެންދިޔަ ދުވަހެއް. އެހެންކަމުން، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށާއި މި ސަރަހައްދުގެ ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަރްޙަބާ ދަންނަވަން.

ރަސްމީގޮތުން މިއަދު މި ވައިގެ ބަނދަރު އިފްތިތާޙް ކުރެވި އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުތަކަށް މަގު ހުޅުވިގެންދިޔަކަމީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ޙަޤީޤަތުގައިވެސް ލިބުނު ވަރަށްބޮޑު ދިރުމެއް.

މި ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހަކީވެސް އަޅުގަނޑަށް ވަރަށް މަތިވެރި އުފަލެއް ލިބިގެންދިޔަ ދުވަހެއް. އާދެ! ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކޮށް، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދްމަތް އިފްތިތާޙުކޮށްދިނުމުގެ މަތިވެރި އުފާ ލިބުނު ދުވަސް. އެހެންކަމުން، މިއަދު ފެބްރުއަރީ މަހުގެ އެންމެފަހު ދުވަހު އަނެއްކާވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އިފްތިތާޙުކޮށްދިނުމަކީ، މިމަހުގެ ތެރޭގައި އަޅުގަނޑަށް ލިބުނު ނުހަނު ބޮޑު ދެ ޝަރަފް.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދްމަތް، މާތްﷲގެ ވާގިފުޅާއެކު މިދަނީ ފުޅާވަމުން ތަރައްޤީވަމުން. ހަމައެޔާއެކު، ރާއްޖެއިން ބޭރު ޤައުމުތަކަށް ފުރާ ފަސިންޖަރުންނަށް ހަމައެކަނި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭގޮތަށް އޮންނަ އޮތުން މިއަދު މިވަނީ މާޒީއާއެކު ފާއިތުވެފައި.

ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް މިއަދު އިފްތިތާޙުވެގެންދާއިރުގައި، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ވައިގެ ދަތުރުފަތުރުގެ ޚިދްމަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު، މިހާރަށްވުރެ ހަރުދަނާ ކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ކުރިއެރުވުމަށް މަގުފަހިކުރުން ހިމެނޭ. ހަމައެހެންމެ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބޯޓުފަހަރު އިތުރުވަމުން ދިޔުމަކީވެސް، އެ ބަނދަރަށް ލޯޑު އިތުރުވެގެންދާނެ ކަމެއް. އެހެންކަމުން، ރާއްޖޭގެ އެހެން ރަށަކުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް މިއަދު ފެށުމަކީ، މިކަމަށްވެސް އެދެވޭ ޙައްލެއް އަންނާނެ ކަމެއްކަމަށް އަޅުގަނޑު ޔަޤީންކުރަން.

ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރެވެމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިންނަށް ފަސޭހައިން ދެވޭނެ މަގު ފަހިކޮށްދިނުމަކީވެސް ފަތުރުވެރިކަމުގެ ޞިނާޢަތަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް. ހަމައެހެންމެ އެއީ، ފަތުރުވެރިން ޒިޔާރަތްކުރާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ ސަރަޙައްދުތަކުގެގެ ތަރައްޤީއަށްވެސް އެކަމުން މަންފާތަކެއް ލިބިގެންދާނެ ކަމެއް. މި ވައިގެ ބަނދަރު ހިންގުމަށް ވެވުނު އެއްބަސްވުމުގައި، މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތްދޭ ހޮސްޕިޓަލެއް އަޅައިދިނުމަށް ޝަރުޠުކޮށްފައި ވުމާއެކު، އެއީވެސް އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަދި ޞިއްޙީ ރޮނގުން މި ސަރަޙައްދަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް. އާދެ! މިއަދު މި ހުޅުވުނު ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަބަބުން މާމިގިއްޔާއި އަދި މި ސަރަޙައްދުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުވެގެންދާނެކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއް ނުކުރަން.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު، ދުވަހަކަށްވުރެ ދުވަހެއް ކުރިއަށް ދިޔުމުގެ ނަތީޖާއަކީ، ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނަމުން ދިޔުން. މާލެއާ ކައިރި ރިޒޯޓްތަކަށް އަންނަ ފަތުރުވެރިންގެ ޖެޓްތައް ޕާކް ކުރުމަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕާރކްކުރާ ތަން މިހާރުވަނީ ކުޑަވެފައި. ވީމާ، އަވަސް މުސްތަޤްބަލެއްގައި މާމިގިލީ އެއަރޕޯޓަކީވެސް ޕްރައިވެޓް ޖެޓްތަކަށް ޖެއްސޭ އަދި ޕާކް ކުރެވޭ ތަނަކަށް ވާނޭ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މީގެއިތުރުން، ރާއްޖެ އަންނަ ކޮމާޝަލް ފްލައިޓްތަކަށްވެސް ޚާއްޞަކޮށް، ހެނދުނުގެ ވަގުތުތަކުގައި ލޭންޑިންގ ސްޕޭސް ނުލިބޭ ހިސާބަށް ފްލައިޓްތައް ގިނަވަމުން އެބަދޭ. އެހެންކަމުން، އޯލްޓަރނޭޓިވް ރަންވޭއެއްގެ ގޮތުގައި، މި އެއަރޕޯޓް ބޭނުންކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެން.

މާމިގިލީގައި ބައިނަލްއަޤްވާމީ ޕޯޓެއް ހެދުމަށް، މި ރަށުގެ ކައުންސިލުން ސަރުކާރަށް މިހާރުވަނީ ހުށަހަޅާފައި. އެކަމާ ދޭތެރޭގައި ސަރުކާރުން މިގެންދަނީ ވިސްނަމުން. އިރާދަކުރެއްވިއްޔާ، އެކަމަށް މަގުފަހިކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، އަދި މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން އޮތް އުފާވެރި އެއް ވާހަކައަކީ، އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެން މާމިގިލީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށާނެ ވާހަކަ.

އާދެ، މި ސަރަޙައްދުގެ ތަރައްޤީއާއި އަދި މުޅި ރާއްޖޭގެ ކުރިއެރުމާ ގުޅިފައިވާ މި އެއަރޕޯޓް ހުޅުވައިދިނުމުގެ އުފާ ލިބިގަންނަހިނދު، އަދިވެސް އެއްފަހަރު އޮނަރަބަލް އަލްފާޟިލް ޤާސިމް އިބްރާހީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާއާއި ޝުކުރު ދަންނަވަން. އެމަނިކުފާނު މި ދެއްކެވީ، ސިޔާސީ ގޮތުން މިހާ ހަލަބޮލި ދުވަސްވަރެއްގައިވެސް، ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރެއްވުމަށް އެއްގޮތަކަށްވެސް ޖެހިލުންވެވަޑައިނުގަންނަވާނެ ކަމުގެ ވަރަށް ރީތި މިސާލެއް.

އަޅުގަނޑުގެ ދުޢާއަކީ، މި ވައިގެ ބަނދަރުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރު އިތުރު ކުރިއެރުން ޙާޞިލު ކުރުން. ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަރައްޤީގެ އާ އުސްމިންތަކަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه