بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މަސީގެ ރައީސް އަލްފާޟިލް މުޙަންމަދު ޢަލީ ޖަނާހު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މަސީގެ އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ ބޭފުޅުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރެޔަކީ އާދައިގެ ރެއެއް ނޫން. އަޅުގަނޑަށް ވިސްނޭގޮތުގައި، ތާރީޚު ލިޔާ މީހުން ހަމަ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ކުލަގަދަ އަކުރަކުން މިރޭގެ ވާހަކަ ލިޔުއްވާނެ. ސަބަބަކީ، ރާއްޖޭގެ މަސައްކަތްތެރިންގެ އެކިއެކި ޖަމާޢަތްތައް އެކުލެވޭގޮތުން ފެޑެރޭޝަނެއް އުފެއްދުމަށްޓަކައި އެމް.އޯ.ޔޫ.އެއްގައި ސޮއިކުރެވުނު ރޭ ކަމަށްވާތީ. އަދި ހަމައެހެން، ޢިމާރާތް ކުރުމުގެ ދާއިރާއިން ޒުވާނުންނަށް ތަމްރީނު ދިނުމަށްޓަކައި ޚާއްޞަ މަރްކަޒެއް ރާއްޖޭގައި ޤާއިމު ކުރުމަށްޓަކައި އެކަމުގެ ބިން ޙަވާލުކުރެވުނު ރޭ ކަމަށްވާތީ.

އާދެ! ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ގޮތަށް، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އުފެއްދުންތެރިކަމުގެ ގޮތުން، އެންމެބޮޑު ދެވަނަ އިންޑަސްޓްރީ. އެހެންވީމާ، މި އިންޑަސްޓްރީ މިހާ ހިސާބަށް ގެނެސްދެއްވި ކަމަށްޓަކައި އިންޑަސްޓްރީގެ ޙަރަކާތްތެރި އެންމެހާ ބޭފުޅުންނަށް ޚާއްޞަކޮށް، މި އިންޑަސްޓްރީގެ މުރާލި ހިންގުންތެރިންނާއި، އިންޑަސްޓްރީގެ ހީވާގި މަސައްކަތްތެރިންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، މި ސަރުކާރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް ބާއްވަމުން މިގެންދަނީ. އެކަމުގެ ފުރިހަމަ ދަލީލު މިރޭ ތިޔަ ފެނިވަޑައިގަންނަވަނީ. އަދި އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ސަރުކާރުގެ ދެވަޒީރުން ވަރަށް ތަފްޞީލުކޮށް، މިވާހަކަ ދައްކަވައިފި.

އަޅުގަނޑު މިރޭ ތިންވަނައަށް ވާހަކަ ދައްކަން ޖެހުމުން، ދެން ދައްކާނެ މާގިނަ ވާހަކައެއް ނޯންނާނެކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެން ނަމަވެސް، ދެތިން އެއްޗެއް ދަންނަވާލާނަން.

މި އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން. އެގޮތުން، ދެންމެ ތިޔަ އިވިވަޑައިގެންނެވި ވާހަކަފުޅުގެ އިތުރުން، އެއީ އެސް.އެމް.އީ ލޯނުވެސް ޢިމާރާތްކުރާ ފަރާތްތަކަށް ލިބޭނެގޮތް އިރާދަކުރެއްވިއްޔާ ހައްދަވައިދެއްވާނެ. އަދި ހަމައެހެން، މިކަމާ ބެހޭގޮތުން ހަދަންޖެހޭ ޤާނޫނުތައް ހެދުމުގައިވެސް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެ. އެހެންވީމާ، މިކަންކަމުގެ އިތުރުން، އަޅުގަނޑު އަދި ދަންނަވާލާނަން ދެތިން ވާހަކައެއް.

މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ޚާއްޞަކޮށް، މިވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އުޅުއްވާ ފަރާތްތަކަށް މާބޮޑު އެހީތެރިކަމެއް ނުލިބޭ. މިހެން މިދަންނަވަނީ، ރާއްޖޭގައި ހިނގާ ބޮޑެތި މަޝްރޫޢުތައް، ޚާއްޞަކޮށް، ޢިމާރާތް ކުރުމުގެ މަޝްރޫޢުތައް މި ހިންގަނީ ބޭރުމީހުން. އެހެންވީމާ، މި އިންޑަސްޓްރީގައި އުޅުއްވާ އެކިއެކި ކުންފުނިތަކަށް ލިބޭ މަސައްކަތް ވަރަށް ބޮޑަށް މަދުވެފައި އޮތީ. އޭގެ ސަބަބުން ޚާއްޞަކޮށް، އަތޮޅުތެރޭގައި ޢިމާރާތް ކުރުމުގައި އުޅޭ ކުދި ގްރޫޕްތަކަށް ވަރަށް ބޮޑަށް ނިކަމެތިކަން ލިބިފައިވަނީ. ކިތަންމެ ގްރޫޕްތަކެއް އުވިގެން ހިނގައްޖެ. އެހެނިހެން މަސައްކަތްތަކަށް އެނބުރެން ޖެހިފައި މިއޮތީ. މިހެން މިކަން އޮތުމާ އެކީގައި އަޅުގަނޑުމެން އުންމީދު ކުރަނީ، ކުރިއަށް އޮތް ތާނގައި ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން، މި އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން. އެގޮތުން މިއަހަރު އަޅުގަނޑުމެން ވަރަށް މުހިންމު މަސައްކަތެއް އެބަ ކުރަން. އެއީ، ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު ޢިމާރާތް ކުރަން ފެށިފައި ނުނިންމި ހުރި ތަންތަން ނިންމުމަށްޓަކައި ސަރުކާރުގެ ސޮވަރިންގ ގަރަންޓީ ދީގެން މޯލްޑިވްސް ހައުސިންގ ފައިނޭންސް ކޯޕަރޭޝަންގެ ތެރެއިން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާގެ އެހީ ވަރަށްގިނަ ޢަދަދެއްގެ ޢާއިލާތަކަށް ލިބޭގޮތަށް، ދެއްވާގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެ ޕްރޮގްރާމް ފެށޭނެ. ފެށުމުން އަޅުގަނޑު އުންމީދު ކުރަން، މި އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށްބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް. އަދި އޭގެ ސަބަބުން، މުޅި އިޤްތިޞާދަށްވެސް ދިރުން ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން މީގެއިތުރުން އެބަޖެހޭ، އަޅުގަނޑުމެން މި ޕްރޮގްރާމަކީ މިއީ، ޚާއްޞަކޮށް، މާލޭގެ ޢާއިލާތަކަށް ހުށަހެޅިފައި އޮތް ޕްރޮގްރާމެއް. އެހެން ނަމަވެސް، އަތޮޅުތެރޭގެ ޢާއިލާތަކަށްވެސް މިފަދަ ޕްރޮގްރާމެއް އަޅުގަނޑުމެން މާލަހެއްނުވެ އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. އަދި މީގެއިތުރުން، މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަތޮޅުތެރޭގައި ބިން މޯގޭޖް ކުރުމުގައި ހުރި ވަރަށްގިނަ ދަތިތަކެއް އެބަހުރި. ބިމާއި ޢިމާރާތްތައް މޯގޭޖް ކުރުމަކީ ފަސޭހަކަމެއް ނޫން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ހަމައެކަނި ބީ.އެމް.އެލް. އިން މިމަސައްކަތް ކުރައްވަމުން ގެންދަވަނީ. އަޅުގަނޑު މަސައްކަތް ކުރާނަން، ދެންހުރި ބޭންކްތަކުންވެސް މޯގޭޖް ލޯނު ދޫކުރެއްވުމުގެ ޕްރޮގްރާމެއް ފެށްޓޭތޯ. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން އެ ބޭންކްތަކާ ވާހަކަ ދައްކައިގެން، ރާއްޖެތެރޭގެ ރަށްރަށުގެ ބިންތައްވެސް މޯގޭޖް ކުރެވޭނެ ގޮތެއް ހޯދޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

ދެން ހަމައެހެން، މި އިންޑަސްޓްރީ ދިރުވުމަށްޓަކައި، އެހީތެރިވުމަށްޓަކައި އަޅުގަނޑު ޤަޞްދުކުރަން، އިރާދަކުރެއްވިއްޔާ މިއަހަރު ތައްޔާރުކުރަން އަޅުގަނޑުމެން މިއަންނަ އަހަރުގެ ބަޖެޓް. ތައްޔާރުކުރާއިރުގައި އަޅުގަނޑު ޤަޞްދުކުރަނީ، ކޮންސްޓްރަކްޝަނަށް ބޭނުންކުރާ އެކިއެކި މެޝިނަރީ އެބަޖެހޭ ރާއްޖެއިން ބޭރުން އެތެރެކުރަން. އެހެން ނަމަވެސް، ބޭރުގެ ކުންފުނިތަކުން މެޝިނަރީ ގެނެއްސައި، ރީ އެކްސްޕޯޓް ކުރާތީ، އެ ބޭރު ކުންފުނިތަކަށް ދައްކަންޖެހޭ ޢަދަދު މާ ކުޑަ. ރާއްޖޭގެ ކުންފުނިތަކުން މެޝިނަރީ އިމްޕޯޓްކުރާ ކަމަށްވާނަމަ، ވަރަށްބޮޑު ޑިއުޓީއެއް ދައްކަންޖެހޭ. އެހެންވީމާ، ރާއްޖޭގެ ކުންފުނިތަކަށް ލުޔެއް އެބަ ދޭންޖެހޭ. ބޭރުގެ ކުންފުނިތަކާ ވާދަކުރެވޭނީ އޭރުން. އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަން، މިއަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން މި ކޮންސްޓްރަކްޝަނަށް ބޭނުންކުރާ އެކިއެކި މެޝިނަރީގެ ޑިއުޓީ ކުޑަކުރަން ހުށަހަޅަން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިކަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން. އެހެންނަމަވެސް، ސަރުކާރުގެ މަސްއޫލިއްޔަތެއް މިކަން ހުށަހެޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން.

ދެން އާދެ! މި ޙަވާލުކުރެވުނު ބިމުގައި، 10 ބުރީގެ ޢިމާރާތެއް ކުރައްވަން ޤަޞްދު ކުރައްވާފައި މިއޮތީ. މި ޢިމާރާތަކީ މި އިންޑަސްޓްރީއަށް ވަރަށްބޮޑު ދިރުމެއް ގެނެސްދޭނެ ޢިމާރާތަކަށްވާތީ، ސަރުކާރުގެ ފަރާތުން ބިމެއް މި ޙަވާލުކުރެއްވީ. އެހެންވީމާ، ތިޔަ ރާއްވަވާފައިވާ ގޮތަށް، މާ ލަސްތަކެއްނުވެ މީގެ މަސައްކަތް ފެށިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި މިތަނަކީ މިއީ ޒުވާނުންނަށް ޚާއްޞަކޮށް ވަރަށްބޮޑު އެހީތެރިކަމެއް ލިބި، މަސައްކަތުގެ ދާއިރާއަށް ޒުވާނުން ނެރުމަށްޓަކައި ވަރަށްބޮޑު ޚިދްމަތެއް ކޮށްދޭނެ ތަނެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދެން ހަމަ މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ކުރިންވެސް ދެންނެވި ފަދައިން، މޯލްޑިވްސް ފެޑެރޭޝަން އޮފް ކޮންސްޓްރަކްޝަން އެސޯސިއޭޝަންސް، އެ ފެޑެރޭޝަން އުފެއްދުމާބެހޭ އެމް.އޯ.ޔޫ.ގައި ހަ ފަރާތަކުން ސޮއިކުރެއްވި މަންޒަރު. އަޅުގަނޑު އުންމީދު ކުރަން، މި ހަ ފަރާތުގެ އިތުރުން އަދި އެހެން އެސޯސިއޭޝަންތަކުންވެސް މި އެމް.އޯ.ޔޫ.ގައި ސޮއިކުރައްވާނެ ކަމަށް. މިފަދަ ފެޑެރޭޝަނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް. ކުރިން ބައެއް ބޭފުޅުން އެވާހަކަ ދައްކަވައިފި. މުޅި ހުރިހާ މަސައްކަތްތެރިންގެ ފަރާތުން ވާހަކަ ދައްކާނެ، އެކަމަށްޓަކައި މަސައްކަތް ކުރާނެ، އެއް ފެޑެރޭޝަން، އެއް ޖަމްޢިއްޔާ އޮތުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. މިރޭ އޭގެ ބިންގާ އެޅިގެން މިދިޔައީ. މަސައްކަތްތެރިންނާއި މަސައްކަތްދޭ ފަރާތާ، މިދެފަރާތުގައި އޮންނަންޖެހޭ ގުޅުން އަބަދުވެސް ރަނގަޅަށް އޮތުމަކީ، ތަން ކުރިއަށް ގެންދިޔުމަށްޓަކައި ލިބޭ ވަރަށްބޮޑު ބާރެއް.

މިއަދު އަޅުގަނޑުމެންނަކީވެސް ތަރައްޤީވަމުން އަންނަ، ވަރަށް ބާރަށް ކުރިއަރަމުންދާ ޤައުމެއް. ތަޢުލީމީ ޒުވާނުން ތިބި އަދި ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރަންވެގެން މަސައްކަތްކުރާ ޤައުމެއް. މިއަދު ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ޤައުމެއް. ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ލިބިފައިވާ ޤައުމެއް. އެހެންކަމުން، މަސައްކަތް ދެއްވާ ފަރާތްތަކުންވެސް އެބަޖެހޭ، މަސައްކަތްކުރާ މީހުންގެ ޙައްޤުތަކަށްވެސް ޙުރްމަތްތެރިކޮށް ހިއްތަވަން. އަޅުގަނޑުމެންގެ ޒުވާނުންނަށް ދެވޭ މަސައްކަތަކީ އެއީ، ޤަދަރުހުރި މަސައްކަތަކަށް ވާން އެބަޖެހޭ. އޭރުން މިހާރުވެސް ބިދޭސީން އަދާކުރަމުންގެންދާ ކިތަންމެ ވަޒީފާތަކަކަށް އަޅުގަނޑުމެންގެ ދިވެހި ޒުވާނުން ނުކުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެ މަންޒަރު ބައެއް ތަންތަނުން ފެންނަމުން އެބަދޭ.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު މަސްވެރިކަން މިއީ، ވަރަށް ރަނގަޅު މިސާލެއް. ހަމައެހެން، ފަތުރުވެރިކަންވެސް ހަމަ ރަނގަޅު މިސާލެއް. މި ދެ ޞިނާޢަތުގައި މިހާރު ދިވެހި ޒުވާނުން ފަޚުރުވެރިކަމާއެކީގައި މަސައްކަތް ކުރަމުން އެ ގެންދަނީ. ވަރަށް ތަޢުލީމީ ބޭފުޅުން. އަޅުގަނޑަށް ދާދިފަހުން ލިބުނު މަޢުލޫމާތެއް. ޔުނިވަރސިޓީ ޑިގްރީ ނަންގަވާފައި ހުންނެވި ބޭފުޅަކުވެސް މިހާރު އެބަ މަހަށް ވަޑައިގަންނަވާ. ބައެއް އެހެނިހެން ވަޒީފާތައް ދޫކޮށްފައިވެސް މިހާރު މަހަށް އެބަދޭ. ސަބަބަކީ ކީއްވެގެންތޯ؟ މަސްބޭނުމުގައި މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ އުޅަނދުތައް ރަނގަޅުވުމާއި، އެ އުޅަނދުތަކުގައި ލިބެން ހުންނަ އެކިއެކި ފެސިލިޓީޒް ރަނގަޅުވުމާއި، އަދި ވަރަށް ރީތި މަސައްކަތަކަށް މިހާރު އެކަން ވެގެން ދިޔައީމަ. އެހެންވީމާ، ޒުވާނުން އެކަމަށް އެބަ ކުރިމަތިލާ. ހަމައެހެން، ޓުއަރިޒަމްގެ ދާއިރާގައިވެސް، ފަތުރުވެރިކަމުގެ ދާއިރާގައިވެސް ގިނަ ޢަދަދެއްގެ ޒުވާނުން މަސައްކަތް ކުރަމުން އެގެންދަނީ. އަޅުގަނޑަށް ޔަޤީން، ކޮންސްޓްރަކްޝަން އިންޑަސްޓްރީވެސް މިހާރު މިދަނީ ޕްރޮފެޝަނަލައިޒް ވަމުން. އޭގެ ސޭފްޓީ ސްޓޭންޑަޑްތައް ހަމަޖެހެމުން. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ޒުވާނުންގެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެކިއެކި ފިޔަވަޅުތައް އެޅެމުން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، ހަމަ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޒުވާނުންގެ ޝައުޤުވެރިކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް.

އާދެ! އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ ހަމަ ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަބަދުވެސް ކުރިއަށް ދިޔުން. އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. ދިވެހި ޒުވާނުންނަށް ޚާއްޞަކޮށް، މަސައްކަތުގެ ފުރްޞަތުތައް ލިބިގެންދާނެ. އެހެންވީމާ، ތިޔަ ކުރައްވާ މަސައްކަތަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ސާބަސްދެން. އެޔާއެކީގައި ތިޔަ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް، އަދިވެސް އިތުރަށް މި އިންޑަސްޓްރީ ތަރައްޤީ ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދި ދަންނަވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه