بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحابه أجمعـين.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ރައީސް އަދި އެ އޮތޯރިޓީގެ ބޯޑުގެ މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ 2010 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދުނު ލޯކަލް ކައުންސިލްތައް ހިންގަން ފެށުނުތާ ދެއަހަރު ފުރުނު ދުވަސް. އެހެންކަމުން، އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، ކައުންސިލްތަކަށް އިންތިޚާބުވެވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން. މި ތަހުނިޔާގައި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގެ އެންމެހާ މެންބަރުންވެސް އަޅުގަނޑު ޝާމިލްކުރަން.

ލާމަރްކަޒީ އުޞޫލުން ވެރިކަން ހިންގުމަކީ، ރައްޔިތުންގެ ވެރިކަމެއް، ޑިމޮކްރަސީއެއް ޤާއިމް ކުރުމަށްޓަކައި ލާޒިމް ކަމެއް. ލާމަރްކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ޑިމޮކްރަސީއާ އެއްގޮތްވާ ގޮތަށް އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުންގެ ކަންކަން، ރައްޔިތުން އަމިއްލައަށް ނިންމުމަށްޓަކައި މަގުފަހިކޮށްދިނުން. އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދްމަތް ލިބޭނޭ މަގުފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެށްޓެއް ޤާއިމް ކުރުން.

މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މިދެންނެވި މަގުން ވަނީ މަސައްކަތްތަކެއް ކުރެވިފައި. އެހެން ނަމަވެސް، ލާމަރްކަޒީ ނިޒާމަކީ އަލަށް ތަޢާރުފްވެގެން އައި ނިޒާމަކަށްވުމާއެކު، މި ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގުމުގައި، އެތައް ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައި. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތައް ޙައްލުކޮށް، ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ރައްޔިތުން ބާރުވެރިކުރުވައި، ސަރުކާރުންނާއި ދައުލަތުން ދޭންޖެހޭ ޚިދްމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ދެވޭނެ މަގު ފަހިކޮށްދިނުމަށް.

ކައުންސިލްތައް އެކަށީގެންވާ ގޮތެއްގައި ހިންގުމުގައި ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކުގެ ތެރޭގައި، ކައުންސިލްތަކާ ޙަވާލުކުރެވިފައިވާ ޒިންމާތަކާއި، ކުރަންޖެހޭ މަސައްކަތްތަކާ އެއްވަރަށް ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދެވިފައި ނެތުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ކައުންސިލްތަކުން މުޢާމަލާތު ކުރުމުގައި، ކުރިމަތިވެފައިވާ އެކިއެކި ދަތިތަކާއި، ލާމަރްކަޒީ ނިޒާމަށް އެކަށީގެންވާ ވަރަށް އަހުލުވެރިވެފައި ނެތުން ހިމެނޭ.

ސަރުކާރުން މިވަގުތު އެންމެބޮޑު އިސްކަމެއްދޭ އެއްކަމަކީ، ސަރުކާރުގެ މިނިސްޓްރީތަކާއި ކައުންސިލްތަކާ ދެމެދު އިދާރީގޮތުން އޮންނަންޖެހޭ ގުޅުން ވަރުގަދަ ކުރުން. މިގުޅުން ވަރުގަދަވެގެން މެނުވީ، އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަކަށް އަޅުގަނޑުމެންނަކަށް ވާސިލެއްނުވެވޭނެ. އެހެންކަމުން، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް އަދި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް، ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި މުއައްސަސާތަކަށް އަޅުގަނޑު މިއަދު އިލްތިމާސްކޮށް ދަންނަވަން. ކައުންސިލްތަކަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ޙައްލުކުރެވޭނީ، އެކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކަންކަމަށް އޮތް ޙައްލަކީ ކޮބައިތޯ ބަލައި، އެ ޙައްލަކާ ދިމާއަށް މަސައްކަތް ކޮށްގެން. އަދި މި ގުޅުން ވަރުގަދަކޮށް، ކައުންސިލްތަކަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި، ސަރުކާރުގެ އިދާރާތަކާ ފަސޭހައިން މުޢާމަލާތު ކުރެވޭނެ ގޮތްތަކެއް ނުވަތަ އިންތިޒާމްތަކެއްވެސް ހަމަޖައްސައިގެން. މިފަދަ އިންތިޒާމްތަކެއްގެ ތެރެއިން މެނުވީ، ކައުންސިލްތަކުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދުތައް ޙާޞިލެއް ނުކުރެވޭނެ. ހަމައެއާއެކު، ލާމަރްކަޒީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ސިޔާސީ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވަން އެބަޖެހޭ.

މި ފުރްޞަތުގައި އަޅުގަނޑުމެން ހަނދާން ކުރަންވީ، ސިޔާސީ ފިކުރު އިސްކޮށްގެން، އަޅުގަނޑުމެންނަށް މަސައްކަތެއް ކާމިޔާބެއް ނުކުރެވޭނެކަން. ކައުންސިލްތަކުން ކޮށްދޭންޖެހޭ ކަންކަން ފުރިހަމަގޮތުގައި ކޮށްދެވޭނީ، އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަންދީގެން. ސިޔާސީ ޕާޓީތަކުގެ ފިކުރަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އެރަށެއްގެ މުޅި ރައްޔިތުންނަށް ބޭނުންވާ އެކިއެކި ޚިދްމަތްތައް، އެއްވެސް ތަފާތުކުރުމެއްނެތި ދިނުމުގެ މަތިވެރި ރޫޙުގައި މަސައްކަތްކޮށްގެން.

ކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދްމަތްތައް ދެއްވުމުގައި، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވުމަކީވެސް ލާޒިމު ކަމެއް. ލާމަރްކަޒީ ނިޒާމް ރަނގަޅަށް ހިންގުމަށްޓަކައި ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް. ރައްޔިތުންގެ މެދުގައި ތަފާތުތަކެއް ގެންގުޅޭ ކަމަށްވާނަމަ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެދުމަކީ، ވަރަށް ގާތުގައި އޮންނާނޭ ކަމެއް. އެހެންކަމުން، ކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދްމަތްތައް ހަމަހަމަކަމާއެކު ދެއްވުމަށް އިތުރު ސަމާލުކަމެއް ދެއްވަން އަޅުގަނޑު ގޮވާލަން.

ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދިނުމަކީވެސް ކައުންސިލްތަކުން ސަރުކާރުގައި ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއް. ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާ ދާދިފަހުން އަޅުގަނޑު ބައްދަލުކުރި ކުރުމުގައިވެސް ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމަށްޓަކައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ސަރުކާރުން ހަދައިދިނުމަށް އެބޭފުޅުން ވަނީ އެދިވަޑައިގެންފައި. އެކަމާ ދޭތެރޭގައި ސަރުކާރުން ވިސްނައި، މިވަގުތަށް ސަރުކާރުން ކޮށްދޭން ނިންމި ތިން ކަމެއްގެ ވާހަކަ އަޅުގަނޑު މިއަދު ވަރަށް އުފަލާއެކު ދަންނަވަން.

އެއްކަމަކީ، މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ، މިއަހަރުގެ ޖުލައިމަހުން ފެށިގެން އަތޮޅު ކައުންސިލްތަކަށް ދޫކުރާގޮތަށް ހަމަޖެއްސުން. މިކަމާބެހޭ އުޞޫލުތައް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާ ގުޅިގެން އެކުލަވައިލައްވައި، އިރާދަކުރެއްވިއްޔާ، 1 ޖުލައިން ފެށިގެން އެ އުޞޫލުތަކަށް ޢަމަލުކުރަން ފެށޭނެ. ހަމައެއާއެކު، އެ އަތޮޅެއްގައި ހުރި ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ދޫކުރެވިފައިވާ ރަށްރަށުން ނެގޭ ކުލީގެ 50 އިންސައްތަ، އަތޮޅު ކައުންސިލްތަކަށް ދޫކުރާގޮތަށްވެސް މިހާރު މިވަނީ ހަމަޖެއްސިފައި. މިކަންކަން ހަމަޖެއްސުމުގައި، އަޅުގަނޑުމެންގެ ލޮބުވެތި ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީނާއި އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ވަރަށްބޮޑު އެހީތެރިކަމެއް އަޅުގަނޑަށް ދެއްވާފައި. އެކަމަށްޓަކައި އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، މިކަންކަން ހަމަޖެހިގެން ދިޔުމުން، މިކަމުގެ ސަބަބުން ރައްޔިތުންގެ ކުރިއެރުމަށާއި، ރަށްރަށުގެ ތަރައްޤީއަށްވެސް އިތުރު ދިރުން ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ކުރިއަށް އޮތް ތާނގައި، ކައުންސިލްތަކަށް ސަރުކާރުން އިތުރަށް ދެވެންހުރި ޢިނާޔަތްތަކާއި، ހަމަޖައްސައިދެވެން ހުރި ކަންތައްތައް ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން. މިގޮތުން، މިދެންނެވި ދެކަމުގެ އިތުރުން، ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ. އެނގިވަޑައިގަންނަވާނޭ ފަދައިން، އޭގެތެރެއިން ވަރަށްބޮޑު ބައެއްވަނީ ސަރުކާރުން ހޭދަކުރައްވާފައި. އެހެންވީމާ، އަޅުގަނޑު ޤަޞްދުކުރަނީ، އެފައިސާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓްގައި އެފައިސާ ދޭން ފެށޭނެ އުޞޫލުތަކަކާއި، ދެވޭނެގޮތެއް ހަމަޖައްސަން.

އާދެ! މި ފުރްޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެ އޭޖެންސީގެ އޮތޯރިޓީގެ ބޯޑުގެ މެންބަރުންނަށް ޚާއްޞަކޮށް، ބޯޑުގެ ރައީސަށް، މިނިސްޓަރ އޮފް ހޯމްއެފެއާޒަށް، އެމަނިކުފާނު ކޮށްދެއްވަމުން ގެންދަވާ ޚިދްމަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ، މިހާތަނަށް މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރންމަންޓް ބާރުވެރިކުރުވުމަށްޓަކައި، ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އެމަނިކުފާނު ވަނީ ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވާފައި. އެކަމަށްޓަކައި ޚާއްޞަކޮށް، މިނިސްޓަރ އޮފް ހޯމްއެފެއާޒަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑުމެން ރައްދުކުރަންޖެހޭ ފަރާތެއް އެބަ އިންނެވި. އެއީ އަޅުގަނޑުމެންގެ މިއަދުގެ ފަޚްރުވެރި އަދި ޢިއްޒަތްތެރި ނައިބު ރައީސް އައްނަބީލް މުޙަންމަދު ވަޙީދުއްދީން. އެނގިވަޑައިގަންނަވާނޭ ފަދައިން، ލޯކަލް ގަވަރންމަންޓް ވުޖޫދަށް ގެނައުމަށްޓަކައި ލާމަރްކަޒީ އުޞޫލުން ދިވެހިރާއްޖޭގައި ވެރިކަން ޤާއިމު ކުރުމަށްޓަކައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާތާ ވަރަށްގިނަ ދުވަސްތަކެއް ވެއްޖެ. ވޭތުވެދިޔަ ދެ ސަރުކާރުގައިވެސް އެމަނިކުފާނު ވަނީ ވަރަށްބޮޑު ޚިދްމަތްތަކެއް ކޮށްދެއްވާފައި އެކިގޮތްގޮތުން. މިއަދު އަޅުގަނޑު ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކުރާ އެއްކަމެއް އެބައޮވޭ. އެއީ މީގެ ދެއަހަރު ކުރިން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އުފެދި، އެކިއެކި ކައުންސިލްތައް އިންތިޚާބުވުމަށްފަހުގައި، މިކައުންސިލްތަކުގެ މެންބަރުންނަށް ތަމްރީނު ދެއްވުމަށްޓަކައި އެމަނިކުފާނު އަމިއްލަފުޅަށް ވަނީ އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނޭފަދަ ބޮޑު ޚިދްމަތެއް ކޮށްދެއްވާފައި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު އިންތިޚާބު ކުރެވިފައިވާ ރަށްރަށުގެ އަދި އަތޮޅު ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކައުންސިލަރުންނަށް މިހާރުވަނީ އެމަނިކުފާނުގެ އިންސްޓިޓިއުޓްގެ ފަރާތުން ޓްރޭނިންގ ދެއްވާފައި. މިއީ ވަރަށްބޮޑު ޚިދްމަތެއް. މިކަމަށްޓަކައި އަޅުގަނޑު ދިވެހި ސަރުކާރުގެ ފަރާތުންނާއި އަދި ދިވެހި ރައްޔިތުންގެ ފަރާތުން އަދި ޚާއްޞަކޮށް، ކައުންސިލަރުންތަކުގެ ނަމުގައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދޭންޖެހޭ ބާރުތަކާއި، ޚިދްމަތްތައް ހެޔޮގޮތުގައި ލިބުމުގެ ތައުފީޤު މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. ރަށްރަށުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރުމުގެ ޤާބިލުކަމާއި ހިތްވަރު ދެއްވުން. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކޮށް، ތަނުގެ ހަމަޖެހުމާއި އަމަންއަމާންކަމަށް މަސައްކަތް ކުރުމުގެ ހެޔޮ ވިސްނުން އަޅުގަނޑުމެންނަށް ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه