بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ވަޒީރުން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި، އެ އެކަޑަމީގެ މެންބަރުން، މި ޚާއްޞަ ހަވީރަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މަދްރަސާތަކުގެ ލޮބުވެތި ދަރިވަރުން، އަދި ދުރާއި ގާތުން މި ހަވީރު ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިބަހުގެ އެކަޑަމީން އިންތިޒާމު ކުރައްވައިގެން، މި ބާއްވަވާ ދިވެހިބަހަށްޓަކައި އަޑު އުފުލުމުގެ ޚާއްޞަ ހަވީރުގައި ބައިވެރިވުމުގެ ދަޢުވަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، އެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއަށާއި، އެކަޑަމީގެ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

[ދިވެހިބަހަށްޓަކައި މުޅި ޤައުމު] އަތުގުޅާލައި، އެއް ރޫޙެއްގައި، އާ ޢަޒުމެއްގައި، އާ ހިތްވަރަކާއެކު މަސައްކަތްކުރަން މިއަދު ފެށުނުކަމީ، ދިވެހިބަސް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް.

ދިވެހިބަހަކީ ދިވެހިންނަށް ލިބިފައިވާ ވަރަށްބޮޑު ފަޚްރެއް. ވަރަށް މަތިވެރި ޝަރަފެއް. އެބަޔަކު ވާހަކަ ދައްކާ އަމިއްލަ ބަހެއް އޮތުމަކީ، އެ ޤައުމަކަށްވެސް ލިބޭ ނުހަނު ބޮޑު ކުރިއެރުމެއް. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހިބަހަށް އޮތް ލޯބި އިތުރުކޮށް، ދިވެހިބަހަށް ދޭންޖެހޭ ޤަދަރު ދިނުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަހަށް ދޭންޖެހޭ އިޙްތިރާމް އަޅުގަނޑުމެން ނުދޭނަމަ، ދިވެހިބަހަށް ދެންވާނެގޮތާމެދު ވިސްނައި ފިކުރު ހިންގަން އެބަޖެހޭ.

ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ އަދި އެންމެ އަގުބޮޑު އެއް ތަރިކަ ކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ، ޙިމާޔަތް ކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާއެކު ވާސިލްކޮށްދިނުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނެއް އެކުލަވައިލެވި، މި ޤާނޫނަށް 2011 ވަނަ އަހަރު ވަނީ ޢަމަލުކުރަން ފަށާފައި. ބަސް ޙިމާޔަތްކޮށް ތަރައްޤީ ކުރުމަށް ސަރުކާރުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން މުހިންމު ކަންތައްތަކެއް ކުރުމަށް، މި ޤާނޫނުވަނީ ލާޒިމްކޮށްފައި.

ދިވެހިބަސް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، ހަމައެކަނި ވަކި މުއައްސަސާއެއްގެ ވާޖިބެއް ކަމަށް ދެކިގެން ނުވާނެ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މުޅި ޤައުމުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. އެހެންކަމުން، ދިވެހިބަހުގެ އެކަޑަމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދެއްވައި، ބަހަށް އިސްކަން ދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް ފަރުދީ ފެންވަރުގައި ކުރުމުގެ އިތުރުން، މުޅި މުޖްތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު، މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ، ބަހަށް ކޮށްދެވޭނެ ވަރަށްބޮޑު ޚިދްމަތެއް ކަމަށް އަޅުގަނޑު ދެކެން.

ދިވެހިބަހަށްޓަކައި އަޅުގަނޑުމެން މިއަދު އަޑު އުފުލަމުން ގެންދާއިރު، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި، އަދި ޤައުމުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ދިރާސާ ކުރުމުގައި، ދިވެހިބަސް ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާނެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު، ބަހަށްވެސް ކުރިއެރުންތަކެއް ލިބި، ބަސް ތަރައްޤީވެގެންދާނެ. މި މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން ނުދާނަމަ އަދި ބަސް ކުރިއަރުވައި ދިރުވުމަށް މަސައްކަތްތަކެއް ކުރަމުން ނުދާނަމަ، އަޅުގަނޑުމެންގެ މި ރީތި ދިވެހިބަސް ވަޅުޖެހިގެން ދިޔުމަކީ، ވަރަށް ގާތުގައި އޮންނާނެ ކަމެއް.

ދިވެހިންގެ މެދުގައި، ޚާއްޞަކޮށް، ޒުވާނުންގެ ތެރޭގައި ދިވެހިބަހުން މުޢާމަލާތު ކުރަމުންދާއިރު، ބަހާ ދޭތެރޭގައި އިހުމާލުވަމުންދާތަން މިއަދު ފެންނަމުންދާކަމީ، އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. ބަހުގެ ހަމަތަކަށް ބަލައިލުމެއްނެތި ވާހަކަ ދައްކައި، ނުވަތަ ލިޔެ ހަދަމުން ގެންދާނަމަ، އެކަމުން މުޅި މުޖްތަމަޢަށް ކުރާނޭ ނޭދެވޭ އަސަރާ ދޭތެރޭގައިވެސް އަޅުގަނޑުމެން ޚިޔާލުކުރަން އެބަޖެހޭ. ޚާއްޞަކޮށް، މައިންބަފައިންނާއި، ބެލެނިވެރިންނާއި އަދި މުދައްރިސުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭ. ދަރިފުޅަށް އަޑުއިވޭ ހިސާބުގައިވެސް ރީތިކޮށް ވާހަކަ ދައްކަވައި، ބަހުގެ ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވަމުން ގެންދަވާނަމަ، އޭގެ ނަތީޖާ، ޢާއިލާގެ ތެރެއިންވެސް ފެނިގެންދާނެ. ކުދިންނަށް ރީތިކޮށް ވާހަކަ ދައްކަން ދަސްކޮށްދެއްވައި، އެކުދިން ބޭނުންކުރާ ކުށް ބަސްތައް، ވެވަޑައިގެންނެވި ވަރަކުން ރަނގަޅުކޮށްދެއްވަމުން ގެންދެވުން އެއީ، ބަހަށްޓަކައި ކޮށްދެއްވޭނެ ވަރަށްބޮޑު ޚިދްމަތެއް. އަދި ހެޔޮގޮތުގައި ދިވެހިބަސް ބޭނުންކުރުމަށް ކުރެވޭ މަސައްކަތަށް ލިބޭ ވަރަށްބޮޑު އެއްބާރުލުމެއް.

ދިވެހިބަހަށްޓަކައި މިއަދު އަޑު އުފުލުމުގެ އެންމެބޮޑު ބޭނުމަކީވެސް، ދިވެހިބަހަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކޮށް، ޚާއްޞަކޮށް، ޅަދަރިންނާއި ތަޢުލީމީ ޒުވާނުންގެ ހިތްތަކުގައި، ދިވެހިބަހަށް ދޭންޖެހޭ އަހަންމިއްޔަތު އިތުރުކުރުން. ދިވެހިބަހަކީ ކުދިން ފޫހިވާ އަދި ދަސްކުރަން ބޭނުންނުވާ ބަހަކަށް ވެއްޖެނަމަ، އެކަމުގެ ހިތި ނަތީޖާ، ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންކަމުން، ކުދިން ޝައުޤުވެރިވާ ގޮތަށް ދިވެހިބަސް ކިޔަވައިދެއްވުމަކީ، މުދައްރިސުންނާއި އަދި ތަޢުލީމީ ދާއިރާގެ ހިންގުންތެރިން މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދެއްވަން ޖެހިފައިވާ ކަމެއް. ހަމައެއާއެކު، ދިވެހިބަހުން ވާހަކަ ދެއްކުމުގައި، ބޭރު ބަސްބަސް ބޭނުންކުރުމުގެ ބަދަލުގައި، ދިވެހިބަހެއް އޮތްތޯ ބަލައި، ދިވެހިބަސް ވީހާވެސް ބޮޑަކަށް ބޭނުންކުރުމަކީ، ބަހަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެން.

އެހެން ނަމަވެސް، ހިތާމައަކީ ބައެއްފަހަރު އެކިއެކި ޕްރޮގްރާމްތަކުގައިވެސް އަދި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ވާހަކަ ދައްކާއިރު، ބައެއް ފަރާތްތަކަށް ވަރަށް ގިނައިން ބޭރުބަސްބަސް ބޭނުންކުރެވޭތަން އަންނަކަން. އެ ލަފްޒުތަކަށް ރީތި ދިވެހި ބަހެއް އޮއްވައި، ބޭރުބަސް ބޭނުންކުރެވޭނަމަ، އެކަން އާދައަކަށްވެ، ބުނާ ޖުމްލައެއްގެ ކޮންމެ ތިންބަހުން އެއްބަހަކީ، ބޭރު ބަހަކަށް ވެގެން ދިޔުމަކީ، ބަސް ދިރުވުމަށް ލިބޭ ބާރަކަށް ހަމަގައިމުވެސް ނުވާނެ. މީގެއިތުރުން، ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅުމުގެ ސަބަބުން، އެމީހުންގެ ބަހުރުވަޔާއި ވާހަކަ ދެއްކުމުގެ ގޮތްތައް އަޅުގަނޑުމެންގެ ޅަދަރިންނަށް ނަގައިގަނެވި، އެގޮތަށް ދިވެހިބަސް ބޭނުންކުރުމުން، ދިވެހިބަހަށް ވަރަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ.

އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހިބަހަށް އޮތް ލޯބި އިތުރުކޮށް، އަޅުގަނޑުމެން އެންމެންނަކީވެސް ބަހަށް އިޙްތިރާމްކުރާ އަދި ރީތި ދިވެހިބަހުން ވާހަކަ ދައްކާ ބަޔަކަށް ހެއްދެވުމަށްޓަކައި، ޤައުމީ ފެންވަރެއްގައި ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވައިދެއްވުމަށް ދިވެހިބަހުގެ އެކަޑަމީއަށް އަޅުގަނޑު މިއަދު އިލްތިމާސްކޮށް ދަންނަވަން. މިކަމުގައި ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މީޑިއާގެ ވަސީލަތްތަކުންނާއި، އަމިއްލަ ފަރުދުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވުމަށްވެސް އަޅުގަނޑު ގޮވާލަން. ހަމައެހެންމެ، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން، ދިވެހި ދައުލަތުގެ ރަސްމީ އެންމެހާ މުޢާމަލާތްތައް ދިވެހިބަހުން ކުރެއްވުމަށް ސަރުކާރުގެ އިދާރާތަކަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން.

ދިވެހިބަހަށްޓަކައި އަޑުއުފުލައި، ބަސް ތަރައްޤީކޮށް ޙިމާޔަތް ކުރުމުގެ ވާހަކަ މިއަދު އަޅުގަނޑުމެން ދައްކާއިރު، ދިވެހިބަހަށްޓަކައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ ޚިދްމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. އަދި އެފަދަ ބޭފުޅުންގެ ޚިދްމަތްތަކުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭ. މިފަދަ އެތައް ބޭފުޅުންނެއް މިއަދުވަނީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައި. މާތްﷲ، އެބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!

އެބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑު ވަކިވަކިން ދަންނަވާނުލިނަމަވެސް، އެބޭފުޅުން ދިވެހިބަހަށްޓަކައި އެ ކުރެއްވި މަސައްކަތްޕުޅުތަކަކީ، މިއަދުވެސް އަދި އަންނަން އޮތް ޖީލުތަކަށްވެސް ފެންނަންޖެހޭނޭ މަސައްކަތްޕުޅުތަކެއް. އެބޭފުޅުންގެ ތެރޭގައި ދިވެހިބަހުން އެކި ރޮނގުތަކުން ޚިދްމަތް ކުރެއްވި ބޭފުޅުން އެބަ ތިއްބެވި. ދިވެހިބަހާއި ބަހުގެ އަދަބިއްޔާތުގެ ރޮނގުންނާއި، ޅެންވެރިކަމަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުންނާއި، ވާހަކަދެއްކުމާއި ވާހަކަ ލިޔުމުގެ ރޮނގުން އެބޭފުޅުންވަނީ ދިވެހިބަހަށް އާރޯކަމާއި ތާޒާކަން ގެނެސްދެއްވާފައި. އެފަދަ އަގުހުރި ކިތަންމެ ތަރިކައެއް އެބޭފުޅުންވަނީ މި ލޮބުވެތި ވަޠަނަށް ދޫކުރައްވާފައި. އެހެންކަމުން، އެބޭފުޅުން އެކުރެއްވި އަގުބޮޑު މަސައްކަތްތައް، މަދަރުސާތަކުގެ ދަރިވަރުންނަށާއި، ދިވެހިބަހުގެ ދިރާސާތައް ކުރާ ފަރާތްތަކަށާއި، ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެ ގޮތްތަކެއް ހަމަޖެއްސުމަކީ، އަޅުގަނޑު ދެކޭގޮތުގައި ދިވެހި ބަހަށާއި ބަސް ދިރުވުމަށް ކޮށްދެވޭނެ ވަރަށް މުހިންމު ޚިދްމަތެއް. އަދި އެބޭފުޅުންގެ ޚިދްމަތްތަކާބެހޭގޮތުން ވާހަކަ ދައްކައި، މަޢްލޫމާތު ފަތުރައި، އެކިއެކި ބަޙުޘްތައްކޮށް، އެބޭފުޅުންގެ ޒިކުރާ އާކުރުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންކަމުން، ދިވެހިބަހުގެ އެކަޑަމީން މިކަމާދޭތެރޭގައި ވިސްނާ ވަޑައިގެން، ދިވެހިބަހުގެ އަދީބުންގެ ޚިދްމަތްތައް ދިރުއްވުމަށް ޚާއްޞަ މަސައްކަތެއް ކޮށްދެއްވުމަށް ދިވެހި ބަހުގެ އެކަޑަމީގެ މެންބަރުންގެ އަރިހުން އަޅުގަނޑު އެދެން.

މާތްﷲ އަޅުގަނޑުމެންގެ ދިވެހިބަސް ރައްކާތެރި ކުރައްވައި، ބަހަށް އިތުރު ޙިމާޔަތާއި ރައްކާތެރިކަން ދެއްވާށި! ބަސް ތަރައްޤީކޮށް ދިރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި! އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ބަހަށް އޮތް ލޯބި އިތުރުކުރައްވައި، މުޖުތަމަޢަށް ފައިދާހުރި ގޮތުގައި ބަސް ބޭނުންކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން

والســّلام عليــكم ورحـمــة اللّـه وبـركاتـه