ރާއްޖޭގެ ތިން ނޫސްވެރިއަކަށް ރޭ ދިން ޙަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޢަމަލު ކުށްވެރި ކުރައްވާފައިވަނީ، އެމަނިކުފާނު މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މިދަންނަވާލަނީ އެ ބަޔާނެވެ.

[ރާއްޖޭގެ ތިން ނޫސްވެރިއަކަށް ރޭގައި ދިން ޙަމަލާ އަޅުގަނޑު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި މި ޢަމަލުތައް ހިންގި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، ޙައްޤު އަދަބު ދިނުމުގައި، ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ނޫސްވެރިންނަށް އަމާޒުކޮށްގެން އެކިއެކި ޙަމަލާތައް ދެމުން ގެންދާކަމީ، އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ. މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގަމުން ގެންދާނަމަ، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ރާއްޖޭގެ ނޫސްވެރިކަން ބިރުވެރި މާޙައުލެއްގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.

ރާއްޖޭގައި އުފެދިފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް މަސައްކަތް ކުރަމުން ގެންދަންވާނީ ތަފާތު ޚިޔާލުތަކަށް ތަންދީގެންނެވެ. އަދި ނޫސްވެރިންނަށް ބިރު ދެއްކުމާއި، އެމީހުންނަށް ޙަމަލާދީ، އެމީހުންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ މިނިވަންކަމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެއެވެ. ހަމައެހެންމެ، ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް ޚަބަރާއި، މަޢުލޫމާތު ފެތުރުމުގައި ޙަޤީޤަތަށް ބުރަވެ، ދޮގު ޚަބަރާއި މަޢުލޫމާތުތައް ފަތުރައި ހަދައިގެން ނުވާނެއެވެ. އަދި މީޑިއާގެ ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންވާނީ، ޤައުމުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް، އަދި މުޖްތަމަޢުގެ ޞުލްޙަމަޞްލަހަތަށް އިސްކަންދީގެންނެވެ.

މާލެތެރޭގައި މިހާރު ހިންގަމުން ގެންދާ އެކިއެކި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ހަމަނުޖެހުމަށް މަގުފަހިވާނެ އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ނުހިންގުމަށްވެސް މިފުރްޞަތުގައި އަޅުގަނޑު ގޮވާލަމެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް ބާރުއެޅޭފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށާއި، ޤައުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުން ޚާއްޞަކޮށް، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަޅުގަނޑު ދެކޭގޮތުގައި ސިޔާސީ ދެބަސްވުންތައް ހަމަޖެހުމަކަށް އަންނާނީ، މަގުމަތީގައި ހަމަނުޖެހުމާއި މާރާމާރީތައް ހިންގައިގެނެއް ނޫނެވެ.

ނޫސްވެރިންނަށް އަމާޒުކޮށްގެން ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން ފަސްނުޖެހި އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި ނޫސްވެރިކަން ކުރިއެރުވުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ރާއްޖޭގެ އެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުން ކުރަމުން އެ ގެންދާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެއްބާރުލުންދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އަޅުގަނޑު އަރުވަމެވެ.

ރޭގެ ޙަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވެ، މިހާރު ސްރީލަންކާގައި ފަރުވާދެމުންދާ ރާއްޖެ ޓީ.ވީ.ގެ ނިއުސް ހެޑް، ޑެޕިއުޓީ ސީ.އީ.އޯ އިބްރާހީމް ވަޙީދަށް އަވަސް ޝިފާއަކަށް އަޅުގަނޑު އެދެމެވެ. އަދި ރޭގައި ދިން އެހެން ޙަމަލާއެއްގައި އަނިޔާ ލިބުނު އެމް.ބީ.ސީ ގެ ޑެޕިއުޓީ އެޑިޓަރ ޢާއިޝަތު ލީޒާއަށާއި، ރިޕޯޓަރ އާމިނަތު ޝާނީއަށްވެސް އަވަސް ޝިފާއަކަށް އެދެމެވެ.]