بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ އިސްވެރިން، ސްކައުޓް ކޮމިޝަނަރ އަދި ޔޫތު ކައުންސިލްގެ، ސްކައުޓް ޔޫތު ކައުންސިލްގެ މެންބަރުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ދިވެހިރާއްޖޭގެ ސްކައުޓިންގ ތާރީޚުގައި ވަރަށް ޚާއްޞަ ދުވަހެއް. ސަބަބަކީ ފުރަތަމަފަހަރަށް ރާއްޖޭގައި ސްކައުޓް ޔޫތު ކައުންސިލެއް އިންތިޚާބުވެގެން، މިއަދު މި ވޮރަންޓް މި ދެވެނީ. ރާއްޖޭގައި މިހާރު ސްކައުޓިންގ އުފެދިގެން ހިނގާތާ ވަރަށްގިނަ ދުވަސް ވެއްޖެ. މިއަދު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި އެޅުނު ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅެއް. މިއަދު ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކީ ޒުވާނުން. އެހެންވީމާ، ޚާއްޞަކޮށް، ޒުވާނުންގެ ސްކައުޓިންގ ކަންތައްތައް ބަލަހައްޓަވައިދެއްވާ ކައުންސިލެއް، މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ހިންގުމުގެ ތެރޭގައި އުފެދިގެން ދިޔަކަން އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އުންމީދު ކުރަން، މި ކައުންސިލް އުފެދުމާ ގުޅިގެން، ސްކައުޓް މޫވުމަންޓަށް އިތުރު ކުރިއެރުމެއް، އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް.

މިއަދު ވޮރަންޓް ލިބިވަޑައިގެންނެވި ސްކައުޓް ކައުންސިލްގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. ތިޔަބޭފުޅުންނާއި ތިޔަބޭފުޅުން ތިޔަ ޙަވާލުވެވަޑައިގެންނެވި މަސައްކަތަކީ އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ޤައުމަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަރަށްބޮޑު ޚިދްމަތެއް ކޮށްދެވިދާނެ މަސައްކަތެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ ޙާލަތު އޮތީކީ، އަޅުގަނޑުމެން ދެކެން އެންމެ ބޭނުންވާ ގޮތަކަށް ނޫން. އެކަންކަން ރަނގަޅު ކުރުމުގައި، ޚާއްޞަކޮށް، ސްކައުޓް މޫވްމަންޓްގެ ވަރަށް މުހިންމު ދައުރެއް އެބައޮތް. މިހާތަނާ ޖެހެންދެންވެސް މިވޭތުވެދިޔަ ދިގު މުއްދަތުގައިވެސް ދިވެހިރާއްޖޭގައި ސްކައުޓް މޫވްމަންޓް ވަނީ ވަރަށް މުހިންމު ދައުރެއް ކުޅެފައި. ސްކައުޓް މޫވްމަންޓްގެ ސަބަބުން ޒުވާނުންނަށް ވަރަށް ރަނގަޅު، އެދެވޭ އަސަރުތަކެއް ކޮށްފައި. މިވަގުތު ޒުވާނުންގެ ސްކައުޓިންގ ކަންތައް ރަނގަޅު ކުރުމަކީ އެއީ ޤައުމަށް ކޮންމެހެން ބޭނުންވެފައި އޮތް ކަމެއް. އަޅުގަނޑު އެހެން މިދަންނަވަނީ، ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން، މިވަގުތު ރާއްޖޭގައި ވަރަށް ހާލުގައި އުޅެމުން އެބަދޭ، އެކިގޮތްގޮތުން. ވަޒީފާ ނެތުމުގެ ސަބަބުން ނޫނީވިއްޔާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބުމުގެ ސަބަބުން، ނޫނީވިއްޔާ އިޖްތިމާޢީ ގޮތުން އެކަހެރިވުމުގެ ގޮތުން. މިހެންގޮސް ކިތަންމެ ގޮތްގޮތަކުން އެބަހުރި، ޒުވާނުންނަށް އެހީތެރިކަން ބޭނުންވެފައި.

އެހެންވީމާ، މިއަދު ތިޔަބޭފުޅުންގެ މަސްއޫލިއްޔަތެއް ކަމުގައިވާނެ، މިކަންކަމާ ދޭތެރޭގައި މަޝްވަރާ ކުރައްވައި، އެކަންކަމުގައި ސްކައުޓް މޫވްމަންޓްގެ ފަރާތުން އެޅުއްވެން ހުރީ ކޮން ފިޔަވަޅުތަކެއްތޯ ބައްލަވައި، އެކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި ޙަރަކާތްތަކެއް ރާވައިދެއްވުން. އަދި ޒުވާނުންގެ މެދުގައި ސްކައުޓިންގއަށް ލޯބި ޖައްސައި، ސްކައުޓް މޫވްމަންޓް ރާއްޖޭގައި ފުޅާކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވުން. އެނގިވަޑައިގަންނަވާނޭ ފަދައިން، ދާދި އިހަކަށް ދުވަހަކު، މަސްތުވާތަކެއްޗާބެހޭ ޤައުމީ ދިރާސާއެއްކޮށް އެ ނިމުނީ. އެ ދިރާސާ ދައްކާ ގޮތުގައި، ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް މަސްތުވާތަކެތި ބޭނުންކުރަމުން ގެންދަނީ ޒުވާނުން. ޚާއްޞަކޮށް، 19 އަހަރާއި 24 އަހަރާ ދޭތެރޭގެ ޒުވާނުން. އެހެންވީމާ، މިއީ ވަރަށްބޮޑު މައްސަލައެއް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސްކައުޓް މޫވްމަންޓްގެ ތެރެއަކުއެއް ޑްރަގްސްއެއް ނޫޅޭ. ސްކައުޓްގައި އުޅުއްވާ ބޭފުޅުންނެއް ޑްރަގްސް ބޭނުމެއް ނުކުރޭ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ސްކައުޓް މޫވްމަންޓްގެ ފަރާތުން މި މައްސަލައިގައި، މިއީ ވަރަށްބޮޑު އިޖްތިމާޢީ މައްސަލައަކަށްވާތީ، މި މައްސަލައިގައި އިސްނަންގަވައިގެން މަސައްކަތް ކޮށްދެއްވުން. ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުން. މިކަމަކީ ފަސޭހަ ކަމެއް ނޫން. މިކަމަކީ ނުރައްކާތެރިވެސް ކަމެއް.

އެހެންވީމާ، ސްކައުޓުން ކަހަލަ ވަކި ޕްރޮމިސްއެއްގެ މަތީގައި، ވަކި ޢަހުދެއްގެ މަތީގައި ސާބިތުވެ ތިބި، ވަރުގަދަ ޝަޚްޞިއްޔަތުތަކަކަށް މިބާވަތުގެ މަސައްކަތެއް ކުރެވޭނީވެސް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން މިކަމުގައި ޚާއްޞަ ސަމާލުކަމެއް ބަހައްޓަވައިގެން، ޚާއްޞަކޮށް، ސްކައުޓް ޔޫތު ކައުންސިލްގެ ފަރާތުން މިކަމަށް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް.

އަޅުގަނޑު އެދެނީ، ސްކައުޓް މޫވްމަންޓަށް ފަހި މުސްތަޤްބަލެއް. ސްކައުޓް މޫވްމަންޓް ކުރިއަށްދާނީ، ސްކައުޓް މޫވްމަންޓަށް އިތުރު އެހީތެރިކަންވެސް ލިބިގެން. އެކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެހެންވީމާ، ދައުލަތުގެ ފަރާތުން ސްކައުޓް މޫވްމަންޓަށް ދޭންޖެހޭ އަހަންމިއްޔަތުކަން، މިހާރަށްވުރެ އެބަޖެހޭ ބޮޑުކުރަންވެސް. އަޅުގަނޑަށް އެނގޭ، މިއަހަރުގެ ބަޖެޓްގައިވެސް ސްކައުޓް މޫވްމަންޓަކަށް މާބޮޑު އެއްޗެއް ނެތްކަން. އެހެން ނަމަވެސް، އެކަން އެބަޖެހޭ ރަނގަޅު ކުރަން. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އަރިހުންވެސް އަޅުގަނޑު އެދެން ވަރަށް ބޮޑަށް. ޚާއްޞަކޮށް، ސްކައުޓިންގ އަދި ގާރލް ސްކައުޓް، މި ޙަރަކާތްތަކަށް ސްކޫލްތަކުގައި، އެސްކޫލްތަކުގެ ބޭރުގައިވެސް ހިންގާ ޒުވާނުންނަށް، ކިޔަވާ ކުދިންނަށް ޚާއްޞަ ކުރެވިގެން ހިންގާ މިބާވަތުގެ ޕްރޮގްރާމްތަކަށް އިތުރު އަހަންމިއްޔަތުކަން ދެއްވަން. އެކަން ކުރަން އެބަޖެހޭ. އެކަން ނުކޮށް ތިބުމުގެ ސަބަބުން، ކުރަންވާ ގޮތަށް ރަނގަޅަށް ނުކުރެވުމުގެ ސަބަބުން ލިބޭ ގެއްލުން މާބޮޑު. އެހެންވީމާ، މިކަމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއްދީގެން، ތަޢުލީމީ ބަޖެޓުގެ ތެރެއިންވެސް މިކަހަލަ ކަންތަކަށް އެބަޖެހޭ ޚަރަދުކުރަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެހެންވީމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވެސް މިކަމާ ދޭތެރޭގައި އާ ވިސްނުންފުޅަކަށް ވަޑައިގެން ދެއްވުން. އަލުން ބަޖެޓް ދިރާސާ ކުރައްވައި، މިބާވަތުގެ ޙަރަކާތްތަކަށް، ޚާއްޞަކޮށް، ސްކައުޓުންނަށާއި، ގާރލް ސްކައުޓުންނަށް މިހެންހުރި ޕްރޮގްރާމްތަކަށް އިތުރު ބަޖެޓްގެ އެހީ ލިބޭނެގޮތަކަށް މަސައްކަތް ކޮށްދެއްވުން. ދެން އެކަމުގައި އަޅުގަނޑަށް އިރާދަކުރެއްވިއްޔާ، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓަރ އޮފް ފިނޭންސާ އެކީގައި މަސައްކަތް ކޮށްގެން، މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރެވޭނެ.

އަދިވެސް އެއްފަހަރު އަޅުގަނޑު މިއަދު ވޮރަންޓް ޙަވާލުވެވަޑައިގެންނެވި އަޅުގަނޑުމެންގެ މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ޔޫތު ކައުންސިލްގެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މަރްޙަބާއާއި ޝުކުރު ދަންނަވަން. ތިޔަބޭފުޅުން މިކަމާ ޙަވާލުވެވަޑައިގެންނެވި ކަމަށްޓަކައި، މިހާބޮޑު މަސްއޫލިއްޔަތެއް ތިޔަބޭފުޅުން އުފުއްލަވައިދެއްވަން އެއްބަސްވެވަޑައިގެންނެވީތީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ސްކައުޓް އެސޯސިއޭޝަންގެ ވެރިންނަށް، މިކަން މިހާ ފުރިހަމަކޮށް ކުރިއަށް ގެންގޮސްދެއްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.