بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިރާއްޖޭގެ ނައިބު ރައީސް، ޢިއްޒަތްތެރި ވަޒީރުން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަން، މެނެޖިންގ ޑިރެކްޓަރ، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދު އަޅުގަނޑުމެން މި ސޮއިކުރި އެގްރީމަންޓްތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްބޮޑު ބައެއް، ވަރަށްބޮޑު އާބާދީއަކަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ. ރަށެއްގެ މަގުތަކުގައި ތާރުއެޅުމަކީ އެއީ، ހަމައެކަނި މަގުހެދުމެއް ނޫން. އޭގެ ސަބަބުން، ވަރަށް ބޮޑެތި ތަރައްޤީ މުޅި ރަށަށް ލިބިގެންދާނެ ކަމެއް. ފުރަތަމަ އަޅުގަނޑުމެން ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، މަގު ހެދުމަށްވުރެ ކުރިން ކުރަންޖެހޭ ކިތަންމެ ކަންތަކެއް ހުރޭ. އެއީ ރަށުގެ ޕްލޭން، ލޭންޑް ޔޫސް ޕްލޭން ހެދުމާއި، ރަށުގައި ދޭންޖެހޭ ތަރައްޤީގެ އެކި ވަސީލަތްތައް ރޭވުމާއި، މިހެންގޮސް ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ކުރުމަށްފަހުގައި، މި މަގުހެދުމާ ހިސާބަށް މިދަނީ. އެހެންވީމާ، މަގުހެދޭ ހިސާބަށް ބައެއް ރަށްރަށުގައި ދިޔަކަން އެއީ، އަޅުގަނޑުމެންނަށް ދޭހަވަނީ އެރަށްރަށުގައި ޕްލޭންތައް ތައްޔާރުކުރެވި، ރަށުގެ މަގު ހެދުމަށް ކުރަންޖެހޭ ކަންތައްތައް ކުރަން ރޭވިފައި ހުރިކަން. އެއީ ވަރަށް މުހިންމު ކަމެއް.

އާދެ! މިހާރު މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން މަގުހެދުމުގެ އެގްރީމަންޓްގައި ކުޅުދުއްފުށީގައި ސޮއިކޮށްފީމު. ކުޅުދުއްފުށީގައިވެސް ވަރަށްގިނަ މަގުތައް ހެދިގެންދާ ގޮތަށް މިހާރު އެއޮތީ އެއްބަސްވެވިފައި. ދެން މިއަދު އިތުރު 6 ރަށެއްގެ އެގްރީމަންޓްގައި އަނެއްކާ މި ސޮއިކުރެވުނީ. ސޮއިކުރެވުނީމަ، އޭގެތެރެއިން 4 ރަށަކީ މިހާރު ނަރުދަމާ އަދި ދެންވެސް އެހެން ބައެއް މަސައްކަތް ކުރެވިފައިހުރި ތަންތަން. ނަމަވެސް، އޭގެތެރެއިން ބޮޑު ދެރަށެއް އެބައޮތް. އެއީ، ހަނިމާދުއާއި ތިނަދޫ. މިދެރަށުގައި އަދި މިއޮތީ ނަރުދަމާ ނޭޅި. އެހެންވީމާ، މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ނަރުދަމާގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އަޅުގަނޑު އުންމީދު ކުރަން، ދެން އެންމެ އަވަހަށް ނަރުދަމާގެ މަސައްކަތް ފެށޭ ރަށްތަކުގެ ތެރޭގައި، މި ދެރަށް ހިމެނިގެންދާނެ ކަމަށް. އެކަމަށްޓަކައި ކަމާބެހޭ މިނިސްޓްރީންނާއި، އެމަސައްކަތްކުރާ ފަރާތްތަކުން ސަމާލުވެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އަޅުގަނޑުމެންނަށް މިމަސައްކަތް މިއަހަރު ތެރޭގައި ފަށައިގެން ގެންގޮސް، އަހަރު ދުވަހުގެ ތެރޭގައި، 12 މަސް ދުވަހުގެ ތެރޭގައި ނިންމޭތޯ މަސައްކަތް މި ރޭވިފައި ވަނީ. އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ މަސައްކަތްތައް ބާރުމިނެއްގައި އަޅުގަނޑު އުންމީދު ކުރަނީ، މި 7 ރަށުގައި ހިނގަމުންދާނެ ކަމަށް. އެއްރަށް ނިމުނީމާ އަނެއް ރަށް ކުރާގޮތަށް ތިބެންޖެނަމަ މިކަމެއް ނުވާނެ. އެހެންވީމާ، ހުރިހާ ރަށެއްގައި މަސައްކަތް ހިނގާގޮތަށް، މަސައްކަތް ރޭވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެހެންވީމާ، މިގޮތަށް މިނިސްޓްރީން މިކަން ރާއްވަވައި އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކީގައި އެއްބަސްވެވަޑައިގެންނެވި ކަމަށްޓަކައި މިނިސްޓްރީއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވައިފި. ދެންމެ ވީޑިއޯއިން ތިޔަ ފެނިވަޑައިގަތް ފަދައިން، އެމަގުތައް ހުންނާނެގޮތާއި، މަގުތަކަށް ބޭނުންވާ ތަކެއްޗާއި، ބޭނުންވާ ފައިސާއާއި، މިހުރިހާ ކަމެއް މިހާރު ކޯޕަރޭޝަންގެ ފަރާތުން ހަމަޖައްސަވަމުން ގެންދަވަނީ. އަޅުގަނޑު ވަރަށް އުފާކޮށްފިން، މިކަމަށް ބޭނުންވާ ފައިސާ، ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށްޓަކައި. އަދި މިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކީގައި، ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ބައިވެރިވެވަޑައިގަންނަވައިގެން ކުރައްވާކަން އެއީ މިކަމަށް އިތުރަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެހެންވީމާ، ސިއެރާ ކޮންސްޓްރަކްޝަންގެ ބޭފުޅުންނަށްވެސް އަޅުގަނޑު މަރްޙަބާ ދަންނަވަން.

Welcome to Sierra Construction colleagues come from Sri lanka.

އެހެންވީމާ، ރަނގަޅު ފެންވަރެއްގައި މި މަގުތައް ހެދިގެންދާނެ ކަމުގެ އުންމީދު މިހާރު އަޅުގަނޑުމެންނަށް މިއޮތީ ލިބިފައި. އިރާދަކުރެއްވިއްޔާ، އެކަން ކުރިއަށްދާނެ. މިކަމަށްޓަކައި އަޅުގަނޑުވެސް މި 7 ރަށުގެ ހުރިހާ ރައްޔިތުންނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. މިކަމުގައި ހުރިހާ ރަށެއްގެވެސް ރައްޔިތުންގެ އެއްބާރުލުމާއި އަދި ކައުންސިލްތަކުގެ ހުރިހާ ބޭފުޅުންގެވެސް އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އިރާދަކުރެއްވިއްޔާ، އޭރުން މިކަން ކުރެވިގެންދާނީ.

އާދެ! މިކަމަކީ ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް. މިކަން ކުރެވެނީ މި ބޮޑެތި ރަށްރަށުގައި. މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ، ރަށްރަށުގެ ޙާލަތު ހުރިގޮތް. ދެންމެ ވީޑިއޯއިން ތިޔަ ފެނިވަޑައިގެންނެވި ފަދައިން މާލެވެސް ހަމަ އޮތީ އެ ޙާލުގައި. ދުވަސްކޮޅެއްގެ ތެރޭގައި. މަގުމަތީގައި ފެންގަނޑު ބޮޑުވުމުގެ ސަބަބުން ކުދިންނަށް ސްކޫލަށް ދިޔުން ދަތިވުމާއި، މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި އޮތީ. އޭގެ ސަބަބުން ބަލިމަޑުކަން ފެތުރުމާއި، މިހެންގޮސް ކިތަންމެ ކަންތައްތަކެއް މިހާރުވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން ތަޙައްމުލު ކުރަމުން ގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ހަމަ ރަށަކަށްފަހު ރަށެއް މިގޮތަށް މަގުތައް ހެދި، އަދި އޭގެކުރިން ނަރުދަމާވެސް އެޅި، މިކަންކަން ކުރެވިގެން ދިޔުން އަޅުގަނޑުމެން އެދެނީ. އެކަމަށްޓަކައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން މިގެންދަނީ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ސަރުކާރުގެ ބަޖެޓަކުން ތަނެއްނުދޭ، ކުއްލިއަކަށް ހުރިހާ ތަނެއްގައި މަސައްކަތްތަކެއް ފަށާކަށެއްވެސް. މިއަހަރުގެ ޕީ.އެސް.އައި.ޕީ.ގައި، ބަޖެޓްގައި ހިމެނިފައި އެބަހުރި ވަރަށް ގިނަ ރަށްރަށުގެ ނަރުދަމާއާއި، މަގުހެދުމާއި އަދި ބަނދަރު ހެދުމާ، މިހެންހުރި ބޮޑެތި ޢުމްރާނީ މަޝްރޫޢުތައް. އެހެން ނަމަވެސް، މި ހުރިހާ މަޝްރޫޢުތައް އެއްފަހަރާ ފެށުމަކީ އެއީ، އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް މަސައްކަތް ކުރަން މިޖެހެނީ، މިކަމަށް ފައިސާވެސް ހަމަޖެހެމުންދިޔަވަރަކުން. އަދި އެ ބަޖެޓްގެ ދަތިކަން މިހާރު ހުރިގޮތުންނާ އެކީގައި، ކޮންމެ މަހަކުވެސް ކޮންމެވެސް ވަރަކަށް މަސައްކަތް އަޅުގަނޑުމެންނަށް އަލަށް ފެށެން އަންނަނީވެސް، ކުރެވެން އަންނަނީވެސް. އެހެންވީމާ، އެކަމަށްޓަކައި ލިބޭ އާމްދަނީއަކުން ހަމަ ކުރެވެން އޮތް އެންމެބޮޑު ޚަރަދެއް ކޮށްގެން އެމަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އަދި އެކަމަށްޓަކައި އެކަން އޮމާންކަމާއެކީގައި ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މިނިސްޓްރީތަކުން، ފިނޭންސް މިނިސްޓްރީންނާއި އަދި ހައުސިންގ އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި، އެންވަޔަރަންމަންޓް މިނިސްޓްރީއާ، މިހުރިހާ ތަންތަނަކުންވެސް ކުރައްވަމުން އެ ގެންދަވަނީ. އެހެންވީމާ، ބަޖެޓުން ޚަރަދުކުރާ މަޝްރޫޢުތަކުގައި، ބަޖެޓަށް ފައިސާ ލިބުނުވަރަކުން، އެނޫން ދިމަދިމާލުން ފައިސާ ހޯދައިގެން، ޕްރޮޖެކްޓްސް ހަދައިގެން، ކުރަންޖެހޭ މަސައްކަތްތައް، އެފައިސާ ހޯދައިގެން މިއަހަރު ތެރޭގައި ވީހާވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންނަށް ދިމާވެފައިވާ އިޤްތިޞާދީ އެކިއެކި ދަތިތަކަކާ ހުރެވެސް އަދި ބަޖެޓްގެ ދަތިތަކަކާ ހުރެވެސް، އެކަންތައް އެހެން ހުއްޓާވެސް އަޅުގަނޑުމެންނަށް ކުރަންޖެހޭ މިބާވަތުގެ ޢުމްރާނީ މަޝްރޫޢުތައްވެސް ހަމަ ވީހާވެސް ބޮޑަކަށް ކޮށްދިނުން. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، މިއަހަރުގެ ތެރޭގައިވެސް ހަމަ ބޮޑު މަސައްކަތްތަކެއް ކޮށް، ގިނަ ރަށްތަކަކަށް ޢުމްރާނީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް.

އާދެ! ދެންމެ މިނިސްޓަރ ވިދާޅުވިފަދައިން، އަޅުގަނޑުމެން އިސްކަން މި ދޭންޖެހެނީ، މިބާވަތުގެ ބައެއް ޕްރޮޖެކްޓްތަކުގައި އިސްކަން މި ދޭންޖެހެނީ، އާބާދީ ބޮޑެތި، ގިނަމީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ރަށްތަކުގައި. އަޅުގަނޑުމެންނަކަށް ހުރިހާ ރަށެއްގައި މަސައްކަތްތަކެއް އެއްފަހަރާ ފެށޭކަށް ނެތް. އެހާ ފޯރުންތެރިކަމެއްވެސް ނެތް އަޅުގަނޑުމެންގެ. އެހެންވީމާ، ފުރަތަމަ އިސްކަން މި ދޭންޖެހެނީ މިހެންހުރި ރަށްރަށަށް. ވެވެން އޮތް ތަރައްޤީގެ ޕޮޓެންޝަލް އޮތް، ބާރަށް ކުރިއަށްދާނެ ރަށްރަށަށް އިސްކަންދީގެން. އެހެންވީމާ، މިހާރު މި ލިސްޓްގައި މި ހިމެނޭ 7 ރަށް ހޮވާލެވިފައި އެއޮތީ، މިދެންނެވި އުޞޫލުތަކަށް ބަލައިގެން. އަޅުގަނޑުމެންގެ އުންމީދަކީ، ތަރައްޤީގެ ގޮތުން ކުރިއަށް ބާރަށް ދާން ބޭނުންވާ ރަށްރަށުގައި، މަދުވެގެން ކަންކަންކުރެވޭވަރުގެ އާބާދީއެއް ހުރި ތަންތަނުގައި އެ މަސައްކަތް މިހާރުއްސުރެވެސް ފެށިގެން ކުރިއަށް ދިޔުން. ބައްލަވާ، މިހާރު ނެގިފައި ހުރި ރަށްރަށަށް. މިއިން ކޮންމެ ރަށަކީވެސް ތަރައްޤީ ގޮތުން ވަކިހިސާބަކަށް ކުރިއަށް ގެންދެވިފައި، ބޮޑެތި މަޝްރޫޢުތައް މިހާރުވެސް ހިނގަމުންދާ ރަށްރަށް. މިރަށްރަށުގައި އިތުރަށް މިބާވަތުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގުމުގެ ސަބަބުން އަދި އިތުރު ކުރިއެރުމެއް މިރަށްރަށަށް ލިބިގެންދާނެ. މިއިން ގިނަ ރަށްރަށަކީ އެހެނިހެން ރަށްރަށުގެ އާބާދީވެސް އައިސް މިހާރު ދިރިއުޅެމުންދާ ތަންތަން. އެހެންވީމާ، ބޮޑެތި އާބާދީ ތަންތަން، ދެންމެ އެ ވިދާޅުވިފަދައިން، ގާތްގަނޑަކަށް ދިވެހިރާއްޖޭގެ އާބާދީގެ ވިހި އިންސައްތަ މީހުންނަށް މިހާރު މިގެންދެވޭ މަޝްރޫޢުތަކުގެ ސަބަބުން ފައިދާކޮށްގެންދާނެ. މި މަގުހެދުމުގެ މަޝްރޫޢުތައް އެކަނި. އެހެންވީމާ، މިގޮތްގޮތަށް ބަލާފައި، ރަށްރަށް ނެގިފައި މިހިރީ. އެހެންވީމާ، މިއަހަރުގެ ތެރޭގައި އެކަންކަން ކުރުމަކީ މިއީ ވަރަށް މުހިންމު ކަމެއް. އޭރުން ދެންހުރި ރަށްތަކަށް މިއަންނަ އަހަރަށް އަޅުގަނޑުމެންނަށް ދެވޭނީ. މިހާރު ފަށާފައި ހުރި މަޝްރޫޢުތައް، މިއަންނަ އަހަރުގެ މެދާ ހަމައަށް ނޫނީ މިއަންނަ އަހަރުގެ ނިމުމާ ހަމައަށްދާން ދިގުދެމިގެން ހިނގައްޖެއްޔާ، ދެން އެހެން ދިމަދިމާލުންވެސް ދާނީ މަސައްކަތް ލަސްވަމުން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސް ކުރަން، މަސައްކަތް ރޭވިފައިވާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން، ހަލުވި ސްޕީޑެއްގައި ގެންގޮސް މަސައްކަތް ނިންމަވައި ދެއްވުމަށް. އަޅުގަނޑު ވަރަށްބޮޑު އިންތިޒާރެއްގައި މި ހުންނަނީ، މި ރަށްތަކުގެ މަގުތަކުގެ މަސައްކަތް ފަށައިގެން ހިނގައިގަންނާނެ ތާރުއެޅެމުންދާތަން ދުށުމުގެ އިންތިޒާރުގައި. އަޅުގަނޑަށް ހަމަ ޔަޤީން، މިރަށްރަށުގެ ރައްޔިތުންވެސް ތިބޭނީ އެކަމުގެ އިންތިޒާރުގައިކަން. އެހެންވީމާ، މިފަހަރު އިރާދަކުރެއްވިއްޔާ، ވާހަކަ ދެއްކުން ހުއްޓާލާފައި، އަޅުގަނޑުމެން މަސައްކަތާއިގެން ކުރިއަށްދާނީ. ވަރަށް އަވަހަށް އެ މަންޒަރު އަޅުގަނޑު އުންމީދުކުރާ ގޮތުގައި މި ރަށްރަށުގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ. އޭގެ ސަބަބުން، ސަރުކާރުން ހިންގާ މިބާވަތުގެ މަޝްރޫޢުތަކާ ދޭތެރޭގައިވެސް، ސަރުކާރާ ދޭތެރޭގައިވެސް ޢާންމު ގޮތެއްގައި ރައްޔިތުންގެ ހިތުގައި އޮތް ޤަދަރު، ޔަޤީންކަން އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިނިސްޓްރީއަށްވެސް، މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށްވެސް. އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުރިހާ ބޭފުޅުންނަށްވެސް. ޗެއަރމަނާއި މެނެޖިންގ ޑިރެކްޓަރަށް. އަދި ތިޔަބޭފުޅުންގެ ޕާޓްނަރުންނަށް. މި މަޝްރޫޢު މިގޮތަށް ރާއްވަވައިގެން ކުރިއަށް ގެންގޮސްދެއްވާތީ. އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދުތަކެއް އެކުލެވިފައިވާ މަޝްރޫޢެއް މިއީ. އެހެންވީމާ، އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމއެކީގައި، ވަރަށް މުރާލިކަމާއެކީގައި މި މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސްދެއްވުމަށް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ވަރަށް ބޮޑަށް އެދެން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه