ބަޖެޓުގެ ދަތިތަކާ އެކުވެސް، ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހއ. ދިއްދޫ، ހދ. ހަނިމާދޫ، ދ. ކުޑަހުވަދޫ، ތ. ވިލުފުށި، ގއ. ވިލިނގިލި އަދި ގދ. ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު މެންދުރު އޮތް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުގެ ސަބަބުން ތަރައްޤީގެ ހުރިހާ މަޝްރޫޢެއް އެއްފަހަރާ ކުރިއަށް ނުގެންދެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢު މި ހިންގޭ 6 ރަށަށް ވަރަށް ބޮޑު ތަރައްޤީއެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމަޝްރޫޢު ފެށުމުގެ ކުރިން ކުރަން ހުރި މަސައްކަތްތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ހެޔޮގޮތުގައި ބިން ބޭނުންކުރެވޭނެގޮތުގެ ޕްލޭނެއް އޮތުން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެރަށްރަށުގައި ކުރަންޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފުރިހަމަ ކުރަންޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހދ. ހަނިމާދުއާއި، ގދ. ތިނަދޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަގު ހެދުމުގެ މަސައްކަތް، މާ ލަސްތަކެއްނުވެ އެރަށްރަށުގައި ފެށި، ބާރުމިނެއްގައި ކުރިއަށްގޮސް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ފަހަރަކު ރަށެއްގައި އެމަސައްކަތް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ހުރިހާ ރަށެއްގައި އެއްފަހަރާ މަސައްކަތް ކުރިއަށް ގެންދެވޭނެފަދަ ގޮތަކަށް މި މަޝްރޫޢު ރޭވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މިކަމުގައި ހުރިހާ ކައުންސިލްތަކެއްގެ އެއްބާރުލުންވެސް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.