بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

Excellency Vice President of Maldives and Chairman of the National Drug Council Mohamed Waheed Deen, Excellency Minister of Health, Minister of Education, Chairperson of the National Drug Agency, representatives of United nations, my colleagues;

Ladies and Gentlemen;

السّــلام عليــكم ورحـمــة اللّـه وبـركاتـه،

I would like to first of all thank the Ministry of Health, in particular, the National Drug Agency, for undertaking this very important national survey in drug use. I would also like to thank the United Nations, particularly UNODC, for providing the technical assistance and coordination to do this job. Particularly I thank the European Union for the financial assistance they provided for this project. I must thank INOVA for doing an excellent job. Over the last two years they have been working on this.

 


އާދެ! މިއަދު އަޅުގަނޑުމެން މި ތަޢާރުފްކުރާ ރިޕޯޓަކީ މިއީ، ޤައުމީ ފެންވަރުގައި މިހާތަނަށް އަދި ހެދުނު އެންމެ ފުރަތަމަ ސަރވޭ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ބެހޭގޮތުން. އެހެންވީމާ، މި ސަރވޭ ހެއްދެވުމަށާއި އަދި މި ޤައުމުގައި ޑްރަގް ކޮންޓްރޯލް ކުރުމަށްޓަކައި ކުރައްވާ މަސައްކަތުގައި އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން، ދިވެހިރާއްޖޭގެ ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީނަށް. އަދި ހަމަ މިމޭރުމުން މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޖަމްޝީދު މިކަމުގައި ދެއްވާ އިރުޝާދާއި އެހީތެރިކަމަށްޓަކައިވެސް. މިރޭ ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑުމެން ރައްދުކުރަންޖެހޭ ފަރާތަކީ، ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރ ޕަރސަން އަލްއުސްތާޛާ ލުބްނާ ޒާހިރު ޙުސައިން. އަދި ހަމަ މި މޭރުމުން، މި އޭޖެންސީގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު މެންބަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

 

އާދެ! މިރޭ މި ޝާއިޢު ކުރެވުނު ރިޕޯޓް މިއީ ވަރަށް މުހިންމު ރިޕޯޓެއް. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުންގެ ޢަދަދު ގިނަވަމުންދާކަން އަޅުގަނޑުމެންނަށް އެންމެންނަށް އެނގޭ. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތައްވެސް ކުރަމުން ގެންދާތާ ވަރަށްގިނަ ޒަމާންވެއްޖެ. މިއަދުގެ މި ރިޕޯޓުން އަޅުގަނޑުމެންނަށް ވަރަށް ތަފްޞީލު މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ. އޭގެތެރެއިން އެންމެ މުހިންމު އެއް މަޢުލޫމާތަކީ، މި ސަރވޭ ހެދި މީހުންގެ ތެރެއިން، އެއީ ޢުމުރުން 15 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ، ގާތްގަނޑަކަށް 7500 މީހުން މަސްތުވާތަކެތި ބޭނުންކުރަމުންގެންދާކަން. ދެން މިރޭ ތިޔަބޭފުޅުންނަށް ތިޔަ އިވިވަޑައިގެންނެވި ފަދައިން، މަސްތުވާތަކެތި ބޭނުންކުރަނީކީ ހަމައެކަނި މި ޢުމުރުގެ މީހުންނެއްވެސް ނޫން. އެއަށްވުރެން ހަގު ކުދިންވެސް އެބަ ބޭނުންކުރޭ. އެއަށްވުރެ ދޮށީ މީހުންވެސް އެބަ ބޭނުންކުރޭ. އެހެންވީމާ، މި ޢަދަދަކީ މިއީ އަދި މުޅި އާބާދީގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބި ޢަދަދެއް ނޫން. މިއަށްވުރެ މާބޮޑު ޢަދަދެއް އޮންނާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އަޅުގަނޑުމެން މީގެކުރިން އަންދާޒާ ކުރަމުން ގެންދިޔަ ޢަދަދަކީ ގާތްގަނޑަކަށް ދިހަވަރަކަށްހާސް މީހުން ބޭނުންކުރަމުންދެއޭ. އެހެންވީމާ، އަޅުގަނޑަށް އަދިވެސް މިރޭވެސް ހަމަ ހީވަނީ، ހަމަ ދިހަވަރަކަށްހާސް މީހުން އުޅޭނޭ ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ. ނަމަވެސް، މި ރިޕޯޓުން މި ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށްފައި، އަޅުގަނޑުމެންނަށް އެބަ އެނގޭ، ވަރަށް ތަފްޞީލުކޮށް، ކޮންކޮން ބާވަތެއްގެ މީހުންކަން، ކޮންކޮން ޢުމުރެއްގެ މީހުންކަން، ކޮންކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަން ބޭނުންކުރަމުން މިގެންދަނީ.

އާދެ! އަޅުގަނޑު އެންމެ ހިތާމައާއެކު ފާހަގަކުރާ އެއްކަމަކީ، ވަރަށް ޅައިރު ކުދިން މަސްތުވާތަކެތި ބޭނުންކުރަމުން ގެންދާކަން، މި ރިޕޯޓުންވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން ހިނގައްޖެ. އެގޮތުން، ދެންމެގައި ޚާއްޞަކޮށް، އަޅުގަނޑުމެންގެ މިނިސްޓަރ އެ ދެއްވި މަޢުލޫމާތަށް ވިސްނާވަޑައިގަންނަވާއިރުގައި، ސްކޫލް ދައުރުގައި، ސްކޫލް ޢުމުރުފުރައިގެ ކުދިން، ގާތްގަނޑަކަށް ގްރޭޑް 8ގެ ކުދިން، ޚާއްޞަކޮށް، ވަރަށްގިނަ ޢަދަދެއްގެ ކުދިން އެބަ ބޭނުންކުރޭ މަސްތުވާތަކެތި. މިކަން އެބަ ހިނގާ މާލޭގައިވެސް، އަތޮޅުތެރޭގައިވެސް. އަނެއްކާ މިރޭގެ މި ސަރވޭއިން މަޢުލޫމާތު ލިބުނު ގޮތުގައި، އަޅުގަނޑުމެންނަށް އެބަ އެނގޭ، ކުޑަކުދިން މަސްތުވާތަކެތި ބޭނުން މިކުރަނީ، މައިގަނޑު ދެސަބަބަކަށްޓަކައި. އެއް ސަބަބަކީ މަޖަލަށް. އަނެއް ސަބަބަކީ ގޮތްބަލައިލަން. ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކުދިން، އެހެން ކޮންމެވެސް މީހެއްގެ ނުފޫޒުގައި މަޖުބޫރުވެގެން ކަހަލަ ގޮތަކަށް މިކަން ކުރަނީ. ގިނަ ކުދިން މި ބޭނުންކުރަނީ ހަމަ އަޖުމަ ބަލައިލަން، މަޖަލަށް. އެހެންވީމާ، މި އަޅުގަނޑުމެންނަށް އެބަޖެހޭ މިކަމުގައި މިއީ މި ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައި، މި ޤައުމުގެ ތަޢުލމީ ސިޔާސަތާއި، ޒުވާނުންނާބެހޭ ސިޔާސަތާ، މި ޤައުމީ ސިޔާސަތުތަކާ ދޭތެރޭގައި އާ ވިސްނުމަކުން އަޅުގަނޑުމެންނަށް އެބަޖެހޭ ވިސްނަން.

އާދެ! ހަމައެހެން، މި ސަރވޭއިން ދައްކާގޮތުގައި، ފިރިހެނުންނަށްވުރެ އަންހެނުން މަދު ބޭނުންކުރާ ކަމަށް. ވަރަށްބޮޑުތަން މަދުކަމަށް މިއިން މި ދައްކަނީ. އެހެން ނަމަވެސް، ހަމަ މި ރިޕޯޓްގައި އެބަ ބުނޭ، މަސްތުވާތަކެތި ބޭނުންކުރާ ފިރިހެނުން އެންމެ ގިނައިން، އެމީހުންގެ ބައިވެރިންގެ ގޮތުގައި ތިބެނީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނުން ކަމަށް. އެހެންވެއްޖިއްޔާ، އަދި މި ސަރވޭއިން ނުދައްކާ މަޢުލޫމާތުތަކެއްވެސް އެބަހުރި. މިދެންނެވި ކަހަލަ ކިތަންމެ މަޢުލޫމާތުތަކެއް އަދި އަޅުގަނޑުމެން އިތުރަށް ހޯދަންޖެހޭ ކަންކަން އެބަހުރިކަން މި ރިޕޯޓުން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ސާފުވެގެން ހިނގައްޖެ.

އަދި ހަމައެހެން، މިރޭ އަޅުގަނޑުމެންނަށް އެނގިގެންދިޔަ އެއްކަމަކީ، އެއީވެސް އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ނޭނގޭ ކަމެއް ނޫން. އެހެން ނަމަވެސް ވަރަށް ސާފުކޮށް މިރޭ މި ރިޕޯޓުން އަޅުގަނޑުމެންނަށް އެބަ އެނގޭ، މުޅި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށްދޭ ޚިދްމަތްތަކުގެ ތެރެއިން ހުރިހާ ޚިދްމަތްތައް އެއްކޮށްލީމާ، އެއް ވަގުތެއްގައި ޚިދްމަތް ދެވެން ތިބީ ހަމައެކަނި 174 ކުދިންނަށްކަން. ފަރުވާ ބޭނުންވާ ކަމަށް މި ރިޕޯޓުންވެސް އެބަ ދައްކާ، މަދުވެގެން 7500 މީހުން. މީގެ މާނައަކީ އަޅުގަނޑުމެންނަށް މިހާތަނަށް އަދި މިކުރެވޭ މަސައްކަތުގެ ސަބަބުން މީގައި ހަމަ ކިރިޔަ ކިރިޔާ އަދި މަތި މި ކަހާލެވެނީ. މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމުގައި އަދި ހަމަ ކުޑަކޮށްވެސް އަޅުގަނޑުމެން މަސައްކަތް ކުރަންވީ ވަރަކަށް ނުކުރެވޭކަން މިއިން ވަރަށް ރަނގަޅަށް މިރޭ ފާޅުވެގެން މިދިޔައީ. މި ރިޕޯޓްގައި އެބަހުރި ވަރަށްގިނަ މަޢުލޫމާތު. އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަން، ނޭޝަނަލް ޑްރަގް ކައުންސިލަށް، ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މި ރިޕޯޓް ރަނގަޅަށް ދިރާސާ ކުރައްވައި، ރިޕޯޓްގައި ހުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރައްވައި، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށްޓަކައި އަޅުގަނޑުމެން މިގެންގުޅޭ ސިޔާސަތު އަލުން މުޠާލިޢާ ކުރައްވައި، އެ ސިޔާސަތަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުން. އަދި ނޭޝަނަލް ޑްރަގް ކޮންޓްރޯލް އެކްޝަން ޕްލޭނެއް ހައްދަވައި، ސްޓްރެޓެޖީތައް އަލުން ހެއްދެވުމަށް. ހަމައެއާއެކީގައި، މި ރިޕޯޓްގެ މަޢުލޫމާތު، މި ހޯދުންތައް ވީހާވެސް ފުޅާކޮށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގަވައި ދެއްވުން. ޚާއްޞަކޮށް، މި މަޢުލޫމާތު އެބަޖެހޭ، އަޅުގަނޑުމެންގެ ޤާނޫނުހަދާ މަޖިލީހަށާއި، އަޅުގަނޑުމެންގެ ޤާނޫނު ތަންފީޛުކުރާ ކޯޓުތަކަށާއި، މިހުރިހާ ފަރާތްތަކަށްވެސް ރައްދުކޮށްދެއްވަން. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ، މިކަން ކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް ލިބިގެން. އެހެންވީމާ، އަޅުގަނޑު މިދެންނެވީ. އަޅުގަނޑު އުންމީދު ކުރަން، މި ރިޕޯޓްގައި މި އެނގިގެންދިޔަ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އާ ސިޔާސަތުތައް ކަނޑައެޅުއްވުމާއެކީގައި، އެ ސިޔާސަތު ތަންފީޛު ކުރުމަށް ބޭނުންވާ ރިސޯސަސްތައް، ވަސީލަތްތައް ހުރިހާ ފަރާތްތަކަކުންވެސް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް.

މިމަސައްކަތް ތިޔަބޭފުޅުން ކޮށްދެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން، މި ނަތީޖާ މި ނެރެވުނީ. އެހެންވީމާ، މި ރިޕޯޓްގެ ބޭނުން ފުރިހަމަ ގޮތުގައި ހުރިހާ ފަރާތްތަކަކުންވެސް ހިއްޕެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި މިހާރު ހެދިފައިވާ ޤާނޫނުގެ ދަށުން މިވަނީ މި ޕްރޮގްރާމް ހިންގުމަށްޓަކައި، ހިންގުމުގެ އޮނިގަނޑެއް ކަނޑައެޅިފައި. އެކަމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ލިބިފައި. ނޭޝަނަލް ޑްރަގް އޭޖެންސީއަކީ މިހާރު އުފެދިފައިވާ ގޮތުން ވަރަށްގިނަ ބާރުތަކެއް ލިބިފައިވާ އޭޖެންސީއެއް. ވަރަށްގިނަ ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި އޭޖެންސީތައް ވިލަރެސް ކުރުމުގެ ބާރު ލިބިފައިވާ އޭޖެންސީއެއް. އެހެންވީމާ، މި އޭޖެންސީ މިހާރަށްވުރެވެސް ވަރުގަދަ ކުރައްވައި، އޭޖެންސީ ފުރިހަމަ ގޮތުގައި، އިފެކްޓިވް ތަނެއް ކަމުގައި ހައްދަވައި ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މިކަމުގައި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެކިއެކި ބޭފުޅުންނަށް ދަންނަވަން. އަދި ހަމައެއާއެކީގައި މިކަން ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ދެއްވުމަށް، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށްވެސް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން.

މި ރިޕޯޓް މިހާ ފުރިހަމަކޮށް ނިންމަވައިދެއްވި ކަމަށްޓަކައި އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه